...

Support Us

ވާހަކަ: މާކަނާކަލޯ އާއި ފިދަންކަލޯގެ ވާހަކަ

މާކަނާކަލޯއާއި ފިދަންކަލޯއަކީ ވަރަށް ގާތް ދެ ރަހުމަތްތެރިންނެވެ. އެއް ދުވަހަކު މާކަނާކަލޯ ހިތަށް އެރިއެވެ. ފިދަންކަލޯއަކީ ވަރަށް ކުޑަކުޑަ ދޫންޏެކެވެ. އެ ސޮރުގެ ސިކުނޑި ވެސް ކުޑަވާނެއެވެ. އަހަރެން ކަހަލަ ބޮޑު ދޫންޏެއްހާ ބުއްދި ގަދައެއް ނުވާނެއެވެ. ވާނީ ލަނޑެއްދޭށެވެ.

އެހެން ހިތާ މާކަނާކަލޯ އުދުހިފައި ގޮސް ފިދަންކަލޯ ކައިރިއަށް ތިރިކޮށްލާފައި އެބަ ބުނެއެވެ. ފިދަންކަލޯއެވެ. ކަލޭގެ މޮޔަކަން ނިކަން ދެކޭށެވެ. އަތިރިމަތިން އުކުނޑިބުކުނޑި ހޮވައިކައިގެން ބަނޑުފުރާނަމުއްތި ތިޔަ ކުރެވެނީ މުޅި ދުވަސް ތިޔަ ކަމަށް ހުސްކޮށްލައިގެންނެވެ. އަހަރެން ކިހާ ބުއްދި ގަދަހެއްޔެވެ؟ މޫދުން މަހެއް ހިފައިގެން ކާލީމާ އެއްފަހަރުން ބަނޑުބޮޑުވެއެވެ. އުޖޫރައެއްގެ ގޮތުގައި ކުޑަކުޑަ ކަމެއް ކޮށްލަދޭގޮތަށް މަހެއް ދީފާނަމެވެ.

ފިދަންކަލޯ ބުންޏެވެ. ރަހުމަތްތެރިޔާއެވެ. އެއީ އަނެއްކާ ކޮންކަމެއް ހެއްޔެވެ؟ މާކަނާކަލޯ ބުންޏެވެ. މި އޮތް މޫދުގެ ލޮނުގަނޑު ބޮއި ހުސްކޮށްލަދޭށެވެ. ފިދަންކަލޯ ހިތަށް އެރިއެވެ. މާކަނާކަލޯ ހިތުން އެބުނީ ގައިމުވެސް ނުކުރެވޭނެ ކަމެކެވެ. މޫދުގެ ލޮނުގަނޑުގައިވާ ދިޔަވަރަށް ބަލާފައި ފިދަންކަލޯ ހިތާހިތުން ކިޔާލިއެވެ. މިފަހަރު ދޫލަނޑެއް ނުދޭނަމޭ ހިތާ އެބަބުނެއެވެ. މާކަނާކަލޯއެވެ. ހޭވައްލާ ތައްޔާރެވެ.

އެހެން ބުނެފައި ގޮސް މޫދުގެ ލޮނުގަނޑަށް ތުން ބާނައިގެން އެބައިނދެއެވެ. ދިޔަވަރު ހިކެމުން ދާވަރަކަށް ރާޅު ފެންފަށާއެކު ބޭރަށް ޖެހެމުން ދެއެވެ. އިރުގަނޑެއް ކޮށްފައި މާކަނާކަލޯ ފިދަންކަލޯ ކައިރިއަށް ޖެހިލާފައި މަލާމާތުގެ ރާގެއްގައި އެބަ ބުނެއެވެ. ކޮބާ އެބަ ބޮވޭހެއްޔެވެ؟ ފިދަންކަލޯ އިސް އުފުލާލާފައި ބުނެއެވެ. ތިޔަގޮތަށް އުނދަގޫކުރަންޏާ މިކަންކުރާނީ ކިހިނެއްހެއްޔެވެ؟ ކުރިން ލޮނުގަނޑު ހުރީ އޭރު އަހަރެމެން އެ ތިބި ހަމައިގައެވެ. މިހާރު ފަޅުމަތިން ގާތަށް ހިކި އާނުގަނޑުތައް ވެސް އެއޮތީ ފެންނާށެވެ.

ވަށައިގެން ބަލާލާފައި މާކަނާކަލޯ ހައިރާންވެ އަންތަރީސްވިއެވެ. އެއީ ތެދެކޭ މާކަނާކަލޯ ހިތަށް އެރިއެވެ. އެވަގުތު ފިދަންކަލޯ ބުންޏެވެ. ދެން މާކަނާކަލޯ ބުނެގެން މެދުކަނޑާލަން ޖެހިއްޖެއްޔާ އަހަރެން ބުނާކަމެއް ވެސް މާކަނާކަލޯ ވާނީ ކޮށްދޭށެވެ. އެގޮތަށް އެއްބަސްވުމުން ފިދަންކަލޯ އަނެއްކާ ވެސް މޫދު ލޮނުގަނޑުގައި ތުންގަނޑު ޖައްސާލައިގެން އެބަ އިނދެއެވެ. އޭރު ދިޔަވަރު ހިކެމުންދާތީ މޫދުގެ ލޮނުގަނޑު ވަރަށް ބާރަށް އައީ ހިނދެމުންނެވެ.

މާކަނާކަލޯ ހިތަށް އެރިއެވެ. މިދާ ގޮތަށް ދަންޏާ ހަވީރު ވާންވާއިރަށް ފިދަންކަލޯ ލޮނުގަނޑު ބޮއި ހުސްކުރާނެއެވެ. ފިދަންކަލޯއަށް މަހެއް ނުދީ ވާނެގޮތެއް ވޭތޯ ވާނީ ބަލާށެވެ. އެހެން ހިތާ ފިދަންކަލޯ ކައިރިއަށް ޖެހިލާފައި އެބަ ބުނެއެވެ. މިހާރުދެން މާގިނައިރު ވަނީއެވެ. ތިކަން ނިމޭނީ ކޮން އިރަކުން ހެއްޔެވެ؟ ފިދަންކަލޯ އަނގައިން ނުބުނެ އެ އިންގޮތަށް އިނެވެ. ކައިރީގައި އިނދެގެން މާކަނާކަލޯ ތަފާތު ވާހަކަތައް ދައްކައެވެ. ދިޔަވަރު ހިކޭނެ ވަރަކަށް ހިކި ބޮޑުވަން ފެށީމާ ފިދަންކަލޯ ބޯ ހިއްލާލާފައި ބުންޏެވެ.

ރަހުމަތްތެރި މާކަނާކަލޯއެވެ. ކުރިއާ އަޅާބަލާއިރު މިހާރު މޫދުގެ ލޮނުގަނޑު މިއޮތީ އަހަރެން ބޮއިބޮއި ދާދި ކުޑަވެފައެވެ. މިހާރު ނުބޮވި މިއޮތް މަދު ލޮނުފޮދު ދެން މާކަނާކަލޯ ބޯލާށެވެ. އޭރުން މަހެއް ނުދިނަސް މައްސަލައެއް ނެތެވެ.

މާކަނާކަލޯ ހިތަށް އެރިއެވެ. މި ކުޑަކުޑަ ފިދަންކަލޯ މިއޮތް ބޮޑު މޫދުގެ ލޮނުގަނޑު މިވަރަށް ބޮއި ކުޑަކުރިއިރު އަހަރެން މި ބޮޑު މާކަނާއަށް މާ ގިނައިން ބޮވޭނެއެވެ. އެހެން ހިތާ ފާޑަކަށް މަލާމާތުގެ ހިނިގަނޑެއް ޖަހާލާފައި މޫދަށް އެރި ލޮނުގަނޑު ބޯންފެށިއެވެ. ލޮނުގަނޑު ބުޔަކަސް އެންމެ ތަންކޮޅެއް ވެސް ކުޑައެއް ނުވެއެވެ. ހައްތަހާވެސް ދަނީ ލޮނުގަނޑު ބޮޑުވަމުންނެވެ. މާކަނާކަލޯއަކަށް މި ވާގޮތެއް ނޭނގެއެވެ. ލޮނު ބޮއިބޮއި ބަނޑުފުރިގެން އެންމެ ފަހުން ބަނޑު ފަޅައިގެން ގޮސް މާކަނާކަލޯ މަރުވެއްޖެއެވެ.

  • މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން ނަގައިފައި

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.