Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: ދެން މި ގެނެސްދެނީ ސިޔާސީ ޑްރާމާ "ދެ ރައީސުން" (އެޕިސޯޑް- 3)

ދެހާސް ތޭރަ ވަނަ އަހަރު ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް އަބްދުﷲ ޔާމީނު އަބްދުލް ޤައްޔޫމް ހޮވިވަޑައިގަތީ އެ މަނިކުފާނުގެ އެއްބަފާ ބޭބޭފުޅު، ރައީސް މައުމޫނު އަބްދުލް ޤައްޔޫމްގެ ވަރަށް ބޮޑު ތާއީދާއި، އެހީތެރިކަމާ އެކުގައެވެ. ކެމްޕޭނުގައި އެ މަނިކުފާނުގެ ފޮޓޯފުޅު ދައްކައިގެންނެވެ. ދިވެހި ރައްޔިތުން ޤަބޫލުކުރީ ރައީސް މައުމޫނުގެ ރަން 30 އަހަރުގެ ތަޖުރިބާ އާއި ޔާމީނުގެ އިގްތިސޯދީ ތައުލީމާ އެކު ދިވެހި ރާއްޖެއަށް ވަރަށް ހަމަޖެހޭ، ހެޔޮ ވެރިކަމެއް، ގިނަ އަހަރުތަކަކަށް ދެމިގެންދާނެ ގޮތުގައި ލިބޭނެ ކަމަށެވެ.

ނަމަވެސް ރައްޔިތުންނަށް ފެނުނީ ސިޔާސީ ޑްރާމާއެކެވެ. "ދެ ރައީސުން"ގެ އެޕިސޯޑެކެވެ! ރައީސް ޔާމީނަށް ވެރިކަން ކުރެއްވުމުގެ ފުރުސަތު ދެއްވައިގެން، ސީނިއަރ އެޑްވައިޒަރެއްގެ ގޮތުގައި ބައްލަވަން ހުންނަވާކަށް ރައީސް މައުމޫނަކަށް، އަދި އެމަނިކުފާނުގެ އާއިލާއަކަށް ވެސް ކެތެއް ނުވިއެވެ. ދެބެއިންގެ، ނުވަތަ ދެ ރައީސުންގެ، މެދުގައި ދާދި އަވަހަށް މައްސަލަ ޖެހި، ދެބަސްވެ، އެންމެ ފަހުން ރައީސް މައުމޫން ޕީ.ޕީ.އެމް އިން ވެސް ވަކިކުރައްވައި، ޖަލަށް ލައްވައި، އޭގެ ފަހުން އިދިކޮޅު ފަރާތްތަކާ ރައީސް މައުމޫނު ގުޅިވަޑައިގެން 2018 ވަނަ އަހަރު ރައީސް ޔާމީނުގެ ވެރިކަން ނިމުމަކަށް ގެންނެވީ އެވެ.

ގިނަ އަހަރުތަކަކަށް ހެޔޮ ވެރިކަމެއް ކުރައްވައި، ތަރައްޤީގެ އާ އުސްމިން ތަކަކަށް ޤައުމު ގެންދެވުމުގެ ފުރުސަތު މި ދެ ރައީސުންނަށް ލިބިވަޑައިގެންމެ، ދެ ބޭފުޅުންގެ ކެއްތެރިކަން ނެތްވަރުންނާއި، އެއްގަލަކަށް އަރުއްވަން އެނގިވަޑައިނުގަތުމުގެ ސަބަބުން، ތަޖުރިބާ އާއި ތައުލީމުގެ އެހީގައި ރަނގަޅު ވެރިކަމެއް ކުރެއްވުމުގެ ފުރުސަތު ގެއްލި، އިދިކޮޅުގައި އޮތް އެމް.ޑީ.ޕީ އަށް ފުރުސަތު ލިބި، އެމް.ޑީ.ޕީގެ އިބްރާހިމް މުހައްމަދު ސޯލިހަށް 2018 ގައި ވެރިކަން ލިބިވަޑައިގަތީ އެވެ. ދެ ރައީސުންގެ ކޯޅުމުގެ ގެއްލުން އާޚިރުގައި ލިބިވަޑައިގަތީ ހަމަ ދެ ރައީސުންނަށެވެ. އަދި ދިވެހި ރައްޔިތުންނަށް ވެސް މެއެވެ!

ދެން ފެނުނީ ސިޔާސީ ޑްރާމާ، "ދެ ރައީސުން"ގެ، އެޕިސޯޑް-2 އެވެ! ދެހާސް އަށާރަ ވަނަ އަހަރު ދިވެހި ރައްޔިތުންނަށް ފެނުނީ މައުމޫނާއި ޔާމީނު ފަދަ އެހެން ދެ ރައީސެއްގެ ކޯޅުމެކެވެ. ޤާނޫނީ ސަބަބުތަކާ ހެދި ރައީސް ކަމަށް ކުރިމަތިލެއްވުމުގެ ފުރުސަތު ރައީސް ނަޝީދަށް 2018 ވަނަ އަހަރު ލިބިވަޑައިނުގަތުމުން އެމް.ޑީ.ޕީގެ ފަރާތުން ރައީސް ކަމަށް ނެރުނީ އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެވެ. ދިވެހި ރައްޔިތުން ޤަބޫލުކުރީ ރައީސް ނަޝީދުގެ ތަޖުރިބާ އާއި ރައީސް ސޯލިހުގެ ކެއްތެރި، މަޑުމައިތިރި ސިޔާސަތުތަކާ އެކު ދިވެހި ރާއްޖެ އަށް ވަރަށް ހަމަޖެހޭ، ހެޔޮ ވެރިކަމެއް، ގިނަ އަހަރުތަކަކަށް ދެމިގެންދާ ގޮތުގައި، ލިބޭނެ ކަމަށެވެ. ރައީސް ސޯލިހު ކެމްޕޭނު ކުރެއްވީ ވެސް ރައީސް ނަޝީދުގެ ފޮޓޯފުޅު ދައްކައިގެންނެވެ.  

ނަމަވެސް ރައީސް ސޯލިހަށް ވެރިކަން ކުރެއްވުމުގެ ފުރުސަތު ދެއްވައިގެން، ސީނިއަރ އެޑްވައިޒަރެއްގެ ގޮތުގައި ބައްލަވަން ހުންނަވާކަށް ރައީސް ނަޝީދަކަށް ވެސް ކެތެއް ނުކުރެއްވުނެވެ. ދެ ރަހްމަތްތެރިންގެ، ނުވަތަ ދެ ރައީސުންގެ މެދުގައި ދާދި އަވަހަށް މައްސަލަ ޖެހި، ދެބަސްވެވަޑައިގެން، އެންމެ ފަހުން ރައީސް ނަޝީދު އެމް.ޑީ.ޕީން ވެސް ވަކިވެވަޑައިގެން، އެހެން ޕާޓީއެއް އުފައްދަވައި އޭގެ ފަހުން އިދިކޮޅު ފަރާތްތަކާ ރައީސް ނަޝީދު ގުޅިވަޑައިގެން "އިބޫ ނޫން ގޮތެއް"ގެ ޝިއާރު ފާޅުކުރައްވައި ސެޕްޓެމްބަރު 30 ގައި ރައީސް ސޯލިހުގެ ވެރިކަން ނިމުމަކަށް ގެންނެވީ ރައީސް ނަޝީދުގެ ބައިވެރިވެވަޑައިގަތުމާ އެކުގައެވެ.

މި އެޕިސޯޑުގައި އެންމެ ހުތުރުވީ ރައީސް ސޯލިހަށް ނިސްބަތްކުރައްވައި ރައީސް ނަޝީދު ދައްކަވަމުންދިޔަ ހުތުރު ވާހަކަތަކާއި ބަސްމަގެވެ.

އެއަށްފަހު ސެޕްޓެމްބަރު 30 ގައި، ދެން މި ފެށުނީ މި ސިޔާސީ ޑްރާމާ "ދެ ރައީސުން"ގެ އެޕިސޯޑް-3 އެވެ! ޤާނޫނީ ހުރަސްތަކާ ހެދި މި އަހަރުގެ އިންތިހާބުގައި ރައީސް ކަމަށް ކުރިމަތިލެއްވުމުގެ ފުރުސަތު ރައީސް ޔާމީނަށް ލިބިވަޑައިނުގަތުމުން ޕީ.އެން.ސީގެ ފަރާތުން ރައީސް ކަމަށް އެންމެ ފަހު ވަގުތު ނުކުމެވަޑައިގަތީ ޑރ. މުހައްމަދު މުއިއްޒެވެ. ޑރ. މުއިއްޒު ކެމްޕޭނު ކުރެއްވީ ވެސް ރައީސް ޔާމީނުގެ ތާއީދާއެކު، އަދި ރައީސް ޔާމީނުގެ ފޮޓޯފުޅު ވެސް ދައްކައިގެންނެވެ. ދިވެހި ރައްޔިތުން މިހާރު ޤަބޫލުކޮށްގެން މި ތިބީ ރައީސް ޔާމީނުގެ ތަޖުރިބާ އާއި އިގްތިސޯދީ ދުރު ވިސްނެވުމާއި، ޖެހިލުން ކުޑަ ބައިނަލްއަޤްވާމީ ސިޔާސަތުތަކާއެކު، ރައީސް ޑރ. މުއިއްޒުގެ މުރާލި، ކެއްތެރި، މަޑުމައިތިރި ސިޔާސަތުތަކާ އެކު ދިވެހިރާއްޖެ އަށް ވަރަށް ހަމަޖެހޭ، ހެޔޮ ވެރިކަމެއް، ގިނަ އަހަރުތަކަކަށް ދެމިގެންދާނެ ގޮތުގައި، ލިބިގެންދާނެ ކަމަށެވެ. ރައީސް މައުމޫނު، ރައީސް ޔާމީނަށް ފުރުސަތު ނުދެއްވި ގޮތަށް، އަދި ރައީސް ނަޝީދު ރައީސް ސޯލިހަށް ފުރުސަތު ނުދެއްވި ގޮތަށް، ރައީސް ޔާމީނު، ރައީސް ޑރ. މުއިއްޒާ މެދު ކަންތައް ނުކުރައްވާނެ ކަމަށެވެ.

މި ވެރިކަން މި ގެނައީ ދިވެހި ރައްޔިތުންގެ ވަރަށް ބޮޑު ޤުރުބާނީއަކުންނެވެ. ޑރ. މުއިއްޒަށް ލިބިވަޑައިގަތް 129،159 ވޯޓަކީ ކޮންމެހެން ހުސް ޑރ. މުއިއްޒަށް ތާއީދުކުރި ރައްޔިތުންނެއް ނޫނެވެ. އަދި އެއީ ހުސް ރައީސް ޔާމީނަށް ތާއީދުކުރާ އެކްޓިވިސްޓުންގެ ވޯޓެއް ވެސް ނޫނެވެ. ހަޤީގަތަކީ އިންޑިއާ އައުޓް ކުރުމަށް އެދިގެންނާއި، ގެއްލުނު މަސްކަނޑު އަލުން ހޯދުމަށާއި ކޮރަޕްޝަން ހުއްޓުވުމުގެ ބޭނުމުގައި ނުކުތް ތަފާތު ފިކުރުގެ ދިވެހި ރައްޔިތުންގެ ގިނަ ބައެއްގެ ވޯޓު ވެސް މީގެ ތެރޭގައި ހިމެނޭނެ ކަމެވެ. އެހެންކަމުން މި ކާމީޔާބީގެ މައިގަނޑު ކްރެޑިޓް ޑރ. މުއިއްޒަކަށް ވެސް ގިނިކަންޏަކާ ނުނެންގެވޭނެއެވެ. އަދި ރައީސް ޔާމީނަކަށް ވެސް ގިނިކަންޏަކާ ނުނެންގެވޭނެއެވެ. މިއީ ދިވެހި ރައްޔިތުން ވަރަށް ބޮޑު ޤުރުބާނީއެއް ވެގެން، ވަރަށް ވަރުގަދަ ސަރުކާރަކާއި ދުނިޔޭގެ ބޮޑު ނިއުކްލިއަރ ބާރަކާ ދެކޮޅަށް ތެދުވެ ދިވެހި ރައްޔިތުން ގެނައި ބަދަލެކެވެ. މި ބަދަލުގައި ޑރ. މުއިއްޒާއި ރައީސް ޔާމީނުގެ ހިއްސާ ވެސް ވަރަށް ބޮޑެވެ. ނަމަވެސް އެންމެ ބޮޑު ހިއްސާއެއް އޮތީ ޤައުމަށް ހެޔޮއެދޭ ދިވެހި ރައްޔިތުންގެ އެވެ. އެހެންކަމުން މި ދަނޑިވަޅުގައި ދިވެހި ރައްޔިތުންގެ އެދުމަކަށް ވާނީ ރައީސް ޑރ. މުއިއްޒަށް ވެރިކަން ކުރެއްވުމުގެ ފުރުސަތު ދެއްވައިގެން، ސީނިއަރ އެޑްވައިޒަރެއްގެ ގޮތުގައި ރައީސް ޔާމީން ކުޅިބައްލަވަން ހުންނެވުމެވެ.

ޑރ. މުއިއްޒުގެ ވެރިކަމެއްގައި އިންޑިއާ ސިފައިން ބޭލުމާއި، ޗައިނާއާ އަލުން ގުޅުން ބަދަހިކުރުމާއި، ގެއްލުނު މަސްކަނޑު އަލުން ހޯދުމާއި އިންޑިއާއާ އެކު އާ މިސްރާބަކަށް ގުޅުން ބަދަހިކުރުމާއި، މެދުއިރުމަތިން ސައުދީ އާއި ޤަތަރު ފަދަ ޤައުމުތަކާ ގުޅުން ބަދަހިކުރުމާއި، ބޮޑެތި މެގަ އިންވެސްޓްމެންޓްތައް ގެނެސް، ދައުލަތުގެ ދަރަނި ރީސްޓްރަކްޗާރ ކުރުމާއި، ދަރަނި ދައްކައި، އަރަނިކޮށް، އެސް.އޯ.އީތައް ދަރަނިން ސަލާމަތްކޮށް، ކޮޅަށް ޖެހުން ފަދަ ހުރިހާ ކަމެއްގައި ރައީސް ޔާމީނުގެ ތަޖުރިބާ އާއި ލަފާ ޑރ. މުއިއްޒަށް ވަރަށް ބޭނުންތެރިވާނެއެވެ. މުހިއްމު ވާނެއެވެ. ނަމަވެސް ކެބިނެޓް އެކުލަވާލައްވައި، މަޤާމްތަކަށް މީހުން ލައްވައި، ވެރިކަން ކުރެއްވުމުގެ ފުރިހަމަ ބާރާއި އިޚުތިޔާރު ރައްޔިތުން އަރުވާފައި ވަނީ ޑރ. މުއިއްޒަށެވެ. ރައީސް ޔާމީނަކަށް ނޫނެވެ. މި ހަޤީގަތް ދެ ރައީސުންނަށް ޤަބޫލް ނުކުރެވިއްޖެނަމަ ދެ ބޭފުޅުންގެ، ނުވަތަ ދެ ރައީސުންގެ މެދުގައި ދާދި އަވަހަށް މައްސަލަ ޖެހި، ދެބަސްވެ، އެންމެ ފަހުން ނަޝީދު ފަދަ އިދިކޮޅު ފަރާތްތަކާ ރައީސް ޔާމީނު ގުޅިވަޑައިގެން، 2028 ވަނަ އަހަރު، ނުވަތަ އޭގެ ކުރިން ވެސް، ރައީސް ޑރ. މުއިއްޒުގެ ވެރިކަން ނިމުމަކަށް ގެންނަވަން ރައީސް ޔާމީނު ނިކުމެވަޑައިގަންނަވައި، ޤައުމު ހަލަބޮލިވެގެން ދާނެއެވެ.

ކުރިން ވެސް ދެންނެވި ފަދައިން، ކުރިއަށް އޮތް ފަސް އަހަރަށް ޤައުމު ހިންގަން ރައްޔިތުން ވެރިއަކަށް ހޮވީ ރައީސް ޔާމީނެއް ނޫނެވެ. ރައްޔިތުން ވޯޓު ދީގެން ހޮވީ ޑރ. މުއިއްޒެވެ. އެހެންވެ ރައްޔިތުން ޑރ. މުއިއްޒާ ހަވާލުކުރި މަސްއޫލިއްޔަތު ނުވަތަ މަސައްކަތް ފުރިހަމަ ކުރަން އެމަނިކުފާނަށް ފަސް އަހަރުގެ ފުރިހަމަ ދައުރެއް ލިބިވަޑައިގަންނަވަން ޖެހެއެވެ. ޑރ. މުއިއްޒަށާއި ސާޖިދާ އަށް ލިބިވަޑައިގަތް ރައީސްކަމާއި ފަސްޓް ލޭޑީކަމާ މެދު ރައީސް ޔާމީނާއި މެޑަމް ފާތުން ހަސަދަވެރިވެވަޑައިގެން ޤައުމު ހަލަބޮލި ކޮށްލައްވައި، ޑރ. މުއިއްޒުގެ ވެރިކަމަށް ދަތި ކުރެއްވުމުގެ ފުރުސަތު ދެވިގެން ނުވާނެއެވެ.

ރައީސް ސޯލިހަށް ވެރިކަން ލިބިވަޑައިގަތުމުން ރައީސް ނަޝީދު އުޅުއްވި ގޮތަށް ރައީސް ޔާމީން އުޅުއްވައިފި ނަމަ ރައީސް ޔާމީނުގެ ސިޔާސީ ލެގަސީ ހަރާބުވެ، ރައްޔިތުންގެ އިހްތިރާމް ގެއްލިގެންދާނެކަން ޔަޤީނެވެ. ރައީސް މައުމޫނާއި ރައީސް ނަޝީދަށް ވެސް ވީފަދައިންނެވެ. އެހެންވެ ރައީސް ޔާމީނާއި ރައީސް ޑރ. މުއިއްޒަށް ވެސް އެންމެ ފައިދާ ބޮޑު ގޮތަކަށް ވާނީ ދެ ބޭފުޅުން ގުޅިވަޑައިގެން އެކުގައި މަސައްކަތް ކުރެއްވުމެވެ.

ރައީސް ޑރ. މުއިއްޒުގެ ވެރިކަމަށް ރައީސް ޔާމީނުގެ ހިޔަނި އެޅި، ދަތިތައް ކުރިމަތިވެއްޖެ ނަމަ އެކަމުގެ ގެއްލުން އެންމެ ބޮޑަށް ލިބޭނީ ދިވެހި ޤައުމަށާއި ރައްޔިތުންނަށެވެ. ރައްޔިތުން ނުހަނު ބޮޑު ޤުރުބާނީއެއްވެގެން 2023 ގައި ގެނައި ވެރިކަން ރޫޅާލައްވައި، ޤައުމު ހަމަޔަކަށް އެޅުވުމުގެ ބަދަލުގައި ރައީސް ޑރ. މުއިއްޒާއި ރައީސް ޔާމީނު ސިޔާސީ ގޮތުން ދެބަސްވެވަޑައިގެން، ސިޔާސީ ޑްރާމާ ކުޅުއްވުމުގައި ފަސް އަހަރު ހޭދަކުރައްވައިފި ނަމަ ޤައުމު އޮންނާނީ ދަރަނިވެރިވެ އިނދަޖެހިފައެވެ. އެއީ ދިވެހި ރާއްޖެއާ އަދާވާތްތެރި ޤައުމުތަކުން ވާން އެދޭނެ ގޮތްވެސް މެއެވެ. އެހެން އެކަން ވުމަށް ފުރުސަތު ނުދެއްވައި ރައީސް ޑރ. މުއިއްޒާއި ރައީސް ޔާމީން ގުޅިވަޑައިގެން، އެކުގައި މަސައްކަތް ކުރެއްވުމަކީ ދިވެހި ޤައުމަށާއި، ރައްޔިތުންނަށާއި، އަދި ޚުދު އެ ދެ ރައީސުންނަށް ވެސް އެންމެ ފައިދާ ހުރި ގޮތްކަމުގައި ވާނެއެވެ. އަޅުގަނޑުމެން މިތިބީ "ދެ ރައީސުން"ގެ ސިޔާސީ ޑްރާމާގެ އެޕިސޯޑް-3 ބަލާށެވެ. ވަރަށް ކައިރިންނެވެ. ކުލަ ސްކްރީނަކުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
51

2 Responses

  1. ނޫސްކިޔާތާ 20 އަހަރު ވެއްޖެ މިއަށްވުރެ ވަކި ފުރިހަމަ ތެދު ލިޔުމެއް ނުކިޔަން

  2. ސަންފަތްތަ
    ދެ ރައީސުން މިކަމާއިމެދު ވިސްނުންފުޅު ބެހެއްޓެވުން އަޅުގަނޑު އެދެން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *