ދެވަނަ ފަހަރަށް ފޯނުން އެލާމް އަޅަންފެށުމާއެކު އަހަރެންނަށް ފުންމައިގެން ތެދުވެވުނެވެ. ފުރަތަމަ އެލާމަށް ހޭވެސް ލެވުނެވެ. ތެދުވަން ހިތަށް އަރާފައި ދެންވީ ގޮތެއް ނޭނގުނެވެ. ހޭލެވުނީ ދެވަނަ އެލާމަށެވެ. އަބަދު އެއްކަމެއް ކުރަން ޖެހުމުން ސިކުނޑިއަށާއި ހަށިގަނޑަށް ގެނުވަމުންދާ ވަރުބަލީގެ އަޘަރުތައް ކަމަށްވެސް ވެދާނެއެވެ. ފޯނުން އަވަހަށް ގަޑިއަށް ބަލާލީމެވެ. ތައްޔާރުވެގެން ދާން ލިބެން އޮތީ ބައިގަޑިއެއްހާ އިރެވެ. ވީ ފޫއްސެއްގެ ބޮޑުކަމުން ޗޮކެއް ކަނޑާލެވުނެވެ.
މަދުވެގެން ގަޑިއެއްހާއިރު އަހަރެން ތައްޔާރު ވުމަށް ބޭނުންވާނެއެވެ. އެހެންވިިޔަސް ދެންވެސް އަވަސްކުރުން ނޫން ގޮތެއް ނެތެވެ. ތެޅެމުން ފޮޅެމުން ގޮސް ވީއެންމެ އަވަހެއް ކޮށްގެން ފެންވަރާލައިގެން ނުކުތީމެވެ. ލާނެ ހެދުމާއި އެއްޗެއްހި ރޭގައި ތައްޔާރުކޮށް ބޭއްވުނުކަން އެއީ ދެން މިފަހަރުގެ ނަސީބެވެ. އާއްމުކޮށް އަހަރެން ހެދުން އިސްތިރި ކުރާނީ އަބަދުވެސް ލާންވީމައެވެ. ޚިޔާލުވެސް ބަދަލުވާ ވަރުންނެވެ. އަހަރެންނަކީ ހެދުން އަޅާގޮަތަށް ވަރަށް ބަލާ މީހެކެވެ. މަތިން ފަށައިގެން ތިރިޔަށް ހުންނާނީ ގުޅުވާފައެވެ. ޚާއްސަކޮށް ވަޒީފާގެ މިކަހަލަ އިންޓަރވިޔުތަކަށް ދަންޏާ ވަކިން ރީތިކޮށް ހެދުން އެޅޭތޯ ބަލަމެވެ. ހެދުން އަޅާފައި ހުންނަގޮތުން މީހާގެ ޝަޚްސިއްޔަތު ދައްކައިދެޔޭ ބުނާއަޑު އިވިފައިވެސް ހުރީމައެވެ.
ލޯގަނޑު ކުރިމަތީގައި ހުރެ ފުނާ އަޅަމުން ދިޔައިރު އަހަރެންނަށް ވިސްނެމުން ދިޔައީ އަހަރެންގެ ހަޔާތުގެ ނައު ދަތުރު ކުރަމުން މިދާ މިސްރާބާއި މެދުގައެވެ. ކާމިޔާބުގެ އައްސޭރިއަކަށް ދެވި، ވަޒީފާތައް ހޯދުމުގެ ދަތުރު ނިމޭނެ ދުވަހަކާއި މެދުއެވެ. މިހަފްތާގައި މިއީ އަހަރެންދާ ހަތަރުވަނަ އިންޓަރވިއު އެވެ. ފާއިތުވި ތިންމަހެއްހާ ދުވަސްތެރޭ އަށާރަ ތަނަކަށް އިންޓަރވިއުއަށް ދެވިއްޖެވެ. އަހަރެންނަކީ ޑިގްރީއާއި ހަމަޔަށް ކިޔަވައިގެން ހުރި މީހެކެވެ. އެކަމަކު އެއްވެސް ތާކުން ވަޒީފާއެއް ހަމައެއް ނުޖެހުނެވެ.
"ތިވާނީ ލިއުޝާ އިންޓަރވިއު ފަނިކޮށްލަނީ ކަމަށް. ރަނގަޅަށް ވާހަކަ ދެއްކިއްޖެއްޔާ ލިބޭނެ ޔަޤީން. ޝަރުތުވެސް ހަމަވެޔެއްނުން. ވާނެ އެހެންވީމަ!" މިއީ ބައެއް ރައްޓެހިން ދެކޭ ގޮތެވެ. އަހަރެންނަށް ވަޒީފާ ނުލިބެނީ އިންޓަރވިޔު ރަނގަޅަށް ނުދާތީއެވެ. އެކަމަކު އަހަރެން އެކަމާއި އެއްބަހެއް ނުވަމެވެ. ހަމަގައިމުވެސް މިހާރު އަމުދުން އެއްބަހެއް ނުވެވޭނެއެވެ. އިންޓަރވިޔުތަކަށް ދެވުނު ވަރުންވެސް ކަންނޭނގެއެވެ. އަހަރެން ވާހަކަ ދައްކާއިރު އަދިވެސް ފިނިވާގޮތް ވިިޔަސް، އަހަރެންނާއި އެއްފެންވަރަށް އިންޓަރވިޔުއެއްގައި މިހާރު ވާހަކަ ދެއްކޭނީ މަދު މީހަކަށެވެ. ކުރާ ހުރިހާ ސުވާލަކަށް އަހަރެން ހުންނަނީ ތައްޔާރުވެފައެވެ. އަހަރެންނަށް ދޭންޖެހޭ ޖަވާބު އެނގެއެވެ. އަހަރެންގެ އިންޓަރވިއު ދަނީ ގޯސްކޮށްނަމަ އެތައްފަހަރަކު އަހަރެން ދެވަނަ އިންޓަރވިޔުއަށް ޝޯޓްލިސްޓްވަނީ ކީއްވެ ހެއްޔެވެ؟ އަހަރެންގެ ބައެއް ޖަވާބުތައް އަޑުއަހާފައި އިންޓަރވިއު ކުރާ ކިތަންމެ ބަޔަކު ތައުރީފްވެސް ކޮށްފައި އެބަހުއްޓެވެ. ނުހޮވުނީމާ އެތަންތަނަށް ގުޅައިގެން ނުހޮވުނު ސަބަބުވެސް އަހަމެވެ. ބައެއް ތަންތަނުން ބުނަނީ "އެތައް ސަތޭކަ ކުދިންނެއްގެ ތެރޭގާ ރަނގަޅު ކުދިން ތިބި ނަމަވެސް، ނަގާނީ ކުންފުންޏަށް އެންމެ ފައިދާހުރި، އެންމެ ބެސްޓްކުއްޖާ" ކަމުގައެވެ. އެ "ބެސްޓްކުއްޖާ" ހޮވާގޮތެއް އަހަރެންނަކަށް ނޭނގެއެވެ.
ލޯގަނޑު ކުރިމަތީހުރެ އަވަހަށް ފުނާ އަޅައި ނިންމާލައިފީމެވެ. މޭކަޕްކުރާނީ ބާވައެވެ؟ މާބޮޑަށް ކޮންމެހެން މޭކަޕްތަކާ އެއްޗެހި ކޮށްގެން ވަރުގެ ކޮޅަށް ހެދިގެން ދިޔަޔަސް ހަމަ ޖެހޭނީ އެއްތާކު ވިއްޔާއެވެ. އެހެންވެ އެވަގުތު އުފެދުނު ނުތަވަސް ކަމާއި، ވަގުތުވެސް ނެތުމާއެކު ވަރަށް އަވަސް ގޮތަކަށް ކުޑަކޮށް މޭކަޕް ކޮށްލައިފީމެވެ.
ދޮރުގައި ޓަކިޖަހާތީ ގޮސް ދޮރު ހުޅުވާލިއިރު ދޮރުމަތީގައި ހުރީ ރީނާއެވެ. ރީނާއަކީ އަހަރެމެން ދިރިއުޅޭ އެޕާރޓްމަންޓާއި ޖެހިގެން ހުންނަ އެޕާރޓްމަންޓުގައި އުޅޭ ރައްޓެއެްސެކެވެ. ފެނިދެނިވެ ރަހްމަތްތެރިކަން އުފެދި މިހާރު ދެން ވަރަށް ގާތް ރައްޓެއްސެކެވެ. ހިތްހެޔޮވެފައި މޫނުމަތީގައި އަބަދުވެސް ވަރަށް ރީތި ހިނިތުންވުމެއް ހުންނާނެއެވެ.
"މިއަދު އަނެއްކާވެސް އިންޓަރވިއުއަކަށް ދޯ؟.. އެހެނެްވެ ހެނދުނު ހެނދުނާ މިއައީ ބެސްޓް އޮފް ލަކް ކިޔަން،" އެ ހިނިތުންވުމުގައި ހުރެ ރީނާ ބުނެލިއެވެ.
"އާނ.. ތޭންކްސް! ނަގައިދީބަލަ އެހެރަ ވަތްގަނޑުގަ އޮންނާނެ ބޮޑު ސިޓީއުރައެއް. އެ ނަގާފަ މިތާ ބާއްވާލަ ދީބަލަ. ލަސްވެގެން ގަޑިޖެހިދާނެތީ މިއުޅެނީ.." ރީނާ އެތެރެއަށް ވަނުމާއެކު އަހަރެން ވަރަށް އަވަސް އަވަހަށް ބުނެލީމެވެ.
"ހާދަ ބައިވަރު ސިޓީއުރަ ތަކެކޭ.. މިއީ ކޮންމެ އިންޓަރވިއުއަކަށް ދާން ބަންޑެލި ތައްޔާރުކޮށްފަ ދޯ!" އަހަރެން ހުންނާނީ އިންޓަރވިއުއަށް ދާންޖެހޭލެއް ގިނަކަމުން ކުރީބައިގަ ލިޔެކިއުންތައް ފޮޓޯކޮޕީނަގާ، ވަކި ސިޓީ އުރަތަކަށް ލާ ތައްޔާރު ކޮށްފައެވެ. މި މަސައްކަތެއް ކޮށްކޮށްވެސް ވަރުބަލިވާހާ ވެއްޖެއެވެ.
"އަސްލު މިހާރު ތިއީ ލިއުގެ ވަޒީފާއަކީ.. އެޕްލިކޭޝަން ފޯމްތައް ފުރުމާ.. އެޓެސްޓް ކުރުމާ، ޖޮބް އިންޓަރވިއުތަކަށް ދިއުން" ރީނާ ހިނިއައިސްފައި ހުރެ ދިމާކޮށްލިއެވެ. އަހަރެންނަށް ވިސްނާލެވުނެވެ. ރީނާ މަޖަލަކަށް އެހެން ބުންޏަސް ހަޤީޤަތަކީ އެއީއެވެ. ހެނދުނު ހެނދުނާ ހޭލައިގެން ދާން ޖެހެނީ ކޮންމެވެސް އިންޓަރވިއު އަކަށެވެ. ގެޔަށް އައިސް ކުރާ ކަމަކީ ގެޒެޓް ބެލުމާއި އެނޫންވެސް ގޮތްގޮތުން ހުސް ވަޒީފާތަކުގެ މައުލޫމާތު ހޯދުމާއި، ފޯމްތައް ޑައުންލޯޑް ކުރުމާއި، އެފުރުމާއި، އެޓެސްޓް ކުރުމާއި މިފަދަ އެތައް ކަމެކެވެ. މިކަމުން މީހަކަށް އާމްދަނީއެއް ލިބޭނެ ނަމަ އަހަރެންނަށް ބޮޑު އަދަދަކުން ލިބުނީހެވެ.
އަވަސް ރައިޑްގެ ޚިދުމަތް ތަޢާރަފް ކުރިކަން ކިތަންމެހާވެސް ރަނގަޅެވެ. ހަމަގައިމުވެސް ކުރިޔަށްވުރެ ޓެކްސީ ހޯދުން މިހާރު އެތައް ގުނައެއް ފަސޭހައެވެ. އަހަރެން އުޅެނީ ހުޅުމާލޭގައެވެ. އިންޓަރވިއު އޮތީ މާލޭގައެވެ. އެހެންވެ މާލެއަށް ދާން ޓެކްސީއެއް ހޯދާކަށް އެއްވެސް އުނދަގުލެއް ނުވިއެވެ. އެޕުން ޓެކްސީ ބުކް ކުރިތާ ދެމިނިޓްތެރޭ އަހަރެން އިނީ ކާރު ތެރޭގައެވެ. ޓެކްސީ ޑްރައިވަރު ކައިރީ، ގަޑިއަށް ދާންޖެހޭ ވާހަކަ ބުނުމާއެކު ކާރު ދުއްވީ ބާރަށެވެ. އެއްވެސް އުނދަގުލެއް ނެތި ބްރިޖުން ފައިބައިގެން އައިސް މާލޭގެ ބޮޑު ތަކުރުފާނު މަގުގެ ވަކި ހިސާބަކަށް އާދެވުނެވެ. އެހިސާބުން އެޖެހުނީ ޓްރެފިކްގައެވެ. އޭގެ ސަބަބުން އަހަރެންގެ ހިތް އެތައް ގުނައަކަށް ނުތަނަވަސް ކުރުވަމުން ދިޔައެވެ. މިއީ އަބަދުވެސް ވާގޮތެވެ. ތަނަކަށް ގަޑިއަކަށް ދާން ޖެހިގެން ދަންޏާ ޓްރެފިކްވެސް ވަކިން ބާރު ބޮޑުވާނެއެވެ. މަގުތައްވެސް ބަންދު ކުރާނެއެވެ. އެކްސިޑެންޓްތައްވެސް ހިނގާނެއެވެ.
ޑްރައިވަރު، ކުރިމަތީ ހުރި ލޯގަނޑުން އަހަރެންގެ މޫނަށް ބަލާލިއެވެ. އަހަރެން ނުތަނަވަސްވެ ހިތްއަވަސްވެފަ ހުރިވަރު ފެނިގެންވެސް ތޯއްޗެކެވެ. އެހެންމިހެން ދެމިގަނެގެން ނުވެސް އެނގޭ ގޮތަކަށް، ދުއްވާފަ ގޮސް އަވަހަށް އެ ދާންވީ ތަނަށް ގެންގޮސް ދިނެވެ. އެކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައި އެ އުސް އިމާރާތުގެ ތެރެއަށް ވަދެގެން ހިނގައްޖައީމެވެ. އަރަންޖެހެނީ 5 ވަނަ ބުރިއަށެވެ. ގަޑިޖެހެން ދެން އޮތީ އެންމެ މިނިޓެކެވެ. އެހެންވެ ލިފްޓަށްވުރެ އަވަހަށް ސިޑިން އެރޭނެކަމުގެ ޔަޤިންކަން އޮތީމާ ހިތްވަރު ކޮށްލާފައި ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ފަސްވަނަ ބުރިއަށް އެރުނުއިރު، ހިސާބަކަށް ހުރީ މާނޭވާ ލެވޭގޮތް ވެފައެވެ.
ވަނުމާއެކު ރިސެޕްޝަނުގަ އިން ކުއްޖާ ދިއްކޮށްލީ ފުރަންޖެހޭ ފޯމެކެވެ. އެކަހަލަ ކިތަންމެ ފޯމެއް ފުރައިފީމެވެ. އެހެންވެ އެފޯމް ފުރާލާކަށް މާއިރުތަކެއް ނުނެގިއެވެ. ދެން އެކުއްޖާ އަހަރެން ގޮވައިގެން ވަނީ އަދި ތަންކޮޅެއް އެތެެރެއަށެވެ. އޭރު އެތަނުގައި ވަޒީފާގެ އިންޓަރވިއުއަށް އައިސްތިބި ދެޖިންސުގެ މީހުންވެސް ތިއްބެވެ. އަހަރެން ކައިރީ، ނަން ގޮވަންދެން އެތާނގައި މަޑުކޮށްލަ ދިނުމަށް އެދިފަ އެކުއްޖާ ނުކުމެގެން ދިޔައީއެވެ. އަހަރެން އެތަނުން ގޮނޑިއެއްގައި އިށީނދެލާފަ ހަމަޖެހިލީމެވެ. އޭރު މަޑުމަޑުން ފިނިވާންވެސް ފަށައިފިއެވެ. ފިނިވަނީ ކުރާނެ ސުވާލުތަކާއި ދޭނެ ޖަވާބުތަކާމެދު ވިސްނާފައެއް ނޫނެވެ. ފިނިވަނީ މިފަހަރު ވާނީ ކިނިނެތްބާއޭ ހިތަށް އަރާފައެވެ. ވަޒީފާ ހަމަ ޖެހޭނެ ބާވައެވެ. އެހެންވެއްޖެނަމަ ކިހާ ރަނގަޅު ހެއްޔެވެ؟ އިންޓަރވިއުއަށް އަންނަ ކޮންމެ ފަހަރަކު އުއްމީދުގެ ރާޅެއް ހިތުގެ ތެރޭގައި ނަގައެވެ. އެހެންނަމަވެސް އެރާޅު އެއްގަމާ ހަމަޔަށް އަންނައިރު އަންނަނީ ފޮނުތަކުގެ ތެރޭގައި އުއްމީދު އެތައް ފަހަރަކު މުގުރަމުން ހިމުން ކުރަމުންނެވެ.
ތަނަށް ވެރިވެފައި އޮތް ހަމަހިމޭންކަމުގެ ތެރޭގައި އަހަރެން ދިޔައީ ރަނގަޅު ގޮތެއް ވުމަށްއެދި ހިތުގެ އަޑިން ދުޢާކުރަމުންނެވެ. އަހަރެންގެ ދުޢާއަކީ އަހަރެންނަށް ހައްޤު ރަނގަޅު ވަޒީފާއެއް ލިބުމެވެ. އަހަރެންނަށްވެސް އަޑިއަޑީން ސިޔާސީ މީހެއްގެ ފުށުން ވަޒީފާއެއް ހަމަޖެހުނެވެ. މުސާރަވެސް ބޮޑެވެ. ހަމަޖެހުނު ވަޒީފާގެ ޝަރުތުތަކަށް ބަލާއިރު އަހަރެން އެއްވެސް ގޮތަކަށް ކުފޫ ހަމައެއް ނޫނެވެ. އެއީ ޑިރެކްޓަރ ލެވެލްގެ ވަޒީފާއެކެވެ. އެކަމަކު އަހަރެންނަށް އެގޮތެއް ކަމަކު ނުދެއެވެ. ކިތަންމެ ވަރަކަށް ވަޒީފާއެއް ބޭނުންވެގެން އުޅުނަސް އަހަރެންގެ ގައިގާ ގޮތެއް ހުންނާނެއެވެ. އެއްވެސް މީހެއްގެ ތައްޕާހުގެ ދަށުގައި އަހަރެން އަޅުވެއްޗެއް ނުވާނެއެވެ. އަދި އަހަރެންނަކީ ހަމައާއި އުސޫލު ޤަބޫލުކުރާ މީހަކީމެވެ. މިސިފަތައް އަހަރެން ގައިގާ ހުންނާތީ އެކަމާ އަހަރެން ފަޚްރުވެރިވެސް ވަމެވެ. އަހަރެން ދެކޭ ގޮތުގަ "ވަލު ދޮރާށިން" އަހަރެންނަށް ހުށަހެޅުނު އެވަޒީފާއަށް ޝަރުތު ހަމަވާ، އަހަރެން ކަހަލަ ވަޒީފާ ނުލިބިގެން އުޅޭ، އަހަރެންނަށްވުރެ މާ ޤާބިލު ކިތަންމެ ބަޔަކު އުޅޭނެއެވެ. އަހަރެންނަށް ހައްޤުނޫން އެފަދަ ވަޒީފާއަކަށް ދާން ޖެހިއްޖެނަމަ އަހަރެންނަށް އިހްސާސް ކުރެވޭނީ އެހެން ކޮންމެވެސް މީހެއްގެ ރިޒްޤަށް "އަތްބޭނިގެން" އުޅެނީ ކަމުގައެވެ. މިއީ އަހަރެންގެ ޟަމީރު ޤަބޫލުކުރާނޭ ކަމެއް ނޫނެވެ. އަދި އެހެނެްނޫނަސް ވެސް އެކަހަލަ ގޮތަކުން ލިބޭ އެއްވެސް އެއްޗެއް ދާއިމީނުވާކަމާއި ނިމުން ހިތިކަން އެއީ އަހަރެެން ދަންނަ، ދެކެފަރިތަ ހަޤީޤަތެކެވެ. އެހެންވެ އެެއަށް ނޫނެކޭ ބުނީއެވެ. ދެރައީ ބައެއް މީހުންގެ މިވިސްނުން ނުހުންނާތީއެވެ. ފާއިތުވި އިންޓަރވިއު ތަކުގެ ތެރޭގައި އަހަރެން ހޮވާފަ، ފަހުން އަހަރެންގެ ނަން ބޭރުކޮށް، ސިޔާސީ ނުފޫޒެއްގެ ތެރެއިން ކޮންމެވެސް އެހެން ކުއްޖަކު ނަގާފަ ހުރި ވާހަކަތައްވެސް ރައްޓެހިންގެ ފުށުން އަޑުއިވިފަ އެބަހުއްޓެވެ. އެއިން ކޮންމެ ފަހަރަކު ހިތް އެތެރެހަށިން ކަރުނަ އަޅާފަ ރޯލައެވެ. އެހެންކަމާއިއެކުވެސް އަނެއްކާވެސް ކަށިން މަދު ނެރެގެން ހިތްވަރު ކުރަނީ މިއީ ދިރިއުޅުމަށްޓަކައި ކޮންމެހެންވެސް ކުރަން ޖެހިފަ އޮތް ކަމަކަށް ވާތީއެވެ. އަހަރެންގެ ދިރިއުޅުމުގެ ކަންކަން ރޭވި ތަރުތީބުވެފަ ހުރިގޮތުން ކޮންމެހެންވެސް ވަަޒީފާއެއް މުހިއްމުވާތީއެވެ.
"މަރިޔަމް ލިޔުޝާ!" ބޭރަށް ބޯދިއްކޮށްލަމުން މީހަކު ގޮވާލި އަޑަށް އަހަރެން އަވަސްވެގަތީ އިންޓަރވިއު ކުރެވޭ ރޫމަށް ވަނުމަށެވެ.
އެތެރެއަށް ވަދެ މުޅިތަނަށް ނަޒަރު ހިންގާލީމެވެ. އާމޫނުތަކެކެވެ. އެކަމަކު ކުރާނީ އެއްސުވާލު ތަކެއްކަން އަހަރެންނަށް އެނގެއެވެ. އެކަހަލަ މާހައުލުތަކަށް އަހަރެން މިހާރު ފަރިތައެވެ.
އިންޓަރވިއު ދިޔައީ ހަމަ އާދައިގެ މަގުން ކަން ހިނގާ އުސޫލުންނެވެ. ވަކި ޚާއްސަކަމެއް ނެތެވެ. ހަމަ ގާތްގަނޑަކަށް އެއްސުވާލު ތަކެކެވެ. ދޭން ޖެހުނީވެސް އެއްޖަވާބު ތަކެކެވެ. އިންޓަރވިއު ނިންމާލާފަ ނުކުތްއިރު އެމީހުން ގަޔާވި ފާޑުވެސް ޖަހައެވެ. އެކަމަކުވެސް ވާނެ ގޮތެއް ނޭނގެއެވެ. އަހަރެންނަށް ކުރެވޭނީ އުއްމީދެކެވެ.
އަހަރެން ފޯނު ނަގާފަ ބަލާލީ އެހެން ތަނަކުން ދެންއޮތް އިންޓަރވިއު އޮތް ދުވަހެވެ. އެއީ މީގެ ދެދުވަސް ފަހުންނެވެ. އެއަށްފަހު އެއިމާރާތުން ނުކުތުމަށްޓަކައި ހިނގައިގަތީމެވެ. އިމާރާތުގެ މައިދޮރުން ބޭރަށް ނުކުމެވުމާއެކު ފުން ނޭވާއެއް ލެވުނުވެ. ހިތަށް އެރިއެވެ. އުއްމީދަކާއެކު ވަޒީފާ ހޯދުމަށް ކުރެވޭ މި"ޖިހާދުގައި" މިއަދުވެސް މިއީ ހަމަ އޭގެތެރޭން ދުވަހެކެވެ.



advertisment
3 Responses
މިއީ ވަރަށް ގިނަ މީހުންގެ ލައިފާއި ގުޅޭ ވާހަކައެއް. ވަރަށް ސަޅި ކޮންސެޕްޓް.
Vaahaka varahvess hihgaimu kiyamun dhiyavarakah genemunhamadhiyaee.varah molhu shabeeb thaufeege v hurihaa liumehvess.keep it up.
ވަރަށް ހިތްގައިމު ވާހަަކައެއް. ޝަބީބުގެ ސީރީސް ވާހަކަ އެއް ކިޔާލަން ވަރަށް ބޭނުން.????