Support Us

ކޮލަމް: ޑރ. ޝާފިޔާގެ ފޮޅުވަތް:

ޑރ. ޝާފިޔާގެ ފޮޅުވަތް: އޯޓިޒަމް ހުންނަ ކުދިންނަށް ލޮލަށް ބަލަން ދަސްކޮށްދޭނީ ކިހިނެއް؟

"މިހާރު އަހަރެންގެ ދަރިފުޅަށް 12 އަހަރުވީއެވެ. ވާހަކަ ދެއްކީމާ ވެސް ލޮލަށް ބަލާލެއް ވަރަށް މަދެވެ. ގޮވާލުމުން ވެސް މާ ބޮޑު އަޅާލުމެއް ނުފެނެއެވެ. އެހެންވެ ވާހަކަ ދައްކާއިރު ދަރިފުޅާ މުވާޞަލާތު ކުރުމުގައި ވަރަށް އުނދަގޫވެއެވެ."

މިއީ އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑާސް (އޭ.އެސް.ޑީ) އެކި ހާލަތްތަކުގެ ކުދިންގެ މައިންބަފައިން އާންމުކޮށް ބުނާ ބަސްކޮޅެކެވެ. ކުއްޖާއާ މުޢާމަލާތު ކުރާއިރު ލޮލަށް ބެލުން މުހިންމު ވަނީ ކީއްވެތޯއެވެ؟ ޙަޤީޤަތުގައި އެ ކުދިންނަށް ލޮލަށް ބަލަން އެހާ އުނދަގޫވަނީ ކީއްވެގެންތޯ މިއީ ޖަވާބު ފަސޭހައިން ދެވޭ ސުވާލުތަކެއް ނޫނެވެ. ލޮލަށް ބަލައިގެން މުވާޞަލާތުކުރުން މިއީ އާންމު ދިރިއުޅުމުގައި އެހާމެ މުހިންމު ހުނަރަކަށްވާއިރު އެކަން ތަރައްގީކޮށް ކުރިއަރުވަން ބެލެނިވެރިންނަށް ކުރެވޭނީ ކޮންކަމެއްތޯ އަދި ނުކުރަންވީ ކޮންކަމެއްތޯ އެވެ؟ މިއީ މިއަދު އަޅުގަނޑު ލިޔެލަން ގަސްދުކުރާ ބައިތަކެވެ. ލޮލަށް ނުބެލުން މިއީ އޭ.އެސް.ޑީގެ ޢަލާމާތް ހުންނަ ދަރިވަރުންގެ އެންމެ ބޮޑަށް ފާހަގަކުރެވޭ ކަމަކަށްވާތީ މިކަމަށް ބަލައިލުމަކީ މިފަދަ ކުދިން ގެންގުޅޭ ކޮންމެ ބެލެނިވެރިޔަކަށް އަދި މުދައްރިސަކަށް ވެސް މުހިންމު ވާހަކަކޮޅަކަށް ވާނެކަން ޔަގީނެވެ.

ލޮލަށް ބެލުމަކީ އިޖުތިމާޢީ ގުޅުންތައް ގާއިމުކޮށް މީހުންނާ މުވާޞަލާތު ކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ. އާންމުކޮށް މީހުން އެކަކު އަނެކަކާ މުޢާމަލާތް ކުރުމުގައި މާބޮޑު ވިސްނުމަކާ ނުލައި އޮޓޮމެޓިކުން ވެސް އެކަކު އަނެކަށް ބެލުމަކީ މާބޮޑު ހުނަރެއް ލިބިގެން ކުރާކަމެއް ނޫނެވެ. އެއީ ނޮންވާބަލް/ބަސްބޭނުން ނުކޮށް ކުރެވޭ މުވާޞަލާތުގެ ވައްތަރެކެވެ. މިއީ މިހާ އާދައިގެ ގޮތަކަށް ސިފަކުރެވޭ ކަމަކަށްވާއިރު ވާހަކަ ދެއްކުމުގައި ވެސް އަދި އެހެންވެސް މުޢާމަލާތްތަކުގައި ސީދާ ވާހަކަ ދައްކާ މީހާގެ ލޮލަށް ބެލުމަކީ އޯޓިޒަމް ހުންނަ ކުދިންނަށް ވަރަށް ބޮޑު ގޮންޖެހުމެކެވެ.

އާންމު މީހުންނަށް ލޮލުގެ ކޮންޓެކްޓަކީ/ ލޮލުގެ ގުޅުމަކީ ވާހަކަ ދައްކައި، އެ ވާހަކަ ދައްކާ މީހާއާއި އަޑުއަހާމީހާގެ ޝައުގުވެރިކަމާއި ސަމާލުކަން ފޯރުކޮށްދިނުމަށް އަދި ދެމެހެއްޓުމަށް ވެސް އެހީތެރިވެދޭ ކަމެކެވެ. ގިނަ ފަހަރަށް، އެކަކު އަނެކަކު ދައްކަމުންދާ ވާހަކައަކަށް ނުވަތަ ކުރެވެމުންދާ މުޢާމަލާތަކަށް އެއްބަސްވުންތަކާއި އެއްފަރާތް އަނެއްފަރާތަށް ރައްދުދީ އިޖާބަދިނުމަށް ލޮލުގެ ބެލުންތަކާއި ގުޅުންތަކަކީ މުހިންމު ކަމެކެވެ. ހަމަ މި ބީދައިން މީހަކު ވާހަކަ ދައްކާއިރު، ލޮލުގެ ގުޅުން ކުޑަވެއްޖެނަމަ، ލޮލަށް ބެލުން ނެތުމަކީ ދައްކާ ވާހަކައަށް އަޅާނުލާކަމުގެ އިހުސާސް އަނެއް ފަރާތަށް ފަސޭހައިން ކުރުވާނެ ކަމެކެވެ. މިހެންކަމުން އިޖުތިމާޢީ ގުޅުންތަކުގައި ދައްކާ ވާހަކައަށް އިޖާބަދީ މުޢާމަލާތް ކުރާއިރު ލޮލަށް ބެލުމަކީ އެންމެންގެ ފަރާތުންވެސް އުއްމީދު ކުރެވޭ ކަމެކެވެ.

ނަމަވެސް އޯޓިޒަމްގެ އުނދަގޫ ހާލަތުގައި ބޮޑުވަމުން އަންނަ ކުދިން ލޮލަށް ނުބަލަނީ އެ ކުދިން އެކަން ނުކުރަންވެގެން ނޫންކަން، އެއީ އެނގި ހުރެ އަޅާނުލަނީކީ ނޫންކަން، ސަމާލުކަން ނުދޭންވެގެން ނުދެނީކީ ނޫންކަން، އަޑުނީވޭތީ ނޫންކަން، އިޖާބަދޭން ބޭނުންނުވާތީ ނޫންކަން، އަދި ޚާއްޞަކޮށް އެއީ ގަސްދުގައި ކުރާ ކަމެއް ނޫންކަން، މިއީ އޭނާގެ ވަށައިގެން އުޅޭ މީހުންނަށް އެނގެންޖެހޭ ކަންކަމެވެ. އެހެން ނޫންނަމަ އޭނާއާ މުޢާމަލާތު ކުރުމުގައި ވެސް އަދި އުނގަންނައިދިނުމުގައި ވެސް ދަތި އުނދަގޫތައް ދިމާވާނެއެވެ.

މީގެ ކުރިން ލިޔުނު ބައިގައި ވެސް އިޝާރާތްކޮށްލި ފަދައިން އޯޓިޒަމަކީ ’ނިއުރޯޑިވެލޮޕްމަންޓަލް ޑިސްއޯޑާސް' ނުވަތަ ސިކުނޑީގެ އިޖުތިމާޢީ މަސައްކަތްތަކަށް ދިމާވާ ދަތިތަކެކެވެ. ލޮލަށް ބެލުން މި ކުދިންނަށް ދަތިވަނީ ކީއްވެގެންތޯ ބެލުމަށް އެތައް ދިރާސާތަކެއް ހަދައި ލިޔުންތައް ލިޔެއެވެ. މިގޮތުން ހަދައިފައިވާ އެއް ދިރާސާގެ ކުރު ޚުލާޞާއެއް ތިރީގައި އެވަނީ އެވެ. މި ދިރާސާ ހަދައިފައި ވަނީ އެމެރިކާގެ ޔާލޭ ޔުނިވާސިޓީގެ ސްކޫލް އޮފް މެޑިސިންގެ ދިރާސާވެރިންގެ ޓީމަކުންނެވެ. ދިރާސާގެ މައިގަނޑު އަމާޒަކީ ލޮލުގެ ގުޅުން ނުވަތަ ލޮލަށް ބެލުން މިކަން ސިކުނޑީގައި ހިނގާއިރު ސިކުނޑީގެ ތެރޭގައި އެކަން ހިނގާގޮތް ދެނެގަތުމެވެ.

މި ދިރާސާގައި ބައިވެރިވެފައިވަނީ އޯޓިޒަމް ހުންނަ 17 މީހުންނާއި އޯޓިޒަމް ޢަލާމަތް ނެތް 19 މީހުންނެވެ. ދިރާސާގައި ބަލާފައިވަނީ މިމީހުން އެކަކު އަނެކަކާ އެކު މުވާޞަލާތު ކުރާއިރު ސިކުނޑީގެ ހަރަކާތްތައް ހިނގާގޮތެވެ. ދިރާސާގައި ބައިވެރިވި ދެ ގުރޫޕްގެ ބައިވެރިންވެސް ތިބީ ސިކުނޑީގެ ހަރަކާތްތައް ރެކޯޑް ކުރުމަށް ފަރުމާކޮށްފައިވާ ޚާއްޞަ އައްޔަކާއެކު ތައްޔާރުކުރެވިފައިވާ ތޮތްޕެއް އަޅައިގެންނެވެ. މި ދިރާސާއިން ހާމަކުރި ގޮތުގައި އޯޓިޒަމް ހުންނަ މީހަކު އޭނާގެ ލޮލުގެ ގުޅުންތައް ނުވަތަ ކޮންޓެކްޓް ކުރުމަށް މަސައްކަތް ކުރާއިރު ޑޯސަލް ޕެރިއެޓަލް ކޮޓަކްސްގެ ހަރަކާތް މަދުވެއެވެ. ދިރާސާގެ ޓީމުން އިތުރަށް ހާމަކުރައްވި ގޮތުގައި، ޑޯސަލް ޕެރިއެޓަލް ކޮޓަކްސްގެ ނިއުރަލް އެކްޓިވިޓީ އާންމުކޮށް އެކަކު އަނެކަކުލޮލަށް ބަލާލުމުން ހިނގާ ސިކުނޑީގެ ހަރަކާތެކެވެ. އޯޓިޒަމް ނުހުންނަ މީހުންގެ މިކަން ނޯރމަލްކޮށް ހިނގާއިރު އޯޓިޒަމު ހުންނަ މީހުންގެ ސިކުނޑީގެ މިހަރަކާތްތައް އޮޓަމެޓިކުން ނުހިނގައެވެ. މިހެން ކަމުން މިދިރާސާވެރިން އިލުތިމާސްކުރައްވަނީ ލޮލަށް ބެލުން އެއީ އެކުދިންނަށް ސީދާ ދަސްކޮށްދީ ތަމުރީނު ކުރަންޖެހޭ ކަމެއްގޮތުގައެވެ.

އޭ.އެސް.ޑީ ހުންނަ ކުއްޖަކު އެހެން މީހުންނާއެކު ސީދާ ލޮލަށް ބަލައިގެން މުވާޞަލާތު ކުރުމަށް ތަމުރީނު ދޭންޖެހެއެވެ. މިކަމަކީ ވަކި އުޞޫލެއް ބޭނުންކޮށްގެން އުކުޅުތަކާއި، ހުނަރު ބޭނުންކޮށްގެން ކުއްޖާގެ ކިބައިގައިވާ ވަރަށް ގިނަ ޚާއްޞަ ކަންތައްތަކަކަށް ރިޢާޔަތްކޮށްގެން ސީދާ ކުއްޖާއަށާއި އޭނާ ބަލަހައްޓާ ބެލެނިވެރިންނާއި މުދައްރިސުންވެސް ތަމުރީނު ކުރަންޖެހޭ ކަމެކެވެ. ބަޔާންކުރެވި ދިޔަ އެއްވެސް ފަރާތެއް މި ތަމުރީނު ދިނުމުގައި އިހުމާލުވެވިއްޖެނަމަ ކުއްޖާގެ އައި ކޮންޓެކްޓް ނުވަތަ ލޮލަށް ބެލުމުގެ ހުނަރު ދަސްކޮށްދިނުމަށް ދަތިވާނެއެވެ.

މިގޮތަށް ލޮލަށް ބަލައިގެން މުވާސަލާތުކުރުމަށް ދަސްކޮށްދޭއިރު ކަން ކުރެވޭ ގޮތުން ނުރަނގަޅު ނަތީޖާއާއި އޭގެ އަސަރު ނޭދެވޭ ގޮތެއްގައި ކުރުމަކީ އެކަށީގެންވާ ކަމެކެވެ. ސަބަބަކީ އެކަމުގެ ތަމުރީނުދީ ކުއްޖާއަށް ދަސްކޮށްދޭއިރު އެއީ ކުއްޖާއަށް ވަރަށް ބޮޑު ނުތަނަވަސްކަމާއި ހާސްކަމެއް ވެސް މެދުވެރިވެދާނެ ކަމެކެވެ. ގިނަ ފަހަރަށް މިގޮތަށް ތަމުރީނު ދޭއިރު ކުއްޖާއަށް އެއީ މަޖުބޫރުކޮށްގެން ކުރުވާ ކަމެއްގެ އިހުސާސްވުމަކީ ދުރުކަމެއް ނޫނެވެ. މި ކަމުގެ ނުތަނަވަސްކަން މެދުވެރިވަނީ ކުއްޖާ އަމިއްލައަށް އެކަން ކުރަން ބޭނުންވެގެން ކުރާ ކަމަކަށް ނުވާތީއެވެ.

އޯޓިޒަމްގެ ހާލަތާއެކު އުޅޭ ކުއްޖަކަށް އެއީ އޭނާއަށް މުހިންމު ކަމެއްކަން މަޖުބޫރުކަމެއް ނެތި ދަސްކޮށްދިނުމަކީ ވެސް ދަތި ކަމަކަށް ވެދާނެއެވެ. މިހެންވެ، ކުއްޖާ ގަޔާވާ ކަމެއްގެ ތެރެއިން ލޮލަށް ބަލަން ދަސްކޮށްދިނުމަކީ ސަމާލުކަން ދޭންޖެހޭ ކަމެކެވެ. ޕްރެޝަރުކޮށް ނުތަނަވަސްކަމާ އެކު ކުއްޖާގެ ނުރުހުމުގައި އެކަން ކުރަން އުޅުމުން ކުއްޖާ ޝައުޤުވެރިކަން އޮންނަ ކަންކަމާވެސް ދުރުވުމަކީ އެކަށީގެންވާ ކަމެކެވެ. އައި ކޮންޓެކްޓް/ލޮލަށް ބެލުން އެންމެ ރަނގަޅަށް ތަމުރީނު ކުރާނަމަ ކޮންމެ ކުއްޖެއްގެ ވެސް ފަރުދީ ހާލަތާއި ގޮތްތައް ވަކިވަކިން ދެނެގަނެ ގަޔާވާ ކަންކަމާއި، ގާބިލިއްޔަތާއި، ރުހޭ ކަންކަން ހޯދުމަކީ ބޭނުންތެރިކަމެކެވެ. ކޮންމެ ކުއްޖަކީ ތަފާތު ކުއްޖެއްކަން ހަދާންކުރުމަކީ އެންމެ ބޮޑަށް ސަމާލުވާން ޖެހޭނެ ކަންތަކެވެ.

މިހާ ހިސާބުން ވިސްނާލުން މުހިންމުވަނީ ލޮލަށް ބެލުން މިކަން ތަމުރީނު ކުރަން ފަށާނީ ކޮން އިރަކުތޯއެވެ؟ އެންމެ ރަނގަޅީ ވަކި ވަގުތެއްގައިކަން ވިސްނުމަށްވުރެ ސަމާލުކަން ދޭންވީ ކުއްޖާއަށް އެކަން ބޭނުންވާއިރާއި ހާލަތްތަކާއެކު ސީދާ ކުއްޖާއަށް ރިޢާޔަތްކޮށްގެން އެކަން ކުރުމެވެ. މިސާލަކަށް އޭ. އެސް.ޑީގެ ހާލަތުގެ ކުދިންނަށް އެ ކުދިން އެހެން މީހުންގެ ލޮލަށް ނުބަލާ ކަމެއް އަމިއްލައަށް ފާހަގައެއް ނުކުރެވޭނެއެވެ. މާނައަކީ އެ ކުދިންނަށް އެއީ ކީއްވެ މުހިންމުވާ ކަމެއްކަން ނޭނގޭނެއެވެ. ބައެއް ފަހަރު ބަލައިލާށޭ ބުނުމުން މޫނުގެ އެހެން ދިމާލަކަށް ވެސް ބަލައިލާ ފަހަރު އަންނާނެއެވެ. ހަމައެކަނި މީހެއްގެ މޫނަށް ނުވަތަ އެމީހެއްގެ މޫނުމަތީގައިވާ ލޯ ނޫން އެހެން ހިސާބަކަށް ނަޒަރު ހިންގާލުމަށްފަހު ދުރަށް ބަލައިލުމަކީ ވެސް ވަރަށް އާންމުކޮށް ފާހަގަކުރެވޭ ކަމެކެވެ. ނަމަވެސް ކުއްޖާގެ މިފަދަ ކޮންމެ ބިހޭވިއަރ/ސުލޫކެއް ފާހަގަކޮށް އެ ކުއްޖެއްގެ ކިބައިން ފެންނަ އާންމު ގޮތްތައް ދެނެގަތުމަކީ ވެސް ތަމުރީނު ދޭއިރު ބަލަންޖެހޭ ކަމެކެވެ.

އޭ.އެސް.ޑީގެ ޢަލާމަތްތައް ހުންނަ ކުދިންގެ ލޮލަށް ބެލުމުގެ ހުނަރު ތަރައްޤީކުރެވޭނެތޯ އެއްކޮށް ރަނގަޅު ކުރެވިދާނެތޯ؟ ކިހާދުވަހެއްވާނެތޯ؟ މި ކަންކަމަކީ ބެލެނިވެރިންނާއި ކުއްޖާ ބަލަހައްޓާ މީހުންގެ ހިތުގައި އުފެދޭނެ ގިނަ ސުވާލުތަކެކެވެ. ނަމަވެސް މިފަދަ ސުވާލުތަކަކީ ހަމައެކަނި ރަނގަޅު އެއް ޖަވާބު އޮތް ސުވާލުތަކެއް ނޫނެވެ. އާންމު ކުދިންނަށް ލޮލަށް ބަލައިގެން ވާހަކަ ދެއްކުމަކީ ވަރަށް އާދައިގެ ކަމަކަށް ވީނަމަވެސް އޭ.އެސް.ޑީގެ ހާލަތާއެކު ބޮޑެތިވަމުން އަންނަ ކުދިންނަށް މިއީ އާދައިގެ ކަމެއް ނޫނެވެ. މިގޮތުން އާންމުކޮށް ވެސް ބެލެނިވެރިންނަށް އުނދަގުލަކާ ނުލައި ކޮށްލެވިދާނެ ދެތިން ކަމެއް ތިރީގައިވާ މަޢުލޫމާތު ޚުލާޞާ ތަސްވީރުގައި ހިމަނާލެވިފައިވާ ވާނެއެވެ. މިސާލަކަށް އެއްޗެއް ދައްކާއިރު މޫނާ ކައިރިކޮށްފައި ދެއްކުން، މޫނު ކުލަޖެއްސުން، ޕީކަބޫ ކުޅުން، ކުޅޭ އެއްޗެތި ދޭއިރު މޫނު ކައިރިކޮށްލާފައި ދިނުން ފަދަ ކޮންމެ ކަމަކީވެސް ކުއްޖާ އިސްއުފުލާ ބެލުމަށް ފަރިތަކުރުވޭނެ ސާދާ ކަންކަމެވެ. މާބޮޑު ތެރަޕީއަކަށް ގޮސް ޚާއްޞަ ވަކި އެއްޗެތި ތަކެއް ބޭނުން ނުކޮށްވެސް މިފަދަ ކަންކަމަކީ ކޮށްލެވޭނެ ކަންތައްތަކެވެ. ނަމަވެސް ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަކީ، ބައެއް ފަހަރު އޭ.އެސް.ޑީގެ ހާލަތު ސީރިއަސްއަންކަން ނުވަތަ ބޮޑުކުޑަ މިންވަރު މިފަދަ ކަންކަމަށް ކުއްޖާ އިޖާބަދޭގޮތާއި، ކަންކުރެވޭއިރު އެކަމުން ނުކުންނަ ނަތީޖާތައް ތަފާތުވެދާނެ ކަމެވެ. މިއީ ކަނޑައެޅިގެން ހުރިހާ ކުދިންނަށް މިގޮތަށް ރަނގަޅުވާނެ ކަމެއް ގޮތަށް ނިންމުމަށްވުރެ ކަމުގެ ސީރިއަސްކަން ބޮޑު ކަމެކެވެ.

މިފަދަ ކުދިން ގެންގުޅޭ ޢާއިލާތަކުގައި ކުރެވިދާނެ އާދައިގެ ކަންކަމަކީ ޢާއިލާގެ ގިނަ މީހުން އެ ކަންކަމަށް ހޭލުންތެރިވީ ވަރަކުން ކުއްޖާއަށް ނުހަނު ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަންކަމެވެ. މިސާލަކަށް އެއް ޢާއިލާއެއްގައި އާއިލީ ބައްދަލުވުމުގައި އެންމެން ކުރިކަމަކީ ސިލޭފޭސް/ މަޖާ މޫނު ހެދުމުގެ ހަރަކާތެކެވެ. މިކަން ކޮށްފައިވާ ގޮތުގެ ޢާއިލާގެ ތަސްވީރު ތިރީގައި ހިމަނާލެވިފައި އެވަނީއެވެ.

އޭ.އެސް.ޑީގެ ހާލަތާއެކު އުޅޭ ކުއްޖެއްގެ ލޮލަށް ބެލުމަށް ފަރިތަކުރުވުމުގެ ގޮތުން މުވާޞަލާތުކޮށް މުޢާމަލާތްކުރުވުމަށް އެހީތެރިވުމުގެ ގޮތުން މިފަދަ ކަންކަން ރޭވުމަކީ ވަރަށް ބޮޑަށް ކުއްޖާއަށް އެހިތެރިވެދޭނެ ކަމެކެވެ. އަދި އޭނާއަކީ އުނިކަމެއް ހުންނަ ކުއްޖެއްކަން އިހުސާސް ވިޔަނުދީ ދިރިއުޅުމުގެ ކަންކަމަށް ހާނުއްވަން ފަސޭހަވެ އޭގެ އެދެވޭ އަސަރުތައް ކުއްޖާއަށް ކުރާނެ ކަމެއް ވެސް މެއެވެ.

ކުރިންވެސް ފާހަގަކޮށްލި ފަދައިން ސީދާ މަޖުބޫރުކޮށްގެން ލޮލަށް ބަލަން ދަސްކޮށްދިނުމަށް ވުރެ ކުއްޖާ ގަޔާވާ ކަންތައްތަކަކަށް ސަމާލުވުމަކީ މުހިންމު ކަމެކެވެ. މޫނަށް ތަފާތު ބަދަލުތައް ގެނެސް ކުރެވޭ ކަންކަމަކީ އެންމެނަށް ވެސް މަޖާކަމަކާއެކު ކުއްޖާ ވެސް ބައިވެރިކުރުމަށް ލިބޭނެ ފުރުސަތަކަށްވާނެއެވެ.

އިސްވެ ބަޔާންވި ކަންކަމުގެ އިތުރުން ސީދާ ކުއްޖާއަށް ލޮލަށް ބެލުމަށް ތަމުރީނު ދޭއިރު ޚާއްޞަކޮށް ވަކި ކަންކަމަށް ފޯކަސް ބަހައްޓައިގެން ތަމުރީނު ދެވިދާނެއެވެ. މިގޮތުން ތިރީގައި ހިމަނާލައިފައި އެވަނީ އޭގެ ތިން ހަރަކާތެކެވެ.

ފުރަތަމަ ހަރަކާތް: ކުއްޖާއަށް ދަސްކޮށްދޭންވީ، "ބޭނުންވާ ކަމެއް ހާޞިލުކުރުމަށް ސީދާ މީހާއަށް ބެލުމުން ފަސޭހަވެ އަވަސްވާނެކަމެވެ." މިކަން ދަސްކޮށްދޭން ކަން ކުރަންވީ ގޮތަކީ ކުއްޖާ ކުޅޭހިތްވާ ގޭމެއް/ ކުޅިވަރެއް ކުޅެމުންދާއިރު ކިޔަމުންދާ ލަވައެއް ކުޑަ އިރުކޮޅަކަށް ހުއްޓާލުން އޭރުން އެކަން ކުރިޔަށް ގެންދިއުމަށް ކުއްޖާ ބޭނުންވާނެއެވެ. އެ ހިނދު ކުއްޖާ މަންމަގެ މޫނަށް ބަލާފައި ބޭނުންކަން ހާމަކުރުމަށް ދަސްކޮށްދެވޭނެއެވެ. މިގޮތުން ބަލައިލާ ކޮންމެ ފަހަރަކު ލަވަ އަލުން ކިޔަންފެށުން، ނުވަތަ ގޭމައިގެން ކުރިޔަށް ދިޔުން ހިމެނެއެވެ. ހަމަ އެގޮތަށް ބައެއް ކުދިން ގިލިގިލި ކޮށްޓުން ފަދަ ކަންކަމަށް ވަރަށް ބޮޑަށް ލޯބިކުރެއެވެ. ކުއްޖާލައްވާ މަންމައަށް ބަލައިލުމަށް ބުނަމުން އަނެއްކާވެސް ފެށިދާނެއެވެ. މިއިން ކޮންމެ ގޮތަކުންވެސް ކުއްޖާގެ އުފާވެރިކަމާއި ޖޯޝް އެކަމުގެ ލާމެއްސައިގެން މޫނާއި ލޮލަށް ބަލަން ކުދިންނަށް ދަސްކޮށްދެވޭނެއެވެ. މިކަން ކުރިޔަށް ގެންދަންވާ ގޮތް ތަރުތީބު ތަސްވީރުގައި ހިމަނާލާފައި އެވަނީއެވެ.

ދެވަނަ ޙަރަކާތް: ކުއްޖާއަށް ދަސްކޮށްދޭންވީ ބޭނުންވާ ކަމެއް ބޭނުންވާ ގޮތަށް ހޯދުމަށް އެންމެ ރަނގަޅީ އިޖާބަދިނުން ކަމަށް އެންގުމެވެ. މިކަމަށް ފަރިތަކުރުވާ ދަސްކޮށްދިނުމަށް ކުރެވިދާނެ ކަމަކީ ކުއްޖާ ގަޔާވާ ކުޅޭ އެއްޗެއް ނަގާ ކުއްޖާއަށް ފުރަގަސްދީގެން ކުޅޭ އެތި ހިފައިގެން އިށީންނާށެވެ. ކުޅޭ އެތި ބޭނުންވާކަން އެންގުމުގެ ގޮތުން ކުއްޖާ ކުރާ ކަމެއް ކުރުމުން ކުއްޖާއާ ވީފަރާތަށް އެނބުރޭށެވެ. އެނބުރިފައި ކުއްޖާ ބަލައިލުމުން ކުޅޭ އެތި ދޭށެވެ. އަދި އެކަން ކުރި ގޮތް ވަރަށް ރަނގަޅު ކަމަށް ބުނެ އެކަން ތަކުރާރުކުރާ މިންވަރުން ސާބަސްދީ ހަދާށެވެ. މިކަން ކުރިޔަށް ގެންދަންވާ ގޮތް ތަރުތީބު ތަސްވީރުގައި ހިމަނާލައިފައި އެވަނީއެވެ.

ތިންވަނަ ހަރަކާތް: ކުއްޖާއަށް ދަސްކޮށްދޭންވީ، މަޢުލޫމާތެއް ދެނެގަތުމަށް އެންމެ ފަސޭހައީ މީހުންގެ ލޮލަށް ބަލައިގެންކަމެވެ. މިކަން ދަސްކޮށްދިނުމަށް ހަރަކާތް ރޭވިދާނެ ގޮތަކީ ކަރުދާސްތަށި ފަސް ތަށި ތަރުބީބުން ކޮންމެސް ވަރެއްގެ ދުރުމިނެއްގައި އަތުރާލާށެވެ. އަދި އެއިން އެއްތަށީގެ ދަށަށް ކުއްޖާ ކާހިތްވާ ކޮންމެވެސް އެއްޗެއް ލާށެވެ. ދެން ކުއްޖާގެ ކައިރީގައި އެ އެތިކޮޅު އޮތީ މިތަށީގެ ދަށުގައޭ ބުނާށެވެ. ދެން ކުއްޖާ ލައްވާ އެ ޖުމުލަ ނުވަތަ އެކަމަށް އިޝާރާތްކުރުވާ ހަރަކާތް ކުރުވާށެވެ. ދެން އެއަށްފަހު އެތިކޮޅު ނެގުމުން "އާނ ވަރަށް ރަނގަޅު މިއޮތީ" މިފަދަ ގޮތަކަށް ކަންކުރީމާ ރަނގަޅަށްކަން ފާހަގަކުރުވޭ ގޮތަށް ހިތްވަރުދީ އެކަން ތަކުރާރުކުރާށެވެ. މިގޮތަށް ހެދުމުން ކުއްޖާއަށް ވަކި ކަމެއް ވަކި އެއްޗެއް ހޯދުމަށް މުޢާމަލާތުކޮށް އިޖާބަދީ ހަދަން ދަސްކޮށްދެވެއެވެ. މިކަން ކުރިޔަށް ގެންދަންވާ ގޮތް ތަރުތީބު ތަސްވީރުގައި ހިމަނާލައިފައި އެވަނީއެވެ.

އަޅުގަނޑުގެ އުއްމީދަކީ މިއަދު މި ހިމަނާލި ބައިތަކަކީވެސް އޭ.އެސް.ޑީ ހާލަތާއެކު ބޮޑެތިންވަމުން އަންނަ ކުދިންނާއެކު މުވާޞަލާތު ކުރުމަށް ދަސްކޮށްދޭނެ ގޮތްތަކަކާއި ޚިޔާލުތަކެއް ހުށަހެޅުނު މަޢުލޫމާތު ކޮޅަކަށްވުމެވެ. ޚާއްޞަކޮށް މުދައްރިސުންނާއި ބެލެނިވެރިންނަށް މި ލިޔުމުގައި ބަޔާންކޮށްފައިވާ ތަފާތު ގޮތްތަކާއެކު އާ ޚިޔާލުތައް ކޮށްލުމަށްވެސް ލިބުނު ފުރުސަތަކަށް މިލިޔުން ވުމަކީ އަޅުގަނޑުގެ ބޭނުމެކެވެ.

ހަވާލާދޭ ފަރާތްތައް

ބައެއް މަޢުލޫމާތުތައް ނެގިފައިވަނީ ތިރީގައި އެވެބްސައިޓްގެ ލިންކް ދީފައި އެވަނީ އެވެ. http://www.autismpartnership.com.hk/en/news/how-to-improve-eye-contact-in-children-with-asd/