Support Us

ކުރު ވާހަކަ: ކާޅު ހައްޖުވުން

އެހެން މީހުން ހައްޖަށް ގޮސްއުޅޭތީ ކާޅު ވެސް ހައްޖަށް ދިޔައެވެ. ހައްޖުން އައިސް ކާޅުގެ އުޅުން މުޅި ބަދަލުކުރިއެވެ. ހުދު ހެދުމެއް ލައި، ތާކިހަލެއް އަޅައިގެން އުޅެން ފަށައިފިއެވެ. ދީނީ ކަންތައްތަކަށް ޚާއްޞަ ސަމާލުކަމެއް ދިނެވެ. ބަސް މަދުކޮށް، މަގުމަތިން ހިނގާ އުޅޭއިރު ވެސް ދަނީ އިސް ޖަހައިގެންނެވެ. ގުއިި ކެއުމުން މުޅިން މަނާވެ އެހެން މީހުންނަށް ވެސް އެބާވަތުގެ ދަށު ދަރަޖައިގެ ކަންކަން މަނާކޮށް ނަސޭހަތްދީ އުޅުނެވެ.

ކާޅު މިހެން އުޅެން ފެށުމާއެކު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މީހުންގެ ލޯބި ލިބެން ފެށިއެވެ. އަދި ބައެއް މީހުން އަމިއްލަ އެކިއެކި ކަންކަމުގައި ޚިޔާލާއި މަޝްވަރާ ހޯދަން އައިސް އުޅުނެވެ. ކާޅަށް މިއައި އިސްލާހީ ހެޔޮ ބަދަލުގެ ސަބަބުން އެންމެ އުފާވީ އަވަށުގެ ފިޔޮއް ކުކުޅުތަކެވެ. ކުރީގައި ޅަފިޔޮއްތައް ބޮޑުކުރާއިރު ކާޅުގެ ތުނބުން ސަލާމަތް ކުރެވެނީ މަދު ފިޔޮކެއް ކަމަށްވާތީއެވެ. ނަމަވެސް މިއަދު އެ ބިރުވެރިކަމެއް ނެތެވެ.

މަސްވެރިން އުޅޭ ނޫޅޭގޮތް ބަލާލަން ކާޅު އަތިރިމައްޗަށް ދިޔަ ދުވަހެކެވެ. އިރުކޮޅަކުން އަވަށުތެރޭގައި އަޑުފައްގަނޑު ގަދަވެ، މީހުންގެ ހަޅޭކާއި ހޯބޯލެވުން ބޮޑުވެގެން ކާޅުގެ އަންހެނުން ވެގެން އުޅޭގޮތެއް ބަލާލަން ބޭރަށް ނިކުތެވެ. އޭރު އެންމެންގަނޑު ދުވަނީ އަތިރިމައްޗަށެވެ. މީހުންތައް ފިއްތަމުން މީހުންގަނޑުގެ ތެރެއިން އަތިރިމައްޗަށް ނިކުމެވުނުއިރު ގުއި ތަފާލަކަށް ތުންގަނޑު ބާނައިގެން ކާޅު ގުއިކަނީއެވެ. އެކަމާ އެހެން މީހުން މަލާމާތްކޮށް ހީނ ހަދަނީއެވެ. އެކަމަކު އެ އަޑެއް ކާޅަށް ނީވޭ ކަހަލައެވެ.

އެ މަންޒަރު ފެނިފައި ކާޅުގެ އަންހެނުން ބުންޏެވެ. ކުދިންނޭވެއެވެ. އެ މީހަކު ވާނީ އެ މީހަކަށެވެ. އެ މީހެއްގެ އަސްލު ފޮރުވާ ވަންހަނާ ކޮށްގެން އުޅުނަސް ކޮންމެވެސް ދުވަހަކުން ބޭޒާރުވާނެއެވެ. މީހަކު ރަނގަޅުވެ އިސްލާޙުވާން ބޭނުންނަމަ އިސްލާޙުވެ ރަނގަޅުވާން ވާނީ ހިތާ ރޫޙުންނެވެ. ބަހާއި ޢަމަލުންނެވެ. ބޭރުފުށަކުންނޫނެވެ.

  • މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން ނަގައިފައި
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *