Support Us

ޤައުމު ދިފާޢުކުރުމުގެ "ކޮމާންޑް އެންޑް ކޮންޓްރޯލް" އަބަދުވެސް އޮންނަންވާނީ ސިފައިންގެ އަތްމަތީގައި: ރައީސް

ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އެތެރެއިންނާއި ބޭރުން ކުރިމަތިވާ ކޮންމެ ނުރައްކަލަކާ ކުރިމަތިލައި ޤައުމު ދިފާޢުކުރުމުގައި އަބަދުވެސް 'ކޮމާންޑް އެންޑް ކޮންޓްރޯލް' އޮންނަންވާނީ ދިވެހި ސިފައިންގެ އަތްމަތީގައި ކަމަށާއި، އެކަން، ދިވެހި ޢަސްކަރިއްޔާގެ ހަމަ ކޮންމެ ފަރުދަކު އަބަދުމެ ހަނދާނުގައި ބަހައްޓަންވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ ދިވެހި ސިފައިންގެ 130 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކަޅުތުއްކަލާކޮށީގައި މިރޭ ބޭއްވެވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިންގެ ކުރިމަތީގައި އެންމެ އަގު ބޮޑު ރައުސްމާލަކީ ރާއްޖޭގެ މިނިވަންކަން ކަމުގައި ވިދާޅުވެ، އެ މިނިވަންކަމާއި ސިޔާދަތުގެ އައްޑަނައަކީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ހިތްވަރުގަދަ ސިފައިންކަމުގައި ސިފަކުރައްވާފައެވެ.

މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ ދުނިޔެއަށް ކުރިމަތިވަމުންދާ ޓެރަރިޒަމްގެ ނުރައްކާތެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ރާއްޖެއަށް ވެސް އެ ނުރައްކާ އޮތްކަން ހާމަކުރައްވާފައެވެެ. އަދި، އެމަނިކުފާނު ވަނީ އެފަދަ ކަންކަމަށް ސަމާލުވާންޖެހޭ މިންވަރު ކުރިއަށް ވުރެ ބޮޑުވެފައިވާ ކަމަށާއި ސަބަބަކީ ޒަމާނީ ޓެކްނޮލޮޖީ އާއި މުވާޞަލާތީ ލުއިފަސޭހަތަކާއެކު، ޓެރަރިޒަމްގެ އުކުޅުތައް ވެސް އެއްދުވަހުން އަނެއްދުވަހަށް ބަދަލުވަމުން އަންނާތީ ކަމަށް ވިދާޅުވެފައެވެ.

މިމޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެފަދަ ކޮންމެ ނުރައްކަލަކުން ދިވެހިންނާއި ދިވެހިރާއްޖެ ސަލާމަތްކޮށްދިނުމަށް ތައްޔާރުވެ ތިބެނީ، ހިތްވަރުގަދަ ސިފައިންކަމަށާއި އެކަމަށްޓަކައި ދިވެހި ޢަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާކަމުގައެވެ. އަދި، އެމީހެއްގެ ކެރުމާއި ޤާބިލުކަން ހުރި މިންވަރަކުން ޢަސްކަރިއްޔާގެ ކޮންމެ މީހަކަށް ވެސް މިހާރު ކުރިއަށް ދެވޭނެކަމަށާއި އެކަމުގައި އަންހެނެއް ފިރިހެނެއް ތަފާތުނުކޮށް ހަމަހަމަ ފުރުޞަތު ފަހިކޮށްދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަކީ ޢަސްކަރީ ވާޖިބުތަކުގެ އިތުރުން މަދަނީ އެތައް ޚިދުމަތްތަކެއް ވެސް ޢާންމު ރައްޔިތުންނަށް ފޯރުކޮށްދޭ، ބައެއްކަން ހާމަކުރައްވަމުން ކޯވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ދިވެހި ޤައުމަށާއި ދިވެހި ރައްޔިތުންނަށް ކޮށްދިން އިޚްލާޞްތެރި ޚިދުމަތުގެ އަގުވަޒަންކޮށް، "އިންސާނީ ޚިދުމަތުގެ މެޑެލި-ކޮވިޑް19″ ދިވެހި ސިފައިންނަށް ދިނުމަށް ނިންމާފައިވާކަން އިޢުލާންކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަސްކަރިއްޔާގެ އޮޕަރޭޝަނަލް ޤާބިލްކަން އިތުރުކުރުމަށް ފާއިތުވި ދެއަހަރުގެ ތެރޭގައި މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި ޒަމާނީ ވަސީވީލަތްތައް ހޯދައި، ޓެރަރިޒަމްގެ ހާދިސާތަކާ ކުރިމަތިލުމުގެ ޤާބިލުކަން އެތައް ގުނައެއް މިހާރު ވަނީ އިތުރުކުރެވިފައި ކަމަށެވެ. މީގެ އިތުރުން ވެސް ޤައުމުގެ ދިފާޢުގެ އެންމެ ކުރީ ސަފުގައި ޙަރަކާތްތެރިވާ ސިފައިންނަށް ބޭނުންވާ އެންމެ ޒަމާނީ ހަތިޔާރާއި އާލާތްތައް ހޯދިފައިވާ ކަމަށާއި، ހަމައެހެންމެ، ސިފައިންގެ ސިފަވަންތަކަން ދަމަހައްޓައިދޭ ޢިލްމީ އަދި ފަންނީ ތަމްރީނުތައް ދަނީ ސިފައިންނަށް ބަރާބަރަށް ދެމުންކަން އެމަނިފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިންތީ ހަމަހަމަކަމުގައި ވެސް ދިވެހި ޢަސްކަރިއްޔާ މިއަދު ފެންނަނީ، ނަމޫނާ މުއައްސަސާއެއްގެ ގޮތުގައިކަން ހާމަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރިއާ ޚިލާފަށް މިއަދުގެ އަންހެން ސިފައިންނަކީ، އެންމެ ފަހުގެ ޢަސްކަރީ ތަމްރީންތައް ހޯދައިގެން، ޤައުމުގެ ދިފާޢުގައި އެންމެ ކުރީ ސަފަށް ނުކުންނަށް ތައްޔާރަށް ތިބި ބައެއް ކަމުގައި ވިދާޅުވެފައެވެ. އަދި، ލެފްޓިނެންޓް ކާނަލްގެ ރޭންކަށް ފުރަތަމަ ފަހަރަށް، މިދިޔަ އަހަރުވަނީ އަންހެން ސިފައިން ހަމަޖައްސާފައި ކަމަށާއި، އެ ރޭންކުގައި ތިއްބެވި ދެ އަންހެން ސިފައިން މިހާރު ގެންދަވަނީ، ސިފައިންގެ ލަފާ ދޭ މަޖިލީހުގައި ވެސް ވަރަށް މުހިންމު ދައުރެއް އަދާ ކުރައްވަމުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުންވެސް އެމަނިކުފާނު ވަނީ ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަރަޙައްދީ ޞުލްހަޔާއި ހަމަޖެހުން ކަށަވަރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، މިކަމުގައި ދިވެހި ޢަސްކަރިއްޔާއިން އަދާކުރަމުން އަންނަ ދައުރު ފާހަގަކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *