Support Us

ވާހަކަ: އަދާ

މާބޮޑު ހަލަބޮލިކަމެއް ނެތް މަގުގެ އެއްފަރާތުން، ދުވާރުމަތިން އަހަރެން ބާރަށް ހިނގަމުން ދިޔައީ، މަތިމައްޗަށް ވިލާ ނަގާފައި އޮތީތީ، ކޮންމެހެން ވާރޭ ވެހިދާނެތީއެއް ނޫނެވެ. އެފޫހި މީހާގެ ތުރާ ޖެހޭނޭކަން އެނގޭތީއެވެ. އާނއެކެވެ. ވީވެސް އެހެންނެވެ.

"ދެން ހިނގާބަލަ އެންމެ ފަހަރަކު ނަމަވެސް ޑޭޓަކަށް،" ކުއްލިއަކަށް އައި ނައި ތަނެއް ނޭނގި، ޝިޔާޒް އަހަރެންނާ އެއްވަރަށް ފައި ހަމަކުރަމުން ބުނެލިއެވެ. އެވަގުތު ޝިޔާޒް އަބަދުވެސް އެޖަހާ ސެންޓްގެ ހިތްގައިމު ވަސް ޖައްވުގެ ތެރެއަށް ފެތުރިގެން ދިޔައެވެ.

"ކިތައް ފަހަރުތަ ބުނަންވީ؟ އަހަރެން އެންގޭޖޭ. މެރީ ކުރަންށޭ މިއުޅެނީ،" ފޫހިވެފައި އަހަރެން ބުނީމެވެ.

އަހަރެންނަކީ ބުރުސޫރައިގެ ގޮތުން ބަލާލަން ހުތުރު މީހަކަށް ނުވާތީ ފިރިހެނުން އަހަރެން ފަހަތުން އުޅުމަކީ އަހަރެންނަށް އާކަމެއް ނޫނަސް، އެކަމަކު މިއީދެން ތަންފުކެއް ބޮޑުވަރޭ ހިތަށް އަރައެވެ. ފަހަތު އަޅުވާލައިގެން އުޅޭތާ ދެމަހެއްވަރު ވަނީއެވެ.

"އަދި މެރީއެއް ނުކުރަމެއްނު.. ހިނގާބަލަ އެއްފަހަރު ނަމަވެސް. އޭރަށް ދެން ނުކިޔާނަމޭ.. މިގޯޅިން އަޅާއިރު ހުންނާނެ ރެސްޓޯރަންޓެއް. އެތަަން ވިޔަސް އޯކޭއޭ މިހާރު ދަންޏާ. ޕްލީޒް ހިނގާބަލަ!" ޝިޔާޒް ކުރުނުކޮށް އެދެމުން ދިޔައެވެ.

ފެންނަ ފެނުމަށް ހީވަނީ ދެންމެދެންމެ ވާރޭވެސް އޮއްސާލަފާނެ ހެންނެވެ. ވަގުތާއި ހާލަތުގެ ގޮތުން އެންމެފަހުން، ފުރަތަމަ ފަހަރަށް އެބުނާ ތަނަކަށް ދާން އަހަރެން އެއްބަސްވީ ގޮތްހުސްވެގެންނެވެ. ކަންދިމާކުރި ގޮތުން ރެސްޓޯރަންޓްގައި އަހަރެމެން ނޫން ބަޔަކު ނެތެވެ. އެއީވެސް އިތުރަށް ހިތްނުތަނަސް ކުރުވި ކަމެކެވެ.

ކާނެ އެއްޗަކަށް އޯޑަރ ކުރުމަށްފަހު ޝިޔާޒް ކިޔައިދެމުން ދިޔައީ އަހަރެން ދެކެ އޭނާ ވާ ލޯބީގެ ބޮޑުކަމުގެ ވާހަކައެވެ. އުފަލުގައި ގެންގުޅޭނޭ ގޮތުގެ ވާހަކައެވެ. ހުދު ކުލައިގެ އަތްދިގު ގަމީހަކާއި ކަޅު ޖިންސެއް ލައިގެން އިންއިރު އެއީ ބަލާލަން ކިތަންމެހާވެސް ރީތި މީހެކެވެ. ހިތްގައިމު ތުނބުޅިއެކެވެ. ބަރު އަޑެެއްގެ ވެރިއެކެވެ. އެ ދެއްކި ވާހަކަތައް އަހަރެން އިނީ ހަމަ އަޑު އަހާށެވެ. ބަދަލުގައި ދެވޭނޭ އެއްޗެއް ނެތީމައެވެ. ތިންމަސް ފަހުން އަހަރެންނާއި ނަދީމްގެ ކައިވެނި ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެހެން ނޫނަސް ޝިޔާޒަކީ މަހުޖަނެއްގެ ދަރިއެއްކަމާއި އަންހެންކުދިން ޝިޔާޒާ ހެދި އުޅޭއުޅުން އެނގުނު ހިސާބުން އަހަރެންވީ ފޫހި އަދި ވަކިން ބޮޑެވެ. އަހަރެންގެ ނަޒަރުގައި ޝިޔާޒަކީ އަންހެނުން ހިތިމީހެކެވެ.

ކައި ނިމުމުން ދެން އޯކޭއޭ ދަނީއޭ ކިޔާފައި އަހަރެން އަވަސްވެގަތީ ނިކުންނާށެވެ. ޝިޔާޒް އެދުނީ ވާހަކަ ދައްކާލަން އަދި މަޑުކޮށްލަ ދިނުމަށެވެ. ލަސްވަނީއޭ ބުނެ ދާން އުޅުމުން ޝިޔާޒް ދެން ހިފީ އަހަރެންގެ އަތުގައެވެ. އަހަރެންގެ ކެތްތެރިކަން ކޮޅުން ލިއެވެ. ހިފަހައްޓައިގެން ހުރި ރުޅިގަނޑު ބޭރުކޮށްލެވުނީ ޝިޔާޒްގެ ކަންކަށްޓަށެވެ. ނަސީބަކުން އެތަނެއް އެހެން އެއްވެސް މީހަކަށް ނުފެންނާނެއެވެ. ޝިޔާޒްގެ މޫނުމަތިން ވަގުތުން ރުޅިވެރިކަމުގެ އަސަރުތައް ފެނުމާއެކުވެސް އިސްޖަހާލިއެވެ. އަހަރެން ހަމަ ނުކުމެގެން ދިޔައީއެވެ.

އެދުވަހު ގެޔަށް ދެވުނުއިރު ދޮރުމަތީގައި ނަދީމް ހުރީ އަހަރެންނަށް އެންމެ ރީތި، ފިޔާތޮށި ފިނިފެންމަލުގެ ބޮކޭއެއް ހިފައިގެންނެވެ. ނަދީމް ހުންނަނީ އަހަރެން ހިތްއެދޭހާ ކަމެއް ކުރެވޭތޯ ބަލަބަލައެވެ. މޫޑް ރަނގަޅު ނޫންވީމަ ކަމެއް، ނަދީމް އަބަދު ބޮކޭ ދޭތީކަމެއް ނޭނގެއެވެ. އުފާވެރިކަމެއް ހިތަކަށް ނުލިބުނެވެ. އެކަމަކު އެކަމެއް މޫނުމައްޗަކުން ނުދައްކަމެވެ.

ޝިޔާޒްގެ އެންމެ އުނދަގޫ ބޮޑުވި ފަހަރަކު ނަދީމް ކައިރީ އެވާހަކަވެސް ދެއްކީމެވެ. ނަދީމް ދިން ޚިޔާލަކީ ޕޮލިހަށް މައްސަލަ ހުށަހެޅުމަށެވެ. އަހަރެންނަކަށް އެގޮތެއް ކަމަކު ނުދިޔައެވެ. ކަންތަައްގަނޑު މާ ގޯހުންގޯހަށް ހިނގައިދާނެ ކަމަށް ވިސްނާފައެވެ. އެހެންވެ، ފަހުން ޝިޔާޒްގެ ވާހަކައެއް ނަދީމަކާވެސް ނުދައްކަމެވެ.

އޭގެ ފަހުންވެސް ޝިޔާޒް މަގުމަތިން ފެނެއެވެ. ފަސްފަހަތަކުން ނާދެއެވެ. ސައިކަލުގައި ދާއިރު ފެނުނީމާ ހީނލާފައި ދަނީއެވެ. އެކަމަކު އެއްރެޔަކު ޝިޔާޒްގެ ކިބައިން ތަފާތު ކަމެއް ފާހަގަ ކުރެވުނެވެ.

ހުޅުމާލޭގައި ރައްޓެއްސެއްގެ ގޭގައި ހުރެފައި، މާދުރުނޫން ހިސާބެއްގައި ހުރި އެހެން ރައްޓެއްސެއްގެ ގެޔަށް، އެކަނި ހިނގާލާފައި ދާން ޖެހުނު ވަގުތެކެވެ. ބޮއެގެން އުޅޭ ގްރޫޕެއް ފަހަތު އަޅުވާލިއެވެ. ވަރަށް ބިރުން ހުރެ ހިނގަމުންދިޔައީމެވެ. މާ ގިނައިރު ތަކެއް ނުވަނީސް ސައިކަލެއްގައި އައި މީހަކު އަރާ ހަމަކުރިއެވެ. ބަލާލިއިރު އެއީ ޝިޔާޒެވެ. ފުރަތަމަ ފަހަރަށް ޝިޔާޒް ފެނުމުން ހިތްހަމަޖެހުމެއް އިޙްސާސް ކުރެވުނެވެ. ޝިޔާޒް ސައިކަލުން ފައިބާފައި އެގްރޫޕާ ދިމާއަށް ހިނގައިގަތެވެ.

"ބްރޯޒް! އެއީ މަގޭ ބިޓް.. ކުޑަ މައްސަލައެއް ޖެހިގެން ރުޅިއައިސްގެން އެދަނީ ހިނގާފަ.. ތީން އެކަކުވެސް އޭނައާ ދިމާކޮށްގެން ނުވާނެ. ފޮލޯ ޖައްސައިގެންނުވާނެ. އެހެންނޫނީ ވަރަށް ގޯސްވާނެ!" ޝިޔާޒް ދިނީ އިންޒާރެކެވެ. އަހަރެން ހައިރާންވީ ޝިޔާޒްގެ ބިރު ކުޑަކަން ފެނުމުގެ އިތުރަށް ޝިޔާޒްގެ ވާހަކަ ދެއްކުމުގެ ރާގާއި އަޑުވެސް ތަފާތު ވީމައެވެ. އަޑުގައިވަނީ ހަރުކަށިކަމާއި ޖެހިލުން ކުޑަކަމެވެ.

ޝިޔާޒް އެހެން ބުނެލުމާއެކު އެކޮޅުން "އޯކޭ ބްރޯ! ސޮރީ ބްރޯ! ނޭނގުނީއޭ!" ބުނާ އަޑު އިވުނެވެ. ޝިޔާޒް ދެން އަހަރެންނާ އަރާ ހަމަކޮށްފައި "ބިޓޭ ބުނަން ޖެހުނީތީ ސޮރީ. އޭރަށް ދެން ނުބެހޭނެ" އޭ ބުނެލިއެވެ.

އަހަރެން ހިނގައިގަތުމުން ދާންއުޅޭ ގެއާ ހަމައަށް އެކުގައި ޝިޔާޒު އައިސްދިނެވެ. ދިޔަމަގުމަތީ ދެމީހުންވެސް ވާހަކައެއް ނުދައްކަމެވެ. ގެއަށް ވަނުމުގެ ކުރިން އަހަރެން "ތޭންކްސް. އެއްކަލަ ދުވަހު ޖެހުނީތީ ސޮރީ" އޭ ބުނެލީމެވެ. އެކަމަކު ޝިިޔާޒް ދެއްކީ އެހެން ވާހަކައެކެވެ.

"އަބަދު އެކަނި އުޅެނީ ކީއްވެ؟ ކޮބާ އިންނަން އުޅޭ ސޮރު؟ ނުބެލެންޏާ ބުނޭ ޝައި ބެލޭނޭ ވަރު މީހަކާ ހަވާލު ކުރާށޭ. ތަންތަނަށް ދަންޏާ ފްރެންޑްސުންނާ އެއްކޮށް ދޭބަލަ!" ޝިޔާޒް ހިތްހަމަނުޖެހިފައި ހުރި ހުރުންވެސް ފުރަތަމަ ފަހަރަށް އަހަރެންނަށް ކަމުދިޔައެވެ. އެބުނި އެއްޗަކަށް އެހާ ރުޅިއެއްވެސް ނާދެވުނެވެ.

ނަދީމަކީ ޕައިލެޓެއް ވީމާ އަބަދަކު ކައިރީގާ ނުހުރެވޭނޭކަން އަހަރެންނަށްވެސް ޤަބޫލު ކުރެވެއެވެ. އެހެން ނަމަވެސް ބައެއް ފަހަރު ބުނެދޭން ނޭނގޭ އެކަނިވެރިކަމެއް އަހަރެންނަށް އިޙްސާސް ކުރެވެއެވެ. ޝިޔާޒް ދެއްކި ވާހަކައަށް އެއްޗެކޭ ނުބުނެ އަހަރެން ވަނީ ގޭތެރެއަށެވެ.

އޭގެ އަނެއް ދުވަހެވެ. ޝިޔާޒްގެ ތަފާތު މިޒާޒް ވިސްނަން މަޖްބޫރު ކުރުވިއެވެ. އަހަރެންނާ ވާހަކަ ދައްކާއިރު ހާދަ މަޑުމައިތިރި ގޮތެއް ހުރެއެވެ. އެކަމަކު ރޭގައި އެމީހުނަށް އިންޒާރުދިން އިރު ހީވަނީ ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ ހެންނެވެ. އަނެއްކާ މިއީ ކިހާވަރެއްގެ މީހެއްބާވައެވެ؟ އަނެއްކޮޅުން ކަންފަތްމަތީވެސް އޮތީ ޖެހިފައެވެ. ހިތުގައި ނުތަނަވަސް ކަމެއް އުފެދެން ފެށިއެވެ. އެހެންވެ އަހަރެން ގަސްދުކުރީ ރޭގަ ހިނގައިދިޔަ ކަންތައް އަހަރެންގެ އެންމެ ގާތް އަމްސޫދާއަށް ކިޔައިދޭށެވެ.

"އައްމޫ.. ހިނގާބަލަ ކޮފީއަކަށް. ވާހަކައެއްވެސް އެބައޮތޭ،" ލަސްކުރާކަށް އަހަރެން ބޭނުމެއް ނުވެއެވެ.

ބަރާބަރު ބައިގަޑިއިރު ތެރޭ އަހަރެމެން ދެމީހުން ތިބީ އާއްމުކޮށް ގޮސްއުޅޭ "ޑައިޓްނޯމޯ"ގެ މަތީބައި ގައެވެ. ވީގޮތް އަހަރެން ކިޔައިދިނުމުން އަމްސޫދާ ގުޅީ ޝާނީޒަށެވެ. މާ އިރުތަކެއް ނުވެ ޝާނީޒް އެތަނަށް އައިސް އަހަރެމެން ތިބި މޭޒާ ގުޅުނެވެ.

"އާނ.. ޝާޑް އެއީ އައްމު ދައްތަމެންގޭ ހިސާބު ޑޮން އެއްނުން. އަނެއްހެން ވަރަށް ނައިސްވާނެ. ވަރަށް ޖެހިލުން ކުޑަވާނެ. ބުނަންޖެހޭ އެއްޗެއް ކޮންމެ މީހަކާ ދިމާލަށްވެސް ބުނެލަފާނެ. ވަރަށް ގިނަ މީހުން ދަންނާނެ ޝާޑް. ވަރަށް ގިނަ މީހުންނާ ޕާޓްވެސް ވާނެ. ދެން ރުޅިވެސް ގަދަމީހެއް އެއީ. މިދިޔަ މަހުވެސް ކޮންމެވެސް މީހެއްގެ ގައިގަ ޖަހައިގެންވެސް އުޅުނު. ދެން މިހެން ބުންޏަސް އަސްލު ވަރަށް ސަޅި މީހެއް އެއީ،" ޝާނީޒް ކޮފީ ބޮމުން ކިޔައިދިނެވެ.

"އެކަމެއް ނޭނގޭ. ތިޔަ ބުނާ ޝާޑެއް މަގޭ ފަސްފަހަތުން އުޅެނީ. އެއް ދުވަހަކު ކަންފަތްމަތީ ޖަހަންވެސް ޖެހިން. ދެން ތިހިރީ ޝާނީޒް ދެއްކި ވާހަކަ. ހިނި އަންނަނީ،" އަހަރެން ބޭނުންވީ އެއަށް ޝާނީޒް ޖަވާބުދޭ ގޮތެއް ބަލާލާށެވެ. ޝާނީޒް ގާތަށް އައީ ހިންޏެވެ. ފަސްފަހަތުން އުޅޭ ވާހަކަ ޤަބޫލުކުރިޔަސް ޖެހިވާހަކަ ޤަބޫލެއް ނުކުރިއެވެ.

"އަޅެ ގުޅާފަ އަހަންތަ ޝާޑް ކައިރީ ތިވާހަކަ؟" ޝާނީޒް ބޭނުންވީ އަހަރެން ރަކި ކޮށްލާށެވެ.

"އަހާބަލަ! އެކަމު ސްޕީކަރަށް ލާންޖެހޭނެ،" އަހަރެން ބޭނުންވީ އެވާހަކައަށް ޝިޔާޒް ބުނާ އެއްޗެއް ބަލާލާށެވެ. އެވަގުތު ނަދީމް މާވަރަކަށް ފުލުފުލުން މެސެޖް ކުރާތީ ރިޕްލައި ކޮށްލީމެވެ.

ޝާނީޒް ވަގުތުން ގުޅާފައި ސްޕީކަރަށް ލިއެވެ. މިފަހުން އެއްވެސް އަންހެން ކުއްޖަކު ޖެހިތޯ ސުވާލު ކުރިއެވެ. މިފަހަރުވެސް ކަމެއް ފާހަގަ ކުރެވުނެެވެ. ޝާނިޒް ޝިޔާޒަށް ގުޅި ހިސާބުން ވާހަކަ ދައްކާ ރާގަށް ކުޑަކޮށް ބަދަލު އައިކަމެވެ. ފާހަގަ ކުރެވުނީ ކޮންމެވެސް ވަރެއްގެ ޤަދަރެއް ޝިޔާޒަށް ކުރާކަމެވެ.

"އަހަރެން ގައިގާ ޖެހިނަމަ މުޅި ރަށުގަ އެވާހަކަދޯ އޮންނާނީ. އެހެން ދައްކާނެ މީސްމީހުން ފާޑުފާޑުގެ ވާހަކަ. އަޅައެއް ނުލަން،" ޝިޔާޒް ބުނެލީ ހަމައެކަނި މި މިންވަރަށެވެ. އެހިސާބުން އޯކޭއޭ ބުނެފައި ޝާނީޒް ފޯނު ބޭއްވިއެވެ. ޝާނީޒް ހިތުން އަހަރެން ހެދީ ދޮގުކަން ޘާބިތު ކޮށްދިނީއެވެ. އަހަރެންވެސް އެހިސާބުން އެއީ މަޖަލަކަށް ބުނި އެއްޗެކޭ ބުނެފައި ދޫކޮށްލީއެވެ.

އޭގެ ތިން ދުވަސް ފަހުން ޝިޔާޒްގެ މެސެޖެއް އައެވެ. މީސްމީހުން ކައިރީ އެޒާތުގެ ވާހަކަ ނުދެއްކުމަށް އެދިފައެވެ. ޝިޔާޒް މީގެ ކުރިންވެސް ދޭތެރެއަކުން ގުޅާ މެސެޖްކޮށް ހަދައެވެ. އެހެން މީހުންނާ ޚިލާފަށް ޝިޔާޒް އަހަރެން ފަސްފަހަތުން އުޅުނަސް ގުޅާ މެސެޖްކޮށް ހަދަނީ ވަރަަށް މަދުންނެވެ. އަހަރެން އެއިން އެކައްޗަކަށްވެސް ޖަވާބެއް ނުދެމެވެ. އެކަމަކު މިފަހަރު ސުވާލެއް ކުރަން ހިތަށް އެރިއެވެ.

"އެދުވަހު އަހަރެން ޝިޔާޒް ގައިގަ ޖެހީމަ ކީއްވެ ރިއެކްޓް ނުކުރީ؟" އަހަރެން ފުރަތަމަ ފަހަރަށް ޝިޔާޒަށް މެސެޖް ކޮށްލީމެވެ.
ޖަވާބުއައީ ވަގުތުންނެވެ.

"ދެން ޖަހަންތަވީ؟ އަންހެން ކުދިންގައިގަ ޖަހާތަ ދެން؟ އެއީ ފިރިހެން ވަންތަކަމެއް ނޫން. ކުޑަކުދިންނާއި އަންހެނުންނަކީ ނާޒުކު ބައެއް. ހަޤީޤީ ފިރިހެންވަންތަ މީހުންނަކީ އެ ނާޒުކުކަން ހެންޑްލް ކުރަން އެނގޭ މީހުން. ދެން ސެޓްވެ ބަލަ!"

ޝިޔާޒް ފޮނުވި ޖަވާބުގެ ފަހުބައި ކިޔާފައި ހިނި އަންނަގޮތް ވިޔަސް ހަޤީޤަތުގައި ޝިޔާޒްގެ އެ ޖަވާބު ވެގެން ދިޔައީ، އަހަރެންގެ ޝައުޤު އެޖަވާބަކަށް ދަމައިގަތް ޖަވާބަކަށެވެ.

"ހެހެހެ" ޖަހާފައި ދެވަނަ މެސެޖެއް ބޭއިޚްތިޔާރުގައި ކޮށްލެވުނީވެސް އެހެންވެއެވެ.

އެހިސާބުން އަހަރެންނަށް، ނަދީމާއި ޝިޔާޒާ އަޅާކިޔަން ފެށުނެވެ. ދެމީހުންގެ ހުރި ފަރަޤް ފާހަގަ ކުރެވެން ފެށިއެވެ. ނަދީމާ އެއްކޮށް ކެފޭއެއްގައި އިން ދުވަހެއްގައި ފިރިހެން ކުދިންތަކެއް އަހަރެންނަށް ހަނާ އެޅުމުން ކުށްވެރިވީ އަހަރެންނާއި އަހަރެންގެ މޭކަޕެވެ. ހުޅުމާލޭގައި ގްރޫޕެއް ފަހަތު އަޅުވާލި ދުވަހު ޝިޔާޒް އަހަރެންނާ ދިމާލަށް އެއްޗެކޭ ބުނީ އަހަރެން ހިމާޔަތް ކޮށްދީފައެވެ. ނަދީމާ ތަންކޮޅެއް ބޮޑަށް މައްސަލަ ޖެހުނު ދުވަހެއްގައި ނަދީމް ނުކުމެގެން ދިޔައީ އަހަރެން ފޮޅާލާފައެވެ. އޭގެ ގަޑިއެއްހާއިރު ފަހުން ފުލުފުލުން މަޢާފަށް އެދިފައި މެސެޖް ކުރުން އެއީ އަދި އެެހެން ކަމެކެވެ.

ޝިޔާޒް ކަންފަތްމަތީ އަހަރެން ޖެހީމަވެސް ފެނުނީ ޝިޔާޒްގެ އެ ގަދަފަދަ ރުޅިގަނޑު އޮބަހެއްޓިތަނެވެ. ނަދީމަކީ އަހަރެންނާ ކައިވެނި ކުރެވެން އުޅޭ އަހަރެންގެ ހަޔާތުގެ ބައިވެރިޔާއަށް ވާން އުޅޭ މީހާއެވެ. ޝިޔާޒަކީ ހަމައެކަނި އަހަރެންނާ ހެދި އުޅޭ މީހެއްކަން އެކަންޏެވެ. އެކަމަކު ހަޤީޤަތަކީ، އަހަރެންނަށް އަޅާލުމާއި ރައްކާތެރިކަން ޝިޔާޒްގެ ކިބައިން މާބޮޑަށް އިޙްސާސް ކުރެވޭ ކަމެވެ.

ދުވަސްތައް ވޭތުވަމުން ދިޔަވަރަކަށް އަހަރެންނާއި ނަދީމްގެ ގުޅުން ދިޔައީ ހީނަރުވަމުންނެވެ. ނޭނގި ނަމަވެސް އަހަރެންނާއި ޝިޔާޒްގެ ގުޅުން އައީ ބަދަހިވަމުންނެވެ. އެބަދަހިކަމުގެ ތެރެއިން ޝިޔާޒްގެ ކިތަންމެ އަދާތަކެއް ފާހަގަ ކުރެވުނެވެ. ނަދީމްހެން އަބަދު ގުޅާ މެސެޖެއް ނުކުރެއެވެ. އަހަރެން މީހަކަށް އެންމެ ބޭނުން ޖެހޭ ގަޑީގައި ޝިޔާޒްގެ އެހީތެރިކަން އަބަދުވެސް ލިބެއެވެ. އެހެން މީހުން ކަައިރީ މާގަދަވެފަ އުޅުނަސް އަހަރެން ކައިރީ ޝިޔާޒް ވަރަށް މައިތިރިވެފައި ހިތްހެވެއެވެ. އެފަދަ ހާލަތްތަކުގައި އަހަރެންނަކީ ރާނީއެއްކަމުގެ އިޙްސާސް ކުރުވައެވެ. ނަދީމަށް އަހަރެންގެ ހުރިހާ ކަމެއް ރީތިވެގެން އުޅުނަސް ޝިޔާޒަށް އެގޮތެއް ނުވެއެވެ. ޝިޔާޒަށް ކަމުދާ ކަންކަމަށް ބަދަލެއް ނާދެއެވެ. ނަތީޖާއަކަށް ވީ ޝިޔާޒަށް ރީތިވާ ކަންކަން އަހަރެންނަށްވެސް ރީތިވާން ފެށުމެވެ.

އެންމެފަހުން އަހަރެންނަށް ޝިޔާޒް ދެކެ ލޯބިވެސް ވެވުނީއެވެ. ނަދީމަށް އެކަން އެނގުނު ދުވަސް ވެގެންދިޔައީ ނަދީމުގެ ދެން ބާކީ ނުފެނި އޮތް ފަޅިވެސް ފެނިގެންދިޔަ ދުވަހަކަށެވެ. އަހަރެންނާ ދިމާއަށް ވަރަށް ހަޑި ހުތުރުބަހުން އެއްޗެހި ގޮވިއެވެ. އަހަރެންވެސް ނަދީމުގެ ހައިސިއްޔަތު އޭނައަށް އަންގާލަދިނީމެވެ. ކުރުކޮށް ފޮނިކޮށެވެ. އެގުޅުން ނިމުނީތީ އުފާކުރީމެވެ.

މިއަދު އަހަރެންގެ ހަޔާތުގައި ހުރީ ޝިޔާޒެވެ. ޝިޔާޒްގެ ކިބައިން އަހަރެންނަށް ވަރަށް މުހިއްމުކަމެއް ދަސްވެ ތަޖްރިބާ ކުރެވުނެވެ. އަބަދުވެސް އިވެނީ އަންހެން ކުދިންގެ އަދާތަކަށް ފިރިހެނުން ފިދާވާ ވާހަކައެވެ. ހަޤީޤަތަކީ ޝިޔާޒް ކަހަލަ ފިރިހެނުންގެ، ހީވެސް ނުކުރާ ކަހަލަ ކުދިކުދި ބައެއް އަދާތަކަކީ އަންހެން ކުދިންގެ ހިތް، ނޭނގި ދީވާނާ ކުރުވާ ފަދަ އަދާތަކެއް ކަމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
8695
ޚިޔާލު ފާޅުކުރައްވާ!

2 Responses

  1. ވާވްވް…….ވަރަށް ރީތި ވަރަށް ފުރިހަމަ. ޒަމާން ގަނޑަކަށްފަހު ކިޔާހިތްވާ ކަހަލަ ވާހަކައެއް މިކިޔާލެވުނީ. ވަރަށް ސަޅި

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *