Support Us

ކަޅުކުރުބެ ވާހަކަ- 1

ގޭގައި ލައިގެންކާނެ އެއްވެސް އެއްޗެއް ނެތް ދުވަހެކެވެ. ލޮނުކަމެއް ލިބޭތޯ (މަހެއް ބެވޭތޯ) ދިއުމަށް ކަޅުކުރުބޭގެ އަންހެނުން ދޮންމަރިޔަނބު ކަޅުކުރުބެ ކައިރީގައި ބުންޏެވެ. ކަޅުކުރުބެ ބުންޏެވެ. ނަނެއް އޮތަކަސް އެމެއް ނެތިއްޔާ މަހެއް ބާނަން ދެވޭނީ ކިހިނެއްހެއްޔެވެ؟ މި ރަށަށް މަހެއް ނުބާނާތާ ކޮން ދުވަހެއް ހެއްޔެވެ؟ ކޮންމެ އަކަސް ދޮންމަރިޔަނބު ކުރުނުކޮށްގެން ކަޅުކުރުބެ ނަނުބޮނޑި ހިފައިގެން ނިކުތެވެ.

އެމަށް އަޅާނެ ބަރަވެލި ފޫޅެއް ވެސް ނުލިބިގެން ގޮތް ހުސްވެފައި އިންދާ މޫނުމަތިން ބުރާލި ކުނަމެއްސެއް ކުއްލިއަކަށް އަތުން ހިފިއެވެ. ބުޅީގައި އޭގެ ގޮހޮރުގަނޑު އަޅާފައި ފަޅުމައްޗަށް ހޫރާލިއެވެ. އެންގަނޑު ގޮސް ޖެހުނު ކަމެއް ނޭނގެއެވެ. ބޮޑު މަހެއް ގަނެގެން ދުއްވައިގަތެވެ. ކަޅުކުރުބެއަށް ހިފަހައްޓާ ނުލެވިގެން ނަނުބޮނޑި މުގުލަށް އެރިއެވެ. އިރުގަނޑެއް ވަންދެން މަސް ބާނަންއުޅެ ވަރުބަލިވެ ލޮޑުވެގެން މަސް ދަމާ އެއްގަންކުރިއިރު އެވީ ބޮޑު ރަތް މަހަކަށެވެ. މަސް ބާނާފައި ލޮޑުފިލުވަން އިރުގަނޑެއް ވަންދެން ރާޅުފެންފަށުގައި އޮށޯވެ އޮތުމަށްފަހު ލޮޑު ފިލީމާ ގެއަށް ގޮސް ދޮން މަރިޔަބު ކައިރި ރަތްމަހެއް ބޭނުނު ވާހަކަ ބުނެފައި މަސްވަޅި ހިފައިގެން އައިސް ރަތްމަސް ކަނޑަން ފެށިއެވެ.

ކަޅުކުރުބެ ރަތްމަސް ކަނޑަން އިންދާ ފަސްމާމުލުންގެ ފަސްވަގަށް ފެނުނެވެ. އެސޮރުމެން ކަޅުކުރުބެ ކައިރިއަށް ގޮސް ކިޔަން ފެށިއެވެ. "ކަޅުކުރުން ނުކާ މަހެކޭ އަނތްބަ ނުކާ ރަތް މަހެކޭ. އެއް ކަންފަތް ވިހަމަހެކޭ" މިހެން މި ސޮރުމެން ކިޔަން ފެށުމުން ކަޅުކުރުބެ ހިތަށް އެރިއެވެ. މަށަކަށް ކެވެނިއްޔެއް ނޫނެވެ. މަގޭ އަންހެނުންނަށް ކެވެނިއްޔެއް ނޫނެވެ. އަދި އެއް ކަންފަތް ވިހަ ވެސް މަހެކެވެ. ކީއްކުރާނެ މަހެއް ހެއްޔެވެ؟ އެހެން ހިތާ ފަޅުމައްޗަށް ރަތްމަސް އެއްލާލައިފައި އަތްފައި ދޮވެލައިގެން ކަޅުކުރުބެ ގެއަށް ހިނގައްޖެއެވެ. ގެއަށް ދިޔަތަނުން ދޮންމަރިޔަނބު އެހިއެވެ. ކަޅުކުރާއެވެ. ބޭނި ރަތްމަސް ކޮބައިހެއްޔެވެ؟

ކަޅުކުރުބެ ބުންޏެވެ. ދިމާވީ ވަރަށް ދެރަކޮށެވެ. އެތަނަށް އައި ފަސް ކުއްޖެއް ބުނެފިއެވެ. "ކަޅުކުރުން ނުކާމަހެކޭ އަނތްބަ ނުކާ ރަތް މަހެކޭ. އެެއް ކަންފަތް ވިހަ މަހެކޭ" އެ ކުދިން މިހެން ކިޔަންފެށީމާ މަގޭ މިއައީ އެ މަސް އެއްލާލައިފައެވެ. ދޮން މަރިޔަނބު ބޯޖަހަން ހުރެފައި ބުންޏެވެ. ކަޅުކުރުގެ މޮޔަކަމާއެވެ. ތިޔައީ ފަސްމާމުލުންގެ ފަސް ވަގެވެ. އެ ސޮރުމެން ދުވަހަކުވެސް ތެދެއް ހަދާނެހެއްޔެވެ؟ ވަލުތެރޭގައި އެ ސޮރުމެން އުޅޭ ހިސާބުގަނޑު ބަލަންދާށެވެ. މިހާރު ތިބޭނީ ތިޔަ ރަތްމަސް ކައްކާށެވެ.

ދޮން މަރިޔަނބު އެހެން ބުނުމުން އެއް ނެރަކަށް ފޫގަޅައިގެން ކަޅުކުރުބޭ ވަލުތެރެއަށް ދުއްވައިގަތެވެ. ވަކި ހިސާބަކަށް ދިޔަތަނާ ވަލުތެރެއިން ދުން އަރާތަން ފެނުނެވެ. ސިއްރުސިއްރުން ގޮސް ބެލިއިރު ބޮޑުސިންގާ ލޯގަނޑެއްގައި ރަތްމަހުގައި ގަރުދިޔަ ކައްކަނީއެވެ. ބުރިބުރިކޮށްފައި ހުރި ބޮޑެތި މަސް ބުރިތަކާއެކު ދިޔަގަނޑާއެކު ކެކެނީއެވެ. އޭރު ފަސްމާމުލުންގެ ފަސްވަގު ވީ މަހާއެކު ގަބުޅިއާއި ކާއްޓާ ކެއުމަށް ވަގުރުކު އަޅަން ރުއްގަނޑަށް ގޮހެވެ. ކަޅުކުރުބެ ބަލާކަށް ނުހުރެ ފަނަކުން ބޮޑު ގޮނެެއް ވިޔެފައި ހުރިހާ މަހެއް ގޮނަށް ލުހެފައި ގަރުދިޔަގަނޑަށް ގުއިރީފައި ގެއަށް އަތުވެއްޖެއެވެ. ކަޅުކުރުބެ ގެއަށް ގޮސް ދެމަފިރިން ވެގެން މަސްތައް ކައި ނުކެވިހުރި މަސްތައް އަވަށްޓެރިންނަށް ބަހާ ހަދައިފިއެވެ. އެކަން ނިމުމުން ދޮން މަރިޔަނބު ބުންޏެވެ. ކަޅުކުރާއެވެ. ތިޔަ ސޮރުމެން އަދި އަންނާނެއެވެ. ވާނީ މަގޭ ބުނާގޮތެއް ހަދާށެވެ.

ފަސްމާމުލުންގެ ފަސްވަގު ގަބުޅިއާއި ކާއްޓާ އަޅައިގެން މަސްކައްކާ ތަނަށް އައިއިރު މަސްތައް ކެކެނީއެވެ. ކާއްޓާއި ގަބުޅިއާ އުތުއްވައި ނިމިގެން ފަސްމާމުލުންގެ ފަސްވަގު ލޯގަނޑުގެ ވަށައިގެން އެތުރިލިއެވެ. ތެލީގައި ފެންމައްޗަށް އަރާފައި ހުރި ދޮންބިސްތައް ފެނިފައި އެސޮރުމެން ވަރަށް ދަހިވެއްޖެއެވެ.

މިހާރު މިހިރީ ކެކިފައޭ ކިޔައި ފަހަރަކު ސޮރަކު ތެލީތެރެއިން ދޮންބިސް ބުރިއެއް ނަގައި އަނގަޔަށް ލައެވެ. އަނގަޔަށް ލުމާއެކު ގުޔޭގުޔޭ ކިޔާ ޗުސްޗުސް ކިޔާފައި ނެރެ އުކާލައެވެ. އެއް ސޮރަކު ނެރުނީމާ އަނެއް ސޮރަކު ބުނެއެވެ. މީގައި ގުއިރަހަ ލާންވީ ކީއްވެގެން ހެއްޔެވެ؟ މިހިރީ ފިސާރި ބޮޑެތި ދޮންބިސް ބުރިބުރިއެވެ. ކޮންމެ އަކަސް އެންމެން ކޭ ފަހުން މި ކެވުނީ ގުއިކަން އެނގުނެވެ. އަދި މިއީ ކަޅުކުރުބެ ދިން ލަނޑެއްކަން އެސޮރުމެންނަށް އެނގުނެވެ. އެހެންވެ ވަރަށް ސައްލާކޮށްފައި ކަޅުކުރުބެ ހޯދަން ދާން ނިންމިއެވެ. (ނުނިމޭ)

ނޯޓު: ކަޅުކުރުބެއާއި ފަސްމާމުލުންގެ ފަސްވަގުގެ ވާހަކައަކީ ދިވެހީންގެ ތެރޭގައި ތުންތުންމަތީން ކުޑަކުދީންނަށް ކިޔައިދެމުން އަންނަ ވާހަކައެކެވެ. މިވާހަކަ އެކި މީހުން އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި ކިޔާއުޅުމުގައި ކުދިކުދި ތަފާތުތައް ހުރެއެވެ. އަޅުގަނޑު މި ވާހަކަ ލިޔެފައި މިވަނީ އަޅުގަނޑުގެ މާމަ ފާތުމަތު މޫސާ ކިޔައިދީފައިވާ ގޮތަށް އެހެން ނަމަވެސް އަޅުގަނޑުގެ އަމިއްލަ އިބާރާތުންނެވެ.

  • މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން ނަގައިފައި

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *