Support Us

ކަޅުކުރުބެ ވާހަކަ- 3

ދުވަސްގަނޑެއް ފަހެވެ. ފަސްމާމުލުންގެ ފަސްވަގުގެ ނޭފަތް ކެނޑި ތަންތަން ފަސޭހަވެ، ކުރަމަގާލި ވެސް ނެއްޓިއްޖެއެވެ. މިފަހަރު ކަޅުކުރުބެއަށް ވަރުގަދަ ލަނޑެއް ދޭންވާނެޔޭ ކިޔާ ސައްލާކޮށްފައި ކަޅުކުރުބެ ހޯދަން ފަސްމާމުލުންގެ ފަސްވަގު ދިޔައެވެ.

އެސޮރުމެން އެ ގޭދޮށަށް ދިޔައިރު ކަޅުކުރުބެ އުޅެނީ ވަރަށް އަވަދިނެތިއެވެ. އެސޮރުމެން އަހައިފިއެވެ. ކަޅުކުރުބޭ ކޮންވަޑާމެއް ހެއްޔެވެ؟ ކަޅުކުރުބެ ބުންޏެވެ. މިއުޅެނީ މަގޭ އަނބި ދޮންމަރިޔަނބު މަށަށް ނުބައިވެގެންނެވެ. އަބަދު އޮތީ ޝަކުވާކުރުމާއި ޒުވާބު ކުރުމެވެ. އެހެންވެ މިއުޅެނީ އަނބި ރަނގަޅުކޮށް ހެޔޮކުރަންވެގެންނެވެ. އެހެން ކިޔާފައި ބޮނބިތަޅަން ގެންގުޅޭ ކަހަލަ އަތަށް ހެޔޮވަރު ކުރެދި ދެ މުރުގު ތާކުން ނެރެފިއެވެ. އެސޮރުމެން ބުންޏެވެ. ތިޔަ ދެ މުގުރުން އަނބި ރަނގަޅުކުރަނީ ކިހިނެއް ހެއްޔެވެ؟ ކަޅުކުރުބެ ބުންޏެވެ. ބަލަން ތިބޭށެވެ. މިއޮތީ މަރާ މުގުރާއި ދިރުވާ މުގުރެވެ. މި މުގުރުން ތަޅާ މަރާފައި، މި މުގުރުން ޖެހީމާ ދިރޭނެއެވެ. އޭރުން ހުންނާނީ އަނބި ރަނގަޅުވެ ހެޔޮވެފައެވެ. ކަޅުކުރުބެއަށް އެއް ކައިވެނިމަތީގައި މިހާ ގިނަ ދުވަސްވީއިރު އުފަލާއި ހިތްހަމަޖެހުމާއެކު މިއުޅެވެނީ މި ދެ މުގުރު އޮންނާތީއެވެ.

މިހެން ބުނެ ގޭގެ މެދު އޮޅިމަތީގައި ދެ މުގުރުން ޖަހާލަޖަހާލައި އިންދާ ދޮންމަރިޔަނބު އަތުވެއްޖެވެ. ކަޅުކުރުބެ ފެނުމާއެކު ދޮން މަރިޔަނބު ނުގޮވާކަށް އެއްޗެއް ނެތެވެ. ހީވަނީ ބޮޑު ފިޔޮއް ކުކުޅެއްހެންނެވެ. ގަޔަށް ބޮލަށް ވެސް އަރަނީއެވެ. ފަސްމާމުލުންގެ ފަސްވަގު ހިތަށް އެރިއެވެ. ނުލަފާ، ގޮތެއްނެތް އަނބިން އުޅެއެވެ. އެކަމަކު މިވަރުގެ ކަމެއް ނުދެކެމެވެ. ދޮންމަރިޔަނބަށް ވެފައި ހުރި ވަރު ފެނުނީމާ ފަސްމާމުލުންގެ ފަސްވަގު ވެސް ހައިރާންވިއެވެ. އެސޮރުމެން ތިބީ ކަޅުކުރުބެ ހަދާގޮތެއް ބަލާށެވެ. ކަޅުކުރުބެ ބަލާކަށް ނީނދެ އެއިން ގޮތަށް އިނދެފައި ކުއްލިއަކަށް ފުންމައިގެން ގޮސް ދޮންމަރިޔަނބުގެ އަތުގައި ހިފާ އެ ގެނައިގޮތަށް ގެނެސް މެދުއޮޅި މަތީގައި ބާއްވާފައި މުގުރުން ބޮލުގައި ތަޅައިގަތެވެ. އެސޮރުމެންނަށް ބަލަން ތިބެން ނުކެރިގެން ދުރަށް ޖެހެންފެށިއެވެ. އިސާހިތަކު ދޮންމަރިޔަނބު މަރުވެ ހިމޭންވެއްޖެއެވެ. އޭރު ލޭތައް ބޮލުން ފައިބަނީއެވެ. ކަޅުކުރުބެ ހަމަ ތަޅަނީއެވެ. ދޮންމަރިޔަނބު މަރުވުމުން އިރުކޮޅެއް ކޮށްފައި ދޮންމަރިޔަނބުގެ ބޮލުގައި އަނެއް މުގުރުން ޖެހިއެވެ. ޖެހިތަނުން ދޮންމަރިޔަނބު ދިރިގެން ތެދުވެއްޖެއެވެ. ތެދުވިގޮތަށް ތެދުވެ ދޮންމަރިޔަނބު އެ އުޅެންފެށި ގޮތަކުން ފަސްމާމުލުންގެ ފަސްވަގު ހައިރާންވެ އަންތަރީސްވިއެވެ. ކަޅުކުރުބެގެ މައްޗަށް އެހެރަ ހެޔޮކަމަކާއި ލޯތްބަކާއި އޯގާތެރިކަމަކުންނެވެ. އެތަން ބަލަން ތިބެފައި އެސޮރުމެން އައިސް ބުނެފިއެވެ. ކަޅުކުރުބޭއެވެ. ތިޔަ ދެ މުގުރު މިއަދުވާނީ ދޭށެވެ. އަހަރެމެންގެ އަނބިންވެސް ހެޔޮކުރަން ވެއްޖެއެވެ. ކަޅުކުރުބެ ބުންޏެވެ. ކުދީންނޭވެއެވެ. ތިޔަބުނާހެން މި ދެ މުގުރު ދެވޭނީ ކިހިނެއް ހެއްޔެވެ؟ ކަޅުކުރުބޭ ވެސް ތިޔަކުދީންގެ އަނބީން ހެޔޮކޮށް އުޅޭތަން ދެކެން ބޭނުމެވެ. އެކަމަކު މި ދެ މުގުރު އޮޅިގެން ނޫނީ ތަޅަންވާގޮތަށް ނުތެޅިގެން ކަމެއް ދިމާވެއްޖެނަމަ މަރުވެފައި ނުދިރިދާނެތީ ކަޅުކުރުބެ ބިރުގަނެއެވެ. ކޮންމެއަކަސް އެ ސޮރުމެން ކިޔާވަރުން ކުރުނުކޮށްގެން ދެ މުގުރު އެސޮރުމެންނަށް ދީފިއެވެ. ދެ މުގުރު ދިނުމުން ވީ އުފަލުން ނަށަމުން ނަށަމުން އެސޮރުމެން ހިނގައިގަތެވެ.

އެސޮރުމެން ދިއުމުން ދޮންމަރިޔަނބު ބޮލުހުޅިއަށް ބަނދެފައިހުރި މަހުގެ ކަރުގޮހޮރުތައް އުކާލާފައި ބޯދޮވެގެން އައިސް ބުންޏެވެ. ކަޅުކުރާއެވެ. އަދި މިސޮރުމެންގެ ފަރާތަކުން މި ވަރަކުން ސަލާމަތެއް ނުވާނެއެވެ. ވާނީ މަބުނާ ގޮތެއް ހަދާށެވެ.

ފަސްމާމުލުންގެ ފަސްވަގު ގޭދޮށަށް ދިޔަ މަގުމަތީގައި އެންމެ ފުރަތަމަ ހެޔޮކުރާނީ ކާކުގެ އަނތްބެއްތޯ ކުރެވުނު ޒުވާބަށްފަހު ނިމުނީ އެއްކޮޅުން ފެށިގެން ފުރަތަމަ ހުރިހާ އެންމެންގެ އަނބިން މަރާ މުގުރުން ތަޅާ މެރުމަށެވެ. އެއަށްފަހުން ފަހަރަކު މީހަކު ދިރުވާ މުގުރުން ދިރުވުމަށެވެ.

ފުރަތަމަ ޖެހުނު ވަގުކަލޭގެ އޭނާގެ ގޭދޮށަށް ގޮސް އަނބިމީހާ ގެނެސް ގޭ މެދުއޮޅިމަތީގައި ބާއްވާފައި މަރާ މުގުރުން ތަޅާ މަރާލިއެވެ. އެގޮތަށް ހުރިހާ އެންމެންގެ އަނބިން މެރުމަށްފަހު ދިރުވާ މުގުރުން ފަހަރަކު މީހަކު އެ މީހާގެ އަނބިމީހާގެ ގައިގައި ތަޅަން ފެށިއެވެ. އެއްވެސް މީހަކު ދިރޭގޮތެއް ނުވިއެވެ. ތެޅޭގޮތާއި ތެޅުނު މުގުރު ގޯސްވީ ކަމަށް ހިތައި ފަހުން ދެ މުގުރުން ވެސް ތެޅިއެވެ. ތަޅާތަޅާ ހުރިހާ އަނބިންގެ ބޯތައް ޗިސްޗިސްވީ އިރުވެސް އެއްވެސް އަނތްބަކު ދިރޭ ގޮތެއް ނުވިއެވެ. ދެން އެންމެން އެއްތަންވެ އަޑުގެކޮޅަށް ރޮއިހޭރި މި ކުރެވުނީ ވަރަށް މޮޔަކަމެއްކަން ވިސްނި އެ މީހެއްގެ އަނބިމީހާ އެ މީހަކު ގެންގޮސް ވަޅުލައިފިއެވެ. އެ ހިތާމައިގައި ސާޅީސްރޭ ސާޅީސް ދުވާ ކޮށްފައި ވަރަށް ސައްލާ ކުރުމަށްފަހު ކަޅުކުރުބެ ހޯދަން އެސޮރުމެން ދިޔައެވެ.

(ނުނިމޭ)

ނޯޓު: ކަޅުކުރުބެއާއި ފަސްމާމުލުންގެ ފަސްވަގުގެ ވާހަކައަކީ ދިވެހީންގެ ތެރޭގައި ތުންތުންމަތީން ކުޑަކުދީންނަށް ކިޔައިދެމުން އަންނަ ވާހަކައެކެވެ. މިވާހަކަ އެކި މީހުން އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި ކިޔާއުޅުމުގައި ކުދިކުދި ތަފާތުތައް ހުރެއެވެ. އަޅުގަނޑު މި ވާހަކަ ލިޔެފައި މިވަނީ އަޅުގަނޑުގެ މާމަ ފާތުމަތު މޫސާ ކިޔައިދީފައިވާ ގޮތަށް އެހެން ނަމަވެސް އަޅުގަނޑުގެ އަމިއްލަ އިބާރާތުންނެވެ.

  • މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން ނަގައިފައި

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *