އެއީ 1990ގެ އަހަރުތަކުގެ ކުރީކޮޅެވެ. ރޭގަނޑުގެ ވަގުތެއް ނަމަވެސް ތަނުގެ ދަތިކަމާއި، އެެއްވެފައި ތިބި މީހުންގެ ސަބަބުން ނަގަމުންދިޔަ އުދާހުން ހުރީ ހިސާބަކަށް ދާހިތްލާލާ ގޮތްވެސް ވެފައެވެ. ފިހާރަ ތެރޭގައި އެކި މީހުން ހޭލަމޭލައަކަށް އެބިތުޖެހިފައި މިބިތު ޖެހިފައި، އެމީހަކު ބޭނުންވާ އެއްޗެއް ނެގުމުގައި އަވަދިނެތި އުޅެމުން ދިޔައެވެ. އަހަރެންވެސް އެއްޗެއް ހޯދަނީ ކަމުގައި ހެދިގެން ތަނުގެ ވަށާ އެނބުރެމުން ދިޔައީ ސަބަބެއް ނެތިއެއް ނޫނެވެ. އަހަރެންގެ ހިތުގައި އުފެދިފައި އޮތް ސުވާލަށް ޖަވާބެއް ހޯދުމުގެ ބޭނުމުގައެވެ. އެހެންނަމަވެސް މިފަހަރުވެސް ޖެހުނީ ޖަވާބު ނުލިބި އެނބުރި ދާށެވެ.
ދިޔަ ގޮތަށްގޮސް އަހަރެން އިނީ އަހަރެންގެ ފިހާރައިގައެވެ. އެވަގުތު އައި ހަތަރު ވަރަކަށް ކަސްޓަމަރުން ގަންނަން ބޭނުންވާ އެއްޗެއް ގަނެގެން ދިއުމުން ފިހާރަތެރެ ހަމަހިމޭންވެލި ވަގުތު، އަނެއްކާވެސް ވިސްނެމުން ދިޔައީ ހިތުގައި އުފެދިފައި އޮތް ސުވާލާ މެދުއެވެ. އެސުވާލު މިފަހުން އަހަރެންގެ އެތައް ރެޔެއްގެ ނިދި ނަގާލައިފިއެވެ. އެތައް ވަގުތެއް އެކަމާ ވިސްނާން މަޖްބޫރު ކުރުވަމުން ދެއެވެ. ވަނީ ކީއްކަމެއް، ސަބަބަކީ ކޮބައިކަމެއް އުޅެއުޅެ ހަމަ އަދި އެނގޭވަރެއް ނުވެއެވެ.
"އޭ ޒިޔާ! ހާދަ ފުން ޚިޔާލެއްގަ؟ ދީބަލަ ހޯލް ސުޕާރީގެ ތިން ޕެކެޓް،" ކުޑަކޮށް ސިހިފައި ބަލާލިއިރު އެއީ ޢަމްރުއެެވެ. މަދުމަދުން ނަމަވެސް ދޭތެރެއަކުން ފިހާރައަށް އައިސް ހަދާތީ ދެކެފަރިތަ މީހެކެވެ. ހިސާބަކަށް ރަޙުމަތްތެރިކަމެެއް ވެސް އުފެދިފައި ވެއެވެ.
"ޚިޔާލާއި އެއްޗެހި ނުކުރެވޭ ވަރުދޯ! އައްމުމެންވެސް މި ފިހާރައަށް އަންނާނީ މުޅި މާލެއިންވެސް އެއްޗެއް ނުލިބުނީމަ ތޯއްޗެއް! ގައިމު ވަކި އަގުބޮޑެއްވެސް ނޫނިއްޔަ. މި ވިއްކަނީ އެހެން މީހުންވެސް ހަމަ ވިއްކާ އަގުގަ،" ދަނޑިވަޅުގެ ގޮތުން ހިތުގައި އުފެދިފައި ހުރި ޝަކުވާތައް އޮއްސާލެވުނީ ޢަމްރު އަށެވެ. އޭގެ ދެވަނަ ބޭނުމެއްވެސް އޮތެވެ. އެއީ ބުނާ އެއްޗެއްވެސް ބަލާލުމެވެ.
"ޒިޔާ ދެން ތިހެން ނުބުނޭ! މަ އަންނަމެންނުން މިފިހާރައަށްވެސް… ހުރިހާ ތާކުންވެސް ގަންނަމޭ. ބައިވަރު ފިހާރަތައް ހުންނަންޏާ ހުރިހާ ތާކުންވެސް ވިޔަފާރި ކުރާނެތާ!" ޢަމްރުވެސް ދިނީ ހަމަ އެހެން މީހުންވެސް ދޭ ޒާތުގެ ޖަވާބެކެވެ. ޢަމްރުއާ އެސުވާލު ކުރީ ކޮންމެވެސް ވަރެއްގެ ރަޙުމަތްތެރިކަމެއްވެސް އުފެދިފަ އޮތީތީ ތަންކޮޅެއް ތަފާތު ޖަވާބެއް ލިބިދާނޭ ކަމަށް އުއްމީދެއްވެސް ކުރެވިގެންނެވެ.
"އޭ ދެން މި ފިހާރައިންނޭ ވިޔަފާރި ކުރާނީ. އޯކޭނުނ… ހެހެ!" ޢަމްރު ދަމުން ހިނިގަަނޑެއް ޖަހާލާފައި ބުންޏެވެ. އެބުނި ބުނުމުގައި އެއްވެސް ސީރިއަސްކަމެއް ނެތްކަން އަހަރެންނަށް އެނގެއެވެ. ޢަމްރު ދިޔުމާއެކު އަނެއްކާވެސް އެސުވާލު އަހަރެންނާ އުނދަގޫ ކުރަން ފަށައިފިއެވެ.
އަހަރެންނާއި އިޔާޝްގެ ފިހާރަ ހުންނަނީ ދާދި ގާތުގައެވެ. އިޔާޝްގެ ފިހާރަ ހުޅުވީވެސް އަހަރެންގެ ފިހާރަ ހުޅުވިތާ ހަވަރަކަށް މަސް ފަހުންނެވެ. އަހަރެމެން ދެމީހުން ދެފިހާރައިގައި ވެސް ވިއްކަނީ ދުވަހުގެ ޟަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެއްޗެވެ. "ޑެއިލީ ގުޑްސް" އެވެ. އެކަމަކު އެންމެ ބޮޑު އަޖާއިބަކީ އިޔާޝްގެ ފިހާރައަކީ އެންމެ ވިޔަފާރިވާ އެއްފިހާރައަށް ވާކަމެވެ. އަހަރެންވެސް އިޔާޝްވެސް ވިއްކަނީ އެކައްޗެކެވެ. އަގުވެސް އެއްވެސް ތަފާތެއް ނެތެވެ. ފިހާރަ ހުރި ތަނަކީވެސް ހަމަ ގާތްގަނޑަކަށް އެއްތަނެކެވެ. އަހަރެންގެ ފިހާރަ ހުންނަ ގޯޅީގެ އަނެއް ކަންމަތީގައި އެހެެރީ އިޔާޝްގެ ފިހާރައެވެ. އެއް ހިސާބެއްގައި، ހަމަ އެއް ބާވަތެއްގެ އެއްޗެހި، އެއް އަގެއްގައި ވިއްކާއިރު އެއް ފިހާރައަކަށް ކަސްޓަމަރުން އާދަޔާ ޚިލާފަށް ގިނަވެފައި އަނެއް ފިހާރައަށް އެހާ މަދުވާންވީ ސަބަބެއް ހަމަ ނުވިސްނެއެވެ.
"ޔަޤީން ތީ ސިހުރުގެ ކަމެއް! ޖެހިގެން ހުރިގޭ ނަޒްލާމެންނަކީ ވަރަށް ހަސަދަލާ ބައެއްނުން. ވެދާނެ އެމީހުންގެ ކަމެއް ކަމަށްވެސް،" މިކަމުގައި އަހަރެންގެ އަންހެނުން ފައިހާ ދެކޭ ގޮތަކީ އެއީއެވެ.
ފައިހާ އެކަންޏެއް ނޫނެވެ. އަހަރެންގެ ބައެއް ރައްޓެހިންގެވެސް ވިސްނުންވެސް ހުރީ ދާދި އެކަހަލަ ގޮތަކަށެވެ. އެކަމަކު އަހަރެން އެގޮތެއް ޤަބޫލެއް ނުކުރަމެވެ. ސިޙުރާއި ޖިންނި ޤަބޫލުނުކުރާތީއެއް ނޫނެވެ. އަހަރެންނަކީ ފަސް އިރު ފަސްނަމާދުކޮށް ހެނދުނާއި ހަވީރުގެ ޛިކުރުތައްވެސް ކިޔައިގެން އުޅޭ މީހަކަށް ވާތީއެވެ. ބަޤަރާ ސޫރަތްވެސް ޤަވާޢިދުން ނޫނަސް ކިޔެވޭވަރު ވަކި މަދެއްވެސް ނުވާނެއެވެ. މިއުޅެނީ ކޮންމެހެން އެކަހަލަ ކަމެެއް ވެގެނެއް ނޫނެވެ. އެކަހަލަ ކަމެެއް އުޅޭނަމަ، އެހެނިހެން އުނދަގުލާއި ތުރާލާއި، ނުބައި ހުވަފެންތަކާއި މިޒާތުގެ އަސަރުތަކެއްވެސް ފެނުނީހެވެ. އެއިން އެއްވެސް ކަމެއް ނެތެވެ. އަހަރެން ދެކޭގޮތުގައި މިއުޅެނީ ވިޔަފާރި ކުރުމުގެ އުކުޅުތަކުގެ ތެރެއިން ކަމެކެވެ. ނޭނގެނީ އެކަމެވެ.
އަހަރެމެންނަށް މިހާރު މިލިބޭ ވަރުން ނުފުދިގެން އުޅެނީއެއް ނޫނެވެ. އެހެނަސް ލިބެނީ ކިރިޔާ ކަންކަން ކޮށްލެވޭ މިންވަރަށެވެ. ބޭރަށް ދަތުރެއް ކުރަންޏާ ތަންކޮޅެއް ދުރާލާ ލާރި ރައްކާކޮށްގެން ނޫނީ ރަނގަޅު އެއްޗެއް ޖަމާއެއް ނުކުރެވެއެވެ. ހަޔާތުގެ ދުވަސްތައް މިގޮތުގައި ވޭތުވަމުން ދިޔަނަމަވެސް އަހަރެންނަށް އެނގޭކަމެެއް އޮވެއެވެ. މިހާރު މިލިބޭ ވަރަށްވުރެ އިތުރަށްވެސް ލިބެން ޖެހޭނެ ކަމެވެ. އެކަން އެނގެނީ އިޔާޝްމެންގެ ފިހާރައިންނެވެ. މިހާރުވެސް ތައްޔާރުވަމުން އެދަނީ ކުރިޔަށް އޮތް ދެތިން މަސްތެރޭ ދެވަނަ ފިހާރައެއް ހުޅުވާށެވެ. އިޔާޝްމެން ތަނަަވަސް ވަމުންދާތީ އަހަރެން ކޮންމެހެން އެކަމާ ހަސަދަވެރި ވަނީއެއްވެސް ނޫނެވެ. މީހަކަށް ނުވަތަ ބަޔަކަށް ރަނގަޅު ގޮތެއް ވިޔަސް އަހަރެންނަކީ އެކަމާ އުފާކޮށް ހެޔޮއެދޭ ކަހަލަ މިޒާޖްގެ މީހެކެވެ.
އަހަރެންގެ ކަންބޮޑުވުމަކީ އެއްކަހަލަ ދެފިހާރައެއް ހުރިއިރު، އެއްފިހާރައަށް ނަފާވާ ގޮތުގެ "ފޯމިއުލާ" ނޭނގުމެވެ. ކުރިން ދޭތެރެ ދޭތެރެއިން މި ނުތަނަވަސްކަން އިހްސާސް ކުރެވުނަސް އެކަމަކާ މާބޮޑަކަށް އަޅައެއް ނުލަމެވެ. މިކަމުގެ ކަންބޮޑުވުން އިންތިހާއަށް ދިޔައީ ފައިހާ އަހަރެންގެ ދަރިޔަކަށް ބަނޑުބޮޑުވި ހިސާބުންނެވެ. އިތުރަށް ލާރި ބޭނުންވާން ފެށި ހިސާބުންނެވެ. ހަޔާތުގެ ދުވެލީގައި އިތުރު އިންޖީނެއް އަޅައި، އިތުރަށް އެއްގިޔަރު މައްޗަށް ޖައްސަން ޖެހިއްޖެކަން އިޙްސާސް ކުރެވެން ފެށި ހިސާބުންނެވެ.
އެތައް ވިސްނުމެއް ވިސްނާފައި އެންމެ ފަހުން އަހަރެން ޤަސްދުކުރީ އަހަރެންގެ އަމިއްލަ ނަފްސަށް ކުރަމުންދިޔަ ހަނގުރާމަ ހުއްޓާލާފައި ހަތިޔާރު ބަހައްޓާށެވެ. އަހަރެންގެ އަމިއްލަ "ތަޙްޤީޤްގެ މަރުހަލާތައް" ވެސް ހުއްޓާލާފައި އަހަރެން ނިންމީ ސީދާ އިޔާޝްއާ މިސުވާލު ކުރާށެވެ. އޭރަށް ބުނިއްޔާ ބުނިކަން، ނުބުނިއްޔާ ނުބުނިކަންވެސް އޮންނާނެތާއެވެ.
އަހަރެންނަކީ އިޔާޝް ކައިރީ، ނޫނީ އެހެންވެސް ވިޔަފާރިކުރާ މީހުން ކައިރީ އެޒާތުގެ ސުވާލުތައް ކުރިންވެސް މިހާރުވެސް، ކޮށް އުޅޭ މީހެއް ނޫނެވެ. އެކަހަލަ ސުވާލެއް ކޮށްގެން އަހަރެންނާއިމެދު އެހެން ގޮތަކަށް ދެކެފާނެތީއެވެ. ޖާސޫސްކޮށް ފާރަލަނީ ކަމުގައި، އެހެންމީހުން އަހަރެންނާ މެދު ހީކުރާކަށް އަހަރެންނެެއް ނޭދެމެވެ. ކުރާ ސުވާލަކުން ދެން ހުންނަ މީހާ ވިސްނާނެ ގޮތެއް އެނގެނީކީއެއްވެސް ނޫންވިއްޔާއެވެ. ގިނަ ފަހަރަށް މީހުން ވިސްނަނީވެސް، ނަގަނީވެސް ކަމުގަ އޮންނަ އެންމެ ނުބައި ގޮތަށެވެ. ނުބައި މާނައެވެ. އެހެންވެ އަހަރެންނަށްވެސް ވިސްނެނީ އެބީދައިންނެވެ. އަހަރެންނާ މެދު ރަނގަޅު ނޫން ގޮތަކަށް ވިސްނަފާނެ ކަހަލަ ފުރުޞަތެއް، ފަހިކުރަން ނޭދެވެނީވެސް މިކަހަލަ ސަބަބުތަކާ ހުރެއެވެ. ކޮންމެގޮތެއް ވިޔަސް މިފަހަރު ނިންމީ އިޔާޝްއާ މިސުވާލު ކުރިމަތި ކުރާށެވެ.
އޭގެ އަނެއް ދުވަހު ހެނދުނު ހެނދުނާ އަވަހަށް އިޔާޝްމެން ފިހާރައަށް ދިޔައީ އެ ގަޑިއަކީ ކަސްޓަމަރުންވެސް މަދު ގަޑިއަކަށް ވާތީ ކުޑަކޮށް ވާހަކަ ދައްކާލަންވެސް ފަސޭހަ ގަޑިޔަކަށް ވާނެތީއެވެ. އެފިހާރައިން ކޮފީ ދަޅެއް ގަނެގެން އެތަނުގައި ހުރެފައި ދަނޑިވަޅު ބަލާފައި، ވަރަށް ހިތްވަރުކޮށްފައި އެސުވާލު ކޮށްފީމެވެ. އިޔާޝް ހިނިތުންވެލާފައި ވަރަށް ހަމަޖެހިލާފައި ބުނީ އެންމެ ވާހަކައެވެ.
"އަހަރެން ކަސްޓަމަރުން ގިނަކުރާށޭ ކިޔާފަ މާބޮޑު ކަމެއް ނުކުރަން. އެކަމަކު އަހަރެން ޤަވާޢިދުން ކުރާ އެއްކަމެއް އޮވޭ. ޒިޔާއަށްވެސް އެނގޭނެ އަހަރެންގެ ފިހާރައިން ވަރަށް ގިނައިން ކަހަލަ ގޮތަކަށް ލިބޭނެ އާ ނޫޓް. އެއީ އަހަރެން ވަރަށް ވިސްނައިގެން ކުރާކަމެއް. އެއީ.. ކަސްޓަމަރުން އާނޫޓަށް ލޯބިކުރާކަން އަހަންނަށް ފާހަގަ ކުރެވެން ފެށީ. އެހެންވެ ބަންދު ނޫން ކޮންމެ ދުވަހަކު ބާ ނޫޓްތައް ބޭންކަށް ދީފައި އާ ނޫޓް ހޯދަނީ. ސައިކޮލޮޖިކަލީ އެންމެންވެސް ގަޔާވާނެ އެއްޗެހި އާކޮށް ހުންނަން. ޚާއްސަކޮށް އާނޫޓް ވަރަށް ނުލިބޭނެ ބީހިލަންވެސް. މުޅިންވެސް ބާނޫޓްތައް އެނބުރޭނީ. އެހެންވެ ކަސްޓަމަރުންނަށް އެ ހިތްހަމަޖެހުން ހޯދަދޭން ކޮށްލަދޭ ވަރަށް ކުޑަކަމެއް އެއީ. ތިކުރި ސުވާލުގެ ޖަވާބަކީ އެއީހެން ހީވަނީ. ދެން ﷲގެ ރަޙްމަތްތާ ހައްތަހާވެސް."
އަހަރެން ހީކުރިގޮތާ ޚިލާފަށް އިޔާޝް އަހަރެންނާ މެދު ވަކި އެއްޗެކޭ ހީއެެއް ނުކުރެއެވެ. ހަމަ ވަގުތުން އެއްވެސް ޖެހިލުމެއް ނެތި އޭނަ ކުރާ ތަފާތުކަމެއް ޙިއްސާވެސް ކޮށްލީއެވެ. އެޖަވާބަކީ އަހަރެންގެ ދިރިއުޅުމަށް ބޮޑު ބަދަލެއް ގެނުވި ޖަވާބެކެވެ. އެޖަވާބުން އިޔާޝްގެ ފިހާރައަށް އެވަރަށް ކަސްޓަމަރުން ދާ ސަބަބުވެސް، އަދި ކުރިން ނޭނގޭ "ފަންޑިތަ"އެއްވެސް ދެނެގަނެވިއްޖެ އެވެ. އަނެކާއަށްޓަކައި ކުރާ ކިތަންމެ ކުޑަކުޑަ ކަމަކުންވެސް ހީވެސް ނުކުރާވަރުގެ ބޮޑެތި، ހެޔޮ ބަދަލުތައް އަންނަ ކަމެވެ. މިކަން ދެނެގަނެވުމާ އެކުހެން އަހަރެން ކުރަންފެށީ މީގެ ކުރިން އެހެން އެއްވެސް ފިހާރައަކުން ނުކުރާ ކަމެކެވެ. ހަމަގައިމުވެސް އަހަރެންނަށް އެނގިގެން އެކަން އެންމެ ފުރަތަމަ ކުރި މީހަކު އަހަރެން ފިޔަވާ ނެތެވެ. އަހަރެން ކުރަންފެށި ކަމަކީ ފިހާރަ ކަައިރީ ތިބި ހުރިހާ ގެއަކަށް، އެގެއަކުން ބޭނުންވާ ތަކެތީގެ ލިސްޓެއް ދިނީމާ ޑެލިވަރީ ކޮށްދޭން ފެށީއެވެ. އެެންމެ އައިޓަމެއް ނެގިޔަސްވެސް ޑެލިވަރީ ކޮށްދެމެވެ. މީގެ ސަބަބުން ހީވެސް ނުުކުރާވަރުގެ ބޮޑު ތަރުޚީބެއް ލިބި، ވިޔަފާރި ފަތުއަޑު ކިޔާފައި، ހަލުވި ދުވެލީގައި ގޮސް ހިންދެމިލިއެވެ. ދުވަސްކޮޅެއް ފަހުން އިޔާޝާއި ކައިރީ ހުރި އެހެން ފިހާރަތަކަށްވެސް ޖެހުނީ ޑެލިވަރީގެ ޚިދުމަތް ފަށާށެވެ. އަހަރެން މީ ޑެލިވަރީގެ ޚިދުމަތް އެންމެ ފުރަތަމަ އެގޮތަށް ފެށިމީހާ ކަމުގައިވީމާ ނޫންކަމެއް ވެސް ނޭނގެއެވެ. ވަކި އޭގެ ސަބަބުންނެއް ލިބުނު ކަސްޓަމަރުން ގެއްލިގެނެއްވެސް ނުދިޔައެވެ. އެއް ދުވަހަށްވުރެ އަނެއްދުވަސް އައީ ވިޔަފާރި ހަމަ ރަނގަޅުވަމުންނެވެ. ކުރީ ވަރަށް އާދައިގެ ކުޑަކުޑަ ކަމެކެވެ. އެކަމަކު ނަތީޖާ ތަފާތު ބޮޑުވެފައި ކިތަންމެހާވެސް ފޮންޏެވެ.
މި "ފަންޑިތަ" އަހަރެން ބޭނުން ކުރަން ފެށީ ހަމައެކަނި އަހަރެންގެ ފިހާރައަށް އެކަންޏެއް ނޫނެވެ. އަހަރެންގެ އަމިއްލަ ދިރިއުޅުމުގައި ވެސް ބޭނުން ކުރަން ފެށީއެވެ. އަހަރެންނަކީ ފައިހާއަށް ގޯސް ފިރިއެއް ނޫނެވެ. އެކަމަކު އަހަރެންނަށްވެސް އަޅާނުލާ ދޫކޮށްލެވޭ ކުދިކުދި ކަންކަން ހުރެއެވެ. ބަދަލު ކުރީ އެކަންކަމެވެ. ފައިހާއާ އެކު އެއްޗެހި ގަންނާން ފިހާރަތަކަށް ދާން ބުނުމުން ކިރިޔާވެސް ދެވެން އޮތިއްޔާ މިހާރު ދަމެވެ. އޭނަ ނުބުންޏަސް ބަރު ކޮތަޅު ތަކުގައި ހިފައިދެމެވެ. ކާރަށް އަރަންޏާ ދޮރު ހުޅުވައިދީ ލައްޕާލަވެސް ދެމެވެ. ފައިހާ ނުބުންޏަސް ބަދިގެއަށް ވަދެ ފައިހާއަށް ކައްކާވެސް ދެމެވެ. ބޮޑު ބަނޑާއެކު ފައިހާ އަމިއްލައަށް ކަންކަން ބޭނުންވެގެން ބަދިގެއަށް ވަނަސް އެހީތެރިވެދެމެވެ. މިފަދަ އެތައް ކަމެކެވެ. ނަތީޖާވެސް ފޮންޏެވެ. އަހަރެންނަށް އައި ބަދަލުގެ އަސްލު ފައިހާއަށްވެސް އެނގެއެވެ. އެކަމާއެކުވެސް ފައިހާގެ ފުށުން އިތުރަށް ލޯތްބާއި އަޅާލުންވެސް ލިބުނެވެ. ފައިހާ ކުރިން ރުޅިގަދަވާ އެތައްކަމަކާ ރުޅިއައުންވެސް ހުއްޓުނެވެ. މައްސަލަ ޖެހޭ ކަހަލަ ހާލަތްތަކުގައިވެސް މިހާރު މާބޮޑަށް ކިޔައިދޭކަށް ވެސް ނުޖެހެއެވެ. މިފަދަ އެތައް ކަމެއްގެ ސަބަބުން އަހަރެންގެ ދިރިއުޅުން ބާއްޖަވެރި ވަމުން އައެވެ.
އޭގެ ފަހުން އިޔާޝަށް ޓަކައިވެސް އަހަރެންގެ ހިތުގައި ޚާއްޞަ ޤަދަރެއް ދެވުނެވެ. ނަތީޖާއަކީ އިޔާޝާއި އަހަރެންނަކީ ގާތް ރަޙުމަތްތެރިންނަށް ބަދަލުވެގެން ދިޔުމެވެ. ކިތަންމެ ކަމެއްގައި އަހަރެމެން ދެމީހުން އެއްބަޔަކު އަނެއްބަޔަކަށް ވިޔަފާރިއާއި އެނޫންވެސް ކަންކަމުގައި އެހީތެރިވެދީ ހަދަމެވެ. އިޔާޝް އެދުވަހު ދިން ޖަވާބަށް އަހަރެން އިޔާޝަށް ޝުކުރުވެރިވަނީ މުޅި އުމުރަށެވެ. އިޔާޝްގެ އެޖަވާބު ދަސްކޮށްދިނީ ދިރިއުޅުމުގެ ވަރަށް މުހިއްމު ފިލާވަޅެކެވެ. ކާމިޔާބުވުމުގެ ސިއްރަކީ ހަމަ އެންމެ ކަމެކެވެ. އަނެކުންނަށްޓަކައި ކޮށްދޭ ވަރަށް ކުދިކުދި ކަންކަމެވެ. ތިމާ މީހާ މިހާރު ހުރި ހަރުފަތުން މައްޗަށް ޖެހިލުމަށް ކުރަންޖެހެނީ މާބޮޑު ކަމެއްވެސް ނޫނެވެ. ހަމަ އާދައިގެ ކަމެކެވެ.



advertisment
3 Responses
ޥަރަށް ފުރިހަމަ ވާހަކައެއް! ކުރިޔަށް ބާރަށް
!!Ibraitheri vaahaka eh…keep it up
ވަރަށް ޗާލު ކުރު ވާހަކައެއް.