Support Us

ދަތުރު

މިއީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ޚިޔާލީ ވާހަކައެކެވެ.  

"އޭ.. އެރަށުން ބޮޑުމީހާއާ ދިމާވެއްޖެއްޔާ ކިހިނެތް ހަދާނީ..؟" ނިޝާމް ކަންބޮޑުވާ ކަހަލަ ވައްތަރެއް މޫނު މައްޗަށް ޖައްސައިގެން ހުރެ އަހާލިއެވެ.

"ދެން.. ވަރަށް ފޫހިވޭ އިނގޭ.. ނިޝާމްގަނޑުދެކެ" ޝީން ދެބުމަ ގޮށްޖަހާލާފައި ބުނެލިއެވެ. އެއާއެކު އެކޮފީ މޭޒުގައި ތިބި އެންމެންގެ ހުނުމުގެ އަޑު، އެތަނުގެ ތެރެއަށް ގުގުމައިގެން ދިޔައެވެ.

"ތިމީހުން ދެން ޝީން ބިރު ނުގަންނުވަބަލަ!.. މަށަށް ދެރައީ ޝީންވެސް އެކަހަލަ އެއްޗެހި ޤަބޫލު ކުރާތީ!" އަހަރެންވެސް އެމަޖަލުގައި ބައިވެރިވެލަމުން ހެމުން ބުނެލީމެވެ. އެކަމަކު އަހަރެން ޝީނަށް ބުނި ވާހަކައެއީ އަހަރެން ހަމަ މާނަ ކޮށްފައި ބުނި ވާހަކައެކެވެ. ރޫހާނީ އެއްޗެހި މިޒަމާނުގަ ފެންނަ ކަމަށް ދައްކާ ވާހަކަ ތަކަކީ އަހަރެން އެއްވެސް ގޮތަކަށް ޤަބޫލުުކުރާ ވާހަކަތަކެއް ނޫނެވެ. ޖިންނީން ނޫޅޭ ކަމަށް ޤަބޫލު ނުކުރަނީއެއް ނޫނެވެ. އަހަރެން ދެކޭގޮތުގައި ޖިންނީން އުޅޭނީ އެމީހުންގެ ޢާލަމުގައެވެ. އަހަރެމެން އިންސާނުން ބޯދާ ޒަމާނުގެ އެކި ވާހަކަތައް އަޑު އަހާއަހާގޮސް މިތިބެނީ ނުފެންނަ އެތައް އެއްޗެއް ފެންނަކަމަށް ހީކޮށްގެންނެވެ. މަލާއިކަތުންވެސް އެއީވެސް ލެއްވި ބައެކެވެ. ރަސޫލު ޒަމާން ފިޔަވައި، ދުވަހަކުވެސް މަލާއިކަތަކު ފެނިގެން އެވާހަކަ މީހަކު މިފަހުން ކީއްކުރަން، މީން ޒަމާނަކުވެސް ދެއްކި ހެއްޔެވެ؟ މީހުން އަބަދުވެސް އުޅެނީ ޖިންނިއެއް، ހަންޑިއެއް، ރޫހެއް ނޫނީ އެޒާތުގެ ކޮންމެވެސް އެއްޗެއް ފެނިގެންނެވެ. އެއީ ހުސް ވަހުމެވެ. އެހެންކަމުން ބުއްދީގެ ތަރާދުން ކިރާލީމާ އަހަރެންނަށް ބުރަވެވެނީ އަހަރެން މިދެކޭ ގޮތަށެވެ.

"ހޫނ. އެޖެހުނީ ބޮޑުތާނގަ. ކޮންފަދަ މި ދާ ދަތުރުގަ މީނައަށް ދައްކަވައިފިއްޔާ އެއްޗެއް!" ޝީންގެ ކޮޅަށް ހިފަމުން މުޒްނާވެސް ދިމާކޮށްލިއެވެ. އެވަގުތު އަނެއްކާވެސް ހުނުމުގެ އަޑު ގަދަވެލިއެވެ.

ދުވަސްވަރަކީ ބޮޑު އީދުގެ ބަންދު ދުވަސްވަރަށް ވުމުން އަހަރެމެން އެންމެންވެސް ތިބީ އުތުރުގައި އޮންނަ ރަށަކަށް އީދު ކުޅިވަރުގައި ބައިވެރިވެ މަޖާކޮށްލުމަށް އައިހެވެ. މިރަށަކީ ކައިރިކައިރީގަ، ބައިވަރު ރީތި، ހިތްގައިމު ފަޅުރަށްތަކެއް ވަށައިގެން އޮންނަ ރަށެއްކަމަށް ވާތީ، އެންމެންވެސް ނިންމާފައި އޮތީ މާލެ ދިއުމުގެ ކުރިން މިފަޅުރަށްތަކަށްވެސް ދަތުރު ގޮސްލާ، އިތުރަށް މަޖާކޮށްލާ ހަދާފަ ނޫނީ ނުދާށެވެ. އެގޮތުން މިރޭ ފަތިހު އޮތީ ނައްޓާލާ ގޮތަށެވެ. މިރަށުގެ މީހުންނަކީވެސް ހިތްހެޔޮ ބައެކެވެ. އަހަރެމެން ދަތުރުދާން އުޅޭކަން އެނގުމުން ތިން ޑިންގީ ދަތުރަށްޓަކައި ހިލޭ ހަމަޖައްސައިދިނެވެ. ތިން ޑިންގީ ހަމަޖެއްސީ، އަހަރެމެންގެ ތެރޭގައި ތިބި މީހުންވެސް މަދު ނުވެފައި, ރަށުގެ ބައެއް މީހުންވެސް ދަތުރުގައި އެހީތެރިވުމަށާއެކު ބައިވެރިވުމަށް ނިންމީމައެވެ. އަހަރެމެންގެ ތެރޭގައި މުޅި ޖުމްލަ ސާދަ މީހުން ތިއްބަސް، ރަށުގައި ތިބޭއިރު މާދުރުނޫން ހިސާބުން އެފެންނަން ހުންނަ ފަޅުރަށްތަކާއި ހިތްގައިމު ރީތީ ތުނޑިއާއި، ވިލު ނޫކުލަގެ މޫދުގެ ސަބަބުން ދަތުރު ނުގޮސް ހުންނާކަށް ހަމަ އެކަކުވެސް ބޭނުމެއް ނުވިއެވެ. ނިންމާފައި އޮތީ ފަތިހު ފަށާގޮތަށް ފަހަރަކު ރަށަކަށް އަރައި މަޖާކުރުމަށްފަހު އިރު އޮއްސެންވާއިރަށް އެނބުރި ރަށަށް އައުމަށެވެ. އެހެންކަމުން ކޮފީ ބައްދަލުވުން ކުރުކޮށްލާފައި އަހަރެމެން އަވަސްވެގަތީ އަވަހަށް ނިދުމަށެވެ.

އޭގެ އަނެއް ދުވަހު އިރު ފެނުން ތޮޅިލުމުގެ ކުރިން އެންމެވެސް ތިބީ ރަށުގެ ގޮނޑުދޮށުގައެވެ. މޫދުން އަރައިގެން އަންނަ ހިތްގައިމު ފިނި ވައިރޯޅިތަކުން ހިތްހަމަޖެހުން ގެނުވަމުން ދިޔަޔަސް، އަހަރެން ހުރީ ކޮންމެވެސް ވަރަކަށް ހީކަރުވާ ކަހަލަ ގޮތެއްވެސް ވެފައެވެ. އެކަމަށް ސަމާލުކަން ދެވޭ ވަރަށްވުރެ ޖަހާ ސަކަރާތް ބޮޑެވެ. އިސާހިތަކު ތިން ޑިންގީއަށް މީހުން ބަހާލެވުމާއިއެކު، ތިން ޑިންގީވެސް ފައްސިޔަ ވައިގާ ކަނޑުގެ ލޮނުގަނޑު ދެފަރާތަށް ކަފަމުން ހެޔޮވަރު ދުވެއްޔެއްގައި ނަލަކޮށް ދުވަމުން ދެއެވެ. އޭރު އެއް ޑިންގީއަށްވުރެ އަނެއް ޑިންގީއެއް ކުރިއަރަން އުޅުމުގެ ވާދަވެރިކަމެއް ފެށިގެން ކުރިޔަށްވެސް ދެއެވެ. އެކަން ވީ ވަރަށްވެސް މަޖާ ކަމަކަށެވެ. ފުރަތަމަ މަންޒިލަށް ދެވެންދެން ބައެެއް މީހުން ދިޔައީ ގްރޫޕް ހަދާފައި ލަވަ ކިޔަމުންނެވެ.

ރަށަށް ފޭބުމާއިއެކު އެންމެންވެސް އަވަސްވެގަތީ ސައި ބޯށެވެ. ސައިގެ ކަންތައް ނިންމާލުމަށް ފަހު އެއްބަޔަކު ރަށުތެރެ ބަލަންދިޔައިރު އަނެއް ބަޔަކު ދިޔައީ މޫދަށެވެ. މޫދަށް އެރޭހިތް ނެތީމާ އަހަރެންވެސް އުޅުނީ ރަށުތެރެ ބަލާށެވެ. އެއީ ހިމަ ދިގުކޮށް އޮންނަ ހިތްގައިމު ރީތި ރަށެކެވެ. ކުރިން ނުދެކޭ ކިތަންމެ ޒާތުގެ ގަހެއް އެރަށުން އަހަރެން ދުށީމެވެ. އެކަން ވީ އަހަރެންނަށް ވަރަށް ޝައުޤު ކުރުވަނިވި ކަމަކަށެވެ.

މެންދުރު ވުމުގެ ކުރިން އަނެއްކާވެސް އެންމެން ނައްޓާލީ އެއާއި ޖެހިގެން އޮންނަ ރަށަށެވެ. އެރަށަކީ ފުދޭވަރަކަށް ކުޑަ ރަށެއްކަމުން އެރަށުގައި މާގިނަ އިރަކު މަޑެއް ނުކުރެއެވެ. މެންދުރުގެ ނާސްތާކުރީ ދެން ދެވުނު ފަޅުރަށުންނެވެ. އެރަށްވެސް ބެލުމަށްފަހު އެރަށުގައި ތިބެގެން އެއްބަޔަކު ފުޓްބޯޅަ ކުޅުނުއިރު އަނެއްބަޔަކު ކުޅުނީ ވޮލީ އެވެ. މިއިން އެއްވެސް ކަމެއްގައި ބައިވެރި ނުވެ ރިހާކުރު މަޖާ ހަދައިގެން ކެއުމާއިގެން އުޅުނު ގުރޫޕެއްވެސް އުޅުނެވެ.

ދެން ބާކީ ދާންވެފަ އޮތީ ދެފަޅު ރަށަކަށެވެ. ދެން ދާން އޮތް ފަޅު ރަށަކީ، އެއަތޮޅު މީހުންގެ ބައެއް އާޘާރީ ތަންތަނާއި ހަނދާންތައް އެކުލެވޭ ފަޅު ރަށެކެވެ. އެއަށްފަހު ދަތުރުގެ އެންމެ ފަހަށް، ދާން ހަމަޖެހިފައި އޮތް ފަޅު ރަށަކީ އެއްވެސް ރުކެއް ނުހުންނަ ފަޅުރަށެކެވެ. އެރަށް ޒީނަތްވެފައި ވަނީ އެއްބާވަތެއްގެ ގަސްތަކަކުންނެވެ. އެހެންވެ އެއީ ތަފާތު ޚާއްސިއްޔަތެއް ލިބިފައިވާ ދެ ފަޅުރަށް ކަމަށްވާތީ އެދެރަށަށް ދިއުމުގެ ޝައުޤު އަހަރެމެންގެ ތެރެއިން ގިނަ ބައެއްގެ ހިތުގާ އުފެދިފައި ވެއެވެ. ހަމަ ގައިމުވެސް އެކަމަށް އެންމެ ޝައުޤު ހުރި އެކަކަށް އަހަރެން ވާނެއެވެ. ދަތުރެއް ދިއުމަކީ ބޭނުންއިރަކު ކުރެވިދާނެ ކަމެކެވެ. އެކަމަކު އެކަހަލަ ކަމެއްގެ ތެރޭންވެސް އާ ތަޖްރިބާއެއް ކޮށްލަން ލިބެނީ މަދު ފަހަރަކުއެވެ.

އަހަރެމެންނަށް އާޡާރީ ތަންތަން ހުރި ފަޅުރަށަށް ދެވުނު އިރު ހަވީރުވެސް ވެއްޖެއެވެ. އެހެންވެ ވެފައި ތިބި ވަރުބަލިންނާއި ހައިވެފައި ތިބިވަރުން އެންމެވެސް ބޭނުންވީ ފުރަތަމަ ހަވީރު ސައިބޯށެވެ. ސައިގެ ކަންކަން ނިންމާލުމަށްފަހު ދެނެް އޮތީ އާޘާރީ ތަންތަން ބަލާ ހެދުމެވެ. ހަވިއްތައެއްވެސް ފެނުނެވެ. ވަލީވެރި ބޭކަލެއްގެ މަހާނަކަމަށް ބުނާ މަހާނައެއްވެސް ދުށީމެވެ.

ރަށުތެރެއާއި އާޘާރީ ތަންތަން ބަލަން ހަދައިގެން އެރަށުގައި މާގިނައިރު މަޑުވެސް ކުރެވިއްޖެއެވެ. އިރުވެސް އޮއްސެންވަނީ ކައިރިވެފައެވެ. އެހެންވެ އެއްބަޔަކު ބޭނުންވީ އެނބުރި ރަށަށް ދާށެވެ. އެެހެންނަމަވެސް މިހިސާބަށް އައިސްފައި އެންމެ ފަހު ރަށަށް ނުގޮސް ދަތުރު ނިންމާ ނުލުމަށް ގިނަބަޔަކު ކިޔައިގަތުމުން އެެންމެންވެސް ނިންމީ އެއްވެސް ރުކެއް ނެތް އެރަށްވެސް ބަލާލާފަ ދަތުރު ނިންމާލުމަށެވެ.

އަހަރެމެންނަށް އެރަށަށް ފޭބުނުއިރު، އަދި އިރުއޮއްސެން ވިއްސަކަށް މިނިޓް ހުއްޓެވެ. ރަށުގެ މަތިން ހިމާޔަތް ކޮށްފައިވާ ދޫނީގެ ވައްތަރެއް އުދުހެމުން ދިޔައެވެ. ތަފާތު ރަށެކެވެ. ބަލާލަން ކިތަންމެހާވެސް ރީއްޗެވެ. ރަށަށް އެރެވުމާއިއެކު އެންމެންވެސް އެކި ދިމަދިމާއަށް ގްރޫޕް ގްރޫޕަށް ރަށުގެ ތެރެއަށް ވަދެގެން ދިޔައީއެވެ. އަހަރެންވެސް ބޭނުންވީ އިރު އޮއްސުމުގެ ކުރިން އަވަހަށް ރަށް އެއްކޮށް ބަލާލާށެވެ. އެހެންވެ އަވަސް ފިޔަވަޅުތަކެއްގައި އަހެެރެން ދިޔައީ ހިނގަމުންނެވެ. އަހަރެންނާއި އެއްވަރަށް ހިނގަމުން އައީ، ހީވާ ގޮތުން އަހަރެމެން މިއައި ރަށުގެ މީހެކެވެ.

"ކުރިން މި ދިޔަ ފަޅުރަށްތަކަށްވުރެ ވެސް އަހަރެންނަށް މިރަށް މާ ތަފާތު! މިރަށުގަ ރުއް ހަމަ ނެހެދީއޭ ދޯ!" އަހަރެން އެމީހާއާއި ދިމާއަށް ބަލާލާފައި ބުނީމެވެ. އެމީހަކުވެސް ބަލަހައްޓައިގެން ހުރީއެވެ. އަހަރެންވެސް ޖަވާބަކަށް އިންތިޒާރު ނުކޮށް ހިނިތުންވެލާފައި ހިނގައިގަތީއެވެ. ދިޔަ މަގުމަތީގައި ގްރޫޕް އެެހެން ބައެއް މީހުންނާއި ދިމާވެސް ވެއްޖެއެވެ. ހިނގަމުން ހިނގަމުން ގޮސް ނުކުމެވުނީ ޑިންގީތައް އަޅާފައި އޮތް ދިމާއަށް ކަމުން އަވަހަށް އެދިމާއަށް މިސްރާބު ޖަހައިފީމެވެ. އޭރު އެެހެން އެންމެންވެސް އެދިމާއަށް އެބައާދެއެވެ.

އޭރު މަޑުމަޑުން ދިޔައީ މުޅި އުދަރެސް އަނދިރި ކުރަމުންނެވެ. ފެންނަ ފެނުމަށް ވިއްސާރަވެސް ކުރަން އުޅޭ ކަހަލައެވެ. އުޑުމަތި އޮތީ ފުސްބޯވެލާފައެވެ. ނައްޓާލުމުގެ ކުރިން އެންމެ ފުރަތަމަ ބެލީ އެންމެންވެސް ހަމަތޯއެވެ.

އެހެންވެ ގޮނޑުދޮށުގައި ތިބި މީހުންތައް ހަމަތޯ ބެލުމަށް އެތަނުން ދެމީހަކު ވެގެން ގުނާލިއެވެ. ދެން ދިމާވީ އަޖާއިބު ކުރުވަނިވި މައްސަލައަކާ އެވެ. އެކަކު ގިނަވަނީއެވެ. ގިނަވަނީ ކާކުކަމެެއް ނޭނގެއެވެ. ރަށުކޮޅުން އެންމެންވެސް ފުރީ ގުނާފައެވެ. އެހެންވެ އައި އަދަދު އެންމެނަށްވެސް އެނގެއެވެ. އެކަމަކު ދާން ވެގެން ގުނިއިރު މިއުޅެނީ އެކަކު ގިނަވެގެންނެވެ. އުޅެއުޅެވެސް ގިނަވަނީ ކާކުކަމެއް އެނގޭ ގޮތެއް ނުވެއެވެ. ހަމަގައިމުވެސް ދަތުރުއައި އެކަކުވެސް މަދެއް ނޫނެވެ. އެއްބަޔަކު ނިންމީ ގުނުމުގައި އޮޅުމެއް އެރީ ކަމަށެވެ. އެކަމަކު ދަތުރު ފެށުމުގެ ކުރިން ގުނި ތިންމީހުންގެ އަދަދަކީ އެކައްޗެއް ކަމުން އެކަމުގައި އޮޅުމެއް ނެތްކަމުގައި އެމީހުން ބުނަމުން ދިޔައެވެ.

ކުއްލިއަކަށް ރަށުކޮޅުން އައި އެރަށު މީހުންގެ ތެރެއިން ވަރަށް ދުވަސްވީ މީހަކު، އަހަރެމެންގެ ތެރެއިން މީހެއްގެ އަތުން މިނެރަލް ވޯޓަރ ފުޅިއެއް ނަގައިގެން ޑިންގީއަށް އެރިއެވެ. އޭރު މި ގުނުމުގެ ކަމެއްގައި އެއްކޮށް އަނދިރި ނުވިޔަސް ފުދޭވަރަކަށް މިހާރު އަނދިރިވެސް ވެއްޖެއެވެ. އެހެެންވެ އެމީހާ އެފެންފުޅިއަށް ހެދީ ކިހިނެތްކަމެއް އެނގޭވަރެއް ނުވިއެވެ. އޭނާ އިތުރު ދެމީހަކަށް ގޮވާފައި އެފެންފުޅި ދިނުމުން އެތަނުން އެކަކު އެފެންފުޅިއަށް ހެދިގޮތް ދުށީމެވެ. ހެދި ގޮތަކީ ޑިންގީގެ ހަތަރު ކަނަށް އެފެނުގެ އެތިކޮޅެއް އެޅީއެވެ. ދެން އެއަށްފަހު އެދުވަސްވީ މީހާ، އަހަރެމެންގެ ތެރެއިން އޭނައަށް ނަން އެނގޭ ތިންމީހަކަށް ގޮވާލިއެވެ. ދެން އަހަރެމެންގެ ތެރެއިން އެތިން މީހުން ތިން ޑިންގީއަށް އެރުމަށް އެންގިއެވެ. އަދި  އެތިންމީހުނަށް ދެން ބާކީ ތިބި މީހުންނަށް ނަމުން ގޮވުމަށް އެންގިއެވެ. މިވަނީ ކީއްކަމެއް ކުރަން އުޅެނީ ކޮންކަމެއް ކަމެއްވެސް އެކަކަށްވެސް އެނގޭހެނެއް ހިޔެއް ނުވެއެވެ. ކޮންމެއަކަސް އެކުރާ ކަމެއްގައި ކޮންމެވެސް ހެވެއް އޮންނާނޭ ކަމަށް ބަލާފައި އެންމެންވެސް ހިމޭނުން ތިބީއެވެ. ހީވަނީ އަހަރެމެންގެ ތެރޭން ތިިން މީހަކު ތިން ޑިންގީއަށް އެރުވީ އެމީހަކަށް އަހަރެމެން އެންމެންގެ ނަން ނޭނގޭތީއެވެ. އެތިން މީހުން ނަމުން ގޮވަމުން ގެންދިޔައެވެ. ކޮންމެ މީހަކުވެސް އެމީހެެއްގެ ނަން ގޮވުމާއެކު ޑިންގީއަށް ގޮސް އަރަނީއެވެ. މިހެންގޮސް އަހަރެމެންގެ ސާދަ މީހުން އެއްކޮށް ޑިންގީތަކަށް އަރައިފިއެވެ. ދެން ބާކީ ގޮނޑުދޮށުގައި ތިބީ އަހަރެމެން މިތިބޭ ރަށުގެ މީހުންގެ ތެރެއިން އަހަރެމެންނާއެކު އައި މީހުންނެވެ. އެއްކަލަ ދުވަސްވީ މީހާ އެމީހުނަށް ނަމުން ގޮވަމުން ދިޔައެވެ. ނަންގޮވުމާއެކު އެމީހުންވެސް ޑިންގީތަކަށް އަރަމުން ދިޔައެވެ.

އިރުކޮޅަކުން ދެން އިވެން ފެށީ އަހަރެމެންނާއެކު އައި އަންހެންވެރިންގެ ތެރޭން އެއްބަޔަކު ރޯންފެށި އަޑެވެ. ތުނި ތުނިކޮށް ވާރޭވެހެމުން ދިޔައިރު އެއްގަމުގައި މިހާރު ހުރީ އެންމެ މީހެކެވެ. އަނދިރި ވެފައި އޮތުމުގެ ސަބަބުން އެމީހެއްގެ ސިފަ މާ ރަނގަޅަކަށް ވަކިކުރާކަށް ނޭނގެއެވެ. ދުވަސްވީ މީހާ ގޮނޑުދޮށުގައި ހުރި މީހާއަށް ޑިންގީއަށް އަރަން ބުންޏެވެ. އެމީހަކު ހަމަ އެ ހުރިތާ ހުރީއެވެ. ހަރަކާތެއްވސް ނުކުރެއެވެ. ހިޔަނީގެ ތެރޭން ފެންނައިރު އިސްތަށިގަނޑު ދިގުކޮށް ހުރުމުން އެއީ އަންހެނެއް ކަމެއްވެސް ފިރިހެނެއް ކަމެއްވެސް ނޭނގެއެވެ. އަންހެންވެރިންގެ ތެރޭން ބަޔަކު ރޮއެގަތީ އެއީ އިންސާނެއް ނޫންކަން އިޙްސާސް ކުރެވެން ފެށުމުންނެވެ. އަހަރެންނަށް އަދިވެސް ޝައްކެވެ. އެހެންވެ އަހަރެން ހުރީ ވާނުވާއެއް ދެނެގަނެވޭތޯ ކުޅިބަލަން ޑިންގީގެ ތެރޭގައެވެ.

ވެހެމުންދިޔަ ވާރޭ ތެރޭގައި ދުވަސްވީ މީހާގެ އިޝާރާތަށް ތިން ޑިންގީ އަހަރެމެން ތިބޭ ރަށާއި ދިމާއަށް މިސްރާބު ޖެހިއެވެ. އޭރު ޖަހަމުންދިޔަ ހަޅަޔާއެކު، ކަނޑުވެސް ހިސާބަކަށް ގަދަވެ ޑިންގީގެ ދެކޮޅުން ދިޔައީ ކޮންމެވެސް ވަރަކަށް އުދަބާނީގެ އަޘަރުތައްވެސް ކުރަމުންނެވެ.

މިހައިޖާނުގަނޑުގެ ތެރޭގައި ހިންދެމި ނުލެވިގެން އުޅެނިކޮށް ދެން ފެނުނީ ފިތް ކަނޑައިގެން ދާފަދަ މަންޒަރެކެވެ. ޑިންގީތައް ރަށާއި ވަކި ހިސާބަކަށް ދުރަށް ދިޔަ ފަހުން އެއްކަލަ ގޮނޑުދޮށުގައި ހުރި މީހާގެ ދެލޯ އެހެރީ އަނގުރު އަލިފާން ގަނޑެއްހެންނެވެ. އެމީހެއް ދިޔައީ ބިރުވެރި އަޑެއްވެސް ނެރެމުންނެވެ. ބޮޑަށް ވައްތަރީ މިނިކާ ވަގެއް ރުޅި އައިސްގެން ނެރޭ ކަހަލަ އަޑަކާއެވެ. ދެން ފެނުނީ އުދުއްސައިގަތް ތަނެވެ. ވަކި ހިސާބަކުން ގެއްލިއްޖެއެވެ. މި މަންޒަރު އަހަރެމެން އެންމެންގެ ހަމަލޮލަށްވެސް ފެނުނެވެ. އަހަރެން އަޖާއިބުވެ އަންތަރީސް ވިއެވެ. ބަސް ހުއްޓުނެވެ. ހިތުގެ ހިނގުން އިރުގަނޑަކަށް ނަމަވެސް ހުއްޓިފަވާ ކަހަލައެވެ. ހޭވެރިކަމެއް ވީވެސް ޑިންގީ ދިޔަވާން ފެށީމާ ފެންހިއްކަން ފެށި ހިސާބުންނެވެ. ވާރެއާއި ގަދަ ވައިތެރޭގައި ޑިންގީތައް، ދެކޮޅަށް ކިރެމުން މަޑު ދުވެއްޔެއްގައި ކުރިޔަށް ދާއިރު، އެންމެންވެސް ތިބީ އެމީހަކަށް އެނގުނު ހެޔޮ އެއްޗެއް ކިޔުމުގައެވެ. މިފަދަ ހާލެއްގައި ފަނަރަ ވަރަކަށް މިނިޓް ދުއްވުނު ފަހުން ކަނޑުވެސް ހަމަ ހިމޭންވެ، ވެހެމުންދިޔަ ވާރޭވެސް ހުއްޓާލައިފިއެވެ.

"އެ ވިއްސާރައަކީ އެއީ އޭތީގެ ކަމެއް. އެއީ ލޯމައްޗަށް ދައްކާ ކަންކަން. މިހާރު ﷲ އިރާދަ ކުރެއްވިއްޔާ މިސަލާމަތް ވެވުނީ!" ދުވަސްވީ މީހާގެ މިޖުމްލައިން އަހަރެންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިދިނެވެ.

މާގިނައިރު ތަކެއް ނުވެ ރަށާ ހަމައަށް ފޯރައިފިއެވެ. ސަލާމަތުން އެންމެނަށް އާދެވުނީތީ ﷲއަށް ޙަމްދުކުރީމެވެ. ހިތަށް އެރިއެވެ. ދިރިއުޅުމުގެ މިދިގު ދަތުރުގައި، މިކަހަލަ ކުރު ދަތުރަކުންވެސް ވަރަށް މުހިއްމު، ކަމެއް ނޫނީ ކަންތައްތަކެއް އުންގަންނައިދީފާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1083
ޚިޔާލު ފާޅުކުރައްވާ!

4 Responses

  1. މަވެސް ކުރިން ގަބޫލެއް ނުކުރަން. މިހާރު ގަބޫލުު ކުރަން. ހަމަ މި ކަހަލަ ކަމެއް ދިމާވީމަ. ރީތި ވާހަކަ

  2. ޝަބީބްގެ ވާހަކަ ތަކަކީ ކިޔާ ހިތުން ކިޔާލެވޭ ވާހަކަތަކެއް. މިވާހަކަ ވެސް ގެނެސްދީފަ އިން ގޮތް ވަރަށް ރީތި.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *