Support Us

ވާހަކަ: ހިމާޔަތް އެދެމޭ- އެޕިސޯޑް 2

"ފެންޓާގެ އިތުރުން ކޯއްޗެއް އެޅީ؟" މާޔާގެ ތަބީއަތް ބަދަލުވިއެވެ. އޭނާގެ ހިތުގައި ޝައްކު އުފެދުނެވެ. ޝާއިފްގެ ނިޔަތާ މެދު އޭނާ ކަންބޮޑުވިއެވެ. އެއްވެސް އެދުމަކާ ނުލައި މީހަކު އިސްވެ ވާހަކަ ނުދައްކާނެއޭ މަންމަ ބުނާ ހަދާންވިއެވެ. ޝާއިފް ހައިރާންވެފައި ބަލައިލީ މާޔާގެ އަތުގައި ހުރި ތައްޓަށެވެ.

"ތިޔަށް އެއްޗެއް އަހަރެން އަޅާފާނެހެން ކީއްވެގެންތަ ހީވަނީ؟" ޝާއިފް އަށް ނުވިސްނުނަސް އެއީ މާޔާއަށް އޭނާ ފެނުނު ފުރަތަމަ ފަހަރެވެ. އިތުބާރު ކުރެވޭނީ ދެކެފަރިތަ މީހެއް ނަމައެވެ. މާޔާގެ މޫނުން އެކަން އޭނާއަށް ނަގައިގަންނަން ވަގުތުކޮޅެއް ނެގިއެވެ. ނިތްކުރީގައި ޝާއިފް އަށް ހިފަހައްޓާލެވުނީ އޭނާގެ އަމިއްލަ ދިފާޢުގައި ބުނާނެ އެއްޗެއް ނުވިސްނިގެންނެވެ.

"ގިވް މީ ދެޓް" މާޔާގެ އަތުގައި ހުރި ތަށި ޝާއިފް އަތުލައި އޭނާގެ ތުނބުގައި ޖައްސާލައި އެތަށި އެކީ ހުސްކޮށްލިއެވެ. އޭނާއަށް އެޔަށް އެއްވެސް އެއްޗެއް އަޅާފައިނުވާކަން ސާބިތުކޮށްދެން ބޭނުންވީ އެފަދައިންނެވެ. އިތުރު ސުވާލަކާ ނުލައި މާޔާއަށްވެސް އެވަރު ވިސްނުނެވެ.

އެތަނުން ދުރަށް ދާން ޝާއިފް ހިނގައިގަތުމުން މާޔާއަށް އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ. އޭނާއަށް އެހެން ނުބުނެވުނުނަމައޭ ހިތަށް އެރިއެވެ. މިތަނަށް ނާދެވުނުނަމައޭ ހިތަށް އެރިއެވެ. ވަށައިގެން ތިބި އެންމެންނަށް ބަލާލެވުނުއިރު އެމީހުން ތިބީ މާޔާގެ ނުތަނަވަސްކަން ނަގައިގަނެވޭ ވަރަށްވުރެ ބޮޑު މަޖަލެއްގައެވެ.

މާގިނައިރެއްނުވެ ޝީތު އައިސް ގެއަށް ދާންވީނުންހޭ އަހާލިއެވެ. މާޔާ ހުރީ އެތަނުން ނިކުންނަން ބޭނުންވެފައެވެ. ޝީތުގެ ފަހަތުން ދަމުން އޭނާ ބަލައިލީ ޝާއިފް ފެނޭތޯއެވެ. އޭނާގެ ސަބަބުން ޝާއިފް ހުންނާނީ ރުޅި އައިހެވެ. މަޢާފަށް އެދެން ބޭނުމެވެ.

"މިއީ ޕާޓީއެއް ނިމުމުގެކުރިން އަހަރެން އެތަނަކުން ދާ ފުރަތަމަ ފަހަރު. އެނގޭތަ އެއީ ކީއްވެކަން؟" ހަނި ސިޑިއަކުން ފައިބަމުން ޝީތު އަހާލިއެވެ. އެއީ ކީއްވެކަން ބުނެދެން އޭނާއަކަށް ނޭނގެއެވެ. ގެއަށް ދާން ބޭނުންވިއަސް އޭނާ އެކަން ހުރީ ފޮރުވައިގެންނެވެ.

"ބިކޯޒް އޮފް ޔޫ" މާޔާ އާއި ދިމާލަށް ޝީތު ޝަހާދަތް އިނގިލި ދިއްކޮށްލަމުން ބުނެލިއެވެ. އެކަމަކު އޭނާ އަށް ކުރެވުނީ ކޮންކަމެއްބާއޭ ހިތަށް އަރައި މާޔާއަށް ހުރެވުނީ ދެލޯބޮޑުކޮށްލައިގެންނެވެ.

"މާޔާ އެކަނިވާނެތީ އަހަރެން ޝާއްޓެ ކައިރީ ބުނީ ގޮސްބަލާށޭ، އޭނަ ހުރިގޮތުން މާޔާވެސް ސިފަކުރީ އެއީ މަގުމަތީ ބިއްޖެހިފައި ހުންނަ މީހެއްގެ ގޮތުގައި، އެހެންނު. ދެން މާޔާ ހީކުރީ އޭނަ ބޭނުންވަނީ ރީތި އަންހެން ކުއްޖެއްވީމައި ހިތްހަމަޖައްސާލަން ކަމަށް،" ޝީތު އެބުނީ ތެދަށެވެ. ކުޑަ ވަގުތުކޮޅަކަށް ނަމަވެސް މާޔާގެ ސިކުނޑީގައި އެފަދަ ޝައްކުތަކެއް ވިއެވެ. އެއީ އޭނާއަށް މަންމަ ވިސްނައިދީފައި ހުރި ގޮތެވެ.

"އަހަރެން ބޭނުން އޭނަ ކައިރީ ސޮރީއޭ ބުނަން،" މާޔާ އަށް ހިންދިރުވާލަން އުދަނގޫވާ ފަދަ އިހްސާސެއް ކުރެވުނެވެ. އޭނާ ވީ ދެރައިން މޭފިތިގެން އައިހެން ހީވިއެވެ. އޭނަ އާއި ދިމާލަށް ޝީތު ބަލައިލީ އެ އިހްސާސްތައް ދެނެގަންނަން އުދަނގޫވެފައެވެ. ދެން ހުރެފައި ދެކޮނޑު އަރުވައިލިގޮތުން ހީވީ މަޢާފަށް އެދުމަކީ ބޭކާރ ުކަމެއްހެންނެވެ.

"އަހަރެން ހީކުރީ މާޔާ ހުރީ ކަންކަމަށް ލޯހުޅުވިފައިކަމަށް،" ކުރިއަށް ހިނގައިގަންނަމުން ޝީތު ވާހަކަ ދެއްކިއެވެ. މުސްކުޅި ޚިޔާލުތަކުގެ ބަދަލުގައި މާޔާގެ ހުންނަންވާނީ ޒުވާން ފުރައިގެ ކުދިން ގެންގުޅޭ ޚިޔާލުކަމުގައި ޝީތު ބުންޏެވެ. އެއީ މާޔާއަށް ވިސްނައިދީފައި ހުރި ގޮތްކަން ޝީތުއަށް އެނގެއެވެ.

"ތިއީ ކުޑަކުއްޖެއް ނޫނެއްނު، މާޔާއަށް އުފާވެރިކަން ލިބޭ ކޮންމެ ކަމެއް ކުރުމުގެ މިނިވަންކަން ލިބިގެންވޭ،" މާޔާގެ ސިކުނޑި ހައްލުވައިލަން ޝީތުއަށް ރަނގަޅަށްވެސް އެނގެއެވެ. ޝީތު އާއި އެއް ހަމައެއްގައި މާޔާއަށް ފައި ހަމަކުރެވޭނީ ފުރަތަމަ އެމީހުންނަށް އިތުބާރުކުރަން މާޔާއަށް ދަސްވެގެންނެވެ. އޭގެފަހުން ކުޑަ އިޝާރަތަކާއި އެކު މާޔާ ޖެހިލުމެއްނެތި އޭނާ ބުނެފި ކޮންމެ ކަމެއް ކުރާނެއެވެ.

އެގެއިން ނިކުންއިރު މަގުގެ އެއްކައިރީ މަޑުކޮށްގެން އޮތް ކަޅުކުލައިގެ ކާރަކަށް މާޔާ ގޮވައިގެން ޝީތު އެރިއެވެ. ދެވަނަ ޝީޓަށް އަރައި ހަމަޖެހުނު ފަހުން އެ ކާރު ދުއްވަން އިނީ ޝާއިފް ކަން މާޔާއަށް އެނގުނެވެ. އޭނާ ލަދުގެންފައި އިނދެވުނީއެވެ. އެގެއާއި ހަމަޔަށް އައިސް ޝާއިފް ނުފައިބާ ދާތީ ޝީތު ޝަކުވާކުރި އަޑު އަހާފައި މާޔާ ހުރީ ހައިރާންވެފައެވެ. މިހާ ލަސްވެފައި ހުއްޓާ ގޭތެރެއަށް ވަންނަން ފިރިހެން ކުއްޖަކަށް ދައުވަތު ދޭކަށް އަދި މީހަކާއި އަނގައިން ބުނާކަށް އޭނާއަކަށް ނުކެރޭނެއެވެ. ޝީތު އެވަރަށް ކިޔައިގެންވެސް މިރޭ މަޑުކުރަން ޝާއިފް އެއްބަހެއް ނުވިއެވެ.

މާޔާ އެތެރެއަށް ވަންނަން އައިތަން ފެނި ޝަރުމީލާއަކަށް ނުހުރެވުނެވެ. މާޔާ ކުރެން ހުރިހާ މައުލޫމާތެއް އަހަން ބޭނުންވީ ވަކިން ގެންގޮހެވެ. އޭގެކުރިން އެތަނަށް ޔޫނުސްއަށް ނިކުމެވުނެވެ.

"މިރޭ ހާދަ އަވަހަކަށް ޕާޓީ ނިމުނީ؟" ޝީތު ވަންތަން ފެނި ޔޫނުސް އަހާލިއެވެ. އަތުކުރީ ގަޑިއަށް ބަލާލިއިރު އެކެއްޖެހީއެވެ. ޔޫނުސް އާއި ދިމާލަށް ޝަރުމީލާ ބަލައިލީ ހައިރާންވެފައެވެ. ބޮޑުވަމުން އަންނަ އަންހެން ކުއްޖަކަށް މިނެއް ނެތް ވަރަށް މިނިވަންކަން ދިނުމުގެ ކުރިން ޔޫނުސް ވިސްނައިނުލަނީ ކީއްވެކަން ނުވިސްނިފައި އޭނާއަށް ހުރެވުނެވެ.

ޔޫނުސްގެ ސުވާލަށް އެއްވެސް ޖަވާބެއް ނުދީ ޝީތު އެތެރެއަށް ވަދެގެން ދިޔައިރު އޭނާ ހުރީ ހިތްހަމަޖެހިފައިނޫންކަން އެނގެއެވެ.  އެކަން ބޮޑު ކަމަކަށް ނުހަދައި ޔޫނުސް އެނބުރި ބަލައިލީ ޝަރުމީލާއަށެވެ. މާޔާ ނިދަން ފޮނުވުމަށް ޔޫނުސް ބުންޏެވެ. މާޔާ ހީކުރީ މިފަހަރުވެސް ޔޫނުސްގެ ބަސް ގަދަވާނެ ކަމަށެވެ. އެކަމަކު ޔޫނުސް ކައިރީ ކުޑަ އިރުކޮޅަކުން އެބަ ދަމޭ ޝަރުމީލާ ބުނުމުން އޭނާ ގޮސް ކޮޓަރިއަށް ވަނެވެ.

ޕާރޓީއަށް ދިޔަތަނަކާއި ތިބީ ކޮންބައެއްތޯ ޝަރުމީލާ އެއްސެވެ.

"މަންމަ ކިޔައިދޭ ފަދަ އެއްވެސް ކަމެއް އެތަނަކު ނެތް، އެތަނުގައި ތިބީ ޝީތުގެ އެކުވެރިން، އަހަރެން ދަންނަ މީހަކު ނެތް، އެތަނުގައި ކީއްކުރަން މުޅި ދުނިޔޭގައިވެސް އަހަރެން ދަންނަ މީހަކު ނެތް، އެނގޭތަ އެއީ ކީއްވެކަން، އެއީ ދުނިޔެއަށް ނޭވާ ލުމުގެ އިޒުނަވެސް މަންމަ ނުދީ ހިފަހައްޓާފައިވާތީ،" މާޔާގެ ބަސްތަކުން ޝަރުމީލާ އަޖައިބުވިއެވެ. މާޔާގެ ދެލޮލަށް ގިނަވި ކަރުނަތަކުގެ ތެރެއިންވެސް އެ ދެލޮލުގައިވި ނުރުހުން ސިއްރެއް ނުވިއެވެ.

ޝަރުމީލާއަށް މަޑުމަޑުން މާޔާގެ ނަމުން ގޮވާލެވުނެވެ. އެއީ ދުވަހަކުވެސް މާޔާ ވާހަކަ ދެއްކި ރާގެއް ނޫނެވެ. އޭނާއަށް ކިޔަމަންވާން މާޔާއަށް ވަނީ ދަސްކޮށްދީފައެވެ. އޭނާ ކަމެއް މަނާކޮށްފިނަމަ އެކަމެއް ކުރުމުގެ އިޒުނައަށް އެދުމަކީ މާޔާ ކުރާކަމެއް ނޫނެވެ. ދެވަނަ ފަހަރަށް އެވާހަކަ ނުވެސް ދައްކާނެއެވެ.

"ދަރިފުޅަށް އެނގޭނެ އެއީ ކީއްވެކަން،" ޝަރުމީލާގެ އަޑުގައިވީ މަޑުމައިތިރިކަމެވެ. އޭނާގެ އަރުތެރެވަނީ ހިކިފައެވެ. މާޔާގެ މިޒާޖަށް އައިސްފައިވާ ބަދަލުން އޭނާ ހުރީ ހިތްދަތިވެފައެވެ. މާޔާ ބޮޑުވަމުން އައިއިރު މި ކުޑަކުޑަ މާލެތެރޭ މީހުން ދިރިއުޅޭ ގޮތް އޭނާ ވަނީ ކިޔައިދީފައެވެ. އެ އުމުރުގެ އެހެން ކުދިން "މަޖަލުގެ" ނަމުގައި ކުރަމުންދާ އަމަލުތައް އޭނާ ވަނީ ކިޔައިދީފައެވެ.

"އަހަންނަށް އެނގޭ އަހަރެން މިއީ މިހާރު ކުޑަކުއްޖެއް ނޫން. އެކަން މަންމައަށް ވިސްނުނު ދުވަހަކުން ކަންތައް ދާނީ ރަނގަޅަށް،" މިފަހަރު ޝަރުމީލާއަށް ހީވީ އޭނާގެ މޫނުމަތީ ބާރު އެތިފަހަރެއް ވިހެލިހެންނެވެ. އޭނާ ކުރި ހުރިހާ މަސައްކަތެއް ވައިގެ ތެރެއަށް ބުރައިގެންދިޔަ ފަދައެވެ. ހިންދިރުވާލަން އުދަނގޫވެފައި އޭނާއަށް ހުރެވުނެވެ. އޭނާގެ ދޫ މުޅިން ބަންދުވެއްޖެއެވެ.

** **

ސައިމޭޒުދޮށުގައި ޔޫނުސް އާއި ޖެހިގެން ހުރީ ޝަރުމީލާއަށް ހުރި ގޮނޑިއެވެ. ޝީތު އާއި މާޔާއަށް ތިބެންޖެހެނީ އެމީހުންނާއި ކުރިމަތިވާނެހެން ހުރި ދެގޮނޑިއެއްގައެވެ. މޭޒުމަތީގައި ހުރީ ހެނދުނުގެ ނާސްތާ ތައްޔާރުކޮށްފައެވެ. އެއީ ހަފްސާގެ މިންނެތް މަސައްކަތެވެ. ރަހަތައް މީރުވާނެކަން އޭގެ ވަހުންވެސް އެނގެއެވެ. މާޔާ ޕާން ފޮއްޗެއް ނަގައި ޖޭމު އުނގުޅަމުން ދިޔައެވެ. ޝީތުގެ ސަމާލުކަން ހުރީ އޭނާގެ އަތުގައި އޮތް ފޯނަށެވެ.

"ޝީތު، ޕާނުގައި ޖަހަންވީ ޖޭމްތަ؟ ނޫނީ ކްރަންޕީތަ؟" ޝަރުމީލާގެ މޫނަށް މާޔާއަށް ބަލައިލެވުނެވެ. ޝަރުމީލާގެ ނަޒަރު ހުރީ ޝީތުއަށެވެ.

"ކްރަންޕީ" ޝީތު ޖަވާބު ދިން އަޑުއަހާފައި ޝަރުމީލާ ޕާންފޮތީގައި ކްރަންޕީ އުނގުޅައިދީފައި ޝީތުގެ ކުރިމަތީގައި ހުރި ތައްޓަށް ލައިދިނެވެ. ފޯނު ތިރިކޮށްފައި ޝީތު ސައިބޯންފެށިއެވެ. މާޔާ އިނީ ހަރަކާތް ލަސްވެފައެވެ. އެމީހުން ސައިބޯންފެށިއިރު އަދި އޭނާއަށް ޕާންފޮތީގެ އެއްބައިވެސް ނުނިމެއެވެ. އޭނާ އަށް ވުރެ މަންމަ ސަމާލުކަން ދެނީ ޝީތުއަށެވެ. ޝީތު އާއި ކުދިކުދި ސުވާލު ޝަރުމީލާ ކުރަމުން ދިޔައެވެ. ބައެއްފަހަރު ޝީތުއަށްވުރެ ކުރިން އޭގެ ޖަވާބު ދެވޭތޯ ޔޫނުސް ބެލިއެވެ. ޝީތުގެ ހުރިހާ ކަމެއް ޔޫނުސްއަށް އެނގެއެވެ.

"ޝީތުގެ ހުރިހާ ކަމެއް ކޮށްދެމުން އައީ އަހަރެން އަމިއްލަ ދެއަތުން، ހަފްސާ ހުއްޓަސް ޝީތުއަށް ކަމުދަނީ އަހަރެން ކެއްކީމައި،" ޔޫނުސް ހިނިގަނޑެއް ޖަހާލިއެވެ. ޝީތުއަށް އެންމެ ކަމުދަނީ ބައްޕަގެ އަތުން ކައްކާ މަސްބަތާއި ސޫޕެވެ.

"ޔޫނުސްގެ އަތުން މަސްބަތްގަނޑެއް ކާންލިބޭނެބާ؟" ޝަރުމީލާ އަހާލިއެވެ. ޔޫނުސް ހީލާފައި މިރޭ އޭނާގެ އަތުން ތައްޔާރުކުރާ ކެއުމެއް ލިބޭނެކަމުގައި ބުންޏެވެ. ފަހަރަކު މީހެއްގެ މޫނަށް ބަލަމުން ގޮސް މާޔާ އިސްޖަހައިލީ ރޮވެން އުޅޭހެން ހީވެގެންނެވެ. އޭނާގެ ދެލޯ ފުރެން ކައިރިވެއްޖެކަން އެނގުމުން ތަށިތެރެއަށް އަތުގައި އޮތް ޕާންފޮތި ދޫކޮށްލާފައި ތެދުވުމުން އޭނާގެ ނަމުން ޝަރުމީލާ ގޮވާލިއެވެ. އެއަޑު އިވޭކަމަށްވެސް ނުހަދައި އެތަން ދޫކޮށްފައި އޭނާ ނިކުންނަން ހިނގައިގަތެވެ. ދެވަނަ ފަހަރަށްވެސް މަންމަ އޭނާގެ ނަމުން ގޮވާލި އަޑު އިވުނެވެ. ކޮޓަރި އާއި ދިމާލަށް ދުވެފައި ގޮސް އޭނާ ހުއްޓުނީ ދޮރުޖަހައި ތަޅުލާފައެވެ.

** **

ދޮރުގައި ލެނގިގެން އޭނާ ހުރިއިރު ބޭރުގައި ހުރެ މަންމަ ގޮވަމުން ދިޔައެވެ. އެއަޑު އަހަން ބޭނުންނުވެފައި އޭނާ ދެކަންފަތުގައި އަތް އަޅާލިއެވެ. މަންމަ ކައިވެނިކުރަން އޭނާ ނުރުހުންވީ މިހެން ވެދާނެތީއެވެ. މުޅި ދުނިޔޭގައި އޭނާގެ ހުރި ހަމައެކަނި މީހަކީ މަންމައެވެ. މަންމަގެ ފަރާތުން ފަރުވާކުޑަކަމާއި އަޅާލުންކުޑަކަން ފެންނަން ފަށައިފިނަމަ އޭނާ ދުނިޔެމަތިން ފޫހިވެދާނެއެވެ. އެކަމަކު އެހެން ނުވާނެކަމުގެ ޔަޤީންކަން ޝަރުމީލާ ދިނީ އެންމެ ފަހަރަކު ނޫނެވެ. އެއީ ހަމައެކަނި އޭނާގެ ހިތްހަމަޖައްސަން މަންމަ ބުނި އެއްޗެކެވެ. އޭނާ ރުއްސަން މަންމައަށް އެނގެއެވެ. ލޯކުރިމަތިން ފެންނަ ހަޤީޤަތް ވަކިވާވަރަށް އޭނާ މިއަދު ބޮޑުވެއްޖެކަން މަންމައަށްވެސް އެނގެންޖެހޭނެއެވެ.

އިރުގަނޑަކަށްފަހު ގޭތެރެ ހިމޭންވިއެވެ. ކޮޓަރީގެ ދޮރު ނުހުޅުވައިގެން ބޭރުގައި ތިބި މީހުންގެ އަޑު ކެނޑުނެވެ. އެމީހުން އެނބުރި ސައިބޯން ދިޔައީކަން އެނގެއެވެ. އޭނާ ބަނޑަށް އޮތަސް މިއަދު މަންމަ ފަރުވާލެއްނެތްކަން ހާމަވެއްޖެއެވެ. ދެލޯ ފޮހެލާފައި މާޔާ ތެދުވިއެވެ. ކޮޓަރިއަށް ނުވަދެވިފައި ޝީތު އަށް މަޑުކުރަންޖެހޭނެތީ އޭނާ އެނދުގައި އޮށޯތީ ތަޅު ހުޅުވާފައެވެ.

ދޮރުގައި ޓަކިދިން އަޑަށް މާޔާ އަށް ބަލައިލެވުނެވެ. މަޑުމަޑުން ހުޅުވެމުން ދިޔަ ދޮރު ފެނިފައި މަންމަ އާއި ކުރިމަތިލާންވީކަން އެނގުނެވެ. ބާލީހުގައި މޫނު އަޅައި މާޔާ އޮތީ ނުބަލަންވެގެންނެވެ.

"މާޔާ" އޭނާގެ ކައިރީ ހުއްޓުނީ ޔޫނުސްއެވެ. ފަހަތުގައި ޝަރުމީލާ ހުންނާނެކަން އޭނާއަށް އެނގެއެވެ. އޭނާ އޮތީ ނުބަލަންވެގެންނެވެ. އޭނާގެ މަގަތުގައި ޔޫނުސް އިށީންކަން އެނގުނެވެ. ދެން އިވުނީ އޭނާ އާއި މުޚާތަބުކޮށް ޔޫނުސް ވާހަކަ ދައްކަން ފެށި އަޑެވެ. އޭނާ އަންނނަންދެން ސައިނުބޮއި މަންމަ މަޑުކޮށްގެން ހުރި ވާހަކަ ޔޫނުސް ބުންޏެވެ. މާޔާ ހިތްހަމަނުޖެހުނީ ކީއްވެކަން މަންމަ އެނގެން ބޭނުންވާ ކަމުގައި ބުންޏެވެ. މަންމަގެ ސަމާލުކަން ކުޑަވެފައިވާހެން މާޔާއަށް ހީވާނަމަ އެއީ ކުށްހީއެއް ކަމުގައި ޔޫނުސް ބުންޏެވެ. މާޔާގެ މަޤާމަށް އެއްވެސް މީހަކު ނާންނާނެކަމަށާއި އެކަމަކު ދަރިއެއްގެ ގޮތުގައި ޝީތު ބަލައިގަންނަން މަންމަ މަސައްކަތްކުރާ ވާހަކަ އަހާފައި އޭނާ ހިތްހަމަނުޖެހުނެވެ. އަދި އެފަދައިން ޔޫނުސްވެސް ދެކެނީ މާޔާ އަކީ ދަރިއެއްގެ ގޮތުގައެވެ. ދެކުދިން ތަފާތުނުކުރާނެކަމުގެ ޔަޤީންކަން ދިނެވެ. ޝީތުއަށް ޕާންފޮތި ހަދައިދިނީ އެވަރު ކަމެއްވެސް ޝީތުއަށް ނޭނގޭތީ ކަމަށާއި މާޔާއަށް ހުރިހާ ކަމެއް މަންމަ ދަސްކޮށްދީފައިވަނީ ލޯބިވާތީކަމުގައި ބުންޏެވެ.

ޔޫނުސް ނުކުތީ މާޔާ ގޮވައިގެންނެވެ. އެންމެން އެކުގައި ސައިބޮއި ހެދިއެވެ. މާޔާ އާއި ޝީތު ކޮލެޖަށް ގެންދިޔައީ ޔޫނުސްގެ ކާރުގައެވެ. މިހަފްތާ ނިމެންދެން ޝަރުމީލާ ހުންނަނީ ގޭގައެވެ. އޮފީހުން ކުރު ޗުއްޓީއެއް ނެގި ނަމަވެސް ވަޒީފާ އަދާކުރަން ޝަރުމީލާ ލޯބިކުރެއެވެ. ޔޫނުސް އަކީ ތަނަވަސްމީހެކެވެ. އެކަމަކު ޝަރުމީލާއަށް ބޭނުން ކަމެއް ކުރުމުގެ އެއްވެސް ހުރަހެއް ނެތެވެ.

** **

ކުޑަ ބްރޭކެއް ލިބިގެން ކުލާސް ކުދިންނާއި އެކު ކެންޓީނުގައި ސައިބޯން ތިއްބާ އެމޭޒުދޮށަށް އައީ އަކްމަލްއެވެ. އޭނާ އައިގޮތަށް އައިސް ހުއްޓުނީ މާޔާގެ ކުރިމަތީގައެވެ. "ހެއި މާޔާ، މަރުޚަބާ ކިޔަން މިއައީ" މޭޒުމަތީ ދެއަތް އަޅުވާލާފައި އޭނާ ކުޑަކޮށް ގުދުވީ މާޔާގެ މޫނާއި ދިމާލަށެވެ. މާޔާއަށް ދުރަށް ޖެހިލެވުނެވެ.

"ކޮންކަމަކު؟" މާޔާ އާއި ޖެހިގެން އިން ޖޫދާ އަހައިލިއެވެ. އަކްމަލް ފަހަރަކު މީހެއްގެ މޫނަށް ބަލައިލިއެވެ. އޭނާ ބުނަން އުޅޭ ވާހަކަ އަހަން ޝައުޤުވެރިވެފައިވާކަން އެމީހުންގެ މޫނުމަތިން އެނގެއެވެ.

"މާޔާ ލަދުގެންފާނެތީ އަހަރެން ބުނަން ބޭނުންވަނީ ވަކިން،" އަކްމަލްގެ މޫނަށް މާޔާއަށް ބަލައިލެވުނީ ސިހިފައެވެ. އޭނާގެ ދެއަތް މުށްކަވާލެވުނެވެ. އަކްމަލް އައިސް ދައްކަން އުޅެނީ ކޮންވާހަކައެއްކަމެއް އޭނާއަކަށް ނޭނގެއެވެ. އެކަމަކު ހިތް ބިރުގަތެވެ. އާދައިގެ ކަމެއްގައި އަކްމަލް އޭނާގެ ކުރިމައްޗަކަށް ނާންނާނެއެވެ. މާޔާ ގޮނޑިން ތެދުވެ އަކްމަލްގެ މުލައްދަނޑީގައި ހިފިއެވެ. އެންމެންނާއި ދުރަށް ދާން ހިނގާށޭ އޭނާ ބުނެލިއެވެ.

"ފްރެންޑުންނަށް ސިއްރުކުރަންވީ ވަރުގެ ކަމެއް ނޫނޭ އެއީ،" އަކްމަލް އެންމެ ފިޔަވަޅެއްވެސް ގުޑައި ނުލިއެވެ. އޭނާ ބޭނުންވަނީ މާޔާ ތަޅުވާށެވެ. ލިވްޔާ އާއި ހުދާވެސް ބަލަން އިނީ އޭނާގެ މޫނަށެވެ. ކަމެއް ސިއްރުކުރާ ވާހަކަ ބުނުމުން އެމީހުން ދެކޭނީ ކިހިނެއްކަމެއްވެސް ނޭނގެއެވެ.

"އަކްމަލް، ތިޔަ ބުނަން އުޅޭ އެއްޗެއް ބުނޭ،" އެކަމަކު މާޔާގެ ހިތް ހީވަނީ މޭފަޅާ ނިކުމެދާނެހެންނެވެ. އަކްމަލްގެ މޫނަށް ބަލާލިއިރު އޭނާ ހެވިފައި ހުރިވަރުން އެ ބުނަން އުޅެނީ އޭނާ ލަދުން މަރުވާވަރުގެ ވާހަކައެއްކަން އެނގެއެވެ. އެންމެންތެރޭ ބުނި ކަމުގައިވިއަސް މާޔާއަށް ހެވެވެ. އޭނާ ވަކިން ދިޔަޔަސް އެކުވެރިން މާނަކުރާނީ ނުބައިކޮށެވެ.

"މާޔާ ގޮޓް އަ ޑޭޓް؟" އަކްމަލްގެ މޫނުމަތިން ފެންނަނީ މަލާމާތެވެ. އޭނާގެ މަންމަ ކައިވެނިކުރީތީ އެކަމާވެސް މަލާމަތްކުރަން އަކްމަލް އެހުރީ ހިތުލައިގެންނެވެ. އަކްމަލް ނޫނަސް އެހެން އެކުވެރިންނަށްވެސް އެކަން ވާނީ ޖޯކަކަށެވެ. އުމުރު މަތިވެފައި ވަނިކޮށް ކައިވެނި ކުރުމުން އެމީހުން ދެކޭނެގޮތް މާޔާއަށް އެނގެއެވެ.

"ތެދެއް؟" އެންމެ އެކުވެރިން ގޮތުގައި ތިބި މީހުންނަށްވެސް މާޔާ އޮތީ އެކަން ސިއްރުކޮށްފައެވެ. އެތަނުގައިވެސް އޭނާގެ ހުރިހާ ސިއްރެއް ކިޔައިދެވޭވަރުގެ އިތުބާރުހިފޭ އެކުވެރިއަކު ނެތެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަނީ ދެއްކުންތެރިކަމެވެ.

މާޔާ ބޯޖަހައިލިއެވެ. ހުދާ އާއި ލިވްޔާ ހޭންފެށީ ކީއްވެކަމެއް ނޭނގެއެވެ. އެކަމަކު ނިކަން އަވަހަށް ސީރިއަސްވެފައި ސޮރީއޭ ބުނެލިއެވެ. (ނުނިމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
116435
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *