Support Us

ވާހަކަ: ހިމާޔަތް އެދެމޭ- އެޕިސޯޑް 3

"ތެދެއް؟" އެންމެ އެކުވެރިންގެ ގޮތުގައި ތިބި މީހުންނަށްވެސް މާޔާ އޮތީ އެކަން ސިއްރުކޮށްފައެވެ. އެތަނުގައިވެސް އޭނާގެ ހުރިހާ ސިއްރެއް ކިޔައިދެވޭވަރުގެ އިތުބާރު ހިފޭ އެކުވެރިއަކު ނެތެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަނީ ދެއްކުންތެރިކަމެވެ.

މާޔާ ބޯޖަހައިލިއެވެ. ހުދާ އާއި ލިވްޔާ ހޭންފެށީ ކީއްވެ ކަމެއް ނޭނގެއެވެ. އެކަމަކު ނިކަން އަވަހަށް ސީރިއަސްވެފައި ސޮރީއޭ ބުނެލިއެވެ.

"ސޮރީ އިނގޭ، މާޔާ، ކީއްވެތަ އަހަރެމެންނަށް އިންވައިޓް ނުކުރީ؟ ޕާރޓީއެއް ނުބާއްވާތަ؟" ހުދާއަށް އެކަން ވީ ސަމާސާއަކަށެވެ. އެއީ އެކަން ވާނެގޮތްކަން މާޔާއަށް ކުރިންވެސް އެނގެއެވެ.

"ނޯ ޕާރޓީ. އެކަމަކު ހަނީމޫންއަށް ދާނެ ވަރަށް އަވަހަށް. އާފްޓަރ އޯލް ދޭ އާ ނިއު ބީ،" އަކްމަލްގެ އެއްއަތް މާޔާގެ ކޮނޑުގައި އަޅުވައިލާފައި އެ ބުނި އެއްޗަކުން މާޔާގެ މޫނު ހުދުވެގެން ދިޔައެވެ. އޭނާގެ ދެފައި ތުރުތުރުލައިގަތީ މޭޒުދޮށުގައި ތިބި އެންމެން ހޭންފެށިތަން ފެނިފައެވެ. މާޔާއަށް އަކްމަލް އަތް ފޮޅާލެވުނެވެ. ގޮނޑީގައި އަޅުވާފައި ހުރި ދަބަސް ނަގައި ދުއްވައިގަނެވުނެވެ. އޭނާ ނިކުންނަންދެން ކެންޓީނުގައި ތިބި އެންމެން ތިބީ ކަޅި އަޅައިގެންކަން އެނގެއެވެ. އޭނާ ދުވެފައި ނިކުތީ ކޮލެޖުން ބޭރަށެވެ. ދުވަހުގެ ބާކީ ފިލާވަޅުތައް އޭނާއަށް މުހިއްމެއް ނޫނެވެ. ބޭނުންވީ އެކަނިވާށެވެ.

ގެއަށް ދިޔައިރު ނަޞީބަކުން އެއްވެސް މީހެއްގެ ހިލަމެއް ނެތެވެ. ޝީތު ނާންނާތީ އެކޮޓަރި ހުރީ ހުހަށެވެ. ޝަރުމީލާ އާއި ޔޫނުސް ވީ ކޮޓަރީގައިކަން ނޭނގެއެވެ. ކޮޓަރި ތަޅުލާފައި އައިސް އެނދުމައްޗަށް ވެއްޓިގަނެވުނެވެ. ބާލީހުގައި މޫނު އަޅާލެވުމާއި އެކު ލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގެންފިއެވެ. އަރުތެރެ ބެދި ތަދު ހިފަންދެން އޭނާ ރުޔެވެ. ބޮލުގެ ރިހުން ގަދަވެ މޭގައި ތަދު ހިފިއިރުވެސް ކަރުނަތައް ހުއްޓުމަކަށް ނައެވެ. ރިހެމުންދިޔަ ހިތުގައި އޮތީ މިނެއް ނެތް ވަރަށް ޝަކުވާ އުފެދިފައެވެ. މަންމަ އަމިއްލަ އުފަލަށްޓަކައި ފަށައިގެން މި ދިރިއުޅުމަކީ ހުރިހާ ގޮތަކުންވެސް އޭނާއަށް ހުރި ރިހުމަކަށް ނޫނީ ނުވާނެއެވެ. އޭނަ އާއި މެދު ވިސްނާ ފިކުރުކުރިނަމަ މަންމަ މިއަދުވެސް ހުންނާނީ އޭނާއަށްޓަކައި ހުސްކޮށެވެ. ބައްޕައެއްގެ ފަޅުކަން އިހްސާސްވެ ޝަކުވާކުރާތީ އެނބުރި ހޯދަންވީ އޭނާގެ އުފަން ބައްޕައެވެ.

** **

މާޔާއަށް ލޯ ހުޅުވައިލެވުނީ އޭނާއަށް ޝީތު ގޮވާތީއެވެ. ކޮލެޖުން އައީ ކޮންއިރަކުތޯ ޝީތު އަހާލިއެވެ. މާޔާއަށް ރޯން އޮވެފައި ނިދުނީކަން ހަނދާންވުމުން އޭނާ ތެދުވެފައި ބަލައިލީ ގަޑިއަށެވެ. އިރުއޮއްސުނީއެވެ. އޭނާ ނާންނަ ކަމަށް މަންމަ ކަންބޮޑުވެފައި ހުރިކަން ޝީތު ބުންޏެވެ. އެކަމަކު އެ ހަތަރުފާރުގެ ތެރެއިން ނިކުންނަން އޭނާ ބޭނުމެއް ނޫނެވެ.

އެރޭ ކެއުމުގައި މާޔާ ބައިވެރިވީ އޭނާ ބަލާ ޝަރުމީލާ އައީތީއެވެ.

"މާޔާ،" ޔޫނުސް މާޔާގެ ނަމުން ގޮވާލިއެވެ. އޭނާ ބަލާލިއިރު ޔޫނުސްގެ މޫނުމަތިން ހީވަނީ ވާހަކައެއް ދައްކަން ބޭނުންވެފައި އިންހެންނެވެ.

"އަހަރެމެން ދެމީހުން މާދަމާ ރަށުން ބޭރަށް ދާން ގަސްތުކުރަން. ހަތަރު ފަސް ދުވަސް ވެދާނެ، އޯކޭތަ؟" ޔޫނުސް ކުރި ސުވާލާއި އެކު މާޔާއަށް ބަލައިލެވުނީ މަންމަގެ މޫނަށެވެ. އޭރު އިސް ޖަހާލައިގެން އިން ޝަރުމީލާގެ މޫނުމަތިން ފެންނަން ހުރި ލަދުވެތިކަމަކީ ޅަ އަންހެން ކުއްޖެއްގެ މޫނުމަތިން ފެންނަ ފަދަ އަސަރެކެވެ. އޭނާއަށް ދެބުމަ ކައިރިކޮށްލެވުނެވެ. މަންމަގެ ހުރިހާ އާދައެއް ހުރީ އޭނާއަށް ރައްޓެހިން މަލާމާތްކުރާ ގޮތަށެވެ.

"އަހަރެން ހީކުރީ އެއީ މަޖަލަށް ދެކެވުނު ވާހަކައެއް ކަމަށް،" މާޔާގެ އަޑުގައި ހުރީ ހިތްހަމަނުޖެހުމެވެ. ޝަރުމީލާ ދެތިން ދުވަސް ކުރިން މާޔާ ކައިރީ އެކަނި އުޅެން ދަސްވެފައިތޯ އަހާލީ އޭނާ ބަހައްޓާފައި ދާން ގަސްތުކުރާތީކަން އޭނާއަށް އެނގުނީ އަދި ކިރިޔާއެވެ. އެޔަށްވުރެ ބޮޑަށް ހިތްހަމަނުޖެހުނީ އޭނާއަށް އެނގުމުގެ ކުރިން އެހެން އެންމެންނަށް އެނގޭތީއެވެ. ޝީތުގެ މޫނުމަތިން އެއީ އަލަށް އިވުނު ވާހަކައެއްހެން ހިއެއްނުވެއެވެ.

"ޝީތު އާއި މާޔާއަށް އެކަނި އުޅެވޭނެ ހުރިހާ ކަމެއް ހުންނާނީ ހަމަޖައްސާފައި، ހަފްސާ ކައިރީ ބުނަންވީތަ ރޭގަނޑު ނިދަން އަންނަން؟" ޔޫނުސް ޝީތު އަށް ބަލާލާފައި އަހާލިއެވެ. ޝީތު ނޫނެކޭ ބުނެލިއެވެ. މީގެކުރިން އޭނާ އެކަނި ހުންނަން ޖެހިގެން ހަފްސާ ގެނައި ކަމުގައިވިއަސް މިފަހަރު އޭނާ ބޭނުމެއް ނޫނެވެ. މާޔާ ހުރުމުން އޭނާގެ އެއްވެސް ބިރެއް ނެތެވެ.

އެރޭ ތަންކޮޅެއް ފަހުން މާޔާ ޝަރުމީލާގެ ކޮޓަރިއަށް ދިޔައިރު ޝަރުމީލާ އުޅެނީ ފޮށި ތައްޔާރުކުރާށެވެ.

"މާޔާ، ދަރިފުޅު ޤަބޫލު ނޫންނަމަ މި ދަތުރު ނުގޮސް މަންމަ މަޑުކޮށްލަފާނަން،" މާޔާގެ ސަމާލުކަން އޭނާ ކުރަމުން ދިޔަ މަސައްކަތަށް ހުރިކަން އެނގުމުން ޝަރުމީލާ ބުނެލިއެވެ. މާޔާ އަށް މަޑުމަޑުން ބޯ ހޫރުވާލެވުނެވެ.

"އަހަންނަކަށް ނޭނގެ މަންމަ އަހަންނަށް އިތުބާރުކުރަން ފެށީ ކޮންއިރަކު ކަމެއް؟" މާޔާއަށް ހީވަނީ އޭނާގެ އަމިއްލަ ޟަމީރުވެސް މަލާމާތްކުރާހެންނެވެ. ދެ ދުވަހެއްގެ ތެރޭ ކަންކަން ފުރޮޅިގެންދަނީ ނިދީގައި ފެންނަ ހުވަފެނެއް ފަދައިންނެވެ. އޭނަ އާއި ދުރުގައި ޝަރުމީލާއަށް ހިތްހަމަޖެހުމުގެ ނޭވާއެއްވެސް ނުލެވޭކަމުގައި ކުރިން ބުނެއެވެ.

"މިތާ އިށީނދޭ، އަހަރެމެން އެބަޖެހޭ ކަންކަން އޮޅުންފިލަންދެން ރަނގަޅަށް ވާހަކަ ދައްކަން،" ޝަރުމީލާ އައިސް މާޔާގެ އަތުގައި ހިފާ އެނދުމަތީ ބޭންދިއެވެ. "ހުރިހާ ކަމެއް ވެ ނިމުނީމަތަ؟" އަދިވެސް މާޔާގެ ސިކުނޑި ޤަބޫލުކުރަނީ އޭނަ އާއި މެދު މަންމަ ފަރުވާކުޑަކޮށްފިކަމެވެ.

"އަދި އަހަރެމެންގެ ދިރިއުޅުން އޮތީ ކުރިއަށް، މާޔާ ހިތްހަމަނުޖެހޭ ގޮތަކަށް ހުރިހާ ކަމެއް ނުކުރެވޭނެ. މާޔާގެ ދިރިއުޅުމަށް، މާހައުލަށް އައި ބަދަލު ޤަބޫލުކުރަން އުދަނގޫވެގެން ތިއުޅެނީ. އަސްލު ހަޤީޤީ އުފާވެރިކަމަކީ އަމިއްލަ ހިތްހަމަޖެހުމަށްޓަކައި ހުރިހާ ކަމެއް ބައްޓަންކުރުމަށްވުރެ ބޮޑަށް އެހެން މީހުންނަށްޓަކައި ކަންތައްތަކެއް ކޮށްދެވުމުން ލިބޭ އުފާވެރިކަން. މަންމަ އަށް ޔަޤީން، ކޮންމެވެސް އެއް ދުވަހަކުން މާޔާއަށް މިވަރު ޤަބޫލުކުރެވޭނެކަން. އަހަރެމެން ދެމައިންނަށް އެކަނި އުޅެވިއްޖެ. އެކަމަކު އަބަދު އެކަނިމާއެކަނި މަންމައަށް ހުރިހާ ކަމެއް ނުކުރެވޭނެ. އެކަނި އުޅެއުޅެ ވަރުބަލިވެއްޖެ،" ޝަރުމީލާގެ ދެލޮލުން ކަރުނަ ނިރާލިއެވެ. އަދި މަހެއް ނޫނީ ދެމަހެއްހާ ދުވަސް ވަންދެން ތަކުރާރުކޮށް މާޔާއަށް މިކަން ވިސްނައިދެން ޖެހޭނެކަން އޭނާއަށް އެނގެއެވެ. މީހުން ކިޔާނެ އެއްޗިއްސާއި މެދު ނުވިސްނަން އޭނާ އަބަދުވެސް ބުނެއެވެ. އެކަމަކު މާޔާ އަކީ އެވަރުގެ ހިތްވަރުގަދަ ކުއްޖެއް ނޫނެވެ.

ނިދުމުގެ ކުރިން މާޔާގެ ސިކުނޑިއަށް ކުޑަ ލުޔެއް ލިބުނީ އެރޭ ބާޒާރުން ޔޫނުސް ގެނެސްދިން ހަދިޔާތައް ފެނިފައެވެ. ޝީތު އާއި އޭނާއަށް އެއްވެސް ތަފާތުކުރުމެއްނެތި ގަހަނާ އާއި މޭކަޕާއި ސެންޓްފަދަ އަގުބޮޑު ހަދިޔާތައް ގެނެސްދީފައި ހުއްޓެވެ. އެ އެއްޗެހި ފެނިގެން ޝަރުމީލާ އެހީ ކަމުދޭތޯއެވެ. މިހާރު މާޔާއަށް މިނިވަންކަން ލިބެން އުޅޭހެން ހީވެއެވެ. ކުރީގައި ޝަރުމީލާ ގެންގުޅޭ އާދަތައް މަޑުމަޑުން ދޫކޮށްލާނެހެން ހީވެއެވެ.

** **

ޖެހިގެން އައި ދުވަހުގެ ހެނދުނު ސަޔަށްފަހު ޝަރުމީލާމެން ފުރަން ނިކުންނަނިކޮށް ޝާއިފް އައެވެ. އޭނާގެ މޫނުމަތިން ފެންނަނީ ތާޒާކަމެވެ. އިސްތަށިގަނޑު އޮތީ އެއްކޮށްލާފައި ރަނގަޅަށް އައްސާފައެވެ.  ޝާއިފް ގޮވައިގެން ޝީތު ބަދިގެއަށް ދިއުމުން އެއީ ކާކުތޯ ޝަރުމީލާ އެއްސެވެ. އެއީ ޝީތު އާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކުއްޖެކޭ ޔޫނުސް ބުނެލިއެވެ.

"އޭނަ އަހަރެމެން ނެތީސް މިގޭ ތެރެއަށް ވަންނަންވެއްޖެއްޔާ ކަމަކުނުދާނެ."

ފުރަތަމަ ފަހަރަށް މި ކުރެވެނީ ރަނގަޅު ކަމެއް ނޫނޭ ޝަރުމީލާ ހިތަށް އެރިއެވެ. އޭނާ ކަންބޮޑުވިއެވެ. ބެލެނިވެރިންގެ ހިމާޔަތުގައި ތިބެފައި ކުޑަ މިނިވަން ކަމެއް ލިބުނަސް ވަރަށް ފަސޭހައިން ރަނގަޅު މަގުން ކުދިން ކައްސާލާނެކަން އޭނާއަށް އެނގެއެވެ. އަމިއްލަ ތަޖުރިބާގެ އަލީގައި ޝަރުމީލާ ޤަބޫލުކުރަނީ އެހެންނެވެ.

"އޭނަ މިގެއަށް އައީ އަލަކަށް ނޫނޭ، އެއީ އަހަރެން އިތުބާރުކުރާ ކުއްޖެއް. އެހެން ނޫންނަމަ ހީވޭތަ ޝީތު އާއި ގުޅެން އަހަރެން ޤަބޫލުވެދާނެހެން،" ޔޫނުސްގެ ޖަވާބު އަހާފައި ޝަރުމީލާ އިތުރު އެއްޗެއް ނުބުނެއެވެ. ޝީތު އަކީ ޔޫނުސްގެ ހުރި ހަމައެކަނި ދަރިފުޅެވެ. އަދި ޝީތު ދެކެ ލޯބިވާ މިންވަރު އޭނާއަށް އޮތީ އެނގިފައެވެ.

"މާޔާ، މަންމައަށް ދަސްކޮށްދެންވީ ފުރަތަމަ އިތުބާރުކުރަން. ނޫންތަ؟" ޝަރުމީލާގެ އަނގަ އިތުރަށް ބަންދުވީ އެކަމުގައި މާޔާ ބައިވެރިކުރީމައެވެ. ޔޫނުސް އާއި ދިމާލަށް މާޔާ ހީލީ ފުރަތަމަ ފަހަރަށެވެ. ޝަރުމީލާ އަކީ ޝައްކު ބަލީގެ ޝިކާރައަކަށް ވެފައިވާ މީހެކޭ ޔޫނުސް ބުނީ މަޖަލަށެވެ.

"ދަރިފުޅު ބަލައްޗޭ ޝީތު އުޅޭގޮތް،" މާޔާގެ މޫނުމަތިން އެ ހިނިތުންވުން ފިލައި ނުދަނީސް ޔޫނުސް އިތުރުކޮށްލިއެވެ. މާޔާ ގެނެސް ޔޫނުސްގެ ގަޔާއި ކައިރިއަށް ލަފާލި ގޮތް ފެނިފައި ޝަރުމީލާގެ އަތްފައި ފިނިވިއެވެ. މިފަހަރުވެސް އޭނާގެ ދޫ ހިމޭންކަން ނޫނީ އިޚްތިޔާރެއް ނުކުރިއެވެ. ޝީތު އާއި މުޚާތަބުކުރާއިރުވެސް ޔޫނުސް ގަޔާއި ކައިރިކޮށްލާތަން އޭނާއަށް ހުރީ ފެނިފައެވެ. ޔޫނުސް މަސައްކަތްކުރަނީ މާޔާގެ ހިތުން ޖާގައެއް ހޯދާށެވެ. އެ ގާތްކަމާއި ކުލުނަކީ މާޔާގެ ނަޞީބުގައި މަދުވެފައިވާ ރަހަތަކެކެވެ. ޝަރުމީލާ ހިތް ބިރުގަންނަންވީ ކޮންކަމަކާއި ހެއްޔޭ އަމިއްލައަށް ސުވާލުކޮށްލެވުނެވެ.

** **

މެންދުރުފަހު އެ ގޭތެރެ ހަލަބޮލިވީ ޝީތުގެ އެކުވެރިން އައިސްގެންނެވެ. މެންދުރު ކެއްކީ އެންމެން އެކުގައެވެ. އެމީހުންގެ ތެރެއަށް ހޭނެން މާޔާއަށް އުދަނގޫ ކަމަކަށް ނުވިއެވެ. އެތަނުގައި އޭނާގެ ތަބީއަތް ގޯސްވާ ޒާތުގެ ވާހަކައެއް ނުދެކެވެއެވެ. ފެނުނީ އުފާވެރިކަމެވެ. އެ އުފާވެރިކަން ތަސްވީރުތަކެއްގެ ސިފައިގައި އެކި މީހުންގެ ފޯނަށް ރައްކާކުރަމުން ދިޔައެވެ.

އިރުއޮއްސުމުން އެންމެން ނިކުމެ ގޭތެރޭގައި މަޑުކުރީ ހަމައެކަނި ޝާއިފްއެވެ. ޝީތު އާއި ދެމީހުން ސިޓިންރޫމްގައި ތިބުމުން މާޔާ އައިސް ހުރީ ކޮޓަރީގައެވެ. އޭސީގެ ފިނިކަމަށްވުރެ އޭނާ ބޭނުންވީ ގުދުރަތީ ފިނި ރޯޅިތަކެވެ. އެކޮޓަރިން ބެލްކަންޏަށް ނިކުމެވެން ހުރުމުން އެތަނަށް ނިކުތްއިރު މަގުތައް ހަލަބޮލިވެފައިވާތަން ފެނެއެވެ. އިރުގެ އަލިކަން އޮއްސޭ ކުލަތައް މަޑުމަޑުން އަނދިރިކަމަށް ބަދަލުވަމުން ދިޔައެވެ. ތަރިތަކުގެ ވިދުން މަދުމަދުން ފެންނަން ހުއްޓެވެ.

"ހެއި" މާޔާއަށް މީހަކު ގޮވާލިހެން ހީވެ ބަލާލިއިރު ޖެހިގެން ހުރި ބެލްކަނީގައި ޒުވާނަކު ހުއްޓެވެ. މިއީ ޖެހިޖެހިގެން ހުރި ދެ އެޕާރޓްމެންޓެވެ. ބެލްކަނިވެސް ހުރީ ޖެހިޖެހިގެންނެވެ.

"ބޭނުންތަ ކޮފީއެއް؟" ބީރައްޓެހިކަން ދޫކޮށްފައި އޭނާ އިސްވެ ވާހަކަ ދެއްކިއެވެ. މާޔާއަށް ހުރެވުނީ ބަހެއް ނުބުނެވުނު ތަނުގައި އެސްފިޔަޖަހަންވެސް ނޭނގިފައެވެ. އައިސް ބްލޫ ޖިންސެއްގައި އޭނާ ހުރީ ހުސްގަޔާއި އެވެ. އެއީ ބައިމަތި ފުޅާވިއަސް ކަސްރަތީ ރީތި ހަށިގަނޑެއް ލިބިފައިވާ ރީތި ފިރިހެނެކެވެ. ތުނބުޅި މަތިމަހެއް ނެތެވެ. މާޔާގެ މޫނަށް ބަލާލާފައި އޭނާ ހިނިތުންވެލީ ކޮލުގެ މެދު އަޑިވާ ވަރަށެވެ. އަނެއްކާވެސް ކޮފީ ތަށި އުފުލައިލީ ބޭނުންހޭ އަހާ ފަދައިންނެވެ. ދެބުމަ ކައިރިކޮށްލާފައި ތުނބަށް ގޮތެއް ހަދާލެވުނީ މާޔާއަށް އިޚްތިޔާރަކާއި ނުލައެވެ. އެހިނދު އޭނާގެ ހިނިތުންވުން ފުޅާވެގެން ދިޔަތަން ފެނިފައި މާޔާ ދެފަޔަށް ބާރުލާފައި އެތެރެއަށް ވަދެ ބެލްކަންޏަށް ހުންނަ ދޮރު ޖަހައިފިއެވެ.

** **

ޝީތު އަށް ޝާއިފް އާއި ވަކިވާ ވަރެއް ނުވިއެވެ. މާޔާއަށް މުޅި ދުވަސް ދިގުވެގެންގޮސް ނިދުނުއިރުވެސް ޝީތު އެތެރެއަކަށް ނާދެއެވެ. ދެމީހުންނަށް ވާހަކަ ދައްކާލެވުނީ ޖެހިގެން އަދި ދުވަހުގެ ހެނދުނެވެ. ޝީތު ފެންވަރައިގެން ނިކުމެ ރީތިވާން ހުއްޓައެވެ. މާޔާ އެހީ ޖެހިގެން ހުރި އެޕާރޓްމެންޓްގައި އުޅެނީ ދަންނަ ބައެއްތޯއެވެ.

"މިކިއަލް އެނބުރި އައީތަ؟" ޝީތު ފަސްއެނބުރިފައި އަހާލިއެވެ. މާޔާއަށް މިކިއަލްގެ ނަން ކިޔާލެވުނެވެ. އޭނާއަށް އެއީ މިކިއަލް ކަމެއް ނޫނީ އެހެން މީހެއްކަމެއް ނޭނގެއެވެ. އެބައިގައި ދެން އުޅެނީ ކޮންކޮން ބައެއްތޯ މާޔާ އެހުމުން ޝީތު ދުވެފައި ގޮސް ނިކުތީ ބެލްކަންޏަށެވެ. އެހާމެ އަވަހަށް އެނބުރި އައިސް މާޔާގެ ކައިރީ އިށީނެވެ.

"ޔެސް، ހީ އިޒް ބެކް،" އަމިއްލަ ނަފްސާއި ޝީތު ވާހަކަ ދެއްކިތަން ފެނިފައި މާޔާއަށް އިނދެވުނީ އަޖައިބުވެފައެވެ.

"އެތަނުގައި އުޅެނީ މިކިއަލް އާއި އޭނާގެ ކޮއްކޮ ރާމިން، ދެމީހުންވެސް ވަރަށް ރީތިވާނެ،" ޝީތު އަށް އެނގޭ ހުރިހާ މައުލޫމާތެއް މާޔާގެ ކައިރީ ކިޔައިދިނެވެ. ބައެއް ފަހަރު ބެލްކަނިން އޭނާ އެބަޔަށް ދާ ވާހަކަ ބުންޏެވެ. އަދި އެމީހުންނާއި އެކު ވަގުތު ހޭދަކުރާ ވާހަކަވެސް ކިޔައިދިނެވެ. މިކިއަލް އާއި ރާމިން އަކީ ވަޒީފާގައި ގިނަ ވަގުތު ހޭދަކުރާ ބަޔަކަށްވިއަސް ރޭގަނޑު އުޅެނީ ގޭގައެވެ.

މިކިއަލްގެ ކިބައިގައި ހުރީ މުޅިންވެސް ރީތި ސިފަތަކެވެ. މާޔާއަށްވެސް ގަޔާވެވުނެވެ. މިކިއަލް ދެކިލާ ހިތްވިއެވެ. ދެވަނަ ފަހަރަށް ފެނިއްޖެނަމަ ވާހަކަ ދައްކާލަން ހިތް އެދުނެވެ.

އޭގެ ދެ ދުވަހެއްގެ ފަހުން މާޔާ ބެލްކަންޏަށް ނިކުންއިރު ކެމެރާއެއް ހިފައިގެން މިކިއަލް ހުއްޓެވެ. އޭނާ ފެނުމާއި އެދިމާލަށް އެނބުރި ދެތިން ގަނޑު ފޮޓޯ ނެގިއެވެ. މިފަހަރުވެސް މާޔާއަށް ދުވެފައި ކަހަލަ ގޮތަކަށް އައިސް ކޮޓަރިއަށް ވަދެވުނެވެ. ފަހުން އެކަމާއި އޭނާ ހިތާމަކުރިއެވެ. އެ ރީތި ފިރިހެނާ އާއި އަނގައިން ބުނެވުނު ނަމައޭ ހިތަށް އެރިއެވެ. މިކިއަލްއަށް ގޮވާލާނަމޭ ހިތައި ފަހުން ނިކުންއިރު އެތަން ހުރީ ހުހަށެވެ. ލިބުނު ފުރުޞަތު އަމިއްލައަށް ގެއްލުވާލެވުމުން އެކަމާއި އޭނާއަށް ހިތާމަކުރެވުނެވެ. ޝީތު ކައިރީ ބުނެގެން އެކުވެރިކަން ބަދަހިކުރަން ހިތަށް އެރިއެވެ. އެހެން ބުނަން އޮއްވާ ޝީތު ނިދަން އައުމުގެ ކުރިން މާޔާއަށް ނިދުނެވެ.

ދަންވަރު ހޭލެވުނީ ޝީތު މާނޭވާލާއަޑަށެވެ. އޭނާ އެނބުރި ބަލާލާފައި އެހާމެ އަވަހަށް މޫނު އަނބުރާލެވުނެވެ. ޝީތު އާއި ޝާއިފް ތިބި ގޮތް ފެނިފައި އޭނާއަށް ހަޅޭއްލަވައިގަނެވުނެވެ. އެއަޑަށް އެމީހުންގެ ހަރަކާތްތައް ހުއްޓި ބަލައިލިތަން ފެނިފައި ދެލޯ މަރާ ބާރުކޮށްލެވުނުއިރު މާޔާގެ ހިތް ނިކަން ބާރަށް ތެޅެމުން ދިޔައެވެ. އޭނާއަށް ލޯކުރިމަތިން ފެނުނީ ފިލްމަކުންވެސް ދެކެން ބޭނުންނުވާ ފަދަ ލަދުވެތި މަންޒަރެކެވެ. ލަދުގަތީ ޝީތު އާއި މޫނު ހަމަކުރަން ނުކެރޭނެކަން ހިތަށް އަރާފައެވެ. ޝީތު އާއި ޝާއިފްއަށް ހޭވެރިކަން ވީ ދެނެވެ. މާޔާއަށް ހޭލެވުނުކަން އެނގުމުން ޝީތު އެނދުން ތެދުވިއެވެ. ދެން އިވުނީ ކޮޓަރީގެ ދޮރު ޖެހި އަޑެވެ.

ސިއްރުން ދެލޯ ހުޅުވާފައި ބަލާލިއިރު އެއްވެސް މީހެއްގެ ހިލަމެއް ނިޝާނެއް ނެތެވެ. އެކޮޓަރިން ނިކުމެގެން ޝީތު ގޮސް ވަންނާނީ މަންމަމެން ނިދާ ކޮޓަރިއަށެވެ. މާޔާ ތެދުވެ އެނދުގައި އިށީނެވެ. އޭނާ ނޭވާ ހާސްވާހެން ހީވިއެވެ. ނިދަންވެގެން ރޫޅާލި އިސްތަށިގަނޑު އެއްކޮށްލާފައި ހުޅިއެއް ޖަހާލިއެވެ. އޭސީގެ ފިނިކަން ހުއްޓެވެ. އެކަމަކު އެ ހަތަރުފާރުން އެތެރޭގައި އޭނާއަށް ނޭވާލެވޭހެން ހިއެއް ނުވެއެވެ.

ބެލްކަންޏަށް ނިކުންއިރު ލައިގެން ހުރެވުނީ ޓީޝާޓަކާއި އެކު ކުރު ސޯޓެއްކަން ހަނދާނެއް ނެތެވެ. އަދި ޖެހިގެން ހުރި ބެލްކަނީގައި ހުރި މިކިއަލް ފެނިފައި އޭނާއަށް ލިބުނު ނުތަނަވަސްކަން ފިލައި ދިޔައެވެ. އެކޮޅުން އޭނާ ފެނިލުމާއި އެކު އަތް ހިއްލާލާފައި ހަނާއަޅައިލީ ވަރަށް ގާތް އެކުވެރިއެއް ފަދައިންނެވެ. މިފަހަރު މާޔާ ފިޔަވަޅުތައް ހުރީ މިކިއަލް އާއި ދިމާލަށެވެ. ދެ ބެލްކަނި ވަކިކޮށްލަން ޖަހާފައި އިން ހިމަ ރެއިލިންގައި އޭނާގެ ފައި ޖެހުމުން އެއީ އާދެވޭނެ އެންމެ ކައިރިކަން އިހްސާސްވިއެވެ. އަނެއްކޮޅުން ހިނިތުންވެލައިގެން ހުރެ މިކިއަލް އައިސް ހުރީ އެހާމެ ކައިރީގައެވެ. އޭނާ ޖަހައިގެން ހުރި ސެންޓްގެ ވަސް މާޔާގެ ނޯށުގައި ޖެހުނެވެ. (ނުނިމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
92726
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *