Support Us

ސިފައިންގެ އިލްޒާމީ ޚިދުމަތް

ސިފައިންގެ އިލްޒާމީ ޚިދުމަތަކީ އަސްކަރިއްޔާގައި ވަކި މުއްދަތަކަށް ޚިދުމަތްކުރުން ލާޒިމުކުރުމެވެ. ދުނިޔޭގެ ބައެއް ޤައުމުތަކުގައި ސިފައިންގެ އިލްޒާމީ ޚިދުމަތުގެ އިތުރުން ސަލާމަތީ އެހެނިހެން ޚިދުމަތްތައް ހިމެނޭގޮތަށް ޤައުމީ ޚިދުމަތް ލާޒިމުކޮށްފައި ހުރެއެވެ.

ކަނޑައެޅިފައިވާ ގޮތަށް އަސްކަރިއްޔާގައި އިލްޒާމީ ޚިދުމަތްކުރާ ފަރާތްތައް އެ މުއްދަތު ހަމަވުމުން އުމުރުން ވަކިވަރެއް ވަންދެން އަސްކަރިއްޔާގެ ރިޒާވް ލަޝްކަރުގެ ގޮތުގައި ބައިތިއްބައެވެ.

އަސްކަރީ އިލްޒާމީ ޚިދުމަތަކީ ޤަދީމީ ހުރިހާ ޙަޟާރަތްތަކެއްގައި އޮތް ކަމެކެވެ. ފަހުން ވަނީ ހަނގުރާމަވެރި ހާލަތުގައި ނުވަތަ ޤައުމަށް ދިމާވާ ބޮޑެތި ކަންކަމުގައި އަސްކަރީ އިލްޒާމީ ޚިދުމަތަށާއި ޤައުމީ ޚިދުމަތަށް ގޮވާލެވޭގޮތަށް ގިނަ ޤައުމުތަކަކުން ޤާނޫނުތައް އެކުލަވާލާފައެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ އަސާސީ ޙައްޤުތަކާއި މިނިވަންކަމުގެ ބާބުގައި އެއްވެސް މީހަކު ލައްވައި މަޖުބޫރުން މަސައްކަތް ކުރުވައިގެން ނުވާނެކަމަށް ބަޔާންކުރުމަށްފަހު އޭގެތެރެއިން ސިފައިންގެ އިލްޒާމީ ޚިދުމަތަށް ގޮވާލުން ވަނީ އިސްތިސްނާ ކޮށްފައެވެ. އެމެރިކާ، ރަޝިޔާ އަދި ޗައިނާ ފަދަ ބޮޑެތި އަސްކަރީ ބާރުތައް އޮންނަ ޤައުމުތަކުގައި ވެސް ކުއްލި ހާލަތުގައި އަސްކަރީ އިލްޒާމީ ޚިދުމަތަށް ގޮވާލެވޭނެ ޤާނޫނީ އޮނިގަނޑުތައް ވަނީ އެކުލަވާލެވިފައެވެ.

މިހާރު ދުނިޔޭގެ ޤައުމުތަކުގައި އަސްކަރީ އިލްޒާމީ ޚިދުމަތް އޮތީ ދެގޮތަކަށެވެ. އެއްގޮތަކީ ހަނގުރާމަވެރި ނުވަތަ ކުއްލި ނުރައްކަލުގެ ހާލަތުގައި އަސްކަރީ އިލްޒާމީ ޚިދުމަތަށް ގޮވާލެވޭގޮތަށް އޮތް ޤައުމުތަކަކާއި ކޮންމެ މީހަކު ވެސް އުމުރުން ވަކިވަރެއް ވުމުން ވަކި މުއްދަތަކަށް އަސްކަރިއްޔާގައި ޚިދުމަތްކުރުން ލާޒިމުކުރުމެވެ. މީގެ އިތުރުން "ނޭޝަނަލް ސަރވިސް" ނުވަތަ ޤައުމީ ޚިދުމަތުގެ ގޮތުގައި ޒުވާނުންނަށް ޤައުމަށް ޚިދުމަތްކުރުމުގެ ފުރުސަތު ދިނުމަށް ސިޔާސަތުތަކާއި އުސޫލުތަކާއި ޤާނޫނުތައް ވަރަށް ގިނަ ޤައުމުތަކުގައި ހަދާފައި ހުރެއެވެ. އެއީ ކުށުގެ ވެށިން ސަލާމަތްވެ، ތަރުބަވީ ވެށްޓެއްގެތެރެއިން ޒުވާނުންނަށް ޤައުމީ ތަފާތު ޚިދުމަތްތަކަށް ދިއުމަށް އޮންނަ ފާލަމެކެވެ.

އަސްކަރީ އިލްޒާމީ ޚިދުމަތް އުމުރުން 18 ފުރުމުން ލާޒިމުކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި ދެކުނު ކޮރެއާ، އުތުރު ކޮރެއާ، އިޒްރޭލް، ސިންގަޕޫރު، ކޮލަމްބިއާ، އެންގޯލާ، ވިއެޓްނާމު، ފިންލެންޑް އަދި ސްވިޒަލޭންޑް، ނޯވޭ، އެރިޓްރިއާ ހިމެނެއެވެ. ދެ ޖިންސުގެ ޒުވާނުންނަށް އަސްކަރީ އިލްޒާމީ ޚިދުމަތް ލާޒިމުކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި ދެ ކޮރެއާއާއި އިޒްރޭލާއި ނޯވޭއާއި ސްވިޑުންނާއި އެރިޓްރިއާ ހިމެނެއެވެ. ދެކުނު ކޮރެއާއި އުތުރު ކޮރެއާގައި އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ދެ ޖިންސުގެ ޒުވާނުންނަށް އަސްކަރީ އިލްޒާމީ ޚިދުމަތް 18 މަހާއި 24 މަހާ ދެމެދުގެ މުއްދަތަކަށް ދިނުން ލާޒިމެވެ. އިޒްރޭލުގައި 24 މަހާއި 48 މަހާ ދެމެދުގެ މުއްދަތަކަށް ޚިދުމަތް ކުރުން ލާޒިމުކޮށްފައިވާއިރު، އުމުރުން 41 އަހަރާއި 51 އަހަރާ މެދުގައި ތިބެނީ ރިޒާވް ލަޝްކަރުގައެވެ.

ސިންގަޕޫރުގައި ކޮންމެ ޒުވާން ފިރިހެން ކުއްޖަކު 18 އަހަރު ފުރުމާއެކު، 24 މަސްދުވަހުގެ މުއްދަތަކަށް ޤައުމީ ހިދުމަތް ދޭން ލާޒިމެވެ. ޤައުމީ ޚިދުމަތުގެ ތެރޭގައި އަސްކަރީ ޚިދުމަތާއި، ސިވިލް ޑިފެންސްގެ ޚިދުމަތްތަކާއި ފުލުހުންގެ ޚިދުމަތް ހިމެނެއެވެ. ޤައުމީ ލާޒިމު ޚިދުމަތުގެ މުއްދަތު ނިމުމުން އެ ފަރާތްތައް ރިޒާވު ލަޝްކަރަށް ބަދަލުކުރެއެވެ. އެންގޯލާގައި އުމުރުން 18 އަހަރާއި 45 އަހަރާ ދެމެދުގެ ހުރިހާ ފިރިހެނުންނަށް މަދުވެގެން 24 މަސް ދުވަހުގެ މުއްދަތަށް އަސްކަރީ ޚިދުމަތް ލާޒިމްކޮށްފައިވެއެވެ.

ކޮލަމްބިއާގައި އުމުރުން 18 އަހަރާއި 24 އަހަރާ ދެމެދުގެ ޒުވާން ފިރިހެނުންނަށް 18 މަސްދުވަހުގެ މުއްދަތަށް އަސްކަރީ އިލްޒާމީ ޚިދުމަތް ލާޒިމުކޮށްފައިވެއެވެ. ވިއެޓްނާމްގައި 18 އަހަރާއި 25 އަހަރާ ދެމެދުގެ ހުރިހާ ފިރިހެނުންނަށް 24 މަހާއި 36 މަސް ދުވަހުގެ މުއްދަތަށް އަސްކަރީ އިލްޒާމީ ޚިދުމަތް ލާޒިމުކޮށްފައިވެއެވެ. ފިންލޭންޑުގައި 18 އަހަރު ފުރޭއިރު ހުރިހާ ފިރިހެނުންނަށް 6 މަހަކާއި 12 މަސް ދުވަހާ ދެމެދުގެ މުއްދަތަކަށް އަސްކަރީ ޚިދުމަތެއް ނުވަތަ ބޯޑަރ ޑިއުޓީއެއް ލާޒިމުކުރެއެވެ. ސްވިޒަލޭންޑްގައި 18 އަހަރާއި 30 އަހަރާ ދެމެދުގެ ފިރިހެނުން 18 ހަފުތާގެ މުއްދަތަކަށް އަސްކަރީ އިލްޒާމީ ޚިދުމަތް ދޭންޖެހެއެވެ.

އަސްކަރީ އިލްޒާމީ ޚިދުމަތް ލާޒިމުކޮށްފައިވާ ޤައުމުތަކުން ގަބޫލުކުރާ ގޮތުގައި އެ ޚިދުމަތަކީ ޒުވާނުން ކުށްތަކާއި ނުބައި ފިކުރުތަކާ ދުރުކޮށް، ތަރުބަވީ ވެށްޓެއްގައި ހާނުވައި ޤައުމަށް ބޭނުންތެރި ބައެއްގެ ގޮތުގައި ހަދައިދޭ ޚިދުމަތެކެވެ.

  • މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *