އެމްޑީޕީ އުފެއްދުމުގައި 40 ވަނައަށް ސޮއިކުރިކަމަށް ބުނާ މީހާ ޕީޕީއެމަށް ރޭ ސޮއިކޮށްފިއެވެ.
"ރަށް ގުޑުވާލި" ނަމުގައި ލ. މާވަށުގައި ރޭ ބޭއްވި ފޯރި ގަދަ ކެންޕޭނު ޖަލްސާއެއްގައި، މަޝްހޫރު ހަޅަގޭ ޢަބްދުﷲ ޕީޕީއެމްގެ ލަޝްކަރާ ގުޅުމުގެ ކުރީން އޭނާއަކީ އެމްޑީޕީއަށާއި ރައީސް މުޙަންމަދު ނަޝީދަށް ވަރަށް ބޮޑަށް ތާއީދުކުރި، ވަފާތެރި އެކްޓިވިސްޓެކެވެ.
އަބްދުﷲއާ އެކު އެމްޑީޕީގެ ގިނަ ބަޔަކު ރޭ ޕީޕީއެމަށް ސޮއިކުރިއެވެ. މި މީހުން ޕީޕީއެމަށް ސޮއިކުރުމަށް ފަހު ފޯމުތަކާ ހަވާލުވެވަޑައިގަތީ ޕީޕީއެމް މާވަށު ދާއިރާގެ ރައީސް އަޙުމަދު މޫސާއެވެ.

އާބާދީގައި 2,200 މީހުން ހިމެނޭ މާވަށަކީ އަބަދު ވެސް ޕީޕީއެމަށް އަޣުލަބިއްޔަތު އޮންނަ ރަށެކެވެ. އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރާއި މާވަށު ކައުންސިލްގެ ރައީސާއި ހުރިހާ މެންބަރުންނަކީ ވެސް ޕީޕީއެމްގެ މެންބަރުންނެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ހުރިހާ މެންބަރުންނަކީ ވެސް ޕީޕީއެމަށް ނިސްބަތްވާ މީހުންނެވެ.
އެމްޑީޕީގެ ގިނަ މެންބަރުންތަކެއް ރޭ ޕީޕީއެމަށް ސޮއިކުރުމާއެކު، މާވަށު ކައުންސިލްގެ ރައީސް އަދި ޕީޕީއެމްގެ މާވަށު ދާއިރާގެ ރައީސް އަޙުމަދު މޫސާ ވިދާޅުވީ މާވަށު އެމްޑީޕީ ރޫޅިއްޖެ ކަމަށެވެ.
"އަދި އިތުރަށް ވެސް ގިނަ މެންބަރުންތަކެއް ޕީޕީއެމާ ދާދި އަވަހަށް ގުޅޭނެ،" ޕީ.ޕީއެމްގެ ރައީސް އަބްދުﷲ ޔާމީނަށް ވަރަށް ވަފާތެރި އެކްޓިވިސްޓެއް ކަމަށްވާ އަޙުމަދު މޫސާ ވިދާޅުވިއެވެ.

މި މަހު ނުވައެއްގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޕީ.ޕީ.އެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް މާވަށުން ބޮޑު އަޣުލަބިއްޔަތެއް ހޯދައިފައިވާއިރު، މާވަށުގެ ޕީޕީއެމް ސަޕޯޓަރުން ބުނަނީ މި މަހު 30ގައި ބާއްވާ ދެވަނަ ބުރުގައި "އަދި އެއަށްވުރެ ވެސް ބޮޑު އަޣުލަބިއްޔަތެއް ހޯދުމަށް ކެނޑިނޭޅި މަސައްކަތްކުރަމުން ގެންދާ" ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޑރ. މުއިއްޒާ ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހަންމަދު ޞާލިހުގެ ކެންޕޭނުގައި އެ ރަށުން ޙަރަކާތްތެރިވަނީ ހަމައެކަނި ފެނަކައިގެ މުވައްޒިފުން ކަމަށް މާވަށުން މައުލޫމާތު ލިބެއެވެ. މި ކެންޕޭނަށްޓަކައި ގިނަ ބަޔަކަށް ވަގުތީ ވަޒީފާ ވަނީ ދީފައެވެ. ނަމަވެސް އެ ވަޒީފާތަކުގެ ސަބަބުން އެމްޑީޕީ ވަރުގަދަވުމުގެ ބަދަލުގައި ނުތަނަވަސްކަން އުފެދި އެމްޑީޕީ މާވަށު ގޮފި ވަނީ ބައިބައިވެފައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.



advertisment