Support Us

ރިޔާސީ އިންތިހާބު 2023

ޑރ. މުޢިއްޒު ދިވެހި ރައްޔިތުންނާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅު 

بسم الله الرحمن الرحيم

ވެރިކަމުގެ އެންމެ މަތިވެރި އާރާއި ބާރު އެ ފަރާތެއްގެ ޤުދުރަތްޕުޅުގެ ދަށުގައިވާ ގަދަކީރިތިވަންތަ ﷲ سبحانه وتعالى އަށް ޙަމްދާއި ޝުކުރުކުރަން. ހެޔޮ ވެރިކަމެއްގެ އެންމެ ލާމަސީލު ނަމޫނާ މުޅި އިންސާނިއްޔަތަށް ދެއްކެވި މާތް ނަބިއްޔާ މުޙައްމަދު ރަސޫލުﷲ صلى الله عليه وسلم އަށް ޞަލަވާތާ ސަލާމާ ބަރަކާތް ލައްވާށި. މި ޞަލަވާތާ ސަލާމުގައި އެކަލޭގެފާނުގެ އާލުންނާ އަޞްޙާބުން ޝާމިލް ކުރައްވާށި.

ދިވެހިރާއްޖޭގެ ލޮބުވެރި ރައްޔިތުން.

މާދަމާ، އާދެ، 2023 ވަނަ އަހަރުގެ ސެޕްޓެމްބަރުން 9 ވާ ހޮނިހިރުދުވަހަކީ ދިވެހީންގެ ޤައުމީ ޙަޔާތުގައި މުހިންމު ދުވަހެއް. ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި 5 އަހަރުގެ އާ ދައުރަކަށް ހުންނާނޭ މީހަކު ކަނޑައެޅުމަށް ޤާނޫނުއަސާސީ ލިބިދޭ ބާރުގެ ދަށުން، ދިވެހީން ނިންމާ ނިންމުމަކީ، އެއްވެސް ޝައްކެއްނެތް ގޮތުގައި، އަޅުގަނޑުމެންގެ ޙާލަތަށް ހެޔޮ ބަދަލެއް ގެނައުމަށްޓަކައި، ވިޔަވަތިކަމާ ތަމައްދުން މި ޤައުމަށް ގެނައުމަށްޓަކައި، މިނިވަން ދިވެހިރާއްޖެއެއް އަޅުގަނޑުމެންގެ ދަރީންނާ ދަރީންގެ ދަރީންނަށް ވާރުތަކޮށްދިނުމަށްޓަކައި ނިންމާ އިޚްލާޞްތެރި އަމާނާތްތެރި ނިންމުމަކަށް ވާން ޖެހޭނެ.

ފަސް އަހަރުގެ ވެރިކަމުގެ ދައުރެއް ނިމެމުންދާއިރު އަޅުގަނޑުމެންގެ އަމިއްލަ ނަފްސަށް ތެދުވެރިކަމާއެކު ޖަވާބުދޭން ޖެހޭ ސުވާލުތަކެއްް އެބަހުރި. މި 5 އަހަރުގެ ތެރޭ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ޙާލަތުވީ ރަނގަޅުތޯ؟ ދިރިއުޅުމުގެ ޚަރަދު ބަރަދަށް ލުއިކަމެއް ލިބުނުތޯ؟ އާރުލާ ކަހަލަ ތަރައްޤީގެ ނިޝާންތަކެއް ޤައުމުން ފެންނާން އެބަހުރިތޯ؟ އިސްލާމްދީނާ ދިވެހީންގެ މިނިވަންކަން މި ފަސްގަނޑުގައި ދެމެހެއްޓޭނޭކަމަށް ލިބުނީ ކޮން އިތުބާރެއްތޯ؟ މިފަދަ އެތައް ސުވާލެއް.

މީގެ 5 އަހަރުކުރީން، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ޤައުމާ މުޚާޠަބުކުރައްވާ ދެއްކެވި ވާހަކަފުޅުތަކުގައި އެންމެ ބޮޑަށް އަލިއަޅުއްވާލައްވައި ކަންބޮޑުވެވަޑައިގަތީ، ވޯޓުން ނުކުންނަ ނަތީޖާއެއްގެ ސަބަބުން، ބޭރުގެ ނުފޫޒުތަކުގެ ދަށުވެ ދިވެހީންގެ އަމިއްލަ ބާރު މި ޤައުމުގައި ކުޑަވެގެން ހިނގައިދާނެތީ. ދަރަނިވެރިކަން ބޮޑުވެ މި ޤައުމު ބަނގުރޫޓުވާ ޙާލަތަށް ހިނގައިދާނެތީ. މިއަދު އެދުވަސް އަޅުގަނޑުމެންނާ ބައްދަލުކޮށްފި.

ޕީޕީއެމާ، ޕީއެންސީގެ ކޯލިޝަނުން، ދިވެހީންގެ ރާއްޖެ ދިވެހީންނަށް އަނބުރައި ހޯދައިދިނުމަށްޓަކައި ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނުކުމެ މިތިބީ ވަރުގަދަ ޢަޒުމެއްގައި. އިރާދަކުރެއްވިއްޔާ، ޤާނޫނީ ހަމަތަކުގެ މަތީން ރައީސް ޔާމީން މިނިވަންކޮށް، އަނިޔާވެރިކަމާ ބަދަލުހިފުމުގެ ރޫޙު ނިމުމަކަށް ގެނެސް، މި ޤައުމަށް ރަށްވެހިކަމާ އާރޯކަމުގެ އާ ޒަމާނެއް އަޅުގަނޑުމެން ގެނަސްދޭނަން. ކޮންމެ ދިވެހިރައްޔިތަކަށް ހިޔާވަހިކަމާ އާމުދަނީގެ މަގުތަކާ ވަޒީފާގެ ފުރުސަތު ކަށަވަރުކޮށްދޭނަން. ދިރިއުޅުމުގެ ޚަރަދުތައް ކުޑަކޮށްދީ، ތަޢުލީމާ ޞިއްޙަތާ އިޖްތިމާޢީ ކަންކަން ހަރުދަނާކޮށްދީ، ރައްޔިތުން އެދޭ ތަރައްޤީ ޢަމަލީގޮތުން ގެނަސްދޭނޭ ސަރުކާރެއް އަނެއްކާވެސް އަޅުގަނޑުމެން ޤާއިމުކޮށްދޭނަން. ހެޔޮވެރިކަމެއް މި ޤައުމުގައިކޮށް، ބޭރުގެ ނުފޫޒުތަކުން ސަލާމަތްވެފައިވާ މިނިވަން ރާއްޖެއެއް ލިބިއްޖެކަމުގެ އިޙްސާސް ދިވެހީންގެ ހިތްތަކަށް އަނެއްކާވެސް ވައްދައިދޭނަން.

އަޅުގަނޑު މިއަދު މި ވަޢުދުވަނީ، ދިވެހި ލޮބުވެތި ރައްޔިތުން އެދިވަޑައިގަންނަވާ އަމާޒަށް މާތްﷲގެ ވާގިފުޅާއެކު މި ދިވެހިރާއްޖެ ގެންގޮސްދިނުމަށް. ރެޔާދުވާލު ތެދުވެރިކަމާއެކު ޤައުމަށް ޚިދުމަތްކޮށް، މި ޤައުމުގެ މަޖްދާ ކަރާމާތް ނެގެހެއްޓުމަށް. ދިވެހި ޤައުމަށާ ރައްޔިތުންނަށް ބާއްޖަވެރި ތަނަވަސް ދުވަސްތަކެއް ހޯދައިދިނުމަށް.

އަޅުގަނޑު އެދެނީ، ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ތިޔަ ލޮބުވެތި ރައްޔިތުން އަޅުގަނޑު ޚިޔާރުކުރެއްވުން. ކެންޑިޑޭޓް ނަންބަރު ހަތަރަކަށް ވޯޓު ދެއްވުން. އިރާދަކުރެއްވިއްޔާ ތިޔަ ލޮބުވެތި ރައްޔިތުންގެ އުންމީދުތައް އަޅުގަނޑު ހަގީގަތަކަށް ހަދައިދޭނަން. ރައްޔިތުންގެ ހައްޤުގައި ވަފާތެރި ވެރިކަމެއް އަޅުގަނޑު ކުރާނަން. ތެދުވެރި އިޚްލާޞްތެރި ވެރިއެއްގެ ގޮތުގައި އަދި ދިވެހި ދަރިއެއްގެ ގޮތުގައި ދެމިހުންނާނަން.

ކީރިތިﷲ ގެ ތަނަވަސް ރަޙްމަތާ އޯގާވަންތަކަމުގައި އަބަދުވެސް މި ވަޠަނާ ދިވެހި ރައްޔިތުން ލަހައްޓަވާށި. މި ޤައުމަށް ހެޔޮ ބަދަލެއް ގެނައުމަށް އަޅުގަނޑުމެން އެންމެން މިކުރާ މަސައްކަތުގައި ބަރަކާތާ ކާމިޔާބީ މިންވަރު ކުރައްވާށި. އާމީން.

والسلام عليكم ورحمة الله وبركاته 

ވީޑިއޯ

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *