ދިވެހި ގައުމިއްޔަތު ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދެއްވާނެކަމަށާއި ދިވެހިބަހަށް އިސްކަންދެއްވާނެ ކަމަށް ރައީސް މުންތަޚަބު ޑރ. މުޙަންމަދު މުޢިއްޒު އެ މަނިކުފާނުގެ ރިޔާސީ ކެންޕޭނުގައި ވަޢުދުވެވަޑައިގަތުމުން އެންމެ އުފާކުރި މުއައްސަސާއަކީ ދިވެހިބަހުގެ އެކެޑަމީއެވެ. އެހެންކަމުން އެ މަނިކުފާނު ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިޚާބުވެވަޑައިގަތުމާއެކު އެންމެ އަވަހަށް ތަހުނިޔާ ދެންނެވި އެއް މުއައްސަސާއަކީ ވެސް ދިވެހިބަހުގެ އެކެޑަމީއެވެ.
އެ ވިދާރާގެ ރަސްމީ އެކްސް އެކައުންޓްގައި އާންމުކުރި މެސެޖެއްގައި ބަޔާންކޮށްފައިވެއެވެ. "ދިވެހިރާއްޖޭގެ އިންތިޚާބީ ރައީސް ޑރ. މުޙަންމަދު މުޢިއްޒަށާއި ނާއިބު ރައީސް ހުސައިން މުޙަންމަދު ލަޠީފަށް ދިވެހިބަހުގެ އެކެޑަމީގެ ފަރާތުން ތަހުނިޔާއާއި މަރުޙަބާ ދަންނަވަމެވެ."
ދިވެހިބަހުގެ އެކެޑަމީއަކީ ދިވެހިބަހަށް ޚިދުމަތްކުރުމަށް ޓަކައި ދިވެހިރާއްޖޭގައި މިހާރު ހުރި އެންމެ އިސް ވިދާރާއެވެ. އެ ވިދާރާގެ މަސައްކަތްތައްކުރުމުގައި ވަރަށް ގިނަ ދަތިތަކަކާ ކުރިމަތިވެފައިވާކަމަށް އެކެޑަމީގެ ރައީސް ޑރ. އަޝްރަފު ޢަބްދުއްރަޙީމް އެތައް މަގާމެއްގައި ވަނީ ވިދާޅުވެފައެވެ.
ދިވެހި ޤައުމިއްޔަތަށް އިސްކަން ދިނުމަށް ޓަކައި ކުރާންޖެހޭ އެންމެ މުހިންމު މަސައްކަތަކީ ދިވެހި ތާރީޚާއި ސަގާފަތާއި އާދަކާދައާއި އިޖުތިމާޢީ ޢިލްމު ފަދަ މާއްދާތައް ދިވެހިބަހުން ކިޔަވައިދޭނެ ގޮތް ހަމަޖެއްސުމެވެ. އަދި ފަށާ ތަޢުލީމުގެ މަރުޙަލާގައި ދިވެހިބަހުން ކިޔަވައިދެވޭނެ އުޞޫލެއް ހަމަޖެއްސުމެވެ. މި ކަމަށް ވެސް ދިވެހިބަހުގެ އެކެޑަމީއިން ވަނީ އަޑު އުފުއްލައިފައެވެ. އަދި އަދަބީ އެކި ޙަރަކާތްތައް ބޭއްވުމަށް ދިވެހި ބަހުގެ އެކެޑަމީއަށް އެންމެ ބޮޑަށް ދަތިވާ، އެކަށީގެންވާ މާލަމެއްގެ މައްސަލަ ޙައްލުވުމަކީ ވެސް ދިވެހި ގައުމިއްޔަތަށް އިސްކަންދޭ ނަމަ ކުރާންޖެހޭ ކަންކަމެވެ.
މީގެ އިތުރަށް ތަޢުލީމާ ބެހޭ ވުޒާރާއާއި ކޮލިފިކޭޝަން އޮތޯރިޓީއާއި އަދި (އުފައްދަވާ ނަމަ) ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ އިސްވެރީންނަށް ވެސް ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ ބޭފުޅުން އިސްކުރުމަކީ ދިވެހި ޤައުމިއްޔަތު އާލާޚުރުމަށް ޓަކައި ލާޒިމުކަމެކެވެ.



advertisment
One Response
Bas commitee ah ves Ashraf gennevee ekahala heyo badhaleh dheththoa