ރާއްޖޭގެ މިނިވަންކަމަށް ބުރޫ އަރާގޮތަށް އިންޑިއާއިން ރާއްޖޭގައި ހިންގަމުންދާ ހަރަކާތްތަކާ ދެކޮޅު ހެދުމުގެ ގޮތުން އިދިކޮޅު ކޯލީޝަނުން ހިންގަމުންދާ "އިންޑިއާ އައުޓް" ހަރަކާތަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅަން ގާނޫނުލްއުގޫބާތަށް ބަދަލު ގެންނަން ސަރުކާރުން ބިލެއް އެކުލަވާލައިފިއެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ މި ބިލަކީ "ދިވެހިރާއްޖޭގެ ހާރިޖީ މަސްލަޙަތަށް ގެއްލުންދިނުމުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލެއް" ކަމަށާއި އެ ބިލް އެކުލަވާލައި، ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުމަށްޓަކައި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވައިފައިވާ ކަމަށެވެ.
"ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގައި ބަޔާންކުރާ އަމަންއާންމާއި ރައްކާތެރިކަމާއި އަަހުލާގީ މިންގަނޑުތަކާ ގުޅޭ ކުށްތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ ހާރިޖީ މަސްލަޙަތަށް ގެއްލުންދިނުމުގެ އަމަލުތައް ވަކި ކުށެއްގެ ގޮތުގައި ހިމެނުމެވެ. އަދި އެ ކުށުގެ ގޮތުގައި ބެލެވޭނެ ޢުމަލުތައް ސާފުކޮށް ބަޔާންކުރުމަށްޓަކައި، އެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމެވެ." އެޓާނީ ޖެނެރަލްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

މި އިސްލާޙުގެ ދަށުން ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ހުށަހަޅާ މައިގަނޑު ކަންތައްތައް
- އެހެން ގައުމެއްގެ ދިދައަކަށް، ގައުމީ ރަމްޒަކަށް ނުވަތަ ނިޝާނަކަށް ގެއްލުންދިނުން ނުވަތަ ބަދަލެއް ގެނައުން
- އެހެން ގައުމަކަށް ނިސްބަތްވާ މުއައްސަސާއަކަށް ގެއްލުންދިނުން ނުވަތަ ގެއްލުންދިނުމަށް ގޮވާލުން
- އެހެން ގައުމެއްގެ ރައްޔިތަކަށް ވީތީ ފުރައްސާރަކުރުމުގެ ގޮތުން އަނިޔާ ދިނުން ނުވަތަ އަނިޔާއެއް ދިނުމަށް ގޮވާލުން
- އެހެން ގައުމެއްގެ ރައްޔިތަކަށް ވީތީ، ދިވެހިރާއްޖެ ދޫކޮށްދިޔުމަށް ގޮވާލުން
އިދިކޮޅު ޕީ.ޕީ.އެމް/ ޕީ.އެންސީން އިންތިޒާމްކުރާ "އިންޑިއާ އައުޓް" ހަރަކާތްތައް މާލޭގެ އިތުރުން އެކިއެކި އަތޮޅުތަކުގައިވެސް އަންނަނީ ބާއްވަމުންނެވެ. އެއާ ވިދިގެން، އިންޑިއާއާ ގާތް ގުޅުމެއް ބާއްވާ އެމް.ޑީ.ޕީ ސަރުކާރުން ގެންދަނީ، ރައްޔިތުންގެ މަޖިލީހުގައާއި އެހެނިހެން ފޯރަމްތަކުގައި އެ ހަރަކާތްތަކާ ދެކޮޅަށް އަޑު އުފުލައި، އެ ހަރަކާތްތައް ހުއްޓުވުމަށް އެކި ގޮތްގޮތަށް މަސައްކަތް ކުރަމުންނެވެ.
"އިންޑިއާ އައުޓް" ކެމްޕެއިން ހުއްޓުވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މި އަހަރުގެ އެޕްރީލް 21ގައި ގަރާރެއް ނެރުއްވައި، ޕީ.ޕީ.އެމްގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ ގެއާއި ޕީ.ޕީ.އެމް އޮފީހާއި އެހެނިހެން ތަންތާނގައި އެލުވާފައި ހުރި "އިންޑިއާ އައުޓް" ބެނާތައް ފުލުހުން ފޮނުވައިގެން ވަނީ ނަގައިފައެވެ.
ރައީސް ސޯލިހު ނެރުއްވި ހަ ސަފުހާގެ ގަރާރުގައި ވަނީ އިންޑިޔާއާ މެދު ނަފުރަތު އުފެއްދުމަށް ހިންގާ ހަރަކާތްތަކަކީ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި، ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ބައްދަލުވުމުގައި ކަނޑައަޅައިފައިވާތީ އާއި ވަކިވަކި ޤައުމުތަކާ ދެކޮޅަށް ނަފުރަތު އުފެއްދުމަށް ހިންގޭ މިފަދަ ހަރަކާތްތަކަކީ ޤާނޫނު ތަންފީޛުކުރާ އިދާރާތަކުން ހުއްޓުވަން ޖެހޭނެ ހަރަކާތްތަކެއް ކަމުގައި ކަނޑައެޅުމަށް ޤައުމީ ސަލާމަތާބެހޭ މަޖިލީހުން ނިންމައިފައިވާތީ، "…ބަޔާންވެދިޔަ ފަދަ ހަރަކާތްތައް ހުއްޓުވުމަށް ކަނޑައަޅައި، މިކަން މިގޮތުގެ މަތީން ތަންފީޛުކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި އިދާރާތަކަށް އަންގައި، މި ޤަރާރު އެކަށައެޅީ" ކަމަށެވެ.

"އިންޑިއާ އައުޓް" ހަރަކާތްތައް މިދިޔަ އަހަރު ފެށިގެން އައިއިރު، ސަރުކާރުން ބުނަމުން އައީ އެކަމުގައި ބައިވެރިވަނީ ޑްރަގު ނެޓްވޯކުގައި އުޅޭ މަދު ބައެއް ކަމަށެވެ. ނަމަވެސް އޭރު ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދެވި ރައީސް ޔާމީން މިދިޔަ ނޮވެމްބަރު 30 ގައި މިނިވަންވުމާއެކު، "އިންޑިއާ އައުޓް" ޖަހައިފައިވާ ޓީޝަރޓް ތުރުކުރައްވައިގެން މުޒާހަރާތަކަށް ނުކުންނަވައި، އެ ހަރަކާތުގެ ފޯރި ވަނީ އިތުރަށް ގަދަކުރައްވައިފައެވެ.
ނޫސްބަޔާން: ދިވެހިރާއްޖޭގެ ޚާރިޖީ މަޞްލަޙަތަށް ގެއްލުންދިނުމުގެ ޢަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުން https://t.co/hyIoBiYRMx pic.twitter.com/s8pcxwxJRo
— AG Office Maldives (@AGOmv) June 23, 2022



advertisment