Support Us

ވާހަކަ: ހިމާޔަތް އެދެމޭ- އެޕިސޯޑް 5

ޔޫނުސް ކިޔައިދެމުން ދިޔައީ އެކޮޓަރީގެ ޑިޒައިން ހުންނާނެ ގޮތެވެ. ވަކި ކުލައެއް ލާން ބޭނުންތޯ މާޔާ ކުރެ އަހައިލިއިރު އޭނާގެ އަތުން ހުރީ މާޔާގެ އުނަގަނޑާއި ދިމާލުގައި ހިފަހައްޓާލެވިފައެވެ. މާޔާއަށް ސިހިފައި ޔޫނުސްގެ މޫނަށް ބަލާލެވުނެވެ. އޭނާ ދުރަށް ޖެހިލަން މަސައްކަތްކުރިއެވެ. އެކަމަކު އަނެއްކާވެސް ޔޫނުސް އޭނާ ގެނެސް ގަޔާއި ކައިރިކޮށްލިއެވެ.

** **

ކޮޓަރިއަށް ވަދެ މާޔާ އަވަސްވެގަތީ ގައިގައި އޮތް ހެދުން ބަދަލުކުރުމަށެވެ. ލައިގެން ހުރި އަންނައުނުގެ މަތިން އޭނާ ފޫހިވެއްޖެއެވެ. އޭނާ ހުރީ މޭ ނުބައިކޮށްފައެވެ. ދެންމެ ހިނގައިދިޔަ ކަންތައް އޭނާގެ ސިކުނޑީގައި ރަނގަބީލްވަމުން ދިޔައެވެ. ހުވަފެނެއް ފަދައިން ލޯކުރިމަތިން ފެންނަނީ ޔޫނުސްގެ މޫނުމަތިން ފެނުނު ކުލަވަރެވެ. އޭނާ ދެއްކި ނުބައި ހިނިތުންވުމެވެ.

ހެދުން ބޭލި ގޮތަށް މާޔާ އެއްލައިލީ ޑަސްބިންތެރެއަށެވެ. ދެން ފެންވަރައި ތާހިރުވާން ބޭނުންވިއެވެ. ޔޫނުސް ބީހުނު ކޮންމެ ތަނެއް އޭނާ ސާފުކުރަން ބޭނުންވިއެވެ. އަމިއްލަ ނަފްސް މުޑުދާރުވެއްޖެކަމުގެ އިހްސާސް އޭނާއަށް ކުރެވެން ފެށިއެވެ. ބިރުން ގޮސް ރޮވުނީ ދެނެވެ.

ޔޫނުސްގެ ޝަހުސިއްޔަތު އޭނާއަށް ފެނުނީ ހެޔޮ މީހެއްގެ ގޮތުގައެވެ. އެދުމެއް ނެތި ވެދުމެއް ނުކުރާނެއޭ މީހުން ބުނެއެވެ. އޭނާއަށް ބޭނުންވި ކޮންމެ އެއްޗެއް ޔޫނުސް ހޯދައިދިނީ ފަސްޖެހުމެއް ނެތިއެވެ. ޝީތު ފަދަ ޒަމާނީ ކުއްޖަކަށް އޭނާ ބަދަލުކުރުވިއެވެ.

އޭނާގެ ސިކުނޑި ސުމަކަށް ހިނގައްޖެއެވެ. ޔޫނުސްގެ ވާހަކަ މަންމަ ކައިރީ ބުނަން ހިތް ދެކޮޅު ހެދިއެވެ. އޭނާއަށް މަންމަ އިތުބާރުކުރާނެކަން ޔަޤީނެވެ. އެކަމަކު މަންމަގެ އުފާވެރިކަން ނިމުމަކަށް އަންނާނެކަން ކަށަވަރެވެ. މި ކައިވެންޏަށްފަހު މަންމަގެ މޫނުމަތިން އުފާވެރިކަން ފެނެއެވެ. ރީތި އަންނައުނު ލާތަން ފެނެއެވެ. ތަންތަނަށް ދަތުރުކުރުމުގެ ނަޞީބު ވަނީ ލިބިފައެވެ. ފައިސާގެ ދަތިކަމެއް ނެތެވެ. މަންމަގެ އުފާވެރިކަން ނިމުމަކަށް އަންނާނެ ފަރާތަކީ އޭނާ ކަމުގައިވުން ޟަމީރު އެއްބަހެއް ނުވިއެވެ. އަދި ހިނގީ އެހާބޮޑު ކަމެއް ނޫނެވެ. އޭނާގެ ގައިގައި ޔޫނުސް ބީހުނުކަމެވެ. އެކަމަކު ދުލަކުން އެއްވެސް ބަހެއް ނުބުނެއެވެ. ދެއްކީ މާޔާއަށްޓަކައި އެކޮޓަރި ތައްޔާރުކުރުމުގައި އަވަދިނެތި އޭނާ އުޅެމުންދާކަމެވެ.

ފެންވަރައިގެން ނިކުތްއިރު އެތާ ޝީތު އިންތަން ފެނި އޭނާ ހިތްހަމަޖެހުނެވެ. އެކޮޓަރިއަށް ޔޫނުސް އައިސް ނުވަންނާނެކަމުގެ އިތުބާރު އޮތެވެ. ޝީތު އައި ގޮތަށް އިނީ ފޯނާއި ކުޅޭށެވެ. އެ ފޯނަށް އަންނަ މެސެޖުތަކުގެ އަޑު މެދުކެނޑުމެއް ނެތެވެ.

"މި ވީކެންޑްގައި އެބައޮތް ރިސޯރޓް ޕާރޓީއެއް، ބޭނުންތަ ދާން؟'" ބައިވެރިވާން ބޭނުންވެފައި އެކަމަކު އެއްބަސްވާން މާޔާއަކަށް ނުކެރުނެވެ. އޭނާއަށް ޖަވާބު ދެވޭނީ މަންމަ ހުއްދަ ދީފިނަމައެވެ.

"ޔޫ ކެން އިންވައިޓް މިކިއަލް ޓޫ،" ދެފިކުރެއްގައި ހުއްޓާ ޝީތު އިތުރުކޮށްލި ޚިޔާލުން އެ ޕާރޓީއަށް ދާން ކޮންމެހެންވެސް ބޭނުންވިއެވެ. މިކިއަލް އާއި ބައްދަލުކޮށްލަން އޭނާ ބޭނުމެވެ. މަންމަ އައިފަހުން އަދި މިކިއަލް އާއި ވާހަކަ ދައްކާލާކަށް ނުލިބެއެވެ.

މަންމަ އެއްބަސްކުރުވަން އޭނާ ބޭނުމެވެ. ޝީތު އާއި އެކު ދާން ބުނެފިނަމަ މިހާރު ދެކޮޅު ހަދާނެހެން ހިއެއް ނުވެއެވެ.

"ކައުންޓް މީ އިން،" މާޔާ އަވަހަށް ފޯނު ނަގައި މިކިއަލްއަށް މެސެޖުކޮށްލިއެވެ. އޭނާ ފޮނުވި މެސެޖަށް ބަލަހައްޓައިގެން އިނދެވުނެވެ. މެސެޖު ރައްދުވެފައި މިކިއަލްއަށް ފެނުނުކަން އެރިފަހުންވެސް ވަގުތުކޮޅެއް ފާއިތުވެގެން ދިޔައެވެ. އެކަމަކު ޖަވާބެއް ނައެވެ.

ޝީތު ތައްޔާރުކުރަމުން ދިޔައީ ދާނެ އެންމެންގެ ލިސްޓެވެ. އޭނާ ގުޅައިގެން އެކުވެރިން އެއްބަސްކުރުވުމުގައި މުޅި ދުވަސް ހޭދަކުރިއެވެ. ވަރަށް މަޖާ ދަތުރަކަށް ވާނެކަމުގައި އެކަން ސިފަކޮށްދިނުމުން މިފަހަރު ކޮންމެހެންވެސް ބައިވެރިވާން މާޔާ ބޭނުމެވެ.

** **

ޝަރުމީލާ ކޮޓަރިއަށް ވަންއިރު ހުރީ ހިތްހަމަނުޖެހިފައެވެ. ކޮނޑުގައި އޮތް އަތްދަބަސް އެނދުމައްޗަށް އެއްލާލާފައި އޭނާ އެނދުގައި އިށީނެވެ. ޚަބަރު ބަލަން އޮވެފައި ޔޫނުސް ޓީވީގެ އަޑު މަޑުކޮށްލާފައި ތެދުވެ އަހައިލީ ވެގެން އުޅޭގޮތެކެވެ.

"އަދި އަހަރެމެންނަށް ދަރިން ކޮންޓްރޯލްނުވާ ދަރަޖައަށް ދާނެ،" ފަސްއެނބުރި ބަލައިވެސް ނުލާ ޝަރުމީލާ ދިން ޖަވާބު އަހާފައި ޔޫނުސް ތެދުވިއެވެ. އޭނާ އައިސް ޝަރުމީލާގެ ކައިރީ އިށީނެވެ.

"ކިހިނެއްވީ މިހާރު؟" ސާފުކޮށް ކިޔައިނުދެނީސް އެއްވެސް ކަމެއް ނޭނގޭނެކަން ޔޫނުސްއަށް އެނގެއެވެ. ޝަރުމީލާ ތުންފިއްތާލި ގޮތުން ހީވީ ޔޫނުސް ކައިރީ ބުނަން ބޭނުންނުވާހެންނެވެ.

"މާދަމާ ރިސޯރޓް ޕާރޓީއަކަށް ދާންވީ. އޭގެފަހުން ބުނާނީ ރާއްޖެއިން ބޭރަށް ދާ ވާހަކަ ކަންނޭނގެ،" ޝަރުމީލާ އަށް ނިތްކުރީގައި އަތް ޖައްސާލެވުނެވެ. ޗުއްޓީއަށްފަހު އޮފީހަށް ނިކުންއިރު ބޮލުގައި ރިއްސާވަރަށް މަސައްކަތް ފުނިޖެހިފައި ހުއްޓެވެ. އެ ބޮލުގެ ރިހުމާއި އެކު ގެއަށް ވަންއިރު ފެނުނީ އޭނާގެ އިންތިޒާރުގައި އިން މާޔާއެވެ. މީގެ ކުރިންނަމަ ޝަރުމީލާ ނޫނެކޭ ބުނުމަށްފަހު ދެވަނަ ފަހަރަށް އަހާކަށް މާޔާއަކަށް ނުކެރޭނެއެވެ.

"އަހަރެމެން އުޅެ ބޮޑުވިގޮތާއި އެކުދިންގެ މިޒާޖު ވަރަށް ތަފާތުވާނެ. އެމީހުންނަށް އެފެންނަނީ އަހަރެމެން ތަޖުރިބާކުރި ކަންތައްތަކެއް ނޫނެއްނު،" ޔޫނުސްގެ ޖަވާބުން އިތުރަށް ހޫނުވީ ޝަރުމީލާގެ ގާތަށް އައިސް ހުރި ރުޅިއެވެ.

"ދެން ތިބުނީ އެހުރިހާ ކަމެއް ތަޖުރިބާކުރަން އެމީހުން ދޫކޮށްލާށޭތަ؟" ޝަރުމީލާ ކޮޓަރިއަށް ވަނީ މާޔާ އާއި އެކު އެފަދަ މޭރުމަކުން ޒުވާބުކޮށް ކުރި ނުލިބިގެންނެވެ. އޭނާ ހީކުރީ ޔޫނުސް ކައިރީ ބުނުމުން އޭނަ އާއި ބައިވެރިވެ އެކުދިންނަށް ނަޞޭހަތްދޭން ޔޫނުސް އެއްބަސްވާނެ ކަމަށެވެ.

"ވަށައިގެން ތިބި އެންމެންނަށް އިތުބާރު ކުރުމަކީ އަހަރެމެންނަށް ކުރެވޭނެ ކަމެއް ނޫން. އެކަމަކު އަހަރެމެން ދަރިންނަށް އިތުބާރުކުރާނެ ހިތްވަރު އަހަރެމެންގެ ހަށީގައި ހުންނަންޖެހޭނެ. އެކުދިން އެނގިތިބެ ގޯސްކަމެއް ނުކުރާނެ" ޔޫނުސް އެބުނީ ތެދެކެވެ. މާޔާ ގޯސްކަމެއް ނުކުރާނެއޭ އޭނާގެ ހިތަށްވެސް އަރައެވެ. އެކަމަކު ވަށައިގެން ތިބި މީހުންގެ ގޮތެއް ނޭނގެއެވެ. އެފަދަ ފާފައަކަށް އަރައިގަންނަން އެމީހުން ދައްކާނީ ކޮން މަގެއްކ ަމެއްވެސް ނޭނގެއެވެ.

"އެކުދިން ފޮނުވަބަލަ، އޭރުންނު އަހަރެމެންނަށްވެސް ވަގުތުކޮޅެއް ލިބޭނީ،" ޝަރުމީލާގެ ކޮނޑުގައި ދަތްދޮޅި ޖައްސާލާފައި ޔޫނުސް ބުނެލިއެވެ. އެ އުމުރުގައިވެސް ޔޫނުސް ލާނެތްކަން ހިތަށް އަރާފައި އައިސްފައި ހުރި ފިލައިފިއެވެ. ޝަރުމީލާގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ.

** ***

މާޔާ އާއި ޝީތު ފުރުވަން ޔޫނުސް އާއި އެކު ޝަރުމީލާ އައެވެ. އޭނާ އިނީ ކާރުން ނުފައިބައެވެ. ލޯންޗުގެ ކައިރިއަށް އެއްވަމުން ދިޔަ ޒުވާނުންނަށް ޝަރުމީލާގެ ނަޒަރު ހުއްޓިފައި ވިއެވެ. ބޮލުގެ އިސްތަށިގަނޑު ރީތި ވަރަކަށް ކޮށާފައިވާ ދެ ޒުވާނަކު ނޫނީ ނުވެއެވެ. އެމީހުންގެ މައިންބަފައިން އެ ކަންކަމާއި ނުވިސްނާބާއޭ އޭނާގެ ހިތަށް އެރިއެވެ. އެތަނަށް އެއްވަމުން ދިޔަ އަންހެން ކުދިންގެ ތެރޭގައި ކިރިޔާ ނިވާވާ އެއްޗެއް ލައިގެން ހުރީ މާޔާއެވެ. ޝީތު ގެއިން ނިކުންއިރު ލައިގެން ހުރި ޖެކެޓް ބާލައި އަތްދަބަސް ތެރެއަށް ލީތަން ފެނިފައި އޭނާ ހިތްހަމަނުޖެހުނެވެ. ކިރިޔާ އެމީހުންގެ ލޯމަތިން ގެއްލޭއިރަށް އެކުދިންނަށް އެ އަންނަ ބަދަލަކީ އޭނާ ކަންބޮޑުވާ ކަމެކެވެ.

ލޯންޗަށް އަރަމުން ޝަރުމީލާއަށް މާޔާ އަތް އުފުލައިލިއެވެ. އޭނާ އަވަހަށް ލޯންޗަށް އެރީ މިކިއަލް އާއި ޖެހިގެން އިންނަ ސީޓު ނުލިބިދާނެތީއެވެ. މާޔާ ފެނުމާއި އެކު ރާމިން ތެދުވެފައި ތަންދިނެވެ. މިކިއަލް އާއި އެކު ވަގުތު ހޭދަވާނެތީ އޭނާ ހުރީ އުފަލުންނެވެ. އެންމެ ފަހު ވަގުތާއި ޖެހެންދެންވެސް މިކިއަލްއަށް ޗުއްޓީ ދުވަހެއް ނުލިބިދާނެ ބިރު އޮތެވެ. އެކަމަކު މިފަހަރު އެމީހުންގެ ނަޞީބު ރަނގަޅެވެ.

** ***

ރޭގަނޑު އޮތް ޕާރޓީއަށް ރީތިވަމުންދިޔަ ވަގުތެވެ. އެކޮޓަރީގައި ތިބި ގިނަކުދިން ނިކުމެގެން ދިޔަފަހުން ޝީތު އައިސް މާޔާ ކައިރީ މަޑުކޮށްލާށޭ ބުންޏެވެ. މާޔާ ލައިގެން ހުރި މިޑީއަށް އޭނާ ބަލައިލާފައި އެހީ މިރޭ ޕާރޓީއަށް ނިކުންނަ ހެދުމަކީ އެއީތޯއެވެ.

"ޔޫ ނީޑް ޓު ގްރޯ އަޕް،" ނިތްކުރީގައި އަތް ޖަހާލަމުން ޝީތު ބުނެލިއެވެ. މާޔާ ކައިރީ ރަނގަޅު ހެދުމެއް ގެންނާށޭ ބުނެފައި އޮތަސް އޭނާ އައީ އާއްމުކޮށް ލައި އުޅޭ ދެތިން ހެދުން ހިފައިގެންނެވެ.

"އިޓް އިޒް އޯކޭ،" މާޔާއަށް އެ ހެދުން ކަމުދެއެވެ. އޭނާއަށް އެހެން މީހުން ހެދުން އަޅާފައި ތިބިގޮތް ފެނެއެވެ. އެގޮތް ރީތިވިއަސް އެގޮތަށް ހެދުން އަޅާކަށް ނުކެރޭނެއެވެ.

"މިރޭ ވަރަށް ޚާއްސަ ރެއަކަށް ވާނެ. މިކިއަލް އާއި އެކު ޑޭޓްއަކަށް އާދެވުނު ފުރަތަމަ ފަހަރުކަމުގައި ހީކުރޭ. ހީ އިޒް ވެއިޓިން ފޮރ ޔޫ،" ޝީތު ގޮސް ހާވަން ފެށީ އޭނާގެ ދަބަހެވެ. އޭނާގެ ހެދުން މާޔާއަށް ހެޔޮވަރުވާނެކަން އެނގެއެވެ.

"ޑޭޓް؟" ޝީތު ބުނި އެއްޗަކުން ސުވާލު އުފެދިފައި މާޔާއަށް ހުރެވުނެވެ. ޝީތު ހެދުން ގެނެސް މާޔާގެ އަތަށް ދިނެވެ.

"އަހަރެންގެ އަނގަ ގަދަކަމުން މި ބުނެވުނީ މިކިއަލް ރޭވި ސަޕްރައިޒް. މި ދަތުރަކީ އޭނަ ރޭވިކަމެއް، ހީ އިޒް ކްރޭވިން ފޮރ ޔޫ. މާޔާގެ މަންމަ އައިފަހުން ދިމާނުވާތީ އޭނަ އަށް ހަމަނިދި ލިބޭ ކަމަކަށް ނުވޭ،" ޝީތު ކިޔައިދިނެވެ. އޭގަފުން މާޔާ ލައްވާ ވައުދުކުރުވީ ޝީތުގެ ފަރާތުން އެއްވެސް ކަމެއް އެނގުނުކަން މިކިއަލް އަށް ހާމަނުކުރުމަށެވެ.

ޝީތު ދިން ހެދުންލާން މާޔާ އެއްބަސްވީ ހަމައެކަނި މިކިއަލްއަށްޓަކައެވެ. އޭނާއަށް ވެވުނު އެންމެ ރީތިވެގެން ދާން އޭނާވެސް ބޭނުމެވެ. ހެދުން ލައިގެން ލޯގަނޑުގެ ކުރިމައްޗަށް ހުއްޓި އަމިއްލަ ސޫރައަށް ބަލައިލެވުނެވެ. އެއީ މަހުމާ ފޮތީގައި ފަހާފައިވާ ހެދުމެވެ. ފަހަތުން ކަރުވަޅުން ފެށިގެން އުނަގަނޑާއި ހަމަޔަށް އޮތީ ހުދު ލޭހެއް ލައްވާފައެވެ. އެ ފޮތީގެ ތުނިކަމުން އޭނާގެ ބުރަކަށި ރީތިކޮށް ފެނެއެވެ. ކުރިމަތިންވެސް މެޔާއި ދިމާލުން ތަންކޮޅެއް ބޯ ފޮތިކޮޅެއްގައި ރޫޖައްސާފައި ހުއްޓަސް ބަނޑާއިވީ ދިމާލުގައި އޮތީ ތުނި ލޭހެކެވެ. ގަދަ އަލިކަން ހުރިތަނެއްގައި އޭނާގެ ހަށިގަނޑު ފާޅުވާނެއެވެ.

"މި ބާއްވާ ދަބަސްތެރޭ، ޔޫ މައިޓް ނީޑް ދިސް،" ޝީތު ދަބަސްތެރެއިން ނަގާފައި ދިން ކުޑަ ޕެކެޓަށް މާޔާ ބަލައިލިއެވެ. އޭގައި އޮތް ނަން ފެނިފައި މާޔާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އޭނާ ދެކޮޅު ހަދަހަދާ ހުއްޓާ މުށުތެރެއަށް ޕެކެޓް ލައިދީފައި ޝީތު ބުނެލީ ސަމާލުވުމަށެވެ.

"މިއީ އެންމެންވެސް ކުރާ ކަންތައް. ފުރަތަމަ ކޮޅު މާޔާ ޖެހިލުންވިއަސް ފަހުން އެނގޭނެ މިބުނީ ދޮގު ނޫންކަން. އަހަންނަށް އެނގޭ މިހުރިހާ ކަމެއް މާޔާއަށްވެސް ޖެހިލުމެއްނެތި ކުރެވޭނެކަން،" ޝީތުގެ ކުރިމަތީ މާޔާއަށް ދެކޮޅެއް ނުހެދުނެވެ. އަމިއްލަ ނަފްސަށް ވިސްނައިދެން ބޭނުންވީ އެންމެން ކުރާކަމެއް އޭނާއަށްވެސް ނުކުރެވޭނެ ސަބަބެއް ނެތްކަމެވެ.

** **

މިކިއަލް ހުރީ އޭނާއަށްޓަކައި ވީއައިޕީ ޓޭބަލްއެއް ނަގައިފައެވެ. އެބޮޑު ހޯލްގައި އެދެމީހުން ނޫނީ ނެތެވެ. ހިތްހަމަޖެހިލައިގެން މޭޒުދޮށުގައި މާޔާ އިށީނެވެ. މިކިއަލް އޭނާއަށް ތައުރީފްކުރީ އޭނާ ހިތް ބޭނުންވާ ފަދަ އިބާރާތްތަކުންނެވެ.

"އަހަރެން އަބަދުވެސް ދުށުމަށް އެދެން ތިގޮތުގައި ހިނިތުންވުމަށް. ތި އުފާވެރިކަން ނިގުޅައިގަނެވޭނެ އެއްވެސް މީހަކު ނުހުންނާނެ. އެމީހަކާއި އަހަރެން ކުރިމަތިލާނަން. މާޔާއަށްޓަކައި އަހަރެން މުޅި ދުނިޔެއާއިވެސް ހަނގުރާމަކުރާނަން. އެއީ އަހަރެންގެ ގަނޑުވަރުގައި ތި ނޫން ރާނީއަކުނުވޭ، " މިކިއަލް ގެ ދެލޮލުން ފެނުނީ އޭނާއަށްޓަކައި ވި ލޯތްބެވެ. މާޔާގެ އަތުގައި ހިފައިލީ އުމުރަށް ވެސް އެކީގައިވާނަމޭ ބުނެފައެވެ.

ކައި ނިމުމާއި އެކު މާޔާ ގޮވައިގެން ހިނގާލަން ދިޔައެވެ. އެދެމީހުން ވަގުތު ހޭދަކުރީ އެންމެންނާއި ވަކިންނެވެ. މާޔާ އެންމެ ހިތްހަމަޖެހުނީ މިކިއަލް ކޮންމެ ކަމެއްގެވެސް ހުއްދަ ހޯދާތީއެވެ. އޭނާގެ އަތުގައި ހިފިއަސް އެންމެ ރަނގަޅުތޯ އަހާލައެވެ. ޝީތު ބުނި ފަދަ ގާތްކަމެއް މިކިއަލް ނުބާއްވައެވެ. އެރޭ އިރުއަރަންދެންވެސް މިކިއަލްގެ އުނގުމަތީ ބައިންދައިގެން އިނެވެ. އެދެމީހުންގެ މުސްތަޤްބަލާއި މެދު އެތައް ވާހަކައެއް ދެކެވުނެވެ. ކޮންމެ ކަމެއްގައިވެސް މާޔާ ބޭނުންވާ ގޮތް އަހައެވެ.

މާޔާގެ ހުއްދަ އާއި ނުލައި އެއްވެސް ކަމެއް ނުކުރާނެ ކަމުގައި މިކިއަލް ބުންޏެވެ. މާޔާ އަމިއްލައަށް އާއިލާއަށް އެންގި ދުވަހަކުން ނޫނީ އެކަން ހާމަކުރަން މިކިއަލް ބޭނުންނުވާ ކަމުގައިވެސް ބުންޏެވެ. އަދި މިކިއަލް އަކީ އެއްވެސް މީސްމީޑިޔާއެއްގައި އަމިއްލަ ކަންކަން ހިއްސާކުރާ ޒުވާނެއް ނޫނެވެ. އެފަދަ ކަމެއް ހާމަނުކުރަން މާޔާގެ ގާތު މިކިއަލް އެދުނެވެ. އެދެމީހުންގެ ލޯބި މުޅި ދުނިޔެއަށް ސިއްރުކުރަން މިކިއަލްވެސް ބޭނުމެވެ. އެއީ ކީއްވެތޯ މާޔާ އެހުމުން އޭގެ ޖަވާބުގައި މިކިއަލް ބުނީ ދުވަހަކުވެސް އޭނާގެ ހިތުން ފިލުވައިލެވޭނެ ވާހަކައެއް ނޫނެވެ.

"އަހަރެން ބޭނުމެއް ނޫން އިތުރު މީހެއްގެ ލޮލުގައި އަހަރެންގެ މާޔާ އަޅައިގަންނާކަށް. ތިއީ އަހަރެންގެ އަތުން ދުވަހަކުވެސް ބީވުމަށް ނޭދޭނެ ފަރާތެއް. އަހަރެން އަބަދުވެސް ބޭނުން އަހަރެންގެ ހިމާޔަތުގައި މާޔާ ވުމަށް،" މިކިއަލްގެ ކޮންމެ ޖުމްލައެއް ވަނީ އެހިތުގައި ބިންވަޅުނެގިފައެވެ. މިކިއަލްއަށްޓަކައި އެހިތުގައި ވަނީ ޚާއްސަ މަޤާމެއް ދެވިފައެވެ. އިހުނަށްވުރެ އެ ލޯބި ފުންވެފައި ވަރުގަދަވެގެން ދިޔައެވެ.

** **

ޔޫނުސް ބުނި ފަދައިން މާޔާގެ ކޮޓަރި ފުރިހަމަވެފައި ވަނީ މާޔާ އެންމެ ބޭނުންވި ގޮތަށެވެ. އާކޮޓަރިއަށް އޭނާ ބަދަލުވެގެން ދިއުންވީ އޭނާއަށް ލިބުނު އިތުރު މިނިވަންކަމަކަށެވެ. އެކޮޓަރި ހުރިގޮތުން މާޔާއަށް ނިކުމެގެން ނުދެވޭނެކަމުގެ ޔަޤީންކަމާއި އެކު ޝަރުމީލާވެސް ހުރީ ހިތްހަމަޖެހިފައެވެ.

ރޭގަނޑުގެ ވަގުތުތައް ފާއިތުވަނީ ފޯނުގައި އޮވެގެންނެވެ. ދިގު ކޯލްތަކާއި ނިމުމެއް ނެތް މެސެޖުތަކުންނެވެ. މަޑުމަޑުން ދެމީހުންގެ މެދުގައި އޮތް ބީރައްޓެހިކަމާއި ލަދުވެތިކަން ފިލަމުން ދިޔައެވެ. މިކިއަލްއަކީ އެންމެ އިތުބާރުކުރާ ފަރާތަށް ވިއެވެ. އަދި މާޔާގެ ހުރިހާ ސިއްރެއް ހިފެހެއްޓޭވަރުގެ މީހަކަށް މިކިއަލް ވެސް ވިއެވެ.

ދެކޮޓަރިއަކަށް ބަދަލުވިފަހުން ޝީތު އާއި ދިމާވާލެއް މަދުވެގެން ދިޔައެވެ. ބައެއްފަހަރު ހަމައެކަނި ކާން ނިކުންނައިރު ފެނިލައެވެ.

އެއް ރެއެއްގެ ދަންވަރެވެ. މާޔާ އޮތީ މިކިއަލް އަށް މެސެޖުކުރާށެވެ. އެކޮޓަރީގައި ޓަކިދިން އަޑަށް އޭނާ ފޯނު ބާލީސްދަށަށް ލާފައި ގޮސް ދޮރު ހުޅުވިއެވެ. އެގަޑީގައި މަންމަ އޭނާ ކޮބައިތޯ ބަލަން އައީ ކަމަށް ހީކޮށް މާޔާ ކުޑަކޮށް އިސްތަށިގަނޑު ހާވާލިއެވެ. މޫނުމަތިން ނިދީގެ ކުލަ ދެއްކޭތޯ އޭނާ ބެލިއެވެ. ދޮރުގައި ދެވަނަ ފަހަރަށް ތަޅައިގެން އަޑަށް މާޔާ ގޮސް ދޮރު ހުޅުވިއިރު ދޮރުމަތީގައި ހުރީ މަންމައެއް ނޫނެވެ.

"ދީބަލަ މާޔާގެ ފޯނު،" ޝީތު ހުރީ ހިތްހަމަނުޖެހިފައެވެ. މާޔާއަށް ބެލުމެއްނެތި އޭނާ ވަދެގެން އައިސް ފޯނު ފެނޭތޯ ހޯދަން ފެށިއެވެ. މާޔާ އައިސް ފޯނު ނަގައި ވީ ކިހިނެއްތޯ އަހާލިއެވެ.

ޝީތު އާއި ޝާއިފްގެ ގުޅުން މިފަހަކުން ރަނގަޅެއް ނޫނެވެ. ޝާއިފް އާއި ދެމީހުން ޒުވާބުކޮށްފައި އައި ރުޅީގައި ފޯނު ހަލާކުކޮށްލެވިއްޖެ ކަމަށް ޝީތު ބުންޏެވެ. މިހާރު އޭނާ ބޭނުން ވަނީ އަލުން ޝާއިފްއަށް ގުޅާށެވެ. މަޢާފަށް އެދެންކަމުގައި ވެދާނެއެވެ. ފޯނު ހިފައިގެން ޝީތު ބޭރަށް ނިކުތެވެ. ކުޑަ ވަގުތުކޮޅެއް ފަހުން ޝީތު އައިސް އޭނާގެ އަތަށް ފޯނު ދިނެވެ. ޝީތު ރޮމުން ރޮމުން އިށީނީ އެނދުގައެވެ. މި ނޫނީ ދުވަހަކުވެސް ޝީތު ރުއިތަނެއް އޭނާއަކަށް ނުފެނެއެވެ.

"ޝީތު، ހުރިހާ ކަމެއް އަދި ރަނގަޅުވާނެ،" ޝީތު ހިތްހަމަޖައްސަން ބުނާނެ މާގިނަ ލަފްޒުތަކެއް މާޔާގެ ސިކުނޑިއަކު ނުވެއެވެ. އެންމެ ކުޑަމިނުން ޝީތު އާއި ޝާއިފްގެ ދެމެދުގައި އޮތީ ކޮން މައްސަލައެއް ކަމެއްވެސް އެނގެނީކީ ނޫނެވެ.

"އަހަރެން މިއައީ އޭނަ އާއި ރުޅިވެފައި، ދެން ދުވަހަކުވެސް އޭނަ އާއި އަހަރެން ވާހަކައެއް ނުދައްކާނަން،" ޝީތުގެ އަޑު ނިކުތީ ފިސްފިސްވެގެންނެވެ. އޭނާ އަމިއްލައަށް ކަންކަން ނިންމަނީ ކިހާވަރަކަށް ވިސްނާފައި ކަމެއް ނޭނގެއެވެ.

ޝީތު މާޔާގެ އަތުގައި ހިފަހައްޓާލިއެވެ. އޭނާ ރުއިން ހުއްޓާލައްވަން މަސައްކަތްކުރިއެވެ. ހީވަނީ ވަރަށް ބޮޑު ވާހަކައެއް ބުނަން އުޅޭހެންނެވެ. މާޔާއަށް އިނދެވުނީ ނޭވާ ހިފަހައްޓާލައިގެންނެވެ. އެހެން އިންދާ ޝީތު ބުނި ވާހަކައިން ހީވީ އޭނާގެ ކަރުގައި މީހަކު ހިފާ ބާރުކޮށްލިހެންނެވެ. (ނުނިމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
133667
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *