Support Us

ކޮލަމް: ޑރ. ޝާފިޔާގެ ފޮޅުވަތް:

ޑރ. ޝާފިޔާގެ ފޮޅުވަތް: ދަރިފުޅަށް ގޮވައިލުމުން އިޖާބަނުދިނުމަކީ އޯޓިޒަމްގެ ޢަލާމާތެއްތަ؟

ތުއްތު ކުދިންނަށް ދަސްކޮށްދެވޭ އެންމެ ފުރަތަމަ އިޖުތިމާޢީ ހުނަރުތަކުގެ ތެރޭގައި ހިމެނޭ އެއްކަމަކީ ވާހަކަ ދެއްކުމުން އިޖާބަދިނުމެވެ. ޚާއްޞަކޮށް ކުއްޖާއަށް ގޮވާލުމުން ބަލައިލައި، ބުނާބަހަކުން ނުވަތަ އިޝާރާތަކުން ނަމަވެސް އޭނާއަށް އަޑު އިވިއްޖެކަން ހާމަކުރުމެވެ. އާންމުކޮށް ތުއްތު ކުދިން އެމީހުންގެ ނަމުން ގޮވާލުމުން އިޖާބަދޭން ފަށަނީ ގާތްގަނޑަކަށް ޢުމުރުން 8-10 މަސް ދުވަހުގެ ތެރޭގައެވެ. މިކަމަކީ ކުއްޖާގެ ފުރަތަމަ އުފަން ދުވަހުގެ ކުރިން ކޮންމެހެން ވެސް ދަސްވާންޖެހޭ ކަމެއްކަން ބެލެނިވެރިންނަށް އެނގުން މުހިންމެވެ. ކުއްޖާގެ ޢުމުރުން އެއް އަހަރު ވާއިރު، ނަމުން ގޮވާލުމުން ޖަވާބު ނުދޭނަމަ ނުވަތަ އިޖާބަދިނުމުގެ ބަލާނުލާކަން ފާހަގަ ކުރެވިއްޖެނަމަ އޭގެ މާނައަކީ ބެލެނިވެރިންގެ ސަމާލުކަމަށް އެކަން އައުން މުހިންމު ވާކަމެވެ. މިކަމަކީ އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑާސް (އޭ.އެސް.ޑީ) ހާލަތްތަކާއެކު އުފަންވާ ކުދިންގެ ކިބައިން ފާހަގަކުރެވޭ ޢަލާމާތްތަކުން އެންމެ އަވަހަށް ފާހަގަކުރެވޭ އެއްކަމެވެ.

މިއަދުގެ ވާހަކަކޮޅު މި އަމާޒުކޮށްލަނީ ނަމުން ގޮވާލުމުން އިޖާބަދިނުން ލަސްވުން ނުވަތަ ނޭނގުމާ ބެހޭގޮތުންނެވެ. އަދި އެކަން ކުއްޖެއްގެ ކިބައިން ފާހަގަކުރެވޭނަމަ އިޖާބަދޭން ދަސްކޮށްދިނުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުންނެވެ.

ކުއްޖާއަށް ގޮވައިލުމުން އެކަމަށް އިޖާބަދިނުން މުހިންމުވަނީ ކީއްވެހެއްޔެވެ؟ މިކަމުގެ އެއް ސަބަބަކީ، ކުއްޖާގެ ނަމުން ގޮވައިލުމުން އިޖާބަދިނުމަކީ އިޖުތިމާޢީ އެހެން ހުނަރުތައް ދަސްކުރުމަށް ކޮންމެހެން ލާޒިމުވާ އަސާސީ ހުނަރަކަށްވާތީއެވެ. ނަމުން ގޮވައިލުމުން އިޖާބަދޭން ނޭނގޭނަމަ ނަތީޖާއެއް ގޮތުން ކުއްޖާގެ ހެދިބޮޑުވުން ތަރައްގީވެ ކުރިޔަށް ދިޔުމުގައި ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހެއެވެ. މީގެ ސަބަބުން ދިމާވާ ކަންކަމުގެ ތެރޭގައި ތިރީގައިވާ ބަޔާންވެފައިވާ ކަންކަން ފާހަގަކޮށްލެވެއެވެ.

  • ސަމާލުކަން ދިނުން
  • ބުނާ އެއްޗެހި ވިސްނުމަށް ދަތިވުން
  • އެކްސްޕްރެސިވް ލޭންގުއޭޖް ނޭނގުން (ވާހަކައިގައި ބޭނުން ކުރެވޭ އިޝާރާތްތަކާއި ނިޝާންތަކާއި އަޑުތަކާއި ބަސްތައް ދޭހަވުން)
  • ކުއްޖާއާ ކުރެވޭ ދޭދޭ މުޢާމަލާތްތައް ދެނެގަތުމަށް އުނދަގޫވުން
  • އަމިއްލައަށް ކަންކަން މެނޭޖްކުރުމާއި ރައްކައުތެރިކަން ހޯދަން ދަތިވުން

ތުއްތު އިރު ކުދިންނަށް އެ ކުދިންގެ ނަން އެނގޭތޯ ބެލުމަކީ މުހިންމު ކަމެކެވެ. އެކަން ކުރާނެ ގޮތްތަކުގެ ތެރޭގައި "ނަން ޓެސްޓް" ކުރުން ފަދަ ހަރަކާތްތައް ހިމެނެއެވެ. މިކަމާ ގުޅޭ ގޮތުން ދިރާސާވެރިން ހޯދައިފައިވާ ކަންކަމުގެ ތެރޭގައި އޯޓިޒަމްގެ އެންމެ ފުރަތަމަ ޢަލާމަތްތައް ފެންނަ ކުދިންގެ ކިބައިން ނަމަށް އިޖާބަދޭން ނޭނގުމުގެ ދަތިކަން ފާހަގަކުރެވެއެވެ. ބައެއް ދިރާސާވެރިން ހާމަކުރައްވާ ގޮތުގައި އުމުރުން ނުވަ މަހުގެ ތެރޭގައި އޭ.އެސް.ޑީގެ ޢަލާމަތްތައް ހުންނަ ތުއްތު ކުދިންނަށް އެމީހުންގެ ނަން ދެނެގަނެވެއެވެ. ނަމަވެސް ކުއްޖާގެ ޢުމުރުން އެއް އަހަރުވެ ދެވަނަ އަހަރުތެރޭގައި އެކަމުގެ ގާބިލުކަން ގެއްލޭކަން ފާހަގަކުރެވިފައިވެއެވެ.

މި ދިރާސާވެރިން ހާމަކުރާގޮތުގައި އޭ.އެސް.ޑީގެ ޢަލާމާތްތައް ފެންނަ ކުދިން އުމުރުން 36 މަސް ދުވަހުގެ ރިސެޕްޓިވް ލޭންގުއޭޖް (އެހެނީ، އިޖާބަދިނުމުގެ ގޮތްތައް) ދަށްވެއެވެ. ނަމަވެސް ކުރީކޮޅުގައި މިކަން ޑައިގްނޯސްކުރެވި ކުއްޖާ އެކަމަށް ތަމުރީނު ދެވިއްޖެނަމަ ކުދިން ނަމަށް އިޖާބަދިނުން ވަރަށް ބޮޑަށް ރަނގަޅު ކުރެވެއެވެ (މިލަރ، އިއޮސިފް، ހިލް، ޔަންގް،ޝްވިޗެންބަރގް، އަދި އޮޒޮނޮފް، 2017).

އޯޓިޒަމްގެ ޢަލާމާތްތައް ހުންނަ ކުދިންނަށް އެ ކުދިންގެ ނަމަށް އިޖާބަދޭން ދަސްކޮށްދިނުމަކީ ވަގުތު ނަގައިގެން އަދި ވަކިވަކިން ކުދިންގެ ޚާއްޞަ ކަންތައްތަކަށް ރިޢާޔަތްކޮށްގެން ކުރިއަށް ގެންދާ ކަމަކަށް ހަދަންޖެހެއެވެ.

ތިރީގައި އެވަނީ މިގޮތުން ކުރެވިދާނެ މުހިންމު ކަންތައްތަކާއި އޭގެ ކުރު ތަފުސީލެކެވެ.

  1. އެއް ގޮތްތަކަކަށް ރޫޓިންއެއް ގާއިމްކުރުން: އޯޓިސްޓިޒަމްގެ ޢަލާމާތްތައް ހުންނަ ކުދިންނަށް ނަމަށް އިޖާބަދޭން ދަސްކޮށްދޭން ޖެހެނީ ސްޓްރަކްޗަރޑް (ޚާއްޞަގޮތަކަށް ކަންރޭވިފައިވާ) މާހައުލުތަކުގައެވެ. މިސާލަކަށް ކޮންމެ ދުވަހަކު އެއްގޮތަކަށް ކަންކަން ކުރެވޭ ފަދަ މާހައުލެއް ޝެޑިއުލް ކޮށްގެން ގާއިމު ކުރެވުން މުހިންމެވެ.
  2. ވިޝުއަލް އެއިޑްސް (ތަސްވީރު ފަދަ ތަކެތި) ބޭނުންކުރުން: ވިޝުއަލް (ތަސްވީރު ފަދަ) ތަކެއްޗަކީ އެ ކުދިންނަށް އެ ކުދިންގެ ނަން ވަކި ކަންކަމާ ގުޅުވައިލުމަށް އެހީތެރިވެދޭނެ ތަކެއްޗެވެ. މިހެންކަމުން ނަން ބޭނުންކޮށްގެން ތައްޔާރުކުރެވިފައިވާ ޚާއްޞަކޮށް އެކުދިން ކުރާ ކަންކަމާ ގުޅުވައިގެން ފަރުމާ ކުރެވިފައިވާ ތަސްވީރު ފަދަ ތަކެތި ގެންގުޅުމަކީ އެ ކުދިންގެ ނަން ދެނެގަތުމުގެ މަސައްކަތްތައް އިތުރު އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމެކެވެ.
  3. މަޖާ އަދި ޝައުގުވެރިވާ ގޮތަށް ކަންކަން ރޭވުން: ކުއްޖާގެ ނަން ގޮވާއިރު އެ ކުދިންގެ ސަމާލުކަން ސީދާ ހޯދޭނެ ގޮތަށް މަޖާވާނެ ގޮތްތައް ބޭނުންކޮށް ކުދިންގެ ޝައުގުވެރި ކަންކަމާ ގުޅޭ އެކަމަށް އެހީތެރިވެދޭ ހަރަކާތްތައް ނުވަތަ ތަކެތި ބޭނުންކުރުން އިޖާބަދިނުމުގެ ޝައުޤުވެރިކަން އިތުރުވާނެ ކަމެކެވެ.
  4. ސާދާ ބަސް ބޭނުން ކުރުމާއި ތަކުރާރުކުރުން ހިމެނޭގޮތަށް ކަންކަން ރޭވުން: ކުދިންގެ ނަން ގޮވާއިރު ސާފުކޮށް އަދި ކުރުކުރު ޖުމުލަ ބޭނުންކުރުން ވެސް ހިމެނެއެވެ. ހަމަ މިގޮތަށް އެ ކުދިންގެ ނަމާއި އިޖާބަދިނުމާއި ކުއްޖާ ބޭނުންވާ ކަމަކާ އޮންނަ ގުޅުން ވަރުގަދަ ކުރުމަށްޓަކައި އެ ކުދިންގެ ނަން ގިނަ ފަހަރު ތަކުރާރުވާނެހެން ކަންކަން ރޭވުންވެސް ހިމެނެއެވެ.
  5. ތަފާތު ހިއްސުތައް ބޭނުންކުރެވޭ ގޮތަށް ކަންކަން ރޭވުން: އޯޓިސްޓިޒަމްގެ ހާލަތާއެކު އުޅޭ ކުދިން ތަފާތު ހިއްސުތައް ބޭނުންކުރެވޭ ގޮތަށް ރޭވިފައިވާ ހަރަކާތްތަކަށް ރައްދުނިން ގާތްވާނެއެވެ. މިސާލަކަށް ކޮނޑުގައި މަޑުމަޑުން އަތްލާއިރު ނުވަތަ އިސްކަންދޭ ހިއްސީ އެއްޗެއް ފޯރުކޮށްދިނުމަކީ އެ ކުދިންނަށް ފޯކަސްކޮށް ޖަވާބުދާރީވުން އިތުރުކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.
  6. ޕޮޒިޓިވް ރިއިންފޯސްމަންޓް ބޭނުންކުރުން: ކުއްޖާއަށް ހިތްވަރުލިބޭ (އިނާމު/ ތަޢުރީފުކުރުން) ފައްސިގޮތްތައް ބޭނުންކޮށްގެން ހަރަކާތްތައް ރޭވުމަކީވެސް ކުދިންގެ ނަން އިޖާބަދިނުމަށް ދަސްކޮށްދެވޭނެ ގޮތްތަކެވެ. މިގޮތުން ޕޮޒިޓިވް ފީޑްބެކާއި އިނާމުތައް ދިނުމާއި، ތައުރީފު، ހައި-ފައިވް ނުވަތަ ކުޑަ ޓްރީޓެއް ދިނުން ފަދަ އާދައިގެ ދިރިއުޅުމުގައި ކުދިންގެ ނަމަށް އިޖާބަދޭން ދަސްކޮށްދިނުމަށް އެހީތެރިވެދޭނެއެވެ.
  7. ފިޔަވަޅުތަކަށް ކަންކަން ބަހާލުން: ކުއްޖާ ނަމަށް އިޖާބަދިނުމަށް ވަރަށް ބޮޑަށް ދަތިވާކަން ފާހަގަކުރެވޭނަމަ، ފިޔަވަޅުތަކަކަށް ބަހައިލައިގެން އެކަން ކުރުމުން ތަންޒީމީ ގޮތަކަށް ކުއްޖާއަށް ނަމަށް އިޖާބަދިނުން ދަސްކޮށްދެވިދާނެއެވެ. މިސާލަކަށް ނަން ކިޔާއިރު ތިމާއާ ދިމާއަށް ބޯ އަނބުރާލަން ދަސްކޮށްދީނުން ވަކި ހަރުފަތަކަށް ހެދިދާނެއެވެ. އަދި ބޮލުގެ ހަރަކާތާއެކު، މޫނަށް ބަލައިލުން އެހެން ހަރުފަތެއް ގޮތަށް ހަމަޖެއްސިދާނެއެވެ. ތިންވަނަ ހަރުފަތެއްގެ ގޮތުގައި އަޑުން ނުވަތަ އިޝާރާތުން އިޖާބަދޭން ދަސްކޮށްދިނުން ރަނގަޅެވެ. މިގޮތަށް ފިޔަވަޅުތައް ބަހައިލުމުގެ ބޭނުމަކީ ބައިވަރު ކަންތައް އެއްފަހަރާ ކުއްޖާއަށް ދަސްކޮށްދިނުމަށް ވުރެ ކުދި ފިޔަވަޅުތަކަކަށް ބަހައިލައިގެން ކުއްޖާ ތަމުރީނު ކުރުމެވެ.

ވަކި ޚާއްޞަ ފިޔަވަޅުތަކެއް ތެރެއިން ކުއްޖާއަށް ނަމަށް އިޖާބަދިނުން ދަސްކޮށްދޭނަމަ، އެންމެ މުހިންމު ކަމަކީ ކުއްޖާގެ ނަން އަޑުއެހުމަށް ދަސްކޮށްދިނުމެވެ. މިގޮތަށް ދަސްކޮށްދޭއިރު އޭނާއަށް ބޭނުންޖެހޭ ކަންކަމާ ގުޅުވައިގެން (އެބަހީ: "ޝާމިން ގޮސް ބޫޓު ނަގާ"، "ޝާމިން މިތަނަށް އަންނަންވީނު" ފަދަ) ގޮތަކަށް ނަން ބޭނުންކޮށްގެން ވާހަކަ ދެއްކުން ކުރިޔަށް ގެންދިއުމެވެ.

މީގެ އިތުރުން ކުއްޖާއަށް ނަމަށް އިޖާބަދޭން ދަސްކޮށްދޭއިރު ކޮންޓްރޯލް ކުރެވޭ ރިއިންފޯސަސް (ވަކިގޮތަކަށް ސުލޫކު ބައްޓަން ކުރުމަށް ހިތްވަރުދިނުން) މިސާލަކަށް ޗިޕްސް އަދި ބަބުލްސް ބޭނުންކޮށްގެން ކުރެވިދާނެ ކަމަކީ ކުއްޖާގެ ފަހަތުގައި ހުއްޓިލާފައި ޗިޕްސް އަދި ބަބްލްސް ދިނުމުގެ ކުރިން ކުއްޖާގެ ނަމުން ގޮވާލުމަށްފަހު ވަގުތުން އޭނާގެ ކޮނޑުގައި އަތްލާފައި ޗިޕްސް ނުވަތަ ބްލޯ ބަބުލްސް އޭނާގެ އަތަށް ދިނުން އެއީ އެއް ހަރުފަތެވެ. މިގޮތަށް ތަމުރީނު ކުރާއިރު ލަސްލަހުން ބޭނުންކުރާ ތަފާތު ޕްރޮމްޓްތައް މަދުކުރަމުން ދިއުން މުހިންމެވެ.

ހަމަ މި ބީދައިން އެންމެ ފުރަތަމަ ކައިރިން އަތްޖައްސާލައިފައި ގޮވާލާ އެ ދޭ އެއްޗެއް ދިނުމަށް ފަހު ފަހުން ފޫޓެއް ނުވަތަ ދެ ފޫޓެއްހާ ދުރުގައި ހުރެ އޭނާގެ ކޮނޑުގައި އަތްލުން ފަދަ ކަންކަން ވެސް ކުރެވޭނެއެވެ. މިގޮތަށް ހަރަކާތް ގެންދިއުމުގެ މައިގަނޑު ބޭނުމަކީ ކޮންމެ ކަމެއްވެސް ކުދިކުދި ފިޔަވަޅުތަކެއް ބޭނުންކޮށްގެން ކުއްޖާއަށް އޭނާގެ ނަން ދަސްކޮށްދިނުމަށް މަސައްކަތް ކުރުމެވެ. މިގޮތަށް ހަރަކާތް ގެންދިޔުމުން ކުއްޖާއަށް އެނގޭނީ އޭނާ ނަމުން ގޮވާލުމުން ބަލާލުމުން އޭނާ ބޭނުންވާ ކަންކަން ހާސިލުކުރަން ފަސޭހަކަމެވެ.

  1. ކުރަންވާގޮތުގެ ނަމޫނާ ދައްކައިގެން ކަންކަންކުރުން: ކުއްޖާގެ ނަން ތަކުރާރުކޮށް ކިޔައި، ބޭނުންވާ ސުލޫކު ވަކިގޮތަކަށް ކުރާނެ ގޮތުގެ ނަމޫނާ ދެއްކުމެވެ. މިއީ ކުއްޖާއަށް ކަންކުރަންވާ ގޮތް ދަސްކޮށްދިނުމަށް ނުހަނު ބޮޑަށް އެހީތެރިވެދޭނެ ކަމެކެވެ. މިގޮތުން ދުވަހީ ދިރިއުޅުމުގެ އެކި ކަންކަމުގައި އުޅޭއިރު، ނަން ބޭނުންކޮށްގެން ގެންދެވޭ ހަރަކާތަށް ޕްރެކްޓިސް/ ތަމުރީނު ކުރުވުން ހިމެނެވެ. މިކަން ކުރުމުގައި ހިތްވަރުދީ، އިނާމުދީ އަދި ފީޑްބެކްދިނުން އެއީ ހަރަކާތުގައި ކޮންމެހެންވެސް ހިމެނެންޖެހޭ ކަންކަމެވެ.
  2. ޕްރޮފެޝަނަލް ފަރާތްތަކުގެ އެހީތެރިކަން ހޯދުން: ކުއްޖާގެ ވަކިވަކި ބޭނުންތަކަށް ޚާއްޞަކޮށްގެން އިތުރު ގޮތްތައް ހޯދުމަކީ ކުއްޖާގެ އޯޓިޒަމްގެ ޢަލާމާތްތަކުގެ ބޮޑު ކުޑަ މިންވަރަށް ބަލައި ސަމާލުކަން ދޭންޖެހޭ ކަމެކެވެ. މިސާލަކަށް ބއެއް ކުދިންނަށް ސްޕީޗް ތެރަޕިސްޓުންގެ (ވާހަކަ ދެއްކުމަށް ފަރުވާކޮށްދޭ ފަރާތްތައް) އޮކިއުޕޭޝަނަލް ތެރަޕިސްޓެއް (އާންމު ދިރިއުޅުމުގެ ކަންކަމުގައި އެހީތެރިވުމަށް ފަރުވާކުރާ ފަރާތްތައް)، ނުވަތަ އޯޓިޒަމް ސްޕެޝަލިސްޓެއްގެ (ޚާއްޞަކޮށް އޯޓިޒަމްގެ ފަރުވާކުރާ މީހުން) މަޝްވަރާ ހޯދުމަކީ މިކަމުގައި ވަރަށް ބޮޑަށް ބޭނުންޖެހޭނެ ކަމެކެވެ. މިފަދަ ޕްރޮފެޝަނަލް މީހުންނަކީ ކުއްޖާގެ ހުރި އޯޓިޒަމްގެ އުދަނގޫތަކުގައި ލުއިގޮތްތައް ހޯދުމާއި އެކަން މެނޭޖުކޮށް ދިރިއުޅުމުގެ އާންމު ހާލަތްތައް ފަސޭހަކޮށްދިނުމަށް ބޭނުންތެރިކެމެވެ. ޚާއްޞަކޮށް ކުއްޖާއަށް އޭނާގެ ނަން ދަސްކޮށްދިނުމާއި އެ ނަމަށް އިޖާބަދިނުމަށް އުނދަގޫވާ ކުދިންނަށް އެކި ބާވަތުގެ އެހީތެރިކަން ބޭނުންވާ މިންވަރު ތަފާތުވާނެއެވެ. މިގޮތުން ސީދާ ކުއްޖާއަށް ބޭނުންވާ ފަރުދީ (ޕާސަނަލައިޒްޑް) ގައިޑްލައިންތައް ބޭނުން ޖެހިދާނެއެވެ. ހަނދާން ނައްތާލައިގެން ނުވާނެ މުހިންމު ނުކުތާއަކީ އޯޓިޒަމްގެ ހާލަތަށް ބަލާއިރު ކޮންމެ ކުއްޖަކީވެސް ޚާއްޞަ ކުއްޖެއްކަން، އެ ކުއްޖެއްގެ ކިބައިގައި ފަރުދީ ގޮތުން ހުންނަ ކުޅެދުންތަކާއި، ނުކުޅެދުންތަކާއި، ކަންކަމުގައި ކުއްޖާގެ ޝައުގުވެރިކަމާއި، ގަޔާވާ ކަންކަމާއި، އަދި އުނގެނުމުގެ ސްޓައިލްތަކަށް ބަލައިގެން އެކަން އެއްފަހަރުން އަނެއްފަހަރަށް ގެންނަން ފެންނަ ބަދަލުތައް ބަލައި ތަންޒީމީގޮތަކަށް ކުއްޖާއަށް ނަމަށް އިޖާބަ ދިނުމަށް ދަސްކޮށްދެވޭނެ ގޮތްތަކެވެ. ޕެރޮޗޮނޑި މާޓިނޯ، އައިއެލޯ، ބެކަރ، ކާޕެންޓަރ، ޗަންގް، އަދި ޑޯސަން (2021) ފާހަގަކުރައްވާ ގޮތުގައި އޭ.އެސް.ޑީގެ ޢަލާމާތްތައް ހުންނަ ކުދިންނަށް ޑިޖިޓަލް ޓެކްނޮލޮޖީގެ ބައެއް ވަސީލަތްތަކާއެކު ނަން ދެނެގަނެ އިޖާބަދޭން ދަސްކޮށްދެވޭނެއެވެ. މިގޮތުން ޑިޖިޓަލް ޓެކްނޮލޮޖީގެ ވަސީލަތްތައް ޕްރޮމްޕްޓް ގޮތަށް ބޭނުންކުރެވިދާނެއެވެ.

އިސްވެ ދެންނެވުނު ބައިތަކުގެ އިތުރުން ކުއްޖާ އުޅޭ މާހައުލުގެ އެންމެންވެސް އޭ.އެސް.ޑީ ހުންނަ ކުދިން ދެނެގަނެ އެކުދިންނާ މުޢާމަލާތު ކުރާއިރު ކަން ކުރަންޖެހޭ ގޮތާއި އަދި ކުއްޖާއަށް ބޭނުންވާ ކަންކަން ފަހިކޮށްދިނުމަށް ކަން ކުރަންވީ ގޮތްވެސް އެނގެން ޖެހެއެވެ. އަޅުގަނޑުގެ އެދެނީ މިއަދު މި ލިޔެލި ވާހަކަކޮޅުގައިވެސް މުޖުތަމަޢުގައި މިފަދަ ކުދިން ގެންގުޅޭ ބެލެނިވެރިންނާއި މުދައްރިސުންނަށް ފައިދާ ހުރި ޚިޔާލުތަކަކާއި މަޢުލޫމާތު ކޮޅެއް ހިމެނުނު ލިޔުމަކަށް ވުމެވެ.

ހަވާލާދޭ ފަރާތްތައް

  • މިލަރ، އެމް، އިއޮސިފް، އޭ.އެމް، ހިލް، އެމް، ޔަންގް، ޖީ.އެސް، ޝްވިޗެންބަރގް، އޭ.ޖޭ، އަދި އޮޒޮނޮފް، އެސް (2017). އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރ ޖެހިފައިވާ ތުއްތު ކުދިންނަށް ނަމަށް ދޭ ޖަވާބު: ޕްރޮސްޕެކްޓިވް ދިރާސާއެއް. ދަ ޖާނަލް އޮފް ޕީޑިއޭޓްރިކްސް، 183، 141-146.
  • ޕެރޮޗޮން، އެސް، ޑި މާޓިނޯ، އެމް، އައިއެލޯ، އާރް، ބެކަރ، ޖޭ، ކާޕެންޓަރ، ކޭ، ޗަންގް، ޒެޑް، … އަދި ޑޯސަން، ޖީ (2021). އޯޓިޒަމް ހުންނަ ކުޑަކުދިންގެ ނަމަށް ދޭ ޖަވާބު ވަޒަންކުރުމަށް ސްކޭލް ކުރެވޭ ކޮމްޕިއުޓޭޝަނަލް އެޕްރޯޗެއް. ޖާނަލް އޮފް ޗައިލްޑް ސައިކޮލޮޖީ އެންޑް ސައިކިއޭޓްރީ، 62(9)، 1120-1131.