Support Us

ކުރު ވާހަކަ: ރަސްގެފާނާއި ވަގުކަލޭގެ

އެއް ސަހަރެއްގައި އުޅުއްވި ރަސްކަލެކެވެ. އެ ރަސްގެފާނުގެ ދެ އަނބިކަނބަލުން ތިއްބަވައެވެ. އެއިން ކޮންމެ ބޭފުޅަކީ ވެސް ވަރަށް ނުފޫޒު ގަދަ ބޭފުޅެކެވެ. އެ ދެ އަނބިކަނބަލުންގެ ކަންތަކަށް ދޫނުކުރާ ބޮޑު މައްސަލައެއް ކުރިމަތިވެއްޖެއެވެ. ދޮރުވާނުންނާއި ފާރަވެރިން ގަނޑުވަރަށް ލައްވާފައި ވަނިކޮން ވެސް ގަނޑުވަރުން ވައްކަންކުރަނީއެވެ. އެ މީހަކު އަތުލައިގަނެވޭނެ ގޮތެއް ނުވެއެވެ.

ކަމާބެހޭ ފަރާތްތަކުން އެތައް ދުވަހެއް ވަންދެން ކުރި ތަހުގީގުތަކުން އެނގުނު ގޮތުގައި ވައްކަން ކުރަނީ އެކެކެވެ. ނޭނގެނީ އެއީ ކާކުކަމެވެ. އެހެންވެ ވަގުކަލޭގެ އަތުލައިގަތުމަށް ފާރަވެރިން އިތުރުކޮށް ގަނޑުވަރުގެ ސަލާމަތީ ކަންކަން އޮތީ ވަރަށް ވަރުގަދަކޮށްފައެވެ.

އެހެން އެކަން އޮއްވާ ވެސް ސަލާމަތީ ފިޔަވަޅުތައް ހުރަސްކޮށް ވަގުކަލޭގެ ގަނޑުވަރަށް އަނެއްކާ ވެސް ވަން ރެއެކެވެ. ވަގަށް ގެންދާނެ ރަނގަޅު އެއްޗެއް ހޯދަމުން ދަނިކޮށް ސިޑިމަތިން މީހެއްގެ ފިޔަވަޅުގެ އަޑު އިވިގެން އަވަސް އަވަހަށް ގޮސް ސިޑިދޮށަށް ވަދެ ވަގުކަލޭގެ ފިލިއެވެ. އިރުކޮޅަކުން ދެ އަންހެނަކު ވާހަކަ ދައްކާ އަޑުއިވެން ފެށިއެވެ. އެއީ ރަސްގެފާނުގެ ދެ އަނބިކަނބަލުންކަން ވަގުކަލޭގެއަށް އެނގުނެވެ. ކޮންމެ އަނބިކަނބަލަކު ވެސް ބޭނުންފުޅުވަނީ އެ އަނބިކަނބަލެއްގެ ކޮޓަރިކޮޅުގައި އެ ރޭ ރަސްގެފާނު އަވަހާރަފުޅު ލެއްޕެވުމަށެވެ. މާ ގިނައިރު ވެގެން ވަގުކަލޭގެ ސިއްރުސިއްރުން ބަލައިލިއިރު ރަސްގެފާނުގެ ދެ އަނބިކަނބަލުން ތިއްބެވީ އާދައިގެ މަތިން ރަސްގެފާނުގެ ދެއަތްޕުޅުގައި ހިއްޕަވައިގެންނެވެ. އެއް އަނބިކަނބަލަކު ސިޑީގެ މަތީގައި ހުންނަވައިގެން މައްޗަށް ދަންމަވާއިރު، އަނެއް އަނބިކަނބަލަކު ދަންމަވަނީ ތިރިއަރެވެ. ދެވަރަ ދަމާ ހޯރައަޅާފައިވާ ދޫންޏެއް ފަދައިން ރަސްގެފާނު ހުންނެވިއެވެ. މި މަންޒަރަކީ ވަގުކަލޭގެއަށް އާ މަންޒަރެއް ނޫނެވެ. މިއީ ކޮންމެ ރެއެއްގެ ވެސް ރަސްގެފާނުގެ ހާލުކޮޅެވެ. ގަނޑުވަރުގެ އެ ސަރަޙައްދުގައި ރޭގަނޑު ފާރަވެރިން ނުބައިތިއްބަވަނީ ވެސް މިކަން އެހެން މީހަކަށް އެނގިދާނެތީ ލަދުފުޅުންނެވެ.

ވަގުކަލޭގެއަށް މިރޭ ފިލަން މި ވަދެވުނު ތަނުގެ ގޮތުން ސަލާމަތްވެގެން ދެވޭނެ ހަމަ އެއްވެސް ގޮތެއް ނުފެނުނެވެ. އެ އޮތްތަނުން ވަގުކަލޭގެއަށް ނިކުންނަން ނުކެރިފައި އޮއްވާ އެންމެފަހުން އިރުއަރައިފިއެވެ. އިރުއެރުމުން އާދައިގެ މަތިން ރަސްގެފާނުގެ ދެ އަނބިކަނބަލުން ވެސް ރަސްގެފާނު ދޫކޮށްލައްވާފައި އެ ބޭފުޅެއްގެ ކޮޓަރިކޮޅަށް ވަޑައިގެންފިއެވެ. ދެން ހަދާނެ އެހެން ގޮތެއް ނެތުމުން ވަގުކަލޭގެ ވެސް ފިލައިގެން ދާންވެގެން ދުއްވައިގެންފިއެވެ. އެވަގުތު ބޭރުގައި ތިބި ދޮރުފާރަވެރިންނަށް ވަގުކަލޭގެ ފެނިގެން އެ ކަލޭގެ އަތުލައިގެންފިއެވެ.

ރަސްގެފާނުގެ ރަސްކަމުގެ ދަރުބާރު ހެނދުނު ފެށުމާއެކު އެންމެ ފުރަތަމަ ކަމަކަށް ވެސް އޮތީ ވަގުކަލޭގެ މައްސަލަ ނިންމުމެވެ. ދަރުބާރު ފެށިއްޖެއެވެ. ވަގުކަލޭގެ ހާޒިރުކޮށްފިއެވެ. ވަގުކަލޭގެއާ ސުވާލުކުރުމުން އޭނާ ކުށަށް އެއްބަސްވެ މާފަށް ވެސް އެދިއްޖެއެވެ.

ވަގުކަލޭގެއަށް ހުކުމެއް އިއްވުމުގެ ކުރިން އޭނާގެ ވާހަކަ އަޑުއައްސަވައި އޭނާއާ ވާހަކަ ދައްކަވާލައްވަން ރަސްގެފާނު ބޭނުންފުޅުވިއެވެ. ރަސްގެފާނު ވިދާޅުވިއެވެ. "ވަގުކަލޭގެއާއެވެ. އަހަރެންގެ ބައްޕަގެ ރަސްކަމުން ފެށިގެން ވެސް މި ގަނޑުވަރުން ވައްކަންކުރާ މީހަކީ ކަލޭގެ ހެއްޔެވެ؟"

ވަގުކަލޭގެ ދެންނެވިއެވެ. "އާދެ ސާހިބާއެވެ." ރަސްގެފާނު ވިދާޅުވިއެވެ. "ތިޔަވަރުގެ ބޮޑު ކުށްވެރިއަކަށް ދޭނެ އަދަބެއް އަޅެ ކަލޭގެ ބުނެބަލާށެވެ."

ވަގުކަލޭގެ ދެންނެވިއެވެ. "މާތް ސާހިބާއެވެ. ތިޔަ ވިދާޅުވި ބަސްފުޅު ތެދެވެ. އަޅުގަނޑަކީ ވަރަށް ބޮޑު ކުށްވެރިއެކެވެ. މާތް ސާހިބާ ބޭނުންފުޅު ކޮންމެ އަދަބެއް ދެއްވިޔަސް އެއީ އަޅުގަނޑަށް ހަމަ ޙައްޤު އަދަބެކެވެ. އެކަމަކު އަދަބެއްގެ ގޮތުން ވެސް އެއް ކަމެއް އަޅުގަނޑާ މަތިނުކޮށްފިއްޔާ ރަނގަޅެވެ."

ރަސްގެފާނު ހައިރާންފުޅު ވެގެން ސުވާލު ކުރެއްވިއެވެ. "އަނެއްކާ އެއީ ކޮން ކަމެއް ހެއްޔެވެ؟" ވަގުކަލޭގެ ދެންނެވިއެވެ.

"އެއީ ވަރަށް ވޭންހުރި ކަމެކެވެ. ކޮންމެ އަދަބެއް ދެއްވިޔަސް އަޅުގަނޑަށް ދެއަނތްބަށް މީހަކާ އިންނަން ޙުކުމް ނުކުރައްވައިފިއްޔާ ހާދަހާވާ ރަނގަޅެވެ. ދެ އަތް ކޮނޑުހުޅުން ކަނޑާލެއްވިޔަސް އެއަށްވުރެ ރަނގަޅުވާނެއެވެ."

ވަގުކަލޭގެ އެހެން ބުނުމާއެކު ރަސްގެފާނު އިސް ޖައްސަވާލެއްވިއެވެ. އަދި ވިދާޅުބަސްފުޅު އިއްވެވިއެވެ. "ވަގުކަލޭގެ ދޫކޮށްލާށެވެ. އަދި ތިމަން ރަސްގެފާނުގެ ހާދިމުންގެ ތެރެއިން މިކަލޭގެއަށް ވަޒީފާ ހަމަޖައްސާށެވެ. ކުށްވެރިން ވެސް އެ މީހުންގެ ކުށަށް އިއުތިރާފުވެ މާފަށް އެދުމުން ވާނީ ދެވެން އޮތިއްޔާ މާފުދޭށެވެ. ދެން މިކަލޭގެ ވައްކަމެއް ނުކުރާނެއެވެ."

އެވަގުތު ރަސްކަމުގެ ދަރުބާރުގައި ތިބި އެންމެން ވެސް ރަސްގެފާނުގެ އެ ހުކުމާމެދު ހައިރާންވިއެވެ. ރަސްގެފާނާއި ރަސްގެފާނުގެ ދެ އަނބިކަނބަލުން ފިޔަވައެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *