Support Us

ފަންވަތް ކޮލަމް

އާޖެންޓީނާ ޓީމުން ކަޅު މީހަކު ނުފެންނަނީ ކީއްވެ؟

މަރަޑޯނާއޭ ކިޔުނު ޒުވާނެއްގެ މޮޅު ކުޅުން ފެނިފައި ދިވެހީންގެ ތެރެއިން ވަރަށް ގިނަ ބަޔަކު އާޖެންޓީނާގެ ފުޓުބޯޅަޔަށް ތާއީދުކުރިއެވެ. އޭގެ ފަހުން ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތެއް އަތުވެއްޖެނަމަ ދިވެހިންގެ ތެރެއިން އެންމެ ގިނަ ބަޔަކު ތާއީދުކުރާތީ ފެންނަނީވެސް އާޖެންޓީނާއަށެވެ.

އާޖެންޓީނާއަކީ ފުޓްބޯޅައިގެ ސުޕަރ ސްޓާރުން މެދުނުކެނޑި އުފަންވާ ގައުމެކެވެ. މަރަޑޯނާ ނެތަސް އެތަން ފޫބައްދާ ކުޅުންތެރިން ތިބެއެވެ. މިހާރު އެފަދަ މީހަކަށް ހުރީ މެސީއެވެ. މެސީގެ ސަބަބުންވެސް އާޖެންޓީނާއަށް ތާއީދުކުރާ މީހުން އިތުރުވެއެވެ. ދިވެހިރާއްޖެވެސް ހިމެނޭ ގޮތުންނެވެ. އާޖެންޓީނާގެ ފުޓުބޯޅަ ރިކޯޑުތައް އެންމެންވެސް ހިތުދަހެވެ. އެކަމަކު އެގައުމުގެ ތާރީޚުގެ ކަޅު ސަފުހާތަކެއް ނޭނގެއެވެ. އެނގޭނަމަ ތާއީދުކުރުން އެހާ ބޮޑުވާނޭ ކަމަކަށް ނުބެލެވެއެވެ.

އާޖެންޓީނާއަކީ ދެކުނު އެމެރިކާގައި ސައިޒުގެ ގޮތުން އެންމެ ބޮޑު ދެވަނަ ގައުމެވެ. އާބާދީގެ ގޮތުން ދެކުނު އެމެރިކާގެ ތިންވަނަ ގައުމެވެ. ދެކުނު އެމެރިކާގެ އެހެން ހުރިހާ ގައުމެއްގައި ކަޅު މީހުން އެހާ ގިނައިރު އާޖެންޓީނާއިން ކަޅު މީހުން ނުފެންނަނީ ކީއްވެގެންބާވައެވެ؟ ބްރެޒިލްއާއި ކޮލަމްބިޔާ ފަދަ ޓީމުތަކުގައި ކަޅު ކުޅުންތެރިން ނަގާކިޔާއިރު އާޖެންޓީނާގެ ގައުމީ ޓީމުން ކަޅު އެންމެ ކުޅުންތެރިޔަކުވެސް ނުފެންނަނީ ކީއްވެގެންބާވައެވެ؟ މި ސުވާލުގެ ޖަވާބު ހޯދުމަށްޓަކައި ފީނަން ޖެހެނީ އާޖެންޓީނާގެ ތާރީޚަށެވެ.

އެ ގައުމުގައި އުޅުނު ކަޅު މީހުން މިހާރު ކޮބައިހޭ އަހައިފިއްޔާ އާޖެންޓީނާ މީހުންގެ ޖަވާބަކީ އެމީހުން ގެއްލިއްޖެއެވެ. ޣައިބުވެއްޖެއެވެ. އާޖެންޓީނާގެ ރައީސްކަން ކުރެއްވި ކާލޯސް މެނެމް ދާދި ފަހުން ވިދާޅުވެފައި ވަނީ އާޖެންޓީނާއަކީ ކަޅުމީހުންގެ ތަނެއް ނޫން ކަމުގައެވެ. ކަޅުމީހުންގެ ގައުމަކީ ބްރެޒިލް ކަމުގައެވެ. މިއީ ޖަވާބެއް ނޫނެވެ. މީލާދީން އަށާރަސަތޭކައިގެ އަހަރުތައް ފެށުނުއިރު އާޖެންޓީނާގެ އާބާދީގެ ދެބައިކުޅަ އެއްބަޔަކީ ކަޅު މީހުންނެވެ. ވެރިރަށުގެ ސާޅީސް އިންސައްތަ މީހުންނަކީވެސް ކަޅު މީހުންނެވެ. އެހެންވީމާ މިހާ ގިނަބަޔަކު ކުއްލިޔަކަށް ނުގެއްލޭނެވެ.

ޑޮމިނިގޯ ސަރްމިއެންޓޯ: ވެރިކަމުގައި ހުންނެވި ޒަމާނުގައި ކަޅު މީހުން މަރައި ހުސްކުރުމުގެ ގައުމީ ކެމްޕޭނެއް ވަނީ ހިންގައިފައި

ދުނިޔޭގެ ތާރީޚުގައި ކަޅު މީހުންނާ ދެކޮޅަށް އެންމެ ބޮޑު ގަތުލު އާއްމެއް ހިންގައިފައި ވަނީ އާޖެންޓީނާގައެވެ. އާޖެންޓީނާގެ ވެރިކަމުގައި ޑޮމިނިގޯ ސަރްމިއެންޓޯ ހުންނެވި ޒަމާނުގައި ކަޅު މީހުން މަރައި ހުސްކުރުމުގެ ގައުމީ ކެމްޕޭނެއް ވަނީ ހިންގިފައެވެ. ޚާއްސަކޮށް ކަޅު ފިރިހެނުން އުރުގުއޭއާ ދެކޮޅު ހަގުރާމަޔަށް ނެރުން އިތުރެވެ. މިހެން ހެދީމާ ބާކީ ތިބެނީ މުސްކުޅިންނާއި އަންހެނުންނާއި ކުޑަކުދިންނެވެ. އެމީހުން ދޮންމީހުންނާ ވަކިން އެކަހެރިކޮށް ބޭސްފަރުވާގެ ކަންކަމުންވެސް އެކަހެރިކުރީމާ ބަލިމަޑުކަން ފެތުރި އިސާހިތަކު ބޮޑެތި ޖަމާއަތްތައް ފަނާވެގެން ނެތިގެން ހިނގައިދެއެވެ.

މިއީ ސަރްމިއެންޓޯގެ އެކަނި ސިޔާސަތެއް ނޫނެވެ. މިއީ އޭގެ ކުރިންނާއި އޭގެފަހުން ވެރިކަންކުރި މީހުންގެ ވެސް ސިޔާސަތެވެ. ދޮންމީހުންގެ ސިޔާސަތެވެ. މި ސިޔާސަތުގެ މަގުސަދަކީ އާޖެންޓީނާއަކީ ޔޫރަޕުގެ ދޮން ނަސްލުގެ ދޮން ގައުމެއްގެ ގޮތުގައި ތާއަބަދު ބޭއްވުމެވެ. މިސިޔާސަތުގެ މޭވާ މީލާދީން ނަވާރަސަތޭކައިގެ އަހަރުތަކަށް ފެށުނުއިރު އޮތީ ފެންނާން ފަށައިފައެވެ. އާޖެންޓީނާގެ އާބާދީގެ 97 އިންސައްތައަކީ ދޮން މީހުންކަމުގައި އޭރުއޮތީ ވެފައެވެ. އެހިސާބަށް ދިޔައިމާ ނައްތާނުލެވި ބާކީ ތިބި ކަޅު މީހުން ރަޖިސްޓަރީ ކުރުންވެސް ހުއްޓާލައި ކަރުދާހުގައި އާޖެންޓީނާއަކީ ސައްތައިން ސައްތަ ދޮން ގައުމަކަށް އޮތީ ހަދައިފައެވެ.

މިވާހަކަ ލިޔުނީމާ ބައެއް މީހުން ސުވާލުކުރުން އެކަށީގެންވެއެވެ. ތިޔައީ މާޟީއެވެ. މިހާރުގެ އާޖެންޓީނާއާ ތިޔަކަމާ އޮތީ ކޮން ގުޅުމެއް ހެއްޔެވެ. ތެދެކެވެ. އެއީ މާޟީއެވެ. މިހާރުގެ އާޖެންޓީނާއަކާ ގުޅުމެއް ނެތެވެ. އެކަމަކު މިހާރުގެ އާޖެންޓީނާއިންވެސް އެގައުމުގެ ކަޅު މާޟީ ފޮރުވާން ގަދައަޅައެވެ. މިހާރުގެ އާޖެންޓީނާއަކީވެސް ކަޅަށް އެލާޖިކްވާ ގައުމެކެވެ. ދެކުނު އެމެރިކާގައި އޮންނަ ދޮން ގައުމު ކަމަށް ވުމަކީ އޭރުވެސް މިހާރުވެސް އާޖެންޓީނާގެ ފަޚުރެވެ. ތިމަންނާމެން ހެދިގޮތަށް ހެދިނަމަ ބްރެޒިލްއާއި އެމެރިކާގައި މިއަދު ކަޅުމީހުންގެ މައްސަލަތަކެއް ނޯންނާނެޔޭ އާޖެންޓީނާގެ ވެރީންނަށް އޮޅިގެންވިޔަސް ބުނެވެނީ މިހެންވީމައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1336

One Response

  1. ޢިމާދު އަކީ މޮޅު ލިޔުންތެރިއެކެވެ.މަޢުލޫމާތުގެ ލައިބްރަރީއެކެވެ.ދިވެހި ތާރީޚު ދިރާސާކުރައްވައެވެ.އެހެނަސް މިލިޔުއްވުމުގައި މާ ފަސޭހަކޮށްލައްވާފައި އޮތްކަމަށް ފެނެއެވެ.މިއީ މިހާރު މިރާއްޖެއާއި މާބޮޑު ގުޅުމެއް ހުރިވާހަކައެއް ނޫންތާއެވެ.ތެދެކެވެ.މާލެ އާއި ރާއްޖެތެރެ ވާހަކައޮވެއެވެ.ޢިމާދުވެސް ރަޖިސްޓްރީ އޮންނަނީ މާލޭގައި ކަމަށް ކަބަރު ލިބިއެވެ.ޢިމާދުމެން ފަދަ ފުންނާބު އުސް ނޫސްވެރިން ލިޔުއްވަންވީ ޤައުމުގައި އެއިރަކު އެންމެ ހިނގާ އިސްލާހު ކުރަންވީ ކަންކަމުގެ ވާހަކައެވެ.މިދުވަސްވަރަށް ބަލާއިރު ކޮވިޑްގެވާހަކަތަކާއި، ޒާތްޒާތުގެ ތަކެތިން ޑިއުޓީ ކެނޑުމުގެ ވާހަކަތައް ތިލަކޮށްދެއްވާށެވެ.ލިޔުންތެރިންނާއި ނޫސްވެރިންނަކީ ކރައްޔިތުމީހާ ހަމައަށް ކަންކަން ތިލަކޮށްދީ، ސަރުކާރުތައް ކުރާ ނޭއްގާނީ ކަންތައް ހާމަކޮށްދީ އެކަންކަން އިސްލާހު ކުރުމަށް ބާރުއަޅާބައެކެވެ.އެކަން ކޮށްދެއްވާށެވެ.މިއީ ކުރިމަގުގެ ޖީލުތަކުގެ އޮތުމާއި ނެތުމާއި ގުޅިފައިވާ ސުވާލެކެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *