Support Us

ކުރުވާހަކަ: ނަގޫ ފިތުނު ރާމާމަކުނު

އެއް ސަހަރެއްގައި ރާމާމަކުނުތަކަކާއި ވަޑާންކުރާ ބަޔަކު އުޅުނެވެ. ވަޑާންކުރާ މީހުން ގަސްގަސްގަހުގެ ގުޅިތަކުން ފިލާ ކީހަނީ މަކުނުތައް ދިރިއުޅޭ ގަހުގެ ހިޔަލުގައި ތިބެގެންނެވެ. އެ މީހުން ފިލާ ކީހަން ތިބޭއިރު މަކުނުތައް ގަހުގައި އެތަން ބަލަން ތިބެއެވެ. އަދި އެ މީހުން ކައިފައި އުކާލާ ދޮންކެޔޮ ތޮށިތައް އެސޮރުމެން ގެންގޮސްގެން ކައިހަދައެވެ.

މި މަކުނުތަކުގެ ތެރޭގައި ވަރަށް ފޮނި އަދި އެހާމެ ބޮޑާ މަކުނެއް އުޅުނެވެ. އެ ސޮރަށް ހުންނަނީ އެ ސޮރު ފެނިފައެވެ. އެ މަކުނަކީ ހުރިހާ ކަމެއް އެނގޭ އަދި ހުރިހާ އެންމެންނަށްވުރެ މާ މޮޅު މީހެއް ކަމަށް ހީވެގެން އުޅޭ މަކުނެކެވެ. އެ ސޮރާ ނުބެހޭ އަދި އެ ސޮރަށް ނޭނގޭ ކަމެއް ނޯވެއެވެ.

ކޮންމެ ދުވަހަކު ވަޑިން ކެއުމަށް ޓަކައި މެންދުރު މަސައްކަތް ހުއްޓާލާފައި ދިޔައީމާ، ކީހަން ފަށާފައި އޮންނަ ގުޅީގައި ހުންނަ ކީހަށް ދަމައި ކީހާ ހަދައެވެ. މިގޮތަށް ހެދުމުން ތެދަށް ކީހުމަށް ޖަހާފައި ހުންނަ އުއިން ނެއްޓި، ފިލާ ކީހާ ވަޑިންނަށް ވަރަށް ބޮޑެތި ގެއްލުންތައް ދިޔައީ ލިބެމުންނެވެ. ވަޑިން އުޅެނީ މިކަންކުރާ މީހަކު ނޭނގިގެންނެވެ.

އެއް ދުވަހަކު އެއްކަލަ މަކުނު އެބަ ބުނެއެވެ. މި ވަޑިންނަކީ ހާދަހާ މޮޔަ، ގަމާރު ބައެކެވެ. ބޮޑު ކީހުން ކީހުމަކީ ކިހާ ބުރަ ކަމެއް ހެއްޔެވެ؟ މިހެން ކިޔާ އެ މީހުންނަށް މަލާމާތްކޮށް ހަދަން އިންދާ ވަޑިން މެންދުރަށް މަސައްކަތް މެދުކަނޑާލުމަށް ފަހު ކާން ހިނގައްޖެއެވެ. ވަޑިން ދިއުމާއެކު ގަހުން ފުންމާލައިގެން އައިސް ގުޅިމައްޗަށް އަރައި ކީހަށް ދަމާ ހަދަން ފަށައިފިއެވެ. އަދި ކީހާއިރު ހޮނދު ކައިރިވެ ކީސް ތާށިވިޔަދިޔަ ނުދިނުމަށް ޓަކައި ޖަހާފައި ހުރި އަބަކީ ބޭކާރު އެއްޗެކޭ ބުނެ އެއަށް ދަމާ އެއްޗެހިން ތަޅާ ހަދަން ފަށައިފިއެވެ. މިގޮތަށް އުޅެނިކޮށް އަބު ލުހިއްޖެއެވެ. އަބު ލުހުމާއެކު މަކުނު އަޑުގެ ކޮޅަށް ރޮއިހޭރިގެންފިއެވެ. ކަމަކުދާކަށް ނެތެވެ. މަކުނުގެ ނަގޫ ތާށިވީއެވެ. އަބު ނައްޓާލިއިރު މަކުނަށް އިނދެވުނު ގޮތަކުން ކީހަމުންދިޔަ ގުޅީގެ ހޮނދުގެ ތެރެއަށް ނަގޫ އޮތީ ވެއްޓިފައެވެ. މަކުނު ރޮއި ހޭރިގަތް އަޑަށް އެހެން މަކުނުތައް އެތަން ބަލާލިއިރު އޭރު ވަޑިން އަންނަތަން ފެނެއެވެ. ކޮންމެ ދުވަހަކު ކީހާ ކުޅެނީ މިކަލޭގެތާއޭ މިއަދަކު ދޫލަނޑެއް ނުދޭނަމޭ ކިޔަމުން ވަޑިން އާދެއެވެ. މަކުނު ގަންނާކުރެއްވި ބިރުން ސަލާމަތްވާން އުޅުމުގެ ތެރޭގައި ނަގޫ ބުރިވެއްޖެއެވެ. ނަގުލުން ލޭ އައިސްއައިސް އޮއްވައި ވަޑިންގެ އަތުނުޖެހި ސަލާމަތްވެގެން ގަހުގެ އެންމެ ކުރިއަށް މަކުނު އަރައިފިއެވެ.

އެތަން ބަލަން ތިބެފައި އެހެން މަކުނުތައް ގޮސް ބުންޏެވެ. ރަހުމަތްތެރި މަކުނާއެވެ. ތިމާއާ ނުބެހޭ ކަންކަމާ ބެހެންޏާ ވާނީ ތިޔަހެންނެވެ. ތިޔަ ލަނޑު ތިޔަ ލިބުނީ ތިމާއަށް ތިމާ ފެނުމާއި ބޮޑާ ކަމާއި ކިބުރުވެރިކަމުގެ ސަބަބުންނެވެ. (ނިމުނީ)

ނޯޓު: މިފަދަ ވާހަކަތަކަކީ ވަރަށް ގިނަ ބަސްބަހުން ވަރަށް ގިނަ މުޖުތަމަޢުތަކުގައި ކުދިކުދި ތަފާތުތަކާއެކު ކިޔެމުން އަންނަ މަޝްހޫރު ވާހަކަތަކެވެ. ކާކުގެ ކޮން ދުވަސްވަރެއްގެ ފިކުރެއްކަން ނޭނގޭ ވާހަކަތަކެވެ. މި ވާހަކަ އަޅުގަނޑު މި ލިޔުނީ އަޅުގަނޑުގެ އަމިއްލަ އިބާރާތުންނެވެ.

  • މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން ނަގައިފައި

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *