އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް، އިންޑިއާ ސަފީރު މުނޫ މަހަވަރު އިޙުތިރާމުގެ ޒިޔާރަތެއް މިއަދު ކުރައްވައިފިއެވެ.
ޑރ. މުއިއްޒުގެ ގެކޮޅު، މ. ދިމްޔާތުގައި އޮތް މި ބައްދަލުވުމުގައި، އިންތިޚާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި، ޑރ. މުޢިއްޒުގެ ރިޔާސީ ދައުރުގައި، އިންޑިއާއާ އެކު އޮންނަ ގުޅުން ސިޔާދަތީ އިޙުތިރާމުގެ އަސާސްތަކުގެ މައްޗަށް އިޢާދަކުރައްވައި، ޒަމާނުއްސުރެ އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ޚާއްސަ ގުޅުން ހަރުދަނާކުރައްވައި އިތުރު އާ ހަރުފަތަކަށް ގެންދެވުމަށް އުއްމީދުކުރައްވާ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ. އަދި ހަމަ އެއާއެކު، ދިވެހިރާއްޖޭގެ ސިޔާދަތީ މުސްތަޤިއްލުކަން ހިމާޔަތްކުރުމަށް، ދިވެހި ރައްޔިތުން ނިންމި ނިންމުން ތަކުރާރުކުރައްވަވައި، އެ ކަންކަމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އޮތްކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، ހިގަމުންމިދާ ސަރުކާރުން، އިންޑިއާއިން ނަގާފައިވާ ލޯނުތައް އަދާކުރުމުގައި ލުއި ގޮތްތަކެއް ހަމަޖައްސަވައިދެއްވުމަށް އުއްމީދުކުރައްވާކަން ފާހަގަކުރެއްވެވިއެވެ.
އިންޑިއާ ސަފީރުގެ ވާހަކަފުޅުގައި، ދިވެހިރާއްޖެ- އިންޑިއާގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ފަރާތުން ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކަށާއި ދިވެހިރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަންދެއްވެވިއެވެ. އަދި ހަމަ އެއާއެކު، ދިވެހިރާއްޖޭގެ ސިޔާދަތީ މުސަތަޤިއްލުކަމަށް ފުރިހަމައަށް އިހުތިރާމުކުރައްވާނެކަމުގެ ޔަގީންކަން ދެއްވަވައި، ލޯނުތައް އަދާކުރުމުގައި ފަހި ގޮތްތަކެއް ހަމަޖައްސަވައިދެއްވުމަށް މަޝްވަރާކުރުމަށް ތައްޔާރަށް ތިއްބެވިކަމަށް ވިދާޅުވިއެވެ.



advertisment