Support Us

ވާހަކަ: ތަގުދީރު – އެޕިސޯޑު 1

ވިލާ ރޮއްޖެއްވެސް ނެތް ސާފު އުޑުގައި މަޑު އޮރެންޖު ކުލައިގެ އިރު މަޑުމަޑުން ރަތްކުލައަށް ބަދަލުވަމުން ދިޔައެވެ. މިނިޓުކޮޅެއް ތެރޭގައި ރަތްބޯޅައެއްހެން ފެންނަން ހުރި އިރު އުދަރެހާ ނިވާވެ ސަނދުގެ ފުރިހަމަ ސަނދުވަރުގެ ރިހިއަލިން ޖައްވުގައި ރަސްކަންކުރަން ފަށައިފިއެވެ. މަތީގައި ހޯރައަޅަމުން ދިޔަ ދޫނިތައް އޭގެ ހާއްޔަށް ދަތުރުކޮށްފިއެވެ. ހިމުން ހުދު ދޮންވެލިގަނޑުގައި ހޮރުހަދައިގެން ތިބި ކިރުކަކުނިތައް ހޭލަމޭލަ ވަމުން ދިޔައެވެ.

ރާޅުޖަހާ ހިސާބާއި މާދުރުނޫން ސަރަހަހައްދެއްގައި ހުރި ކުނި ގޮޑެއްގައި ހޮވާކަމުންދިޔަ ކާޅުތައްވެސް އޭގެ ގޮވެއްޗަށް ހިނގައްޖެއެވެ. ދާވެގެން ތަތްތެޅިފައިވާ ހެދުމެއްގައި ހުރި ދެވަން ފުރައިގެން އަންހެނެއް ކުނިގޮނޑު ހާވަމުން ދިޔައެވެ. އޭނާގެ ގައިން ދުވާ ނުބައިވަހުން އެތާތިބި ކުޑަ ދެކުދިން ނޭފަތުގައި އަތްއެޅިއެވެ. ތަންކޮޅެއް ދުރުން އައި ލާނެއްފުރައިގެ ދެ ފިރިހެން ކުދިން އެ އަންހެން މީހާ ދިމާއަށް "އޭ ބޮޑު މޮޔަ" އޭ ބުނެ ހެމުން ގާބުރިއެއް އެއްލިއެވެ. އެ ގާބުރި އެ މީހާގެ ބޮލުގައި ޖެހުމާއެކު ހޯސްލާފައި ލޭ އަންނަމުން ދިޔައެވެ. ދުރުގައި ޅަދަރިން ގޮވައިގެން ތިބި އަންހެންވެރީން އޭނާއަށް އެހީތެރި ވުމުގެ ބަދަލުގައި އެމީހުންގެ ދަރީން ގޮވައިގެން ގެއަށް ދިއުމަށް އަވަސްވެގަތެވެ. އެއްވެސް މީހަކު އެ އަންހެން މީހާއަށް އެހީތެރިވާކަށް ނާދެއެވެ. އެކަކަށްވެސް އޭނާ ނުފެން ނަފަދައެވެ. ހާމުންޑިއެއްހެން ބޮލުގެ އިސްތަށިގަނޑު ހާވާލާފައިވާ އެމީހާގެ މޫނުމަތީން މާޔޫސްކަމާއި ހިތާމައިގެ އަސަރެއް ނުފެނެވެ. އަދި ލޭ އަންނަމުންދާ ބޮލުގައި އަތް އަޅައިގެން ހުރެ މޫދާ ދިމާއަށް ދިޔައެވެ. ހިމޭން ރޭގަނޑަކަށް ދުނިޔެ މަރުޙަބާ ކިޔަމުން ދިޔައިރު އެ އަންހެންމީހާއަށް ދުނިޔެއަށް މި ދައްކަމުންދާ ކުލަތަކެއް ނޭނގޭ ކަހަލައެވެ.

އައްސޭރިފަށުގައި އެލުވާފައި އިން އުނދޯއްޔެއްގައި މިހުރިހާ މަންޒަރެއް ބަލަން ޝާން އިނީ ހިތާމައިގެ ގިނިން އަނދަމުންދާ އޭނާގެ ހިތަށް މި ރީތި މަންޒަރުން އުފަލެއް ލިބޭތޯއެވެ. ނަމަވެސް އެ އަންހެން މީހާ ފެންނަ ކޮންމެ ފަހަރަކު އޭނާގެ ހިތުގެ އުދާސްތައް އިތުރުވެގެން ދެއެވެ.

"އެހާ ދުވަސްކޮށްފައި ވިޔަސް ޝާނުގެ ދޮންބެ ވާހަކަ އަހަރެންނަށް ލިޔަން ހުއްދަދިނީތީ ވަރަށް އުފާކުރަން. އެއީ މިރަށުގެ ގިނަބަޔަކު އުފާވާނޭ ކަމެއްކަން ޔަޤީން." އަނެއް އުނދޯލީގައި އިން ޝާނާ ބުންޏެވެ. ޝާނާއަކީ ލިޔުންތެރިއެކެވެ. މީހުންނަށް ދިމާވެފައިވާ އާދަޔާ ޚިލާފް ވާހަކަ ލިޔުމަކީ އޭނާ ވަރަށް ޝައުގުވެރިކަމާއެކު ކުރަމުން އަންނަ މަސައްކަތެކެވެ.

"އަހަރެންގެ ލޮލުގެ ކުރިމަތީގައި އަހަރެން އެންމެ ލޯބިވާ ދޮންބެގެ ހަޔާތުގެ ސަފްޙާތައް ކިޔައިދެވޭތޯ ބަލާނަން. އަހަރެން މިވާހަކަ މި ކިޔައިދެނީ ދޮންބެ އަހަރެންނަށް މިވާހަކަ ކިޔައިދިން ގޮތަށް." ޝާނު ދޮންބެގެ ވާހަކަ ފެށިއެވެ.

*****

އަހަރެންގެ ބޮލުގައި ރިއްސާތާ ދުވަސްކޮޅެއް ވެއްޖެއެވެ. މައިންބަފައިން އެކަން މާބޮޑު ކަމަކަށް ހަދާފާނެތީ އަހަރެން އެވާހަކަ ސިއްރުކޮށްގެން އުޅުނީމެވެ. އަހަރެންގެ މައިންބަފައިންނަކީ ތަނަވަސް އާއިލާއަކުން އައިސްފައިވާ މުއްސަނދިބައެކެވެ. ދިރިއުޅުމަކީ އަހަރެންނަށް ނުހަނު ގިނަ ނިޢުމަތްތަކެއް ލިބިފައިވާ އުފާވެރި ދިރިއުޅުމެކެވެ.  އަހަރެންނަކީ ސްކޫލުގައި ވަރަށް ހަރުދަނާ އަދި ކަންކަމަށް އިސްނަގާ ސުކޫލުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވެ އުޅޭ ކުއްޖަކީމެވެ.  ސްކޫލްގެ މަޤާމަކަށް ކުރިމަތި ލައިފިނަމަ ވޯޓަކުން ހޮވޭނީ އަހަރެންނެވެ. ކުދިންގެ ސަޕޯޓް އަހަރެންނަށް ވަރަށް ބޮޑަށް އޮވެއެވެ. މުދައްރިސުންގެ ލޯތްބާއި ބެލެނިވެރިންގެ ތައުރީފް އަހަންނަށް އިންތިހާއަށް ލިބިފައިވެއެވެ. ފަސްވަގުތަށް މިސްކިތަށް އަރާތީ ރަށުގެ މުސްކުޅިން އަހަރެންދެކެ ވަރަށް ލޯބިވެއެވެ.

ރިފާއަކީ މުޅި އަތޮޅުގައި ވެސް ރީތިކަމަށް މަޝްހޫރު ރާނީއެކެވެ. ކަޅު ކަޅިރަވައާއި ބޮޑު ދެލޮލުގެ އިތުރުން ދިގު އިސްތަށިގަނޑަކީ ކޮންމެމީހަކުވެސް ދައްކާ ވާހަކައެކެވެ. ލޫޅާފަތި ހަށިގަނޑާއި އޮޅަލި ކުލައަކީ އޭނާގެ ޚާއްސަ ރީތިކަމެވެ. އޭނާގެ ރަހްމަތްތެރިކަން ހުރިހާ ކުދިންވެސް ބޭނުންވެއެވެ. ރަށުގެ ގަދަރުވެރި މުއްސަނދި އާއިލާއެއްގެ ހުރި އެންމެ ހަގު ކުއްޖާ ކަމަށްވާތީ އޭނާއަށް ބޭނުންވާ ކޮންމެ އެއްޗެއް ލިބިފައިވެއެވެ. އަހަރެމެންގެ ގެ ހުންނަނީ ރިފާމެންގެޔާއި ނުހަނު ކައިރީގައި ކަމުން ސްކޫލަށް ދަނީ އެއްކޮންނެވެ. އަދި އިތުރު ހަރަކާތްތަކަށްވެސް ގޮސް އުޅެނީވެސް އެކުގައެވެ.

ހުޅަނގު މޫސުމުގެ ވިއްސާރަ ބަނަ ދުވަހެކެވެ. ދަންވަރު ވެހެންފެށި ވާރޭ ހަވީރުވީއިރުވެސް ހުއްޓާނުލައެވެ. މޫސުމުގެ ފިނިކަމުން ހަށިގަނޑަށް ލިބިފައިވަނީ ލޮޑުކަމެވެ. މުޅިގައިގާ ރަޖާގަނޑު އަޅާލައިގެން ނިދަން އޮތީމެވެ. ނިދާނިދާވެސް ނިދި ފިލާގޮތެއް ނުވިއެވެ. އާދަޔާ ޚިލާފު ކަންނެތްކަމަކާއި ވަރުބަލި ކަމަކުން ނިދަމުން ދިޔައީމެވެ. ކޮޓަރީގައި ވަނީ ފަނޑު އަނދިރިކަމެކެވެ. ވާރޭގެ ހިތްގައިމު އަޑުން ކޮޓަރީގައި ވަނީ އާދަޔާ ޚިލާފް އަރާމުކަމެކެވެ. ފާރުގައި ހުރި ކުޑަ ޖާލީގަނޑުން ދުވަހަކުވެސް ނުދެކޭ ވަރުގެ ބޮޑު ނަންނުގައްޗެއް ފައިބަނީއެވެ. ދިހުންކުލަ އަރާ އެބޮޑު ނަންނުގަތި އަނގަ ހުޅުވާފައި އަންނައިރު ހީވަނީ ބޮޑު ހަރުފައެއް އަންނަހެންނެވެ. އޭތީގެ ނުރައްކަލުން ސަލާމަތްވެވޭތޯ ދުއްވައިގަންނަން އުޅުނީމެވެ. އަޑުނެތްކޮޅަށް މަންމައަށް ގޮވަމުން ދިޔައީމެވެ. ނަމަވެސް އޭތީގެ ބޮޑުއަނގަ ކުރިއަށްވުރެވެސް ބޮޑަށް ހުޅުވާލާ  ކުއްލިއަކަށް އަހަރެންގެ ފައިގައި ހިފައިފިއެވެ.

"މަންމާ" އަހަރެންނަށް ހަޅޭއްލަވައި ގަނެވުނެވެ.

"ސާބަސް، މަންމައަށް އެހާ ބާރަށް ނުގޮވާ." ފައިގައި ހިފައިގެން އަހަރެންނަށް ގޮވަމުން ދިޔަ ރިފާ ބުންޏެވެ.

"ހާދަ ބިރުވެރި ހުވަފެނެކޭ ފެނުނީ"

"ދުވާލު އެހާ ގިނައިން ނިދަންޏާ ތިކަހަލަ ވަސްވާސްދޭ ހުވަފެން ފެންނާނެ. ހިނގާބަލަ ހިނގާލަންދާން." ރިފާ އެދުނެވެ.

"މި ވާރޭ ތެރޭގަ؟" އަހަރެން ދާހިތެއް ނުވިއެވެ.

"ދެން ހިނގާބަލަ. ވާރެޔާ ތެމުނީމަ ވަރަށް މަޖާވާނެ. ސަޕްރައިޒެއްވެސް އެބައޮތް. ދެން އަވަސްކުރޭ." ރިފާ އާދޭސް ކުރަމުން ދިޔައެވެ.

އަހަރެން ފާޚާނާއަށް ވަދެ މޫނު ދޮވެލާ ހަދާ ތައްޔާރުވެލީމެވެ. ދެން ރިފާއާއެކު ހިނގާލަން ނިކުތީމެވެ. އޭރުވެސް ވާރޭގެ ކަނި ޖަހައެވެ. މަގުތަކުން އެންމެ މީހެއްވެސް ނުފެނެއެވެ. ކުއްލިއަކަށް ވަރަށް ބޯކޮށް ވާރޭވެހެން ފަށައިފިއެވެ. ރިފާ އަހަރެންގެ އަތުގައި ހިފާ ދުއްވައިގަތެވެ. އަޑުގެ ނެތްތަނަށް ހެމުން ހަޅޭއްލަވަމުންނެވެ. އަހަރެންނަށްވެސް ރިފާގެ މި މަޖާ މިޒާޖު ވަރަށް ކަމުދިޔައެވެ. އޭނާއާއެކު ދުވަމުން އަތިރިމައްޗަށް ނިކުތްއިރު އާދަޔާ ޚިލާފު އުފަލެއް ލިބިފައިވެއެވެ. ކުއްލިއަކަށް ރިފާ ބިންމައްޗަށް ވެއްޓިއްޖެއެވެ. އުޑުތިލަމަތިން ވެއްޓިފައި އޮތް ރިފާގެ ގައިމައްޗައް އަހަރެން ވެއްޓުނެވެ. ކުއްލިއަކަށް ރިފާ އަހަރެންގެ ކަރުގައި ދެއަތުން ހިފާލިއެވެ.

"އަހަރެން ބުނި ސަޕްރައިޒަކީ… އައި ލަވް ޔޫ" ރިފާ މަޑުމަޑުން ބުނެލިއެވެ.

"މީހަކަށް ފެނިދާނެ" އަހަރެން ތެދުވަން އުޅުނީމެވެ.

ރިފާ އަހަރެންގެ ގައިގާއި ބާރަށް ހިފަހައްޓާލިއެވެ. އަހަރެންނަށް ހީވީ ވަރުގަދަ ތޫފާނެއްގެ އޮއިވަރު ހަށިގަނޑުގައި ހިނގައިގެންހެންނެވެ. ބޯކޮށް ވެހެމުން ދިޔަ ވާރޭގެ ތިކިތަކުން ރިފާގެ ރީތި މޫނުން އަހަރެންނަށް އާދަޔާ ޚިލާފް އަސަރެއް ކުރުވިއެވެ. އަހަރެން އަވަސް އަވަހަށް ތެދުވެ ގެއާދިމާއަށް ހިނގައިގަތީމެވެ. އަހަރެންގެ ޢަމަލުތަކާއިމެދު އެއްވެސް މީހަކު ސުވާލު އުފައްދަފާނެތީ އަހަރެން ކަންބޮޑުވެއެވެ.

އޭގެ ފަހުން ރިފާ މާގިނައިން އަހަރެންގެ ގެއަށް އާދެއެވެ. އަހަރެން މާބޮޑަކަށް އަޅައެއް ނުލަމެވެ. ރިފާ ތަކުރާރުކޮށް އަހަރެންދެކެ ވަރަށް ލޯބިވާކަމަށް ބުނަމުން ދިޔައެވެ. އަހަރެން ނުލިބިއްޖެ ނަމަ ދުވަހަކުވެސް މީހަކާ ނީންނާނަމޭ ބުނެއެވެ. އެކިގޮތްގޮތުން އަހަރެންގެ ގާތްކަން ހޯދަން މަސައްކަތް ކުރާކަން އެނގެއެވެ. އަހަރެން މަޖަލަކަށް ހަދާފައި އެކަން އެގޮތަށް ނުވާނެކަމަށް ބުނަމެވެ.

އެއްދުވަހު ރިފާ ދިން ދައުވަތު ކާޑެއް މަންމަ ދިއްކޮށްލިއެވެ. އޭގައި ވަރަށްބޮޑަށް ރިފާ އާދޭސްކޮށް ފައިވަނީ  އޭނާގެ ޕާޓީއަށް ދިއުމަށެވެ.  އެއީ އޭނާގެ ސަތާރަވަނަ އުފަންދުވަސް ފާހަގަ ކުރާ ޕާޓީކަމަށް ވުމުން ކުލާސް ކުދިންވެސް ދާނެތީއެވެ. ހީކުރި ގޮތާއި ޚިލާފަށް ކުލާސް އެއްވެސް ކުއްޖެއް ނުދެއެވެ. ދައުވަތު ލިބުނީ ހަމައެކަނި އަހަންނަށެވެ.

"ޝާމް ކީއްވެތަ އަހަރެން މިވަރަށް އާދޭސްކުރާއިރުވެސް އެއްބަސްނުވަނީ؟ އަހަރެންނަށް އެނގޭ ޝާމް އަހަރެންދެކެ ލޯބިވާކަން،" ރިފާ ބުންޏެވެ. އޭނާގެ މޫނުމަތީގައި ވަނީ ހިތާމައިގެ އަސަރެވެ.

"އަދި އަހަރެމެން ސްކޫލްވެސް ނުނިމެއެއްނު." އަހަރެން ބަހަނާއެއް ދެއްކޭތޯ ބެލީމެވެ.

"ބަލާބަލަ އެހެންކުދިންވެސް އުޅޭގޮތް، އެމީހުންވެސް ސްކޫލް ނުނިމެޔޭ." ރިފާގެ ލޮލުން ކަރުނަ އައެވެ. އެވަގުތު އަހަރެންނަށް ބުނެދޭން ނޭނގޭކަހަލަ އަސަރެއްކުރިއެވެ. ރިފާ ރޯތަން ބަލާކަށް އަހަރެންނަކަށް ކެތެއް ނުވިއެވެ.

"ކުޑަކުއްޖެއްހެން ނުރޮއިބަލަ. ތި ރީތި ލޯ ހަޑިވެދާނެ" އަހަރެން ރިފާގެ ލޯތްބަށް އެއްބަސްވީމެވެ. އެރޭ ރަސްމީ ގޮތުން މިގުޅުމަށް ލޯބިވެރިންގެ ނަން ދިނީމެވެ.

"އަން. މީ އަހަރެންގެ ހަނދާނެއް ކަމަށް ބަލާ. އަހަރެންގެ ފުރަތަމަ ހަދިޔާ ޤަބޫލު ކުރޭ" ރިފާ އަހަރެންނަށް ޕާރުސަލެއް ދިނެވެ.

"އުފަންދުވަހުގެ ހަދިޔާ މި ލިބުނީ އުފަންދުވަސް ފާހަގަކުރާ މީހާއަކަށް ނޫން. ލާރިއެއް ލިބުނީމަ ހަދިޔާއެއް ދޭނަން" އަހަރެން ބުނީމެވެ.

"ދެން ކަނޑާލަބަލަ" ރިފާ ބުންޏެވެ.

އަހަރެން އެ ޕާރުސަލް ކަނޑާލީމެވެ. މީރުވަސް ދުވާ ސެންޓު ފުޅިއަކާއި ބިއްލޫރިން ހަދާފައިއިން ދެ ދޫނި ހިމެނޭ ވަރަށް ރީތި އެއްޗެކެވެ. ރިފާ ކަހަލަ ރީތި މަޝްހޫރު ކުއްޖެއް ލިބުމަކީ އަހަރެންނަށް ލިބުނު ފަޚުރަކާއި ނަސީބެއްކަމަށް ދެކުނީމެވެ. އެރޭ އަހަރެމެން ދެމީހުން ވަރަށް ގިނަވަގުތު ހޭދަކުރީމެވެ. ހީނ ސަކަރާތްޖަހާ ހެދީމެވެ. އެކަކު އަނެކަކެއްގެ ޚިޔާލުތަކާއި އެކިއެކި ކަންކަމުގައި ހުރި ވިސްނުންތައް ދެނަގަތުމަށް ލިބުނު ރަނުގެ ފުރުސަތަކަށްވިއެވެ.

ފެށުނު ހަފްތާ ސްކޫލުގެ ގޯތިތެރެ ހޭލަމޭލެފައިވަނީ އަހަރީ ދުވަހުގެ ތައްޔާރީ ތަކަށެވެ. އެއްބަޔަކު ސްޓޭޖް ތައްޔާރު ކުރަމުންދިޔައިރު އަނެއްބަޔަކު ހޯލް ރީތި ކުރަނީއެވެ. އެކިކުދިންނަށް އެކި މަސައްކަތްތައް ވަނީ ބަހާލާފައެވެ. އަހަންނަކީ ސްކޫލްގެ ކެޕްޓަން ކަމުން ހުރިހާމަސައްކަތެއް ބެލެހެއްޓުމުގެ ޒިންމާގެ އިތުރުން ކިޔެވުމުގައިވެސް ވަރަށް ވަގުތު ހޭދަކުރަމުން ދަމެވެ.

މިރޭ އޮންނަ ސްކޫލުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ތައްޔާރު ކުރުމުގައި އަހަރެން އަވަދިނެތި އުޅުނީމެވެ. އަހަރެން އުޅެނީ ގްރޭޑް ބާރައިގައި ކަމުންނާއި ސްކޫލް ކެޕްޓަނަށް ވުމުން އަހަރެންނަށްވެސް ހުރިހާ ޒިންމާއެއް ހަވާލު ކުރެވިފައި އޮތުމުން އެއްވެސް ކަމެއް ނުވެ ފެއިލްވާކަށް ބޭނުމެއް ނޫނެވެ. ހަފްތާ ފެށުނުއިރު އަހަރެން ބޮލުގައި ވަރަށް ބޮޑަށް ރިއްސަމުން ދިޔައެވެ. އެއީ ތަންކޮޅެއް ބުރަކޮށް އުޅޭ ހަފްތާއަކަށް ވާތީ ކަމަށް ނިންމާ އަހަރެން އެއްވެސް މީހެއް ގާތު އެވާހަކައެއް ނުބުނެ ޕެނަޑޯލް ކައިގެން މަސައްކަތުގައި އުޅެމުން ދިޔައީމެވެ.

އަހަރެންގެ ކޮންމެ ކަމެއްގައި ރިފާ ސްކޫލުގަޔާއި ގޭގައި އަހަންނަށް އެހީވަމުން ދިޔައެވެ. ރިފާގެ އޯގާތެރިކަމާއި އެހީތެރިކަން އަހަރެންގެ ބޮލުގެ ރިހުމުގެ އިހުސާސް ކަނޑުވާލައެވެ. އެކުގައި ގިނަވަގުތު ހޭދަކުރަމުން ދިޔަވަރަކަށް ދެމީހުންގެ ވަރަށްގިނަ ކަންކަން އެކަކު އަނެކަކަށް ދަސްވަމުން ދިޔައެވެ.

އަހަރެން ކުލާހުގައި އުޅޭ ނާއިލްއަކީ އަބަދުވެސް ރިފާއަށް މަރުދަންޖެހޭ ކުއްޖެއްކަން ރިފާގެ ފަރާތުން އަހަރެންނަށް އެނގެމުންދެއެވެ. ނަމަވެސް މައްސަލައެއް ޖެހިދާނެތީއާއި ރިފާ އެދޭވަރުން ނާއިލްއާއި ދިމާއަށް އަހަރެން އެއްޗެކޭ ނުބުނަމެވެ. ތަކުރާރުކޮށް ނާއިލް ރިފާގެ ކަންކަމުގައި އެހީތެރިވެ ހަދަމުންދާއިރުވެސް އަހަރެން މާބޮޑަކަށް އަޅައެއް ނުލަމެވެ. ދުވަހުގެ ހުރިހާ ވަގުތެއް ނާހިލް ރިފާގާތުގައި އުޅުނެވެ. ކޮންމެވެސް ސަބަބެއް ހޯދައިގެން ރިފާއާއި ވާހަކަ ދެއްކޭތޯ މަސައްކަތް ކުރެއެވެ. އެމީހުން އެކުގައި ހީނ ސަކަރާތް ޖަހާވެސް ހެދިއެވެ. ކުއްލިއަކަށް ރިފާ ހަޅޭއްލަވައިގެން އަޑަށް އަހަރެން ދުވެފައި އެމީހުން ގާތަށް ދިޔައީމެވެ.

"ޝާމު ބަލާބަލަ. މި ނާހިލް ހީވަނީ މޮޔަވެގެން އުޅޭހެން. އަހަރެންގެ ޕާހަށް މިހުރީ ހުވަނިތަކެއް އަޅާފައި." ރިފާ ރޮމުން ދިޔައެވެ. އޭރު އޭނާގެ ދެއަތާއި މޫނާއި ކަރުދޮށުގައި ފިތްގަނޑު ނަގާފައި ހުއްޓެވެ.  އަތް ހުއްޓާނުލާ އެތަންތަން ކަހަމުން ދާތީ އެ ދޮން މޫނާ ކަނދުރާ ވަނީ ރަތްވެފައެވެ.

"ނާހިލް. ކޮންމެ ކަމެއްގައިވެސް ހައްދެއް އޮންނަން ވާނެ. ސަކަރާތްވެސް ޖަހަންވާނީ އެއިން ގެއްލުމެއް ނުވާގޮތަށް." އަހަރެން ނާހިލް އާއި ދިމާއަށް ވަރަށް ބާރަށް ބުނީމެވެ.

"ޝާމް ކަލޭ ރިފާއާއި ރައްޓެހިވެގެން އުޅޭކަން މަށަށް އެނގޭ. ކަލޭ ހީނުކުރާތި ތިކަން މާގިނަ ދުވަހަކު ދެމި އޮންނާނެޔޭ. އެކަހަލަ ކިތަންމެ ރިފާއެއް އަހަރެމެން ކުރިމަތީ އުޅެފައި ހިނގައްޖެ." ނާހިލް ދިނީ އިންޒާރެއްކަމެއް ނުވަތަ ނޫންކަމެއް އަހަރެންނަކަށް ނޭނގެއެވެ. އަހަރެން އަވަސްވީ ރިފާ ސިއްހީ މަރުކަޒަށް ގެންދެވޭތޯއެވެ.

ސްކޫލްގެ އަހަރީ ދުވަހުގެ ހަރަކާތްތައް ވަރަށް ފުރިހަމައަށް ނިމިގެން ދިޔައެވެ. ޓީޗަރުންނާއި ބެލެނިވެރިންގެ ތަރުހީބާއި ލޯބި އަހަންނަށް އޮހެމުން ދިޔައެވެ. އަހަރީ ދުވަހު އިޢުލާން ކުރެވުނު ކޮންސެޓްގެ ވަރަށްގިނަ ޒިންމާ އަހަރެންނާއި ހަވާލުކުރެވުނެވެ. މިއިން ކޮންމެފަހަރަކު ނާއިލްގެ ނުރުހުމުގެ ބެލުންތަކުން ނާއިލްގެ ނަފުރަތު އަހަންނަށް އޮންނަކަން އިހުސާސްވަމުންދިޔައެވެ.

ކޮންސެޓް ބާއްވާތީ އަހަރެން އުޅުނީ އެކަމުގައި ދަރިވަރުންނަށް އެހީތެރިވުމުގައެވެ. އެދުވަހު ސްކޫލް ހޯލުގެ ފާރު ޒީނަތްތެރި ކުރުމަށްޓަކައި އަހަރެން ގޮޑިއަކަށް އަރައިގެން  އުޅެނިކޮށް މަޑުމަޑުން އަހަރެންގެ ބޮލަށް އެނބުރުން އަރަމުން ދާކަން ފާހަގަ ކުރެވުނެވެ. ދުވަހެއް ދުވަހަކަށް ބޮލުގައި ރިއްސާރިއްސުން ރަނގަޅު ނުވެ އެރިއްސުން އިތުރުވަމުން ދާތީ އަހަރެން ކަންބޮޑުވިއެވެ. ކުއްލިއަކަށް ވަރަށްބޮޑަށް އަހަރެންގެ ބޮލަށް އެނބުރުން އަރާ ކެތްކުރަން ދަތިވާވަރަށް ތަދުވާން ފެށިއެވެ. ދެން ވީގޮތެއް އަހަރެންނަކަށް ނޭނގުނެވެ.

އަހަންނަށް ލޯހުޅުވާލެވުނުއިރު އޮތީ ރަށުގެ ސިއްހީ މަރުކަޒުގައެވެ. މަންމަމެން ބުނާގޮތުން ވިއްޔާ އަހަރެން އަނބުރައިގަތީއެވެ. ރަށުގެ ސިއްހީ މަރުކަޒަކަށް އަހަރެންގެ ބަލީގެ އަސްލެއް ނޭނގުނެވެ. ވީހާވެސް އަވަހަކަށް މާލެ ގެންދިއުމަށް ޑޮކްޓަރު ލަފާދެއްވިއެވެ. ސްކޫލް ކުދިންނާއި މުދައްރިސުން އަހަރެންނަށް ޒިޔާރަތްކޮށް ހިތްވަރު ކުރުމަށް އެދެމުން ދިޔައެވެ. ރިފާ އިރުކޮޅަކަށްވެސް އަހަރެން ގާތުން ދުރަކަށް ނުދެއެވެ. ދެފަރާތު އާއިލާއަށް އަހަރެމެންގެ ގުޅުން އެދުވަހު އެނގުނެވެ. ރިފާގެ ލޮލުން އަންނަމުންދިޔަ ކަރުނައަކީ އަހަރެންގެ ލޯތްބަށްޓަކައި އަންނަމުން ދިޔަ ކަރުނަކަން އެމީހުންނަށް އެނގުނެވެ. އެމީހުން ވަރަށް އުފަލުން އަހަރެމެންގެ ގުޅުމަށް މަރުހަބާ ކިއެވެ. މީ މިރަށުގައި އުފެދުނު އެންމެ ގުޅޭ ޖޯޑުކަމުގައި ބުނަމުން ދިޔައެވެ. އަހަރެން މާލެ ދާންޖެހޭތީ ރިފާ ވަރަށް ރުޔެވެ. އަހަރެން އޭނާއަށް ވަރަށް ހިތްވަރުދީ ނުރޯށޭ ބުނެ އެތައް ނަސޭހަތެއް ދިނީމެވެ.

އާއިލާ މީހުންގެ މަސައްކަތުން ދެ ދުވަސްތެރޭ އަހަރެން މާލެ ގެންދިޔައެވެ. ވަރަށް ގިނަ ޓެސްޓްތައް ހެދުމަށްފަހު ޑޮކްޓަރުން ބުނުއްވީ އަހަރެންގެ ސިކުނޑީގެ މައްސަލައެއް ހުންނަކަމަށެވެ. ވަރަށް އަވަހަށް ރާއްޖޭން ބޭރަށް ދާންޖެހޭ ކަމަށާއި ފަރުވާ އަވަސްކުރުމަށް ނަސޭހަތްތެރިވިއެވެ. ރިފާއަށް އެކަން އެނގުމުން އޭނާ އަހަރެންނާއި ގުޅައިގެން ވަރަށް ގިނައިރު ފޯނުން ވާހަކަ ދެއްކިއެވެ. އޭނާ ހުރީ ވަރަށް ދެރަވެފައެވެ.

މާލޭގައި ހުރި ދުވަސްތައް އަހަންނަށްވީ ވަރަށް ހިތާމަވެރި ދުވަސްތަކަކަށެވެ. ރިފާގެ އޯގާވެރިކަމާއި ގާތްކަން ކިހާ ހިތްހަމަޖެހޭ ހެއްޔެވެ؟ ރަށުގެ ރަހުމަތްތެރިންނާއި އަވައްޓެރިންގެ ލޯބި ލިބިގެން އަހަރެމެން ރަށުގައި އުޅެނީ ކިހާ އެކުވެރި ދިރިއުޅުމެއް ހެއްޔެވެ؟ އިރުއަރާ ވަގުތު އެލިބޭ އުފަލާއި އިރު އޮއްސޭއިރު އެ ފެންނަ ރީތި ކުލަތައް ކިހާ ހިތްގައިމުހެއްޔެވެ؟ ގަދަފެހިކުލައިގެ ގުދުރަތީ ހިމޭން މާހައުލާއި ހަނދުވަރުގެ ރީތި ބަބުޅާ ވިދުން ތަކުން ކިހާ އަޖައިބު އުފަލެއް ލިބޭހެއްޔެވެ؟ ނަމަވެސް މާލޭގެ ކޮންކުރީޓް ޖަންގަލީގައި ބަންދުވެފައި އިންނަން ޖެހުމުން ބަލީގެ ވޭނަށްވުރެ ހިތަށްދޭ ތުރާ މާ ވޭން ގަދައެވެ.

މާލޭގައި މިވީ ކުޑަ ދުވަސްކޮޅުތެރޭ ދޭތެރެ ދޭތެރެއިން އަހަރެން ހޭނެތޭކަން އެނގެއެވެ. އެހެންކަމުން ބަލީގެ ސީރިއަސްކަމުން މަންމައާއި ބައްޕަ އަހަރެން ގޮވައިގެން ވީހާވެސް އަވަހަކަށް އިންޑިޔާއަށް ފުރިއެވެ.  އޭރުވެސް އަހަރެން ދޭތެރެ ދޭތެރެއިން ވާނުވާ ނޭނގި ހޭނެތިފައި އޮވެއެވެ. ހޭއަރާ ފަހަރެއްގައި ވިއްޔާ ނުހަނު ގާތުގައި މަންމަޔާއި ބައްޕަ އިނދެއެވެ. އެމީހުންގެ ކަންބޮޑުވުންތައް ފެންނަ ކޮންމެ ފަހަރަކު އަހަރެން ވަރަށް ދެރަވެއެވެ.

އިންޑިޔާގެ ކިމްސް ހޮސްޕިޓަލުގައި އަހަރެން އެނދުމަތި ކުރިއެވެ. މައިންބައިފައިންގެ މޫނުމަތީން ފެންނަނީ ހިތާމައިގެ އަސަރުތަކެވެ. މަންމަގެ ދެލޯވަނީ ދުޅަވެފައެވެ. މަންމަ އަހަރެންނަށްޓަކައި ނުނިދާ ހުންނަކަމާއި އަބަދު ރޮނީކަމަށް ބައްޕަ ބުނެދެއެވެ. މަންމަ އެހެން ނޫޅުމަށް އަހަރެން ނަސޭހަތް ދެމެވެ. އަނެއްކާވެސް އަހަރެން ހޭނެތިދާނެއެވެ. ޑޮކްޓަރުން ބުނުއްވަނީ އަހަރެންގެ ސިކުނޑީގައި ޓިއުމަރެއް އިންނަ ކަމަށެވެ. ޓިއުމަރު އިނީ އޮޕްރޭޝަން ކުރެވޭ ވަރަށްވުރެ ސިކުނޑީގެ އެތެރޭގައި ކަމަށެވެ. އެހެންކަމުން ރަނގަޅުވުމުގެ އެއްވެސް އުންމީދެއް ނެތްކަމަށް އެމީހުން ފާހަގަ ކުރިއެވެ. އަހަރެންގެ ހަޔާތުގައި ދެ އަހަރުގެ މުއްދަތު ޖަހައިފިއެވެ.

މަންމަ ރޮމުން ދިޔައެވެ. އަހަރެންނަށް އެހީވާންއައި މަންމައަށް އަހަރެންގެ އެހީތެރިކަން ބޭނުންވިއެވެ. މަންމަ މާބޮޑަށް ހިތްދަތިވެ ނުކެވުމުގެ ސަބަބުން ވަރުދެރަވެ އެނދުމަތި ކުރިއެވެ. ބައްޕަގެ ހިތްވަރުން މަންމައަށް ފަރުވާ ކުރަމުންދިޔައެވެ.

އަހަރެންގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަކަހަލައެވެ. އެހެން ކުދިންނެކޭ އެއްފަދައިން ދިރިއުޅުމުގެ ހުވަފެން އަހަރެންވެސް ދުށީމެވެ. ބައްޕަގެ ވިޔަފާރި ކުރިއަރުވާ މުއްސަނދި ވިޔަފާރިވެރިއަކަށް ވާން އަހަރެންވެސް ހިތުލީމެވެ. ރަށުގެ ޒުވާނުންގެ ޖަމުޢިއްޔާގެ ރައީސްކަންކޮށް އުފަންރަށަށް އެތައް ގޮތަކަން ތަރައްގީ ގެންނަށް ޢަޒުމު ކަނޑައެޅީމެވެ. ޤައުމީ ޚިދުމަތުގައި ދެމި ހުރެގެން ޞާލިހް ދަރިންތަކެއް ތަރުބިއްޔަތު ކުރުމުގެ ވިސްނުން އަހަރެންގެވެސް އޮތެވެ. ރިފާއާއިއެކު އުފާވެރި ހަޔާތެއް ހޭދަކުރުމުގެ ހުވަފެން ދެކުނީމެވެ. ނަމަވެސް އިންސާނާކުރާ ތަދުބީރަކީ ތަޤުދީރުގެ ރޭވުންތަކުން ބަލިވާނެ އެއްޗެއްކަން އަހަރެންނަށް ވިސްނުނެވެ. ﷲއަށް ހަމްދުކުރީމެވެ. އެކަލާނގެ މިންވަރުފުޅަށް ރުހުނީމެވެ.

ހަޔާތުގެ އުންމީދު ކަނޑާލާފައިވާތީ ބާކީ ދުވަސްތައް ރަށުގައި ހޭދަކުރުމަށް އަހަރެން ރަށަށް އައީމެވެ. އާއިލާގެ މީހުންނާއި ރަހުމަތްތެރިން އަހަރެންނަށް ޒިޔާރަތްކޮށް ހިތްވަރުދިނެވެ. އެންމެންގެ ލޯބިން އަހަރެންގެ މޫނަށް ހިނިތުންވުން ގެނެސްދިނެވެ. ނަމަވެސް އެވަގުތީ ހިނިތުންވުން ނިމެނީ އަހަރެން އެންމެ ދެކެންބޭނުންވާ ރިފާގެ ޚަބަރެއް ނުވުމުންނެވެ.

ރަށަށް އަިތާ ހަފްތާއެއް ވީއިރުވެސް ރިފާއެއް ނާދެއެވެ. އަހަރެން ހީކުރީ އޭނާ ރަށުގައި ނެތީ ކަމަށެވެ. އޭނާގެ ފޯނަކަށް ނުގުޅެއެވެ. އެންމެފަހުން މަންމަގާތު ބުނެގެން ރިފާ ބަލާ އެގެއަށް މަންމަ ފޮނުވީމެވެ. ރިފާ މިރޭ އަންނާނަމޭ ބުނިކަމަށް މަންމަ އައިސް ބުންޏެވެ. ކެތްތެރިކަމެއްނެތި ރިފާގެ އިންތިޒާރުގައި ގަޑިއަށް ބަލަން އަހަރެން އޮތީމެވެ. ކޮންމެ ސިކުންތެއްވެސް އަހަންނަށް ހީވަނީ ވަރަށް ދިގުހެންނެވެ. ރޭގަނޑު ނުވައެއް ޖެހިއިރުވެސް ރިފާއެއް ނާދެއެވެ. ހުރިހާ އުންމީދެއް ކަނޑާލާފައި ނިދަން އޮށޯތްތަނާ ކޮޓަރީގައި މީހަކު ޓަކިޖެހިއެވެ. އަހަރެންގޮސް ވަރަށް އުފަލުން ދޮރު ހުޅުވީމެވެ. އެއީ ރިފާގެ ވަސް އަހަރެންނަށް ދުވާތީއެވެ. އޭނާ ހުރިކަމުގެ އިހުސާސް ވާތީއެވެ. ދޮރު ހުޅުވިއިރު ކުރިމަތީގައި ހުރީ ގަބޫލުކުރަން ދަތި މަންޒަރެކެވެ. ރިފާއާއި ނާހިލް އަތުގުޅުވައިގެން އަހަރެންނާއި ބައްދަލުކުރަން އައީއެވެ.

"އަހަރެން މިއައީ އެތެރެއަށް ވަންނާކަށް ނޫން. ޝާމް… އަހަންނަށް ޝާމް ކުރިމައްޗަށް އަރަން ނުކެރިގެން މިހާ ދުވަސްވެސް މިވީ. އަހަންނަށް މާފުކުރޭ. ޝާމްއަކީ ދިރިއުޅުމުގެ ޔަޤީންކަން ގެއްލިފައިވާ ބަލި މީހެއް. ޝާމްގެ ހުރިހާ ކަމެއް އަހަންނަށް އެނގޭ. އަހަންނަކަށް ޝާމް ބަލިކަން އެނގިހުރެ ރައްޓެހި ވެގެންނެއް ނޫޅެވޭނެ. އަހަންނަކީ އެހާ ކެތްތެރި އަންހެންކުއްޖެއް ނޫން. ޒުވާންއުމުރުގެ އެންމެ އުފާވެރި ދުވަސްތައް ޝާމްއާއި އެކު ހިތާމައިގައި ދުއްވާލާކަށް އަހަންނަކަށް މަޑެއް ނުކުރެވޭނެ. ވަރަށް ބޮޑަށް މާފުކުރޭ." ރިފާ އިސްޖަހައިގެން ހުރެ އެއްފައްޗަކަށް އަމުނާލިއެވެ.

"ޝާމްއާއިމެދު ކުރިން ޢަމަލުކުރެވުނު ގޮތާއިމެދު އަހަރެންވެސް މާފަށް އެދެން ބޭނުން. އަހަރެމެން ޓެސްޓް ނިމޭގޮތަށް ކައިވެނި ކުރަން ވަނީ ނިންމާފައި. މީ ރިފާގެ ޢާއިލާވެސް ބޭނުންވާ ގޮތް". ނާއިލް ރިފާގެ އަތުގައި ހިފައިގެން ނިކުމެގެން ދިޔައީ އަހަންނަށް އެއްޗެއްބުނާނެ ފުރުސަތެއްވެސް ނުދީއެވެ. އަހަރެން ތެދުވެ ކޮޓަރި ދޮރުލައްޕަން ހިނގައިގަތީމެވެ. ކުއްލިއަކަށް ނާއިލްއައިސް ދޮރުގައި ހިފިއެވެ. ރިފާހުރީ ތަންކޮޅެއް ދުރުގައެވެ.

"މާފުކުރޭ ޝާމް. އަހަރެން ޝާމްއަކަށް އޮޅުވާލާކަށް ބޭނުމެއް ނޫން. އެހެންވެ ރިފާ ގޮވައިގެން އަހަރެން މިއައީވެސް… އަދި އެއްވާހަކަ ބުނަން ބޭނުން. ޝާމް ހަނދާނެއް ނުވޭތަ ކަލެއަށް މާގިނަ ދުވަހަކު ރައްޓެހިވެގެން ނޫޅެވޭނޭ އަހަރެން ބުނި ހަނދާން." ނާހިލް އަހަރެންނާ ދިމާއަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން ބުންޏެވެ.

އަހަރެން ބާރަށް ކޮޓަރި ދޮރު ލެއްޕީމެވެ. އުންމީދު ނުކޮށްހުރި ހިތާމައިގެ ވިލާތައް އައިސް އަހަރެންގެ ދޮރުގައި ޓަކިޖެހީމާ ދެން އިތުރަށް ކުރެވޭނީ ކޮންކަމެއްހެއްޔެވެ؟ އެ ވަގުތެއް ޖެހުމުން ހިތާމައިގެ މޫސުން ދޮރު ފަޅާލާފައިވެސް ވަދެ ގަންނާނެއެވެ. ދެންއޮތީ އެ މޫސުމުގެ ހިތްދަތި އަސަރުތަކުން ހިތް ރޮއްވުމެވެ. ބޭގަރާރު ވުމެވެ. ނުވަތަ ދުނިޔޭގައި ދީވާނާވި އެހެން ލޯބިވެރި މޮޔައެއްހެން ރިފާގެ ނަން ގޮވާލަ ގޮވާލަ ހުރުމެވެ. ނުވަތަ ހިތްވަރާއެކު ތެދުވެ ބޭވަފާތެރިޔާގެ ނުބައި އަސަރުތަކާއި ދުރަށް ދިއުމެވެ. އަހަރެން ޚިޔާރުކުރީ ރިފާގެ ހަނދާންތަކާއި ދުރަށް ދާށެވެ.

މިއަދު އަހަރެންގެ ހުރިހާ އުންމީދެއް ކަފުންކޮށް ވަޅުލައިފީމެވެ. އުންމީދެއް ނެތް ހަޔާތެއްގައި ދުވަހަކަށްފަހު ދުވަހެއް ބޭސްތަކުގެ އަޅަކަށް ވެގެން ދިރިއުޅެން ފަށައިފީމެވެ. އެނބުރި ރަށަށް އައުމުން ރައްޔިތުންނަށް އަހަރެންގެ ބަލި އެނގުނެވެ. އެމީހުންގެ ހެޔޮދުޢާ ލިބެމުން ދިޔަޔަސް މަޑުމަޑުން އަހަންނާއި މީހުން ދުރުވަމުން ދާކަން އިހުސާސް ވިއެވެ. ވާހަކަ ދައްކާލާ ހަދާލާނެ މީހުން މަދުވާން ފަށައިފިއެވެ. ރައްޓެހި ކުދިން ދަތުރު ދާތަނާ މަޖާކުރާތަން ފެނުމުން އަހަރެންގެ ބަދުނަސީބާމެދު ރޮވެން ފަށައިފިއެވެ. އެކުދިންނާ އެއްފުރައިގެ އަނެއް ޖިންސުގެ ކުދިންނާއެކު ބާއްވާ ބައްދަލުވުންތަކާއި ޖަހަމުންދާ ސަކަރާތް ފެނުމުން މަޑުމަޑުން އެމީހުންނާ ވަކިވެ އެކަނިވެރި ދިރިއުޅުމަކަށް ބަދަލުވެއްޖެއެވެ. ރިފާ ހެދިގޮތުން އެއްވެސް މީހަކަށް އިތުބާރު ކުރުމާއި މާ ބޮޑަށް ގާތްކަން ބޭއްވުން ވީ އަހަންނަށް ލިބުނު ވަރަށް ބޮޑު ތަކުލީފަކަށެވެ.

މަންމަގެ ވަރަށް އާދޭސް ކުރުމުން އަހަރެން އޭލެވެލްގެ ޓެސްޓް ހަދަން ދިޔައީމެވެ. ސްކޫލަށް ނުގޮސް ހުރެފައި ޓެސްޓް ހޯލަށް ވަނުމުން ހުރިހާ ކުދިންގެ މޫނު މަތީންވެސް ފެންނަނީ ހައިރާންކަމެވެ. އޭރު މިތުރުންނަށް ވެގެން ހީހީފައި ސަކަރާތް ޖެހި ކުދިން މިއަދު ހީވަނީ ބީރައްޓެހިންނަށްވެ ހަތުރުންނަށް ވެފައިވާހެންނެވެ. އަހަރެން ފެނުމުން ބިރުން ތިބޭ ކަހަލައެވެ. ޓެސްޓްތައް ހަދަން ދިއުން ފިޔަވާ ގެއިން ނުނިކުންނާތީ އަހަރެން ވާހަކަ ދައްކާލާނެ މީހެއްވެސް ނެތެވެ. މި ދިރިއުޅުން މަތިން އަހަރެން ފޫހިވެއްޖެއެވެ.

އެއްގޮތަކަށްވެސް ކޮޓަރިން ނުނިކުންނަތާ ހަތަރު ހަފްތާ ވެދާނެއެވެ. ކާއެއްޗިހި ކޮޓަރިއަށް ގެނެސްދެނީވެސް މަންމައެވެ. ބޭސްކައިގެން ނިދުން ފިޔަވާ އެއްވެސް ކަމެއް އަހަރެން ނުކުރަމެވެ. މަންމައާއި ބައްޕަ އަހަރެންގެ ކުރިންހުރި އުފާވެރި މިޒާޖު ބަދަލުވެފައިވާތީ އަބަދުވެސް ހިތާމަ ކުރެއެވެ. ގެއިން ބޭރަށް ނިކުމެލާ ތާޒާ ވައިން ހިތްހަމަ ޖައްސާލަން ހިނގާލަން ދާށޭ ބުނެއެވެ. ނަމަވެސް އަހަރެން އެއްގޮތަކަށްވެސް ކޮޓަރިއަކުން ނުނިކުންނަމެވެ.

ކުއްލިއަކަށް އަހަންނަށް އަޑުއިވުނީ ރިފާއާއި ނާހިލް ކައިވެނީގެ ހުރިހާ ކަމެއް ހަމަޖެހުނު ވާހަކައެވެ. ނަތީޖާ ލިބުމުގެ ކުރިން އެމީހުން ހަނީމޫން ފުރިހަމަ ކުރަން މެލޭޝިޔާއަށް ފުރާކަމެވެ. އަދި އޭލެވެލް ޓެސްޓްގެ ނަތީޖާ އަންނަ ގޮތަކުން އެ ދެމީހުން އިތުރަށް ކިޔެވުމަށްޓަކައި އިންޑިއާއަށް ދާން އުޅޭކަމެވެ. މި ޚަބަރު ލިބުމުން އަހަރެންގެ ނަސީބުގެ މައްޗަށް ހިތާމަ ކުރަން ފެށުނެވެ. ފެންވެރުމާއި ރީތި ވުމަކީވެސް އަހަރެން ކުރަން ފޫހި ވެފައިވާ ކަންކަންކަމެވެ.

ރިފާމެންގެ ކުލަގަދަ ކައިވެނީގެ ދައުވަތެއް އަހަންނަކަށް ނުލިބުނެވެ. ރަށު އެންމެންނަށް ދައުވަތު ދީގެން ބާއްވާ ޕާޓީއަށް އަހަރެންނަށް ދައުވަތު ދޭންވެސް އެމީހުން ބޭނުމެއް ނުވިއެވެ. އެއީ އަހަންނަކީ ކޮންމެ ވަގުތެއްގައިވެސް މަރުވެދާނެ މީހަކަށް ވެދާނެތީކަން ނޭނގެއެވެ. ވަރަށް ދުވަސްކޮށްފައި އަހަރެން ވަރަށް ގަދަޔަށް ފެންވަރާލީމެވެ. ރިފާއަށް އެންމެ ރީތިކަމަށް ބުނާ ކަޅު ގަމީސް ލާފައި އޭނާއަށް އެންމެ މީރު ވަސްދުވާ ސެންޓުފުޅި ގަމީހަށް ޖަހާ އޮއްސާލީމެވެ. އަހަރެން ތާޒާވެފައި ހުރިވަރާއި ދުވަސްގަނޑެއް ވަންދެން ކޮޓަރިން ނުނިކުމެ ހުރެފައި ކޮޓަރިން ނިކުތްތަން ފެނުމުން މަންމަމެންނަށް އަހަރެން ކުރަން މިއުޅެނީ ކީއްކަން އެނގުނެވެ.

"ދަރިފުޅާ. އެޕާޓީއަށް ދާނެކަމެއް ނެތް. އެހެންނޫނަސް ދަރިފުޅަކަށް އަދި  މިގޭ އެކަކަށްވެސް ދައުވަތެއް ނާދޭ. މަންމައާއި އެއްކޮށް އަތިރިމަތީ ހިނގާލަން ހިނގާ. ބައްޕަވެސް ދާނެ." މަންމައަށް އެހެން ބުނެވުނުއިރު ރޮވެނީއެވެ. ރިފާއަކީ އަހަރެންގެ އެކުވެރިއެއްކަމާއި އޭނާގެ ހަޔާތުގައި އެހާބޮޑު ކަމެއް ކުރާއިރު ދާންޖެހޭނެކަމާއި އަހަރެން މަރުވުމުގެ ކުރިން އޭނާޔަށް މަރުހަބާ ކިޔަން ޖެހޭނެ ކަމަށް ބުނެ އަހަރެން ހިނގައިގަތީމެވެ.

"ދަރިފުޅާ" މަންމަ ތުރުތުރު އަޅާއަޑަކުން ގޮވާލިއެވެ.

"މަންމާ. އަޅުގަނޑާމެދު ކަންބޮޑުވެ ނުލައްވާ. އެމީހުން ޤަބޫލުކުރަނީ މިރޭވެސް އަޅުގަނޑު މަރުވެދާނެ ކަމަށް. އެމީހުން އަޅުގަނޑާއެކު އުޅެން ބިރުގަނޭ. އެކަމަކުވެސް ބިމުގައި ހުރި ވެއްޔަށް ވުމުގެ ކުރިން ރިފާއަށް ބުނެދެން ބޭނުން އަހަރެން ރިފާގެ ދިރިއުޅުމަކަށް އަދި ރިފާގެ އުފަލަކަށް ހުރަހެއް ނާޅާނަން ކަމަށް. އަޅުގަނޑު ބޭރަށް ދިއުމަށް ނުހުއްޓުވާ." މަންމަ ބަލަހައްޓައިގެން ހުރިގޮތުން ދެވަނަ ފަހަރަށް ލަސްލަހުން އަހަރެން ބުނީމެވެ.

އަހަރެން މަޑު ހިނގުމެއްގައި ހިނގާލާފައި ސްކޫލް ހޯލްގައި އޮތް ޕާޓީއަށް ވަނީމެވެ. އެކިވައްތަރުގެ އަލިތަކުން މުޅިތަން ޒީނަތްތެރިކޮށްފައި ވަނީ އަހަންނާއި ރިފާއާއި ކުރިންވެސް ވާހަކަ ދެކެވިފައިވާ ގޮތަށެވެ. އެ ހުރިހާ ކަމެއް ހުރީ ހަމަ އަހަރެމެން ކައިވެނި ކުރެވޭނެ ދުވަހަކު ހަދަން މަޝްވަރާ ކުރެވުނު ގޮތަށެވެ. ދޮރުމަތީގައި ހުދުކުލައިގެ ކައިވެނީގެ ހެދުމެއް ލައިގެންހުރި ރިފާ ހީވަނީ ޕަރީއެއްހެންނެވެ. އަހަރެން އޭނާ ގާތަށް ހުއްޓިފައި ސަލާންކޮށްލަން އަތް ދިއްކޮށްލީމެވެ. އަހަރެންގެ އަތުގައި ހުރި ތުރުތުރެއް އޭނާއަށް އިހުސާސެއް ނުވިއެވެ. އެހެންވީއިރު އަހަރެންގެ ހިތުގައިވާ  ޝުއޫރުތައް އޭނާއަށް އެނގޭނީ ކިހިނެއް ހެއްޔެވެ؟

"ކައިވެންޏަށް މަރުހަބާ. ފުރިހަމަ ސިއްހަތެއްގެ ނިޢުމަތަކީ ވަކިބަޔަކަށް މާތް ﷲ ދެއްވާ އެއްޗެއް. އަހަރެން މާދަން މަރުވިޔަސް ރިފާ ނުހަނު އުފަލުގައި ގެންގުޅެދޭން ނާހިލް ހުންނާނެކަމާމެދު އަހަރެން އެއްވެސް ޝައްކެއް ނުކުރަން. ދެކުދިންނަށްވެސް ބާއްޖަވެރި ދިރިއުޅުމަކަށް އެދެން."

އަހަރެން އަވަހަށް ނިކުތީ އަހަރެންގެ ލޮލުން އަންނަ ކަރުނަތައް އެއްވެސް މީހަކަށް ނުދެއްކުމަށްޓަކައެވެ. ގެއަށް ދިޔައިރު މަންމަ އަހަރެންގެ އިންތިޒާރުގައި ރޮވިފައި ހުއްޓެވެ. އަހަރެން ފެނުމާއެކު މަންމަ އަހަރެން އަތުގައި ހިފާލިއެވެ. އަބަދުވެސް ދަރިފުޅާއެކު ހަމަގައިމުވެސް މަންމަ ވާނަމޭ ބުނަމުންނެވެ. ހަމައެވަގުތު މަންމަ ފަރާތު ބޮޑުދައިތައެއް މާލޭގައި އުޅޭތީ ދުވަސްކޮޅަކަށް މާލެ ދާން އަހަރެން މަންމައަށް ހުށައެޅީމެވެ. މަންމަ އެއްވެސް ވަރަކަށް މިކަމަށް ދެކޮޅެއް ނުހަދައެވެ. އަދި ވީހާވެސް އަވަހަކަށް އަހަރެން މާލެ ފޮނުވުމުގެ މަސައްކަތް ފެށިއެވެ.  

ހަމަ އެ ހަފްތާތެރޭ އަހަރެން މާލެ ދިޔައީމެވެ. ބޮޑުދައިތަ އަހަރެންނަށް ވަރަށް ހެޔޮކޮށް ހިތިއެވެ. އެމީހުންގެ ފަރާތުން އަހަންނަށް އުނި އެއްވެސް ކަމެއް ނެތެވެ. ގޭތެރޭގެ އެންމެންވެސް އަހަންނާ ވާހަކަ ދައްކާ ހަދައެވެ. ނަމަވެސް އަދިވެސް ރިފާގެ އުނދަގޫތަކުން އަހަރެން ރޮއްވައެވެ. ރިފާ އަހަރެން ދޫކޮށްލީ އަހަރެން ބަލިމީހަކަށް ވީތީކަން ހިތަށްއަރާ ކޮންމެ ފަހަރަކު އަހަރެންގެ އަމިއްލަ ނަފުސު ދެކެ ރުޅިވެސް އާދެވެއެވެ.

މާލޭގައި އަހަރެން އެއްވެސް ވަރަކަށް ބޭރަކަށް ނުނިކުންނަމެވެ. ހަފަރާތުން މާޔޫސްކަމާއި ގޮތްހުސްވުން އަހަރެން ވަށާލާފައިވެއެވެ. މި ދުނިޔޭގެ ދިރިއުޅުން ނިމެނީކަން އެނގިހުރެ އެއްވެސް ކަމެއްގައި ބައިވެރިވުމުގެ ހިތްވަރެއް އަހަރެންގެ ނެތެވެ. އަހަންނަކަށް ނު ނިދެއެވެ. ގޮތްހުސްވުން އަހަރެން ބޮލަށް އުނދަގޫ ކުރަމުން ދިޔައެވެ. ދުނިޔޭގެ ހަތަރުފާރު އަހަރެން ވަށާލާ ފިއްތަނީހެންވެސް ހީވަމުން ދިޔައެވެ. މަރުވަންޏާ ދެން ލަސްނުވެ މަރުވާން ވީނޫންހޭވެސް ހިތަށް އެރުމުން ބިރުވެސް ގަތެވެ.

ވަރަށް ބޯކޮށް ވާރޭވެހެމުން ދިޔައެވެ. އަހަރެން ހަށިގަނޑުން އާދަޔާ ޚިލާފަށް ދާހިއްލަމުން ދިޔައެވެ. މިފަހަރު މާލެ އައިފަހުން އަދި އަލަށްވެސް އަހަރެން ބޭރަށް ނިކުންނަން ބޭނުންވިއެވެ. ތުނިތުނިކޮށް ވެހެމުންދިޔަ ވާރެޔާ ތެމެމުން މަޑުމަޑުން ހިނގަމުން ދިޔައީ ވަކި މިސްރާބެއް ނެތިއެވެ. ދަންވަރުގެ ވަގުތުކަމުން މީހުންގެ ހިލަމެއް ވަރަށް މަދުން ނޫނީ ނުވެއެވެ. އަހަރެން ދިޔައީ ރާޅުގަނޑު ސަރަހައްދަށެވެ.

ކުއްލިއަކަށް އަހަރެންގެ ހިނގުން ހުއްޓުނީ ވާރޭގަނޑު ތެރޭގައި ކުއްޖަކު ނަށާހެން ހީވާތީއެވެ. އެއްވެސް މީހެއް ނެތް މި ދަންވަރު ހުދު ހެދުމެއްގައި އަންހެން ކުއްޖެއް ތެމެމުން ދާތަން އަހަންނަށް ފެނުމުން ގަބޫލު ކުރަން ދަތިވިއެވެ. އަހަރެން ޔަޤީންކޮށްލުމުގެ ގޮތުން އެކުއްޖާއާއި ތަންކޮޅެއް ގާތަށް ޖެހިލީމެވެ. ޝައުގުވެރިކަމާއިއެކު ވަރަށް ގާތަށް ޖެހިލާ އެކުއްޖާ ފެންނާނެހެން ބަލާލީމެވެ. އެއީ ޒުވާން ރީތި އަންހެން ކުއްޖެކެވެ. ދިގު އިސްތަށިގަނޑަކާއި ފަތިހަށިގަނޑެއްގެ ވެރި ޖިންސުލަތީފެކެވެ. ރިފާއާއި އެކުއްޖާ އަޅާކިޔައިފިނަމަ ސަތޭކައަކުން ނުވަދިހަ ޕަސެންޓް މިކުއްޖާއަށް ލިބެންޏާ ރިފާއަށް ލިބޭނީ ދިހަ ޕަސެންޓެވެ. އެއީ އާދަޔާ ޚިލާފް ރީތިކަމެކެވެ. ލޫޅާފަތި ހަށިގަނޑެކެވެ. ދިގު އިސްތަށިގަނޑެކެވެ. ހިމަހޯލި އިނގިލިތަކެކެވެ.

އެ އަންހެންކުއްޖާ އެއްވެސް ޚިޔާލެއް ފިކުރެއް ނެތި ވާރޭ ތެރޭގައި ހުއްޓެވެ. އެކަނިމާއެކަނި ވާރޭގެ ތެރޭގައި ދުވަނީއެވެ.  ބާރަށް ހީނގަނެއެވެ. ލަވަކިޔައެވެ. އަހަރެންނަށް މިކުއްޖާގެ މިހަރަކާތްތަކަށް ޝައުގުވެރިކަން އުފެދުނެވެ. އަހަރެން މަޑުމަޑުން ގޮސް ފާރުބުރިމަތީގައި އިށީނީމެވެ. ހަމަ އެވަގުތު އެކުއްޖާ އައިސް އަހަރެން ގާތު އިށީނެވެ. އެކުއްޖާގެ ގައިން އަންނަ ސެންޓްގެ މީރުވަހުން އަހަރެން ހިތް ފުރިގެން ދިޔަކަހަލައެވެ. އަހަރެންގެ ހިއްސުތައް ހުއްޓުން އެރިއެވެ. ހަށިގަނޑުގައި ތޫފާނެއް ހިނގައި ގަތެވެ.

ނަމަވެސް އެކުއްޖާގެ ހިތުގައި އެއްވެސް ބިރުވެރިކަމެއް ކަންބޮޑުވުމެއް އޮތްހެނެއް ހިޔެއްނުވެއެވެ. ފުރަމެންދަމުގައި ވާރޭގެ ތެރޭގައި މި ނާމާން މާލޭގައި ނުދަންނަ މީހެއްގާތު އިންއިރު އެކުއްޖާ އިނީ ހިނިތުންވެފައެވެ. އަހަރެންވެސް މިގަޑީގައި ނުދަންނަ މީހެއް ގާތަށް އަންނަން ބިރުގަންނާނެކަން ޔަޤީނެވެ. މީ އަނެއްކާ އިންސާނެއް ބާވައެވެ؟ ނޫނީ އަހަރެންކަހަލަ އަމިއްލައަށް މަރުވާން ބޭނުންވެފައިވާ ކުއްޖަކީ ބާވައެވެ؟

"ދަންވަރު އެކަނި މިތާ ކީއްކުރަނީ. މި ވިއްސާރަރޭ ތިހެން އައިސް އުޅެން ބިރެއްވެސް ނުގަނޭތަ؟ އާއްމުކޮށް މިގަޑީގައި އިންސާނުން އޮންނާނީ ދެފައި ދަމާފައި ނިދަން." އެކުއްޖާ އަހަރެންނާ ނުހަނު ގާތްގޮތަކަށް ބުންޏެވެ.

"ތި ސުވާލު އަހަންނަށްވެސް ކުރެވިދާނެ. އެހެންނޫނަސް ތީ ޖިންނިއެއް ނޫންކަން އަހަންނަށް އެނގޭ." އަހަރެން ހިނިގަނޑު ހިފަހައްޓަމުން ބުނީމެވެ. (ނުނިމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
5233
ޚިޔާލު ފާޅުކުރައްވާ!

4 Responses

  1. ވަރަށް ރީތި ވާހަކައެއް. ޔަޝްފާއަކީ މޮޅު ވާހަކަ ލިޔުންތެރިއެއް. ޚާއްޞަކޮށް ޔަޝްފާގެ ޔުކްތާ ވާހަކަ އަކީ ވަރަށް މޮޅު ވަރަށް އަސަރުގަދަ ވާހަކައެއް. ލީޝަން އާއި އަިން ވެސް ޒީލަން ވެސް ހަމަ އެހާ ރީތި. މިނޫހުންވެސް ޔަޝްފާގެ ރީތި ވާހަކަތަކަށް އިންތިޒާރުކުރަން.

  2. ކިޔާހިތްވާ ކަހަލަ ވާހަކައެއް. ވަރަށް ރީތި ވާނެކަމަށް މިބަލަނީ ދެވަނަބައިވެސް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *