Support Us

ޑިސެބިލިޓީ މެނޭޖްމެންޓް ސެންޓަރު ހުޅުމާލޭގައި ހުޅުއްވައިދެއްވައިފި

ސަރުކާރުން ހުޅުމާލޭގައި ޤާއިމްކުރި، ޑިސެބިލިޓީ މެނޭޖްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިއަދު ހުޅުއްވައިދެއްވައިފިއެވެ.

މި ސެންޓަރު ހުޅުވާފައި ވަނީ، މިހާރު އިންފެކްޝަސް ޑިޒީޒް މެނޭޖްމެންޓް ސެންޓަރވެސް ހިނގަމުން އަންނަ ހުޅުމާލެ އޮރެންޖް ހިޔާ ޢިމާރާތުގެ ފުރަތަމަ ފަންގިފިލާގައެވެ.

މި ރަސްމިއްޔާތުގައި މެޑަމް ފަޒުނާ ދެއްކެވި ވާހަަކަފުޅުގައި، މި ސެންޓަރު ހުޅުވިގެން ދިޔުމަކީ ހުޅުމާލެ ހޮސްޕިޓަލުން ވަށައިޖެހޭ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކުރެވުނު މުހިއްމު މަސައްކަތެއް ކަމުގައި ވިދާޅުވިއެވެ. މިގޮތުން މިހާރުވެސް ހުޅުމާލެ ހޮސްޕިޓަލްގައި ހިންގާ ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރުން ޚިދުމަތް ހޯދާ ފަރާތްތަކުގެ އުމުރުން 18 އަހަރު ފުރުމުން، ދެން ހަދާނެ ގޮތަކާ މެދު ކަންބޮޑުވެފައިވާ ބެލެނިވެރިންގެ ކަންބޮޑުވުންތައް މި ސެންޓަރާއެކު ނެތިގެންދާނެކަން ވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

މެޑަމް ފަޒުނާގެ ވާހަކަފުޅުގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދުމަތްތައް ލިބިދިނުމުގައި ވަށައިޖެހޭނެ ގޮތަކަށް ކަންކަން ރޭވިފައި ހުރުން މުހިއްމު ކަމުގައި ވިދާޅުވިއެވެ. މިގޮތުން އެފަދަ ފަރާތްތަކަށް އެއްތަނުން އަނެއްތަނަށް ދަތުރުކުރުމާއި ޚިދުމަތްދޭ ތަންތަނަށް ޒިޔާރަތްކޮށް ޚިދުމަތް ހޯދުމުގައި ލުއިފަސޭހަކޮށްދިނުމަށް، މުޅި މުޖުތަމަޢުގެ އެންމެން އަދާކުރަންޖެހޭ ފަރުދީ ޒިންމާތަކުގެ މައްޗަށްވެސް އެކަމަނާގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ. މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީވެސް މުޖުތަމަޢުގައި ތިބި ބައެއްކަން ހަނދާންކޮށް، އިޝްތިހާރު ފަދަ ތަކެތި ބޭނުންކޮށްގެން މަޢުލޫމާތު ފޯރުކޮށްދިނުމުގައި ހުރިހާ ބާވަތެއްގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް މަޢުލޫމާތު ފޯރުކޮށްދެވޭނޭ ގޮތަށް މަސައްކަތްތައް ކުރަންޖެހޭ ކަމުގައިވެސް އެކަމަނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަބުރުވެރި އުފާވެރި ދިރިއުޅުމެއް އުޅުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން މި ސަރުކާރުން ގިނަ ކަންތައްތަކެއް ކޮށްފައިވާކަން ފަޒުނާ ފާހަގަކުރެއްވިއެވެ. މިގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ މާލީ އެހީ ބޮޑުކުރުމާއި، ތެރަޕިއުޓިކް ފަރުވާ ހިލޭ ލިބޭނެ މަގު ފަހިކޮށްދިނުމާއި، އެފަރާތްތަކަށް ޚިދުމަތް ދިނުމަށް އިތުރު ސެންޓަރުތައް ޤާއިމްކުރުން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުޅިވަރުގައި ކުރިޔަށް ދިޔުމަށް ސަރުކާރުން ފަހިކޮށްދެވޭ ފުރުޞަތުތަކާއެކު، ބައިނަލް އަޤުވާމީ ކުޅިވަރުގެ މައިދާނުގައި އެފަރާތްތަކުން ކާމިޔާބީތައް ހޯދަމުން އަންނަކަމުގައިވެސް ވިދާޅުވިއެވެ.

ޒަމާނީ ވަޞީލަތްތަކާ އެކު، މިއަދު ރަސްމީކޮށް ހުޅުވިގެން ދިޔަ ޑިސެބިލިޓީ މެނޭޖްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރ ހިންގަމުންދާނީ ހުޅުމާލެ ހޮސްޕިޓަލްގެ ދަށުންނެވެ. މި ސެންޓަރު މިއަދު ހުޅުވިގެން ދިޔައިރު، މި ސެންޓަރުގައި ހަތް ފިޒިއޮތެރަޕިސްޓުން މަސައްކަތް ކުރައްވަމުން ގެންދާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި އުފެދުމުގައި އެކިއެކި މައްސަލަތައް ހުރުމުގެ ސަބަބުން ތަފާތު ފަރުވާއާއި ތަމްރީންތައް ބޭނުންވާ ފަރާތްތަކަށާއި ދިރިއުޅުމުގައި ދިމާވާ ހާދިސާއެއް، އެކްސިޑެންޓެއް ނުވަތަ ސްޓްރޯކެއް ޖެހުން ފަދަ ކަމަކުންވެސް އެ ފަރާތްތަކަށް ވަގުތީގޮތުން ކުރިމަތިވާ ޙާލަތްތަކުން އަރައިގަނެ އެހެން މީހުންނަށް ބަރޯސާނުވެ، އަމިއްލައަށް އުޅެވޭނެ ޤާބިލްކަން ހޯދައިދިނުމަށްޓަކައި ބޭނުންވާ ރިހިބިލިޓޭޝަން ފަރުވާތައް މި ސެންޓަރުން ފޯރުކޮށްދޭނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *