...

Support Us

ޝަލަބީ (ކ) އާއި ރާފިއަތު: އައްޑޫ ބަހުރުވައިން ވެސް ލަވަތައް ގެނެސްދިން -އަދިވެސް ފޮޓޯ

ޝަލަބީ އާއި ރާފިއަތުގެ ލަވަތަކުން އައްޑޫ އީދު ޝޯ ގުގުމާލައިފި

"ދޮން ދީދީ ދެން ނިކަން ރިޑިނިއެރައި އިހިލާފެލެ،" އެކަކު ބުނެއެވެ. (ދޮންދީދީ ދެން ނިކަން ރުޅި ނައިސް ހީނލަބަލަ!)

"ނުނޭ ނުނޭ ދެން މިކޯ ތި ވޭނޑެނީ ހަދުވަލާއް،" ޖަވާބުގައި އަނެކަކު ބުންޏެވެ. (ނޫން. މިހާރު ތި އުޅެނީ މަ ހައްދަންވެގެން)

އައްޑޫ ސިޓީ ހިތަދޫގެ ބޮޑު ސްޓޭޖް ސަރަހައްދަށް އެއްވެފައި ތިބި އެންމެން، މަޝްހޫރު ދެ ލަވަކިއުންތެރިން ކަމަށްވާ ޝަލަބީ އިބްރާހިމާއި ރާފިއަތު ރަމީޒާއާ އެކު އަޑުހަރުކޮށް އެ ލަވަކިޔަމުންދިޔައިރު، ގަޑިން މެންދަމުން އަލިވެ އެއްގަޑި ބައިވަނީއެވެ. އެއީ އައްޑޫ ބަހުރުވައިން ކިޔައިފައިވާ ލަވަތަކުގެ ތެރެއިން އައްޑުއަށްވެސް އަދި މުޅި ރާއްޖެއަށް ވެސް އެންމެ ބޮޑަށް މަޝްހޫރުވި ލަވައެވެ.

ޝަލަބީ (ކ) އާއި ރާފިއަތު އައްޑު އީދު ޝޯގައި ލަވަކިޔަނީ… -އަދިވެސް ފޮޓޯ

ބޮޑު އީދުގެ މުނާސަބާ ފާހަގަކުރުމަށް "އައްޑޫ އީދި ސަމާ"ގެ ނަމުގައި މުޅި އައްޑޫ ސިޓީގެ ހުރިހައި ރަށެއްގައި ކުރިއަށްގެންދިޔަ އެއް ހަފުތާގެ ކުޅިވަރު އީދު ނިންމާލުމަށް ރޭ ބޭއްވި ފަންނާނުންގެ މިއުޒިކް ޝޯ "ދުންމާރި" ވެގެންދިޔައީ މި ފަހަކަށް އައިސް އައްޑޫގައި ބޭއްވި އެންމެ ފޯރިގަދަ ޝޯއަށެވެ. ރޭގެ ޝޯގައި އައްޑު އަތޮޅުގެ ޒުވާނުންގެ ބޭންޑުތަކެއް ވެސް ކުޅުނެވެ. އެ ބޭންޑުތަކަކީ "ވޮއިޑް ސެންކްޗުއަރީ" އާއި "ބްލެކް ޕަރލް" އާއި "ވައިޓް ޓަރން" އަދި "މރ. ކޭ" އެވެ. ނަމަވެސް، ކުޅިބަލަން އިށީނދެ ތިބި، ރީނދޫ ގޮނޑިތައް ދޫކޮށްލައި، ސްޓޭޖް ކައިރިޔަށް އެންމެން އެއްވެ ލަވަ ކިޔައި، ނަށަން ފެށީ، "ހައުސް އޮފް މިއުޒިކް"ގެ ބޭންޑާއެކު ޝަލަބީމެން ހުށަހަޅައިދިން ފޯރިގަދަ ރެޕަޓުވާގެ ސަބަބުން، ގޮނޑީގައި މަޑުން ނުތިބެވިގެންނެވެ. "ދޮންދީދީ"ގެ އިތުރުން ވެސް، ޝަލަބީ ކިޔައިދިން އައްޑޫ ބަހުރުވައިގެ "ބާއޯކަލޯ"ވެސް ހިމެނިގެންދިޔައީ ރޭގެ އެންމެ ހިޓް ލަވަތަކުގެ ތެރޭގައެވެ.

ހަވާ އެރުވުމާއި އަލިފާނުގެ އައިޓަމްތަކާއެކު ކުރިއަށްދިޔަ ރޭގެ ޝޯއަށް ޝަލަބީމެން ސްޓޭޖަށް ނުކުތީ މެންދަމުން އަލިވެ 12 ޖެހި ފަހުންނެވެ. ކުޅިބަލަން އެއްވެ ތިބި، ކުދިބޮޑު އެތައް ސަތޭކަ ބައެއްގެ ތެރެއިން، ބައެއް މީހުން އޭރު ލޯމެރެމުންދިޔަ ނަމަވެސް، މީހުންގަނޑު ތެރެއަށް ޝަލަބީ ނުކުމެ، ބެލުންތެރިންނާއެކު ލަވަތައް ކިޔަން ފެށުމުން އެންމެން ކެކިއަރަން ފެށިއެވެ. އަދި ގޮނޑިތައް ދޫކޮށްލައިފައި ސްޓޭޖް ބުޑަށް އެއްވެ ފޯރި ނަގަމުންދިޔައެވެ. ބައެއް މީހުން ސްޓޭޖަށް ވެސް އެރިއެވެ.

ރާފިއަތާއެކު ސެލްފީ ނެގުމުގައި އައްޑޫ ޒުވާނުން އަވަދިނެތި.. -އަދިވެސް ފޮޓޯ

ރޭގެ ޝޯގައި އެންމެ ފޯރި ގަދަވެގެންދިޔަ ލަވައަކަށް ވީ ލޯބިވެރިޔާ ރުއްސުމަށް ވައުދުތަކެއް ވަމުންދިޔަ "ދޮންދީދީ" އެވެ. ނަތީޖާއަކަށްވީ، ދަންވަރު 1.30 ވެގެން ޝޯ ނިންމާލަން އުޅެންފެށުމުން ވެސް، ފަހު ލަވައެއްގެ ގޮތުގައި ވެސް އެ ލަވަ، ދެ ވަނަ ފަހަރަށް ކިޔަން މަޖުބޫރުވުމެވެ؛ ކުޅިބަލަން އެއްވެ ތިބި އެތައް ބައެއްގެ އެދުމަކަށެވެ.

"ވަރަށް ގިނަ ޒަމާންކޮށްފައި މި ކަހަލަ ލައިވް ޕާފޯމަންސެއް އަޅުގަނޑު މި ދިނީ. ދަންނަވާނީ މިއީ އަޅުގަނޑުގެ ހަމަ އެންމެ ފޯރިގަދަ އެއް ޝޯއޭ،" ރާއްޖޭގައި އުފެދުނު އެންމެ މޮޅެތި އަންހެން ލަވަކިއުންތެރިންގެ ތެރޭގައި ހިމެނޭ ރާފިއަތު، ޝޯއަށްފަހު "އަދިވެސް"އާ ވާހަކަ ދައްކަމުން ރޭ ބުންޏެވެ. "އައްޑޫއަށް އަޅުގަނޑު އަލަށް މި އައީ. ވަރަށް ކާމިޔާބު ދަތުރަކަށް މި ދަތުރު މިވީ. މާދަމާ ފުރައިގެން މި ދަނީ ވަރަށް ކާމިޔާބު ޝޯއެއްގެ ހަނދާންތަކާއެކު."

ޝޯ އިންތިޒާމްކުރި ފަރާތްތަކަށް ރާފިއަތު ޝުކުރު އަދާކުރިއެވެ.

ރާފިއަތާއެކު، އޭނާގެ ފިރިމީހާ، މަޝްހޫރު ލަވަކިއުންތެރިޔާ އިބްރާހިމް އާމިރު އައްޑޫ އަށް ދިޔަ ނަމަވެސް، ޝޯގައި އޭނާ ބައިވެރިއެއް ނުވެއެވެ.

ޝޯ އަށްފަހު ޝަލަބީ ވެސް ބުނީ ރޭގެ ޝޯއަކީ އޭނާއަށް ކުޅެވުނު ވަރަށް ތަފާތު، ފޯރިގަދަ ޝޯއެއް ކަމަށެވެ.

"އައްޑޫއިން މިހާ ބޮޑު ތަރުހީބެއް ލިބިދާނެ ކަމަކަށް އެއްވެސް ވަރަކަށް ގަބޫލްކޮށްގެނެއް ނޫން އަޅުގަނޑުމެން އައީކީ. ނަމަވެސް ޝޯގެ އިންތިޒާމްތަކާއި ހުރިހައި ކަމެއް ވަރަށް ރަނގަޅަށް ދިޔައިމަ މިހާ ކާމިޔާބުކޮށް މި ނިމުނީ،" މޯލްޑިވިއަން އައިޑޮލް އިން ވިދާލި އެތައް ތަރިންނެއްގެ ތެރެއިން، އެންމެ މަޝްހޫރުކަން ހޯދައިފައިވާ ލަވަކިއުންތެރިޔާ ބުންޏެވެ.

ޝަލަބީއާއެކު ސެލްފީ ނެގުމުގައި އައްޑޫ ޒުވާނުން ބިޒީވެފައި.. -އަދިވެސް ފޮޓޯ

"މި ކާމިޔާބީގެ ފަހަތުގައި މި އޮތީ ބެލުންތެރިންގެ ފޯރީގެ އިތުރުން، ހުރިހައި ކަމެއް އިންތިޒާމްކުރި ޓީމުގެ މަސައްކަތް. އެހެންވެ ވަކިން ހާއްސަކޮށް އައްޑޫ މޭޔަރ އަލީ ނިޒާރަށާއި ކައުންސިލަށާއި ސްޕޮންސަރުންނަށާއި ބޭންޑަށް ވެސް އަޅުގަނޑު ޝުކުރު އަދާކުރަން،" ޝަލަބީ ބުންޏެވެ. "އަދި ރާފިއަތާ އެކުގައިވެސް މި ކުރެވުނީ ވަރަށް ތަފާތު ތަޖުރިބާއެއް. އިތުރަށް ކުޅެލަން އަދިވެސް ބޭނުންވެފައި ތިބީ. ނަމަވެސް މާ ބޮޑަށް ދަންވެގެން ދިޔައިމާ ޝޯ ނިންމާލަން މަޖުބޫރުވީ. ލިބުނު ވަގުތުގައި ވަރަށް ފޯރި ގަދަކޮށް ދިޔައީ. ސަޕޯޓަރުން އެކަން ފީލްކޮށްދިން. ވަރަށް ތަފާތު ޝޯއެއް މިއީ."

ޝޯއަށްފަހު "އަދިވެސް"އާ ވާހަކަ ދައްކަވަމުން މޭޔަރ ނިޒާރުވެސް ވިދާޅުވީ ޝޯ ވަރަށް ފޯރި ގަދަވެގެންދިޔަ ކަމަށާއި ހުރިހައި ކަމެއް ނިިމިގެންދިޔަ ގޮތާމެދު އޭނާގެ ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.

މޭޔަރު ނިޒާރު "އަދިވެސް"އަށް އިންޓަވިއު ދެއްވަނީ… -އަދިވެސް ފޮޓޯ: ޔޫސުފު ޖޫލް މުހައްމަދު ޝަހީބު

"ޝޯ ފެށުން ތަންކޮޅެއް ލަސްވެގެންދިޔަ ނަމަވެސް ނިމިގެން ދިޔައީ ވަރަށް ފޯރިގަދަކޮށް،" ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ އީދު ޝޯތަކަކީ ކުރިންވެސް އައްޑޫގައި ވަރަށް ފޯރިގަދަކޮށް ފާހަގަކުރަމުން އައި ކަމެއް ކަމަށެވެ. ނަމަވެސް ތަފާތު ސަބަބުތަކާ ހެދި އެކަން އޮތީ ވަޅުޖެހިފައި ކަމަށެވެ.

"އެހެންވެ މިފަހަރު އަޅަގަނޑުމެން (ކައުންސިލުން) ނިންމީ އައްޑޫ ސިޓީގައި ހިމެނޭ ހުރިހައި ރަށެއްގައި މި ފަހަރުގެ ބޮޑު އީދު ވަރަށް ކުލަގަދަކޮށް ފާހަގަކުރާން. އަޅުގަނޑަށް ގަބޫލްކުރެވޭ ގޮތުގައި ފަހުގެ ތާރީހެއްގައި މުޅި ރާއްޖޭގައި ވެސް އީދު ފާހަގަކުރާން މިހާ ފުޅާ ދާއިރާއެއްގައި މަސައްކަތެއް ކުރެވިފައެއް ނޯންނާނެ. އައްޑޫ ސިޓީގެ ހިތަދޫ ފިޔަވައި އެހެން ހުރިހައި ރަށެއްގައި ފަސް ދުވަހަށް، ހިތަދޫގައި ހަތް ދުވަހަށް މިފަހަރު އީދު ފާހަގަކުރިން. ތަފާތު އިވެންޓުތައް ކޮންމެ ދުވަހަކު ބޭއްވިން. އެހެންވެ ރާއްޖޭގެ އެއްވެސް އަތޮޅެއްގައި މިހާ ގިނަ އިވެންޓުތައް ހިމެނޭ ގޮތަށް އެހާ ދިގު މުއްދަތަކަށް، އެހާ ކުލަ ގަދަކޮށް އީދު ފާހަގަކުރާނެހެނެއް ހިޔެއްނުވޭ،" ރައްޔިތުންގެ މަޖުލިސްގެ މެމްބަރުކަން ވެސް ކުރިން ކުރެއްވި ނިޒާރު ވިދާޅުވިއެވެ.

އޭނާ އަދި ވިދާޅުވީ މިހާ ކުލަގަދަކޮށް މުޅި އައްޑޫގައި މި ފަހަރު އީދު ފާހަގަކުރީ ރައްޔިތުންގެ އެކުވެރިކަމާއި އެއްބާރުލުން ހޯދައިގެން ތަރައްގީގެ މަސައްކަތުގައި ކުރިއަށް ދިއުމުގެ މަގުސަދުގައި ކަމަށެވެ.

މޭޔަރު ނިޒާރު (ކ-3) އާއެކު ޝަލަބީ (ވ) އާއި އިބްރާހިމް އާމިރު (ކ) އަދި ރާފިއަތު ފޮޓޯއަކަށް މަޑުކޮށްލައިގެން -އަދިވެސް ފޮޓޯ

"އީދު ފާހަގަކުރަން ނިންމައިފައި އަޅުގަނޑުގެ ހިތަށް އައި ނަމެއް ޝަލަބީ އަކީ. އެހެންވެ ވަގުތުން ޝަލަބީއަށް ގުޅީ. ޝަލަބީ ބުނީ ރާފިއަތު ވެސް ބައިވެރިކުރާނަމޭ މި ޝޯގައި. އެވަގުތު އަޅުގަނޑު ޔަގީންކުރިން އެ ދެ ބޭފުޅުންގެ ބައިވެރިވުމާއެކު ވަރުގަދަ ޝޯއަކަށް މި ޝޯ ހައްދަވާނެ ކަމަށް. މިއީ ވަރަށް ކާމިޔާބު، ވަރަށް ކާމިޔާބު ޝޯއެއް. އެހާ ބޮޑަށް ދަންވެ، އެއްގަޑި ބައިވާން ދިޔައިރުވެސް މީހުން މިތާ އޮތް ހަމަ ވަރަށް ފޯރީގައި."

ރޭގެ ޝޯގެ ހޯސްޓެއް ކަމަށްވާ އައްޑުއަށް އުފަން ދިޔާމާ ވެސް ބުނީ ނިމިދިޔައީ ވަރަށް ފޯރިގަދަ ޝޯއެއް ކަމަށެވެ.

ޝަލަބީ އާއި ރާފިއަތާއެކު "ހައުސް އޮފް މިއުޒިކް" ބޭންޑް ޝޯއަށްފަހު ފޮޓޯއަކަށް މަޑުކޮށްލައިގެން…  -އަދިވެސް ފޮޓޯ

"މިއީ އައްޑޫގެ ތާރީހުގައި މިފަހަކަށް އައިސް ބޭއްވުނު އެންމެ ވަރުގަދަ ޝޯ. ވަރަށް ފޯރި ނެގި އެންމެން ވެސް. އަލިފާނުގެ ކުޅިވަރާއި ހަވާއެރުވުން ވެސް ފެނިގެންދިޔައީ މި ޝޯގެ ތެރެއިން. މިއީ މީހުން ހަނދާނުން ފުހެލަން ދަތިވާނެ ޝޯއަކަށް ވާނެކަން ޔަގީން. ވަރަށް ގިނަ ދުވަސްތަކަކަށްފަހު މާލެއިން މިރަށަށް ބޭންޑެއް އައިސް ޕާފޯމް މިކުރީ. ޝަލަބީ އާއި ރާފިއަތުގެ އިތުރުން ވެސް މި ރަށުގެ ބޭންޑުތަކެއް ވެސް މި ޝޯއިން ފެނިގެން މިދިޔައީ. އެހެންވެ ހުރިހައި ގޮތަކުން ވެސް ވަރަށް ކާމިޔާބު ޝޯއެއް މި ނިމުނީ،" ފެނަކަ ހެޑް އޮފީހުގައި މަސައްކަތްކުރާ ދިޔާމާ ބުންޏެވެ.

ރޭގެ ފޯރިގަދަ ޝޯ ނިމުމުން ވެސް ގިނަ ބެލުންތެރިން އަވަހަށް ގެއަށް ދާކަށް ނޫޅުނެވެ. އެ މީހުން ބޭނުންވީ ޝަލަބީ އާއި ރާފިއަތާއެކު ފޮޓޯ އާއި ސެލްފީ ނަގައިގެން ދާށެވެ. އެހެންވެ އިތުރު ބައިގަޑިއިރަށްވުރެ ގިނައިރު ޝަލަބީ އާއި ރާފިއަތު އެކަމުގައި ވެސް އުޅެންޖެހުނެވެ.

ޝަލަބީއާއެކު ސެލްފީ ނެގުމުގައި އައްޑޫ ޒުވާނުން ބިޒީވެފައި.. -އަދިވެސް ފޮޓޯ

ޝޯގެ ތެރެއިން އެތައް ދޮންދީދީއެއްގެ ހިނިތުންވުން ޝަލަބީއަށް ރޭގައި ފެންނާނެކަން ޔަގީނެވެ. އެކަކު ވެސް ރިޑި ނިއެރާކަން (ރުޅި ނާންނަކަން) ސެލްފީތަކުން އެކަނި ވެސް ޔަގީންވާނެއެވެ. އެންމެންވެސް ތިބީ އިހިފަ (ހިނި އައިސްފަ) އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
21
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.