...

Support Us

ކަޅުކުރުބެ ވާހަކަ- 5

ފަސްމާމުލުންގެ ފަސްވަގު ކަޅުކުރުބެމެން ގޭދޮށަށް ދިޔަތަނުން ދޮންމަރިޔަނބު ބުންޏެވެ. ކުދިންނޭވެ. ކަޅުކުރުބެ ލެފިތޯ މިދިމާ އަތިރިމަތި ބަލާލަދީ ބަލާށެވެ. ހަވީރު އާދެވޭނެޔޭ ކިޔާފައި ކަޅުކުރުބެ ދިޔައީ ކޮންމެވެސް ރަށަކަށެވެ.

އެސޮރުމެން އަތިރިމައްޗަށް ފޭބިއިރު ތޮށިމަތިން ހިނގާފައި ކަޅުކުރުބެ އަންނަތަން ފެނުނެވެ. ކަޅުކުރުބެ އަންނަނީ ވަރަށް ބަރުކޮންނެވެ. ބޮޑެތި ގޮނުތަކެއް ވެސް އަތުގައި ހުއްޓެވެ. ފަސްމާމުލުންގެ ފަސްވަގާ އަރާ ހަމަވެފައި ކަޅުކުރުބޭ ބުންޏެވެ. މިވީ މާ ރަނގަޅަކަށެވެ. އެހެން ކިޔާފައި ކޮންމެ މީހަކަށް ގޮނެއް ދެމުން ބުނެއެވެ. މިއީ ކަލޯ އަމާދިން ގޮނެކެވެ. މިއީ ހަދިޔާޔޯލައެވެ. ކަލޯ އަމާ ވަރަށް ސަލާން ބުންޏެވެ. މިއީ ކަލޯ ބަފާދިން ގޮނެކެވެ. ކަލޯ ނުފެންނާތީ އެ ނޫން ވާހަކައެއް ބަފާ ނުދައްކައެވެ. ކަލޯ އަމާ ބުންޏެވެ. ނިކަން ގިނައިން ސަލާން ބުނައްޗެވެ.

ކަޅުކުރުބެ ދައްކާ ވާހަކައިން އެސޮރުމެން ތިބީ ހައިރާންވެފައެވެ. އެއިން ސޮރަކު އަމަޔަކު ބަފަޔަކު ދުށް ހަނދާނެއް ނުވެއެވެ. އުޅޭތަނެއް ވެސް ނޭނގެއެވެ. ކަޅުކުރުބެ ކައިރި އެސޮރުމެން ބުންޏެވެ. ކަޅުކުރުބޭއެވެ. ދުވަހަކު ކޮޅުންވެސް ކަމެއް ކޮށްދެންޏާ އަހަރެމެން އަމާންމެން ކައިރިއަށް ގެންގޮސްދޭށެވެ. އެހެންކިޔާ ހުރިހާ އެންމެން ކަޅުކުރުބެ ދެއަތުގަޔާއި ދެފައިގައި ހިފާ އާދޭސްކުރަން ފަށައިފިއެވެ. ގޮނުން ހަދިޔާއާއި ޒިލޭބީތައް ކައިކައިފައި އެސޮރުމެން ބުނެއެވެ. މިއަށްވުރެ މީރު ކާއެއްޗެއް އަހަރެމެން ނުކަމެވެ. ކަޅުކުރުބެ ބުންޏެވެ. އެއޮތްގެން އިރު އޮއްސެނީއެވެ. ދެން މިއަދަކު ނުދެވޭނެއެވެ. ކަލޯމެން ވިއްޔާއެވެ. މާދަމާއަށް ދަތުރަށް ހަދަމާ ހިނގާށެވެ. އަމާމެންނަށް ގެންދަން ހަދިޔާކޮޅެއް ވެސް ހޯދާ މިރޭ އަތްމަތިކުރާށެވެ. އަތުގައި އޮތް އެންމެ އާހެދުންލައި ތައްޔާރުވާށެވެ. ދެތިން އިހާ ކުރުނބާ ވެސް ލާންވާނެއެވެ. ހެނދުނު ހެނދުނާ ފުރޭތޯ ބަލަންވާނެއެވެ.

އެހެންބުމުން ފަސްމާމުލުންގެ ފަސްވަގު ހެމުންހެމުން ހިނގައްޖެއެވެ. މާދަމާ އަމަޔާއި ބަފަޔާއި އާއިލާގެ މެންބަރުންނާ ބައްދަލުވާތީ އުފަލުން ގޮތެއް ނެތެވެ. ނުނިދާ ތިބެގެން ބޮއްކުރާ ތައްޔާރުކޮށް ހަދިޔާއާއި ކުރުނބާ އަރުވައިފިއެވެ. ކަޅުކުރުބެ ފުރަން ނިކުތްއިރު އެސޮރުމެން ތިބީ ތައްޔާރުވެގެން އައިސް ބޮއްކުރައަށް އަރައެވެ.

ބޮއްކުރައަށް އަރާފައި ކަޅުކުރުބެ ބުންޏެވެ. ކަލޯމެންނޭއެވެ. އަމާމެން ކައިރިއަށް ދެވޭނީ ހިތްވަރެއް ހުރެގެންނެވެ. ފަލި ޖަހާލަން ޖެހޭނެއެވެ. އެ ސޮރުމެން ފަލިޖަހަން ފެށީމާ ހުންގާނުގައި އިނދެގެން ކަޅުކުރުބެ އެބަ ބުނެއެވެ. ކަލޯމެންނަށް ކަލޯމެންނަކީ ކޮން ބައެއްކަން ވެސް ނޭނގޭދޯއެވެ. ކަލޯމެންގެ އާއިލާއަކީ ކަނޑު ރަސްގެފާނުގެ އާއިލާއެވެ. ކަލޯމެންނަކީ އެއްގަމުގައި ގަދަރުވެރި ޢިއްޒަތްތެރި ބައެއް ކަމަށް އެހެން މީހުން ނުދެކުނަސް ކަނޑުމަތީގައި ކަލޯމެންގެ ދަރަޖައަކީ ޝާހީ އެންމެ މަތީ ދަރަޖައެވެ. އެހެން ބުނުމުން އެސޮރުމެން ވީ އަމަށަކު ފޮންޏެއް ނޫނެވެ.

ކަޅުކުރުބެ އަނެއްކާ ވެސް ބުންޏެވެ. މިހާރު ކަލޯމެންގެ އަމާމެން ތިބޭނީ އިސްތިގުބާލަށް ނިކުމެއެވެ. ބާރަށް ފަލި ޖަހާށެވެ. ހެނދުނުއްސުރެ ފަލިޖަހާޖަހައި އަސުރުވީއިރު އެސޮރުމެން ތިބީ ހަންވެފައެވެ. ވަރުބަލިވުމުގެ އިތުރުން ބަނޑުހައިވެ ކަރުހިއްކައިގެންފައެވެ. ކަޅުކުރުބެ ކުރުނބާއަކަށް ފަހު ކުރުނބާއެއް ބޮއެވެ. އެސޮރުމެން ކައިރީ ބުނެއެވެ. ކަލޯމެން ކުރުނބާ ބޮނިކޮށް މި ކުރުނބާކޮޅު ހުސްވެދާނެއެވެ. މިހާ ދުވަސްކޮށްފައި އަމާމެން ކައިރިއަށްދާއިރު ރަނގަޅު ހަދިޔާއެއް ނުގެންދެވެންޏާ ކަލޯމެންނަކީ ކީއްކުރާނެ ބައެއް ހެއްޔެވެ؟ އަނެއްކާ ކުރުނބާ ބޯން އުޅެނިކޮށް ތިޔަ ހެދުމުގައި ކިހައްޑިހަ ޖެހިއްޖެއްޔާ ކިހާ ހުތުރުހެއްޔެވެ؟ ފެން ބޮވަންޏާ ކަނޑުން ލޮނު އަތްގޮއްޓެއް ބޯލާށެވެ. ބޮއްކުރައިގައި ފަލިޖަހައިގެން ރަށް ވަށައިގެން ވިހިތިރީސް ބުރު ޖެހިއިރު އިރު އޮއްސެން ދަނީއެވެ. އޭރު އެސޮރުމެން ވަރުބަލިވެގެން ފަހަރަކު މީހަކު ދެމެމުންގޮސް އެންމެން ކަހަލަ ގޮތަކަށް ދެމިއްޔެޖެއެވެ. ކަޅުކުރުބެ ބުންޏެވެ. ކަލޯމެން ހާދަ ކަމެއް ނެތެވެ. އެހެން ކިޔާފައި ދެ ފަލީގައި ހިފާ ޖަހަން ފެށިއެވެ. އިރުކޮޅަކު ފަލި ޖަހާފައި އެންމެ ބޮޑު މިޔަރު ވަންޏަށް ބޮއްކުރާ މަޑުކުރިއެވެ. މިޔަރު ވަންޏަށް އަރާފައި ކުރުނބާ ފިހިތައް ކަނޑަށް އުކާލުމުން މިޔަރުތައް ތިލަވެގެން އައިއިރު ހީވަނީ ބޮއްކުރާ ވެސް ބަންޑުން ޖަހާފާނެ ހެންނެވެ.

މިޔަރުތައް އެރުމުން މުލުވަގަށް ގޮވާފައި ކަޅުކުރުބެ ބުންޏެވެ. ކަލޯ މުލުވަގާއެވެ. ކަލޯ އަމާއަތުވެއްޖެއެވެ. އެހެން ބުނުމުން ލޫދެމުން ކަހަލަ ގޮތަކަށް އައިސް ބޭރަށް ބޯދީ ބަލާލާފައި ބުންޏެވެ. ކޮބާކޮބާ ހެއްޔެވެ؟ ތަންކޮޅެން ބޮޑަށް ބޯ ނެރެލައި ބަލާބަލާށެވެ. ކަޅުކުރުބެ ބުންޏެވެ. ވަގުކަލޭގެ ކަނޑަށް ބޯދިނުމުން އެހެރީއެހެރީއޭ ކިޔާފައި ވަގުކަލޭގެ ފޫކޮޅުގައި އަޅާ މިޔަރު ވަންޏަށް އެއްލާލިއެވެ. އެވަގުތު މިޔަރުތައް އަރައިގަނެ ވީދާ ނޯޅާ ކައިގަތުމުން ކަޅުކުރުބެ ބުންޏެވެ. ދުފާ ރަތްކޮށްފައި ކުޅުތަޅަމުން އަމަޔާއެކު ދާގޮތެއް ދޮތައެވެ. އެގޮތަށް ފަހަރަކު ވަގެއް މިޔަރުތަކާ ހަވާލުކޮށްފައި ކަޅުކުރުބެ ރަށަށް އައެވެ. ފަސްމާމުލުންގެ ފަސްވަގުގެ ކިބައިން ކަޅުކުރުބެގެ ސަލާމަތްވީއެވެ. (ނިމުނީ)

ނޯޓު: ކަޅުކުރުބެއާއި ފަސްމާމުލުންގެ ފަސްވަގުގެ ވާހަކައަކީ ދިވެހީންގެ ތެރޭގައި ތުންތުންމަތީން ކުޑަކުދީންނަށް ކިޔައިދެމުން އަންނަ ވާހަކައެކެވެ. މިވާހަކަ އެކި މީހުން އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި ކިޔާއުޅުމުގައި ކުދިކުދި ތަފާތުތައް ހުރެއެވެ. އަޅުގަނޑު މި ވާހަކަ ލިޔެފައި މިވަނީ އަޅުގަނޑުގެ މާމަ ފާތުމަތު މޫސާ ކިޔައިދީފައިވާ ގޮތަށް އެހެން ނަމަވެސް އަޅުގަނޑުގެ އަމިއްލަ އިބާރާތުންނެވެ.

  • މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން ނަގައިފައި

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.