Support Us

ފަރަންސޭސި ސަފީރާ ދެކޮޅަށް ނިޔާމީގައި މުޒާހަރާކޮށްފި

ފަރަންސޭސި ސަފީރު ނައިޖަރުން ބޭރަށް ވަޑައިނުގަންނަވާ ހުންނަވާތީ ނައިޖަރުގެ ރައްޔިތުން އޭނާއާ ދެކޮޅަށް މިއަދު މުޒާހަރާކޮށްފިއެވެ. މި މުޒާހަރާ ބާއްވައިފައި ވަނީ ވެރިރަށް ނިޔާމީގައި އޮންނަ ފަރަންސޭސި ޢަސްކަރީ ބޭސް ކައިރީގައެވެ.

މުޒާހަރާކުރި މީހުން ފަރަންސޭސި ސަފީރަށް ނައިޖަރުން ދީފައިވާ މުހްލަތު މި ރޭ ހަމަވުމުގެ ކުރިން ފުރާވަޑައިގަތުމަށް ގޮވައިލިއެވެ. އަދި ނައިޖަރުގައި ތިބި ފަރަންސޭސި ސިފައިން ވެސް ފޭބުމަށް ގޮވައިލިއެވެ.

މުޒާހަރާގެ ބައިވެރީން ނައިޖަރުގެ ދިދައާއެކު ރަޝިޔާ ދިދަވެސް އުފުލިއެވެ. ފަރަންސޭސި ވިލާތުން ނައިޖަރުގެ އަމްނާއި އަމާންކަމަށް ބުރޫއަރުވަމުންދާ ކަމަށް މުޒާހިރީން ތުހްމަތުކޮށް އެ ކަން ކުށްވެރިކުރިއެވެ.

ޖަޒީރާ ބުނާގޮތުގައި ފަރަންސޭސި ސަފީރު ސިލްވާން އިޓީ އަދިވެސް ހުންނެވީ ނައިޖަރުގައެވެ. ނައިޖަރުގެ ޢަސްކަރީ މަޖިލީހުގެ މެންބަރެއް ކަމުގައިވާ ކަރނަލް ބަޝީރު އަމާދޫ ވިދާޅުވާ ގޮތުގައި ނައިޖަރު ރައްޔިތުން ފަރަންސޭސި ސަފީރަށް އެ ޤައުމުން ފައިބާވަޑައިގަތުމަށް މަޖްބޫރުކުރާނެއެވެ. ނައިޖަރު ސަރުކާރުން އަރުވައިފައިވާ މުހްލަތު މި ރޭ ހަމަވާނެއެވެ. ފަރަންސޭސި ސިފައިން ނައިޖަރުން ފައިބައި ނިމެންދެން ޖިހާދު ކުރިއަށް ގެންދިޔުމަށް އޭނާ ނައިޖަރު ރައްޔިތުންނަށް ގޮވައިލިއެވެ.

ފަރަންސޭސި ވިލާތުން ބުނާގޮތުގައި ނައިޖަރުގެ ޢަސްކަރީ ވެރީންގެ އަމުރުތަކަށް ޕެރިހުން ޢަމަލުކުރާކަށް ނުޖެހޭނެއެވެ.

އަނެއްކޮޅުން ނައިޖަރުގެ ބޮޑުވަޒީރު މުޙައްމަދުލްއަމީން އައްޒައިން ވިދާޅުވާ ގޮތުގައި ނައިޖަރުގެ މަސްއަލައާ ބޭރުން ބެހުމަށް އެއްވެސް ބަހަނާއެއް ނެތެވެ. އޭނާ ވިދާޅުވިގޮތުގައި އެއީ އެ ޤައުމުގެ ދާޚިލީ ކަންތައްތަކާ ބެހުމެވެ. ނައިޖަރުގައި ހިނގަމުންދާ ކަންތައްތަކަށް ބަލާއިރު އެ ޤައުމުގެ ސަރަޙައްދީ މަޖިލިސްތަކުންނާއި ސިޓީ ކައުންސިލްތަކުން ޢަސްކަރީ ސަރުކާރަށް ތާއީދު ކުރަން ނިންމުމުން ބޮޑުވަޒީރު އައްޒައިން އެކަމަށް މަރްޙަބާ ވިދާޅުވިއެވެ. ޢަސްކަރީ މަޖިލީހުން ގޮވައިލި ގޮތަށް ނައިޖަރުގެ ވަޠަނީ ވާހަކަދެއްކުންތަކުގައި މި މަޖިލީސްތަކުންނާއި ކައުންސިލްތަކުން ބައިވެރިވާނެކަން ހާމަކުރިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *