Support Us

އިލާހީ ބިޝާރާއެއްގެ، އުފާވެރި ޚަބަރެއްގެ ވާހަކަ

އެ އަމަލުތަކުގެ އަޖުރު ބޮޑުކަމުން، އެކަންކަމުގެ މިންވަރު ކަނޑައެޅިފައި ނުވާ ތިހެޔޮކަމުގެ ތިން އަމަލެއްވެއެވެ.

އޭގެ ތެރެއިން ފުރަތަމަ އަމަލަކީ ރޯދަ ހިފުމެވެ. ރޯދައިގެ އުޖޫރައަކީ، ސަވާބަކީ، ކޮބައިކަން ބަޔާންކޮށް ދެއްވުމުގެ ގޮތުން، ގުދުސިއްޔަ ހަދީސެއްގައި، އެކަމުގެ އުޖޫރަ އޮންނާނީ ތިމަން ރަސްކަލާނގެ މައްޗަށޭ ބަޔާންކުރެވިފައި އޮވެއެވެ.

އެއަމަލުތަކުގެ ތެރޭަގއި ހިމެނޭ ދެވަނަ ކަމަކީ ކެތްތެރިވުމެވެ. ކެތްތެރިވުމުގެ އުޖޫރައާ ބެހޭ ގޮތުން ކިރިތި ގުރުއާނުގައި ވާރިދުވެފައި އޮވެއެވެ. إنما يوفى الصابرون أجرهم بغير حساب، ހަމަކަށަވަރު، ކެތްތެރީންގެ އުޖޫރަ ފުއްދައިދެވޭނޭ، ބޭޝުމާރީ، (އެއްވެސް ހިސާބެއް، މިނެއް، ނެތް) ގޮތުގައެވެ.

ދެން އެފަދަ އަމަލުތަކުގެ ތެރޭގައި ހިމެނޭ ތިންވަނަ ކަމަކީ މީސްތަކުންނަށް މާފުކުރާ މީހާއެވެ. މިކަމާ ބެހޭ ގޮތުން ކީރިތި ގުރުއާނުގައި އައިސްފައިވެއެވެ. فمن عفى وأصلح فاجره على الله، އަފޫކޮށް، (ދޭތެރެ) އިސްލާހުކޮށްފި މީހާއެވެ! ފަހެ، އޭނާގެ އުޖޫރަ އޮންނާނީ މާތްﷲގެ މައްޗަށެވެ! މާނައަކީ، އެހެން ހެޔޮކަންކަމަށް ދެވޭ އުޖާރައާ ނުބައްދަލު، މަތިވެރި، ބޮޑު އުޖޫރައެއް މީސްތަކުންގެ ކިބައިން ލިބޭ އަނިޔާތަކަށް މާފުދޭ މީހާއަށްވާ ކަމެވެ.

މި ފަދައިން، ބޭޝުމާރީ، ބޮޑު އުޖޫރައެއް މި ނަންގަތް ހެޔޮ ކަންކަމަށް ކަނޑައެޅިފައި އޮންނަނީ ކީއްވެ ހެއްޔެވެ؟ މިތިންކަމަކީ ކުރުން ވަރަށް ވެސް އުނދަގޫ ތިން ކަމެވެ. ރޯދައިގެ މައްޗަށް ބަލާލާއިރު، ތިމާގެ އަމިއްލަ ނަފްސުގެ މައްޗަށް ދުނިޔަވީ އެންމެ ވަރުގަދަ މާއްދީ އަރާމުތައް މަނާކޮށްގެން ހުރުމަކީ ފަސޭހަ ކަމަކަށް ނުވެއެވެ. މީގެ އިތުރުން، ރޯދައަކީ ދެއްކުމުގެ ގޮތުން ކުރެވިދާނެ ކަމެއް ނޫނެވެ. ސަބަބަކީ މީހަކު ހަގީގަތުގައި ވެސް، ރޯދައަށް ހުންނަކަން ނުވަތަ ނޫންކަން އެނގޭނީ ހަމައެކަނި ރޯދަ ހިފާމީހާއާއި އޭނާގެ ސާހިބުވަންތަ ރަސްކަލާނގެއަށް ކަމަށްވީތީ ވެސް މެއެވެ.

ދެން، ކެތްތެރިވުމާއި މީހުންގެ ކިބައިން ނުހައްގު އަނިޔާތައް ތަހައްމުލުކޮށްގެން ހުރުމަކީ ވެސް ފަސޭހަ ކަންކަމެއް ނޫނެވެ. ވަކިން ޚާއްސަކޮށް އަނިޔާ ލިބުމުން އެކަމަށް މާފުކުރުމެވެ. އިންސާނީ ހައިވަނީ ތަބީއަތު ނިޔާކުރަނީ އެކަމާ މެދު ރުޅިއައިސް ބަދަލު ހިފުމެވެ. އެހެންވެ، އޭނާގެ ހައިވާނީ ތަބީއަތުގެ މައްޗަށް އޭނާގެ މަލާއިކީ ތަބީއަތް އިސްކޮށް، އަނިޔާތަކަށް މާފު ދިނުމަކީ، އާދައިގެ އިންސާނަކަށް، ވަރަށް ވެސް އުނދަގޫ ކަމެކެވެ. ނަމަވެސް، ނުވާނޭ ކަމެއް ނޫނެވެ. އެހެންވެ، މިތިން ކަމަކީ ބޭޝުމާރީ ސިފައެއްގައި އެކަމުގެ ހެޔޮ ބަދަލު ދެވޭނޭ ކަންކަމުގައި ކަނޑައެޅި، އެކަންކަން ކުރުމަށް ބާރުއެޅިފައިވަނީއެވެ!

އާދެ، ރޯދަ ހިފާށެވެ! ކެތްތެރިވާށެވެ! އަދި މާފުކުރާށެވެ! މިތިން ކަމަކީ ގުޅި ލާމެހިފައިވާ ތިންކަމެވެ. އެހެނީ ރޯދަ ހިފުމަކީ ކެތްތެރިވުމަށް އޮތް ވަރަށް ވެސް މޮޅު ތަމްރީނެކެވެ. އަދި، މި ތަމްރީނުން ފިލާވަޅު ލިބިގަނެ ކެތްތެރިވެވިއްޖެ ނަމަ، އަނިޔާތައް ތަހައްމުލުކޮށް، މާފުކުރުން ވެސް ފަސޭހަވެދެއެވެ!