Support Us

ކަޅުކުރުބެ ވާހަކަ- 2

ފަސްމާމުލުންގެ ފަސްވަގު ކަޅުކުރުބޭމެން ގޭދޮރުމައްޗަށް އަރައި ސަލާން ގޮވާލިއެވެ. ގޭތެރެއިން ސަލާން ބަލައިގަތީ ކަޅުކުރުބޭގެ އަންހެނުން ދޮން މަރިޔަނބެވެ. ފަސްމާމުލުންގެ ފަސްވަގު ސުވާލުކުރިއެވެ. އަހަރެމެންގެ އެކުވެރި ކަޅުކުރުބޭ ކޮބައިހެއްޔެވެ؟ އެހެން އެހުމުން ދޮންމަރިޔަނބު ބުނެއްޕެވެ. މިއަދަކީ ކަޅުކުރުބެ މާ ބޮޑުކަމެއްގައި އުޅޭ ދުވަހެކެވެ. އެސޮރުމެން އަހައިފިއެވެ. އެއީ ކޮން ކަމެއްހެއްޔެވެ؟ ދޮންމަރިޔަނބު ބުންޏެވެ. ކަލޯމެން ވިއްޔާއެވެ. ވާނީ ބުނަންތާއެވެ. އެހެން ބަޔަކު ނަމަ މިހިރީއަކީ ބުނެވޭނެ ވާހަކަ ވާހަކައެއް ނޫނެވެ. އެ ސޮރުމެން ކެތްމަދުވެގެން އަވަސްއަވަހަށް އަހައިފިއެވެ. ދޮންމަރިޔަނބު ދައިތާއެވެ. އަވަހަށް ބުނާށެވެ.

ދޮންމަރިޔަނބު އެސޮރުމެން ކައިރިއަށް ޖެހިލައިފައި ސިއްރުސިއްރުން ބުންޏެވެ. ކަޅުކުރުބެ މާ ވަސްމީރު ހުވަނދެއް ހަދާ ދުވަހެކެވެ. އެއަށްވުރެ ވަސްމީރު ދެވަނަ ހުވަނދެއް ދުނިޔެތާކުން ނުލިބޭނެއެވެ. ކަޅުކުރުބެއަށް އެނގިއްޖެއްޔާ ރުޅިވެސް އަންނާނެ ތޯއްޗެކެވެ. އެ ހުވަނދެއް ހަދަނީ ގިފިލި ތެރޭގައި ހުރި ޖާޑިއެއްގެ ތެރެއަށް ވަދެ އިނދެ ވަރަށް ސިއްރުންނެވެ. ކަލޯމެން ތެރެއިން ފަހަރަކު ސޮރަކު ގޮސް މަޑުމަޑު ޖާޑިއަށް ބޯދީ އެ ހުވަނދުގެ ވަސް ބަލާލާށެވެ. ލޯހުޅުވައިފިއްޔާ ވަރަށް ވަރުގަދަ ދިލައެއް ނަގާނެއެވެ. އެހެން ބުނުމުން ފަހަރަކު ސޮރަކު ގޮސް އެ ޖާޑި ތެރެއަށް ބޯދެއެވެ. ބޯދޭކަމެއް ނޭނގެއެވެ. ޖާޑިތެރޭގައި ތައްޔާރަށް އިން ކަޅުކުރުބެ ކޮންމެ ސޮރެއްގެ ނޭފަތް ކަނޑާލައިފައި ލޮނުމިރުސް ޖަހައެވެ. ނަގައިގަން ދިލައިން ކޮންމެ ސޮރަކު އަޅާއިތިކޮށް ދުއްވައިގަނެއެވެ. ދުއްވެފައި ދަމުން "އަދިމަ ނުދޭ ހުވަނދެއްދޭ. ކަޅުކުރުބޭ ހުވަނދެއްދޭ" އޭ ކޮންމެ ވަގަކު ގޮވާލައެވެ. އެއް ސޮރު ދިޔައިމައި ދެންތިބޭ ސޮރުމެން ހިތަށް އަރައެވެ. އެވަރުވާނީ ހާދަ ވަސްމީރު ހުވަނދަކަށް ވާތީތާއެވެ.

ހުރިހާ ވަގުން ދުވެ ގޮސް އޮބާލީމާ ދޮންމަރިޔަނބު ކަޅުކުރުބެ ކައިރި ބުންޏެވެ. ކަޅުކުރާއެވެ. މިވަރަކުން އަދި އެ ސޮރުމެންގެ ފަރާތަކުން ސަލާމަތެއް ނުވާނެއެވެ. ވާނީ މަ ބުނާގޮތެއް ހަދާށެވެ." (ނުނިމޭ)

ނޯޓު: ކަޅުކުރުބެއާއި ފަސްމާމުލުންގެ ފަސްވަގުގެ ވާހަކައަކީ ދިވެހީންގެ ތެރޭގައި ތުންތުންމަތީން ކުޑަކުދީންނަށް ކިޔައިދެމުން އަންނަ ވާހަކައެކެވެ. މިވާހަކަ އެކި މީހުން އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި ކިޔާއުޅުމުގައި ކުދިކުދި ތަފާތުތައް ހުރެއެވެ. އަޅުގަނޑު މި ވާހަކަ ލިޔެފައި މިވަނީ އަޅުގަނޑުގެ މާމަ ފާތުމަތު މޫސާ ކިޔައިދީފައިވާ ގޮތަށް އެހެން ނަމަވެސް އަޅުގަނޑުގެ އަމިއްލަ އިބާރާތުންނެވެ.

  • މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން ނަގައިފައި

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *