...

Support Us

މިހާ ހިސާބުން "ބަޚަބަރު" ނިމުނީ!!

"މިހާތަނަށް ދުނިޔެ ދުށް އެންމެ ސިއްހަތު ރަނގަޅު ކުއްޖާ މިއަދު ދުނިޔޭގެ އަލިކަން ދެކެފިއެވެ. މިއަދު ގަޑިން 8.30 ގައި މީނާ ދުނިޔޭގެ އަލިކަން ދުށީ ހޮސްޕިޓަލްގައެވެ. މި ކުޑަ ކުއްޖާ އާއި މައިމީހާގެ ހާލު ރަނގަޅު ކަމަށް ފެނެއެވެ. ކުއްޖާގެ ބަރުދަނަކީ 70 ކިލޯއެވެ. މި ކުއްޖާގެ އެއްފަހަރުގެ ކެއުމަކަށް ހަތް އަޑުބައި ކިރު ބޭނުންވެއެވެ."

މިއީ އަށްޑިހައިގެ އަހަރުތަކުގެ ތެރޭގައި މަޝްހޫރުވެގެންދިޔަ ކޮމެޑީ ސިލްސިލާ "ބަޚަބަރު"ގެ ޚަބަރުތަކުގެ ތެރެއިން ޚަބަރެކެވެ.

ޓީވީ މޯލްޑިވްސް އިން ގެނެސްދިން ސިލްސިލާ ޕްރޮގްރާމް "ބަޚަބަރު"ގައި، ޚަބަރު ކިޔުމަށް ހަތަރު މީހަކު އުޅުނެވެ. އެތަނުން ލީޑު ރޯލް ކުޅުނީ ރާއްޖެ ދުށް އެންމެ މަގުބޫލް އެއް ކޮމީޑިއަން މަރުހޫމު ފީބޯ އަހުމަދު މަނިކެވެ. ދެން، ދެވަނައެއް ނެތް ފަންނާނު އަހުމަދު ޝާހިދު ހަލީމެވެ. އޭގެ އިތުރުން ދެން އުޅުނީ ކޮއްޔަ ހަސަން މަނިކާއި ކުޑަދޮންއެވެ. ޚަބަރު ކިއުމަށްފަހު ދައްކާ ވީޑިއޯތަކުގައި ވެސް އުޅޭނީ ހަމަ އެ މީހުންނެވެ. މީގައި މުހިންމު ބަޔަކީ ވީޑިއޯއެވެ.

ފީބޯ އާއި ޝާހިދު (ވ) "ބަޚަބަރު" ސްޓޫޑިއޯ ލައިވްގައި

"ބަޚަބަރު"ގެ އެތައް އެޕިސޯޑެއް ޓީވީން ގެނެސްދިނެވެ. އެއީ ޓީވީއެމް އުފެދިގެން އައިއިރު، ވަރަށް ގިނަ ބައެއްގެ މަގޫލުކަން ލިބިގެންދިޔަ ސިލްސިލާއެކެވެ. މިހާރުގެ ޒުވާނުންނަށް ވެސް ބަލައިލެވޭ ގޮތަށް، އޭގެ ގިނަ އެޕިސޯޑުތައް ޔޫޓިއުބުން ފެންނަން ހުރިކަމީ އަޖައިބުކުރުވަނިވި އުފާވެރި ކަމެކެވެ. އެއީ ބަލައި ފޫހިނުވާ ޑްރާމާތަކެކެވެ. އެ ފަންނާނުންގެ ފަރާތުން ފެނިގެންދަނީ ހަގީގީ ހުނަރެވެ. ހަގީގީ ހަރަކާތްތަކެވެ. ކޮންމެހެން މީހަކު ހެއްވާކަށް އެކަކު ވެސް މަސައްކަތެއް ނުކުރެއެވެ. މުޅިން ފްރީ ޑަޔަލޮގެވެ.

ޝާހިދު (ކ) އާއި ފީބޯ އަދި ހަސަނިކު "ބަޚަބަރު"ގައި

އަނެއްކާ ވެސް، ކުރިން ކިޔަމުން އައި ޚަބަރަށް ޖެހިލަމާހެއްޔެވެ؟

އެންމެ ސިއްހަތު ރަނގަޅު ކުއްޖާ ވިހޭ ޚަބަރު އެނައުންސަރު ފީބޯ، ކޯޓު ލައިގެން އިނދެ ކިޔުމުން ދެން ފެންނަނީ އެ ދެމައިންގެ ވީޑިއޯއެވެ. އެ ދެ މައިން ތިބެނީ ހޮސްޕިޓަލްގައެވެ. މައިމީހާއަކީ ޝާހިދެވެ. ކުޑަކުއްޖާ އަކީ ފީބޯއެވެ. މޭމައްޗާއި މަތިމަހުގައި ވެސް ނުރަ ޖަހައިފައިވާ ފީބޯ އޮންނަނީ ހުސްގަޔާ ނެޕީއެއް ޖަހައިގެން، އިނގިލިބޯށެވެ. އެ ވަގުތު އެތަނަށް ޓީވީ ކެމެރާމަނުންނާއި ފޮޓޯގްރާފަރުން އިންޓަވިއު ނަގަން ވަދެއެވެ. އަދި ވިހެއީ ކޮން އިރަކުތޯ މަންމައާ ސުވާލުކުރެއެވެ. އެކަމަކު ޖަވާބު ދެނީ މިއަދު ވިހޭ "ތުއްތު" އެހެނަސް ބިޔަ ދަރިފުޅެވެ. ބުނަނީ ވިހެއީ މިއަދު ކަމަށާއި "އަންމަ އަށް އެކައްޗެއްވެސް ނޭނގޭނެ" ކަމަށެވެ. އަދި އެއަށްވުރެ ބޮޑު އެނދެއް ނުލިބޭނެތޯ ވެސް މަންމަ ގާތު ސުވާލުކުރެއެވެ. ކެމެރާ ކުރަނީ ޓީވީއެމްގެ ނޫސްވެރިންތޯ އަހައި، "ތިޔަބޭފުޅުންނަށްޓަކައި" އޮންނަނީ ކޮން ރެއަކުތޯވެސް ތުއްތު ދަރިފުޅު އަހައެވެ. އަދި މިހެން ކުދިން ލިބުނީމާ ހަބަރު ހަދާ މީހުން އަންނަ ވާހަކަ ސައިފު ރަސްގެފާނު ވާހަކައިގައި އާދޭތޯ ވެސް މަންމަ ގާތު ދަރިފުޅު ސުވާލުކުރެއެވެ. ޖަވާބުގައި މަންމަ ބުނީ އޭރު ރިޕޯޓަރުން ނޫޅޭ ކަމަށެވެ. އަދި އޮލިމްޕަހުގައި އޮތީ ކޮން ފިލްމެއްތޯ ވެސް ނޫސްވެރިން ގާތުގައި، ތުއްތު ކުއްޖާ ސުވާލުކުރެއެވެ. ޖަވާބުގައި ނޫސްވެރިޔާ ބުނަނީ "ޖަބުޖަބު" ކަމަށެވެ.

އަޖައިބެކެވެ. މިއަދު ވިހޭ ކުއްޖަކަށް "ތިޔަބޭފުޅުންނަށްޓަކައި" އާއި "ސައިފު ރަސްގެފާނު ވާހަކަ" އާއި އޮލިމްޕަހާއި "ޖަބުޖަބު" އެނގެނީ ކިހިނެއްހެއްޔެވެ؟

"ބަޚަބަރު" މިއީ މި ކަހަލަ ކިތަންމެ ޑްރާމާތަކެކެވެ. ބަލައި ފޫހިނުވާނެއެވެ.

ޝާހިދު އެންމެ ފުރަތަމަ މަޝްހޫރުވެގެންދިޔައީ އޮލިމްޕަސް ސްޓޭޖުގައި ކުޅެމުންދިޔަ ސީ.ޑީ.އެސްގެ ޑްރާމާ ތަމްސީލްތަކުންނެވެ. ސީ.ޑީ.އެސްއަކީ އޭގެ ހިޔާވަހިކަމުގައި ހުނަރުވެރި ގިނަ ފަންނާނުންތަކެއް އުފެދި، ރާއްޖޭގެ މުނިފޫހިފިލުވުމުގެ މެދުއުޑުގައި ފިޔަޖެހި ހިޔާވެއްސެކެވެ. އެކަމަކު ފީބޯ އާއި ހަސަނިކު އެއީ ސީ.ޑީ.އެސްގެ ތަރިންނެއް ނޫނެވެ. ހަމަ އެ ދުވަސްވަރު ފީބޯމެންގެ ހެއްވާ މަޖާ ޑްރާމާތައް އަންނަމުންދިޔައީ ދިވެހިރާއްޖޭގެ އަޑުންނެވެ. ޓީވީ ޑްރާމާތަކަކަށް ބަދަލުވީ މާފަހުންނެވެ.

"ބަޚަބަރު"ގެ ތެރެއިން ވަރަށް ފާހަގަކުރެވޭ އެހެން އެޕިސޯޑެއްވެސް ވެއެވެ. އެއީ ދެ ލައްކަ ފޫޓު މަތީގައި އުދުހުނު މަތިންދާ ބޯޓެއްގެ ފުރޮޅަށް ދިމާވި މައްސަލައެއްގައި ބޯޓު ކޮންޓްރޯލުން ނެއްޓުމުން، އެ ބޯޓަށް އެހީވުމަށްޓަކައި އެހެން މަތިންދާބޯޓެއް ގޮސް، އޭގެ މަތީގައި ޖައްސާ ޑްރާމާއެވެ. މި ޑްރާމާ ކުޅެފައި ވަނީ އެގޮތަށް އެއް ބޯޓު އަނެއް ބޯޓުމަތީގައި މަޑުކޮށްގެން ތެޔޮ އެޅުން ތައާރަފުވެސް ނުވަނީސް ކަމަށް ވެއެވެ.

ހަމަ އެގޮތަށް ހޫނު ގަދަ ފުޓުބޯޅަ މެޗަކަށް ޝާހިދާއި ހަސަނިކު ނުކުންނަ އެޕިސޯޑުވެސް އެއީ ވަރަށް ފާހަގަކުރެވޭ އެޕިސޯޑެކެވެ. އޭގެ ރެފްރީއަކީ ފީބޯއެވެ. ރެފްރީއެއްގެ އިންސާފުވެރިކަން މީގައި ވަރަށް ރަނގަޅަށް ތަމްސީލްވެގެންދެއެވެ.

"ބަޚަބަރު"ގެ ސިލްސިލާތަކުގައި އިސްކޮށް ހަރަކާތްތެރިވި ފަންނާނުންގެ ތެރެއިން މި ދުނިޔެއާ އެންމެ ފުރަތަމަ ވަކިވީ ކުޑަދޮންނެވެ. އެއަށްފަހު ފީބޯއެވެ. ކޮއްޔަ ހަސަނިކު ނިޔާވީ މިދިޔަ އަހަރުއެވެ. އިއްޔެ އިރު އަރައިގެން އައިއިރު ލިބުނު ހަބަރަކީ "ބަޚަބަރު"ގެ އެންމެފަހު ތަރި، ޝާހިދުގެ މަރުގެ ހިތާމަވެރި ހަބަރެވެ. ޝާހިދު ނިޔާވީ ވަރަށް ދުވަހު ބަލިވެ އުޅުމަށްފަހުއެވެ. ޝާހިދު ވަކިވެދިއުމުން، "ބަޚަބަރު" ސިލްސިލާގެ ހުރިހައި ފަންނާނުން އަހަރުމެނާ ވަކިވެ ނިމުނީއެވެ. މިހާ ހިސާބުން "ބަޚަބަރު" ނިމުނީއެވެ.

ޝާހިދު (ވ) ސާހިބުގެ ބުމަރުގައި

ޝާހިދުގެ ތަމްސީލީ ދުނިޔެ

ޝާހިދަކީ "ބަޚަބަރު"ގެ ކުރީން ވެސް ތަމްސީލީ ދުނިޔޭގައި ފާހަގަކޮށްލެވުނު މުމައްސިލެކެވެ. މިގޮތުން 1978 ގައި އިސްކަންދަރު އިސްކޫލު އިސްޓޭޖުގައި ކުޅުނު "ކުއްލިދިއްލުމެއް" ޝޯގެ "ސާހިބުގެ ބުމަރު"ން ފެށިގެން 1980 ގެ އަހަރުތަކުގައި ސީޑީއެސްގެ ޝޯތަކާއި 1992 ގައި އޮތް ދިވެހިނާދީގެ ޝޯ "ކާޅިވައް" އާއި އެ ނޫންވެސް ތަމްސީލުތަކުން އޭނާ ފެނިފައިވެއެވެ. އަދި ޓީވީއެމްގެ ކުރީކޮޅު ދެއްކި "ބަރާބަރު އޭޖެންޓު" ކަހަލަ ޑްރާމާތައް އޭނާ ކުޅެފައިވެއެވެ.

ޝާހިދު ސީޑީއެސް5 ގެ "ގުޑިހަސަނު" ގައި (1983)

ތަމްސީލީ ދުނިޔޭގެ އިތުރުން އަދަބީ ދުނިޔޭގައި ވެސް ޝާހިދު ފާހަގަކުރެވެއެވެ. މިގޮތުން އޭނާގެ ޅެންތައް 1960ގެ އަހަރުތަކުގެ ފަހުކޮޅުގައި ޝާއިޢުކުރި "ޙަރަކާތް" މަޖައްލާގެ އަދަދުތަކުން ފެށިގެން މަޖައްލާތަކާއި ނޫސްތަކުގައި ޝާއިޢުކޮށްފައިވެއެވެ. އޭގެތެރޭގައި "މަދަދު"، "ހިންމަތް"، "މިންނަތް"، "އާފަތިސް" ހިމެނެއެވެ. އަދި 1970ގެ އަހަރުތަކުގައި ނުކުތް "މަދަދު" ފަދަ މަޖައްލާ ތަކުގައި ޝާއިޢުވަމުން ދިޔަ "ޝާމް" (އަޙްމަދު ޝާހިދު ޙަލީމު) އާއި "ކާހިލު" (ބޮޑުގަލު އިބްރާހީމް މަނިކު) އާއި "ކޮމްރެޑް" (ކަށިމާ އަޙްމަދު ޝާކިރު) ގެ "ވާދަޅެން"ތަކަކީ ވަރަށް ޝައުޤުވެރި ޅެންތަކެކެވެ.

މަދްރަސީ ޖަލްސާއެއްގައި ޝާހިދު (މ)

ޝާހިދަކީ ތަޢުލީމީ ދައިރާގެ ވެސް ޚިދްމަތްތެރިއެކެވެ. މަދްރަސަތުލް އަޙްރާރުގައި އިދާރީގޮތުންނާއި މުދައްރިސްކަމުގެ ރޮނގުން ޚިދްމަތް ކުރިއެވެ.

އަދި ޝާހިދު ޙަލީމަކީ އިސްޓެންސިލް ޗާޕުގެ ދުވަސްވަރު އިސްޓެންސިލް ލިޔުނު އަތުލިޔުންތެރިއެއް ވެސް މެއެވެ. ނޫސްވެރިކަމުގެ ދާއިރާގައި ވެސް ޝާހިދު މަސައްކަތްކުރިއެވެ. މިގޮތުން "އާފަތިސް"ގައި އެޑިޓޯރިއަލް މަސައްކަތާއި ލިއުމުގެ މަސައްކަތްވެސް ކުރިއެވެ.

ޖުމްހޫރީ ދަރުބާރު ތަމްސީލުކުރި ޝޯގައި ދެ ޝާހިދު

ޝާހިދުގެ ގައުމީ ހިދުމަތުގެ އަގުވަޒަންކުރައްވައި، ތަމްސީލުކުޅުމުގެ ރޮނގުން އާންމު ޚިދްމަތުގެ ހިތްވަރުދިނުމުގެ އިނާމު 1986 ވަނަ އަހަރު އޭނާ އަށް ލިބިފައިވެއެވެ.

ޝާހިދުގެ ތަމްސީލްތަކާއި "ބަޚަބަރު" ބަލައިފައި އަހަރުމެން އޭރު ހުނީމެވެ. އެކަމަކު މިއަދު ހުނުމެއްނެތެވެ. އަހަރުމެން ކުރާން އޮތް އެންމެ މުހިންމު ކަމަކީ އެ މަރުހޫމުންނަށް ހެޔޮ ރަހުމަތްލެއްވުން އެދި މާތް ﷲ ހަޒުރަތުގައި ދުއާ ދެންނެވުމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.