Support Us

އައި.އޯ.އައި.ޖީ ތާރީޚީ ކާމިޔާބީތައް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ދަންނަވައިފި

އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް (އައި.އޯ.އައި.ޖީ) 2023 ގައި ރާއްޖެ ތަމްސީލުކޮށް ކުޅުންތެރިން ހޯދި ފަޚުރުވެރި ރީތި ނަމާއި ތާރީޚީ ކާމިޔާބީ ކުލަގަދަކޮށް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެން، ދިވެހި އެތުލީޓުންނާއި އޮފިޝަލުންނަށް މަރުޙަބާ ދަންނަވައިފިއެވެ.

އައި.އޯ.އައި.ޖީގައި ރާއްޖެއިން ހޯދި ފަޚުރުވެރި، ތާރީޚީ ކާމިޔާބީތައް ކުލަގަދަގޮތެއްގައި ފާހަގަކުރުމަށާއި، ޓީމުތަަކަށް މަރުޙަބާ ދެންނެވުމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިރޭ ޖުމްހޫރީ މައިދާނުގައެވެ. މި ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފާއި، ވަޒީރުންނާއި މަޖިލީހުގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޓީމަށް މަރުޙަބާ ކިޔުމަށް ކުޅިވަރުގެ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކާއި، ކުޅިވަރަށް ލޯބިކުރާ ގިނަ ޢަދަދެއްގެ ޢާންމުންވެސް ޖަމާވިއެވެ.

ރާއްޖެއިން އައި.އޯ.އައިޖީގައި 2019 ވަނަ އަހަރު ބައިވެރި ޓީމުތަކުން ޖުމްލަ 15 މެޑަލް ހޯދި އިރު، މިއަހަރު ރާއްޖޭގެ ޓީމުތަކުން ޖުމްލަ 28 މެޑަލް ވަނީ ހޯދައިފައެވެ. އެއީ ފަސް ރަން މެޑެއްޔާއި ނުވަ ރިހި މެޑެއްޔާއި 14 ލޯ މެޑަލް އެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ކުޅިވަރު ކުޅުމަށާއި، ބައިނަލްއަޤުވާމީ ފެންވަރުގެ ކުޅިވަރުތަކުގައި ވާދަކުރުމަށް ފަހިކޮށްދެމުން މި ސަރުކާރުން އަންނަ ފުރުޞަތުތަކާއިއެކު، އައި.އޯ.އައި.ޖީގެ، ލޯފަން މީހުންގެ 100 މީޓަރު ދުވުމުގައި ބައިވެރިވި ރާއްޖޭގެ ދެ އެތުލީޓުން ވަނީ ލޯ މެޑަލް ހޯދާފައެވެ.

އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް މިއަހަރު ބާއްވާފައި ވަނީ، އޮގަސްޓް 25 އިން ސެޕްޓެމްބަރ 3 އަށް، މަޑަގަސްކަރައިގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *