އިމާރާތުގެ ވަލީޢަހްދު މުޙައްމަދު ބިން ޒާއިދު ތުރްކީއަށް ކުރައްވާ ދަތުރުފުޅަށް ފަހު އީރާނަށް ދަތުރުފުޅެއް ކުރައްވާނެ ކަމަށް އިސްރާއީލުގެ މީޑިއާތަކުން ބުނެފިއެވެ. އަދި އީރާނުގެ ނިޔުކްލިއަރ އެއްބަސްވުން އަލުން އިޢާދަކޮށް އެމެރިކާއިން އީރާނާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލެވޭނެ ކަމަށް ވެސް މި މީޑިއާތައް ނިމުތު ކުރެއެވެ.
އިސްރާއީލުގެ މަޝްހޫރު ދުވަހު ނޫސް "ހާރުޓިސް" ގައި "އިސްރާއީލުގެ އެކުވެރީންނާއެކު އީރާނުން ގުޅުންތައް ބަދަހިކުރުން" މި ސުރުޚީގެ ދަށުގައި ޝާއިޢުކޮށްފައިވާ ރިޕޯޓެއް ބުނާގޮތުގައި ސުޢޫދީ އީރާން ގުޅުންތައް އަނބުރާ އިޢާދަކުރުމާ ބެހޭގޮތުން ވާހަކަދެއްކުންތައް ކުރިއަށްދާއިރު އަބޫ ޡަބްއިގެ ވަލީޢަހްދު އީރާނަށް ޒިޔާރަތްކުރައްވަން ވަނީ ނިންމަވައިފައެވެ. މީގެއިތުރަށް އީރާނުގެ ނިޔުކްލިއަރ ފައިލާ ބެހޭގޮތުން އެމެރިކާ-އީރާނު ވާހަކަދެއްކުމުގެ ބުރެއް ވަރަށް އަވަހަށް ފެށިދާނެކަމަށް ލަފާކުރެވެއެވެ.
އަބޫ ޡަބްއިގެ ވަލީޢަހްދު ތުރްކީއަށާއި އީރާނަށް
ހާރުޓިސް ބުނާގޮތުގައި އަބޫޡަބްއިގެ ވަލީޢަހްދު މި ހަފުތާގައި ތުރްކީއަށް ދަތުރުފުޅެއް ކުރައްވާނެއެވެ. މިއީ ބާރަވަރަކަށް އަހަރުގެ ފަހުން އޭނާ ތުރްކީގެ ރައީސް ރަޖްބު ޠައްޔިބި އުރްދުގާނާ ބައްދަލު ކުރައްވާ ފުރަތަމަ ފަހަރެވެ. ތުރްކީގައި އެތައް ބިލިއަން ޑޮލަރެއްގެ ވުނަކުރުންތަކާ ބެހޭގޮތުން ބަޙުސްކުރައްވަމުންގެންދަވާއިރު މުޙައްމަދުބިން ޒާއިދުގެ ކޮއްކޯފުޅު ޠަޙްނޫން ބިން ޒާއިދު އީރާނަށް ވަޑައިގަންނަވާނެއެވެ. އޭނާ އީރާނަށް މި ކުރައްވާ ދަތުރުފުޅުގެ ސަބަބުން ސިޔާސީ ގުޅުމާއި އިޤްތިޞާދީ ގުޅުން އީރާނާއެކު ޤާއިމު ކުރެވިގެން ދާނެއެވެ.
ޠަޙްނޫނަކީ އިމާރާތުގެ ޤައުމީ ސަލާމަތާބެހޭ މުޝީރެވެ. އޭނާއަކީ ސިޔާސީ ތަޖްރިބާކާރެކެވެ. ވަލީޢަހްދު މުޙައްމަދު ބިން ޒާއިދުގެ ތުރްކީ ދަތުރުފުޅު ހަމަޖެއްސެވީ ޠަޙްނޫން ތުރްކީއަށް ކުރެއްވި ދަތުރުފުޅެއްގައެވެ. އިސްރާއީލާއެކު ގުޅުންތައް ޠަބީޢީ ކުރެއްވި މޭސްތިރިއަކީ ޠަޙްނޫނެވެ. އެމެރިކާއާއި ޗައިނާއާއި އަދި އެންމެ ފަހުން ސޫރިޔާއާއެކު ގުޅުންތައް ރަނގަޅުކުރުމަށް މަގު ކޮށައި ދެއްވކ ސިޔާސީ މާހިރަކީ ޠަޙްނޫން ކަމަށް ވެސް މި ނޫސް ބުންޏެވެ.
މި ނޫސް ލަފާކުރާގޮތުގައި ބިން ޒާއިދު ތުރްކީއަށް ކުރައްވާ ދަތުރުފުޅަށްފަހު އީރާނަށް ދަތުރުފުޅެއް ކުރައްވާނެއެވެ. އެ ދަތުރުފުޅުގެ ސަބަބުން، އީރާނާ އިދިކޮޅު ޢަރަބިން އެއްގަލަށް އެރުން ނެތިގެންދާނެއެވެ. ބިން ޒާއިދު އީރާނަށް ދަތުރުފުޅެއް މި ކުރައްވަނީ ސުޢޫދީ ވަލީޢަހްދު ބިން ސަލްމާނުގެ ވެސް ރުހުން ހޯއްދަވައިގެންނެވެ.
ސުޢޫދީ ޢަރަބިއްޔާއިން ވަނީ އީރާނާއެކު ގުޅުންތައް ރަނގަޅު ކުރުމަށް ޓަކައި ވާހަކަދެއްކުންތައް ފަށައިފައެވެ. މިހާތަނަށް ވަނީ ތިން ބުރެއް ބާއްވައިފައެވެ. ސުޢޫދީ އީރާން ވާހަކަދެއްކުންތައް ފެށިފައ ވަނީ މި އަހަރުގެ ޖަނަވަރީގައެވެ. މި ވާހަކަދެއްކުންތަކާ ބެހޭ ގޮތުން އެންމެ ފުރަތަމަ ރިޕޯޓެއް ލިޔުނީ އިނގިރޭސިވިލާތުގެ ފައިނަންޝަލް ޓައިމްޒްގައެވެ. ބައެއް ޚަބަރުތައް ބުނާގޮތުގައި ސުޢޫދީ- އީރާން ވާހަކަދެއްކުންތަކުގެ ފަސް ބުރެއް ވަނީ ބޭއްވިފައެވެ. ބައެއް ބުރުތަކުގައި އިމާރާތާއި މިޞްރާއި އުރްދުން ވެސް ބައިވެރިވެފައި ވެއެވެ. މި ބައްދަލުވުންތަކުގައި ޔަމަނުގައި ހިނގަމުންދާ ހަނގުރާމައާއި ލުބްނާނާއި ސޫރިޔާއާ ބެހޭގޮތުން މަޝްވަރާތައް ކުރެވިފައި ވެއެވެ.
އީރާނުގެ ރައީސް އިބްރާހީމު ރައީސީ ވިދާޅުވާގޮތުގައި އޭނާގެ ޚާރިޖީ ސިޔާސަތުގެ ތަނބުތަކުގެތެރޭގައި ގަލްފްގެ ޤައުމުތަކާއެކު ގުޅުންތައް ހަރުދަނާކުރުން ވެއެވެ. އީރާނުގެ ނިޔުކްލިއަރ ފައިލާބެހޭ ވާހަކަދެއްކުންތަކާ މި ކަމާ ދެމެދުގައި ވަރަށް ބަދަހި ގުޅުމެއްވާކަން ކަށަވަރެވެ. މި ގުޅުންތައް ރަނގަޅުވެއްޖެނަމަ އީރާނު ތެލުގެ ބާޒާރަށް ނުކުންނާނެއެވެ. އީރާނުގެ ޒަމާންވީ ކަސްޓަމަރުން (އިންޑިއާއާއި ދެކުނު ކޮރެއާއާއި ޗައިނާ ފަދަ ކަސްޓަމަރުން) އަލުން ހޯދުމަށް މަސައްކަތް ފަށާނެއެވެ.
ނިޔުކްލިއަރ އެއްބަސްވުމަށް އަނބުރާ ދިޔުން
ނިޔުކްލިއަރ ފައިލާ ބެހޭ ވާހަކަދެއްކުންތަކުގެ އައު ބުރެއް ފެށުމުގެ ކުރިން ޒައްރީ ހަކަތައާ ބެހޭ ބައިނަލްއަޤްވާމީ އޭޖެންސީގެ ރައީސް މިއަދު ޠަހަރާނަށް ވަޑައިގެން އީރާނުގެ ނިޔުކްލިއަރ ޙާލަތާ ބެހޭ ރިޕޯޓެއް ތައްޔާރު ކުރައްވާނެއެވެ.
އީރާނުގެ ރިޔާސީ އިންތިޚާބާ ހެދި މި ވާހަކަދެއްކުންތައް ހުއްޓައިލައިފައި އޮންނަތާ ފަސް މަސް ވެއްޖެއެވެ. ބައެއް މީހުން ހީކުރާގޮތުގައި މި ވާހަކަދެއްކުންތައް ދެނެއް ނުފެށޭނެއެވެ. އިސްރާއީލުން މަސައްކަތް ކުރަނީ އެމެރިކާއިން އީރާނާއެކު ވާހަކަދެއްކުންތައް ފެށުނަ ނުދިނުމަށެވެ.
އީރާނުން މި ވާހަކަދެއްކުންތައް ފަށަން ބޭނުން ވެއެވެ. އީރާނުގެ މަޞްލަޙަތުތައް ގޮވައިލަނީ މި ވާހަކަދެއްކުންތައް ފެށުމަށެވެ. އީރާނުގެ ރަސްމީ ނޫސް އީރާން ޑެއިލީ މި ވާހަކަދެއްކުންތަކުގައި ބައިވެރިވާ އީރާން ވަފްދުގެ ރައީސް އީރާނުގެ ޚާރިޖީވަޒީރުގެ ނައިބު ޢަލީ ބާޤިރީއާ ހަވާލާދީ ބުނާގޮތުގައި ނިޔުކްލިއަރ ފައިލްގެ މަސްއަލަ މިހާރު ވަނީ ޙައްލުވެފައެވެ. މިހާރު ވާހަކަ ދެކެވެމުންދަނީ އީރާނާ ދެކޮޅަށް އަޅައިފައިވާ ޢުޤޫބާތްތައް އުވާލުމާ ބެހޭގޮތުންނެވެ.އެމެރިކާގެ ފޮރިން ޕޮލިސީ މަޖައްލާ ބުނާގޮތުގައި ރައީސް ޖޯ ބައިޑްން ބޭނުންފުޅުވާ ގޮތަށް އެކުލަވައިލެވޭ އެއްބަސްވުމުގައި އޮތީ އީރާނުގެ މަޞްލަޙަތެވެ.
ޒައްރީ ހަކަތައާ ބެހޭ ބައިނަލްއަޤްވާމީ އޭޖެންސީން ބުނާގޮތުގައި ސެޕްޓެންބަރުން ފެށިގެން މިހާތަނަށް އާދެވުނުއިރު އީރާނުން ވަނީ 17.7 ކީލޯގްރާމުގެ ޔޫރޭނިއަމް 60 އިންސައްތައަށް ސާފުކޮށްފައެވެ. މިއީ ނިޔުކއލިއަރ އެއްބަސްވުން ހުއްދަދޭ މިންވަރަށް ވުރެ ބޮޑު މިންވަރެކެވެ. މީގެއިތުރަށް އީރާނުން ވަނީ އެ ޤައުމުގެ ސެންޓްރިފިއުގަލް އާލާތްތައް މާ ބޮޑަށް ޒަމާނީ ވެސް ކޮށްފައެވެ.
އީރާނު ބޭނުން ވަނީ ކޮން ކަމެއް
އީރާނު ބުނާގޮތުގައި އީރާނާއެކު އެމެރިކާއިން އެއްބަސްވާ އެއްބަސްވުމުން ކުރިމަގުގައި އެމެރިކާ ވަކިނުވާނެކަމުގެ ޖާމިނުވުމެއް އީރާނުން ބޭނުން ވެއެވެ.އެހެނަސް ކުރިމަގުގެ ރައީސުންނާ ބެހޭގޮތުން ޖާމިނުވުން ދެއްވުމަކީ ރައީސް ބައިޑްނަށް ކުރެއްވޭނެ ކަމެއްނޫނެވެ.
ދެވަނަ މަސްއަލައަކީ އީރާނުގެ ކުންފުނިތަކާއި ބައެއް ބޭފުޅުންނާ ދެކޮޅަށް އެމެރިކާއިން އަޅައިފައިވަ ދަތިކުރުމުގެ ފިޔަވަޅުތައް ރައީސް ބައިޑްނަށް އުވާލެވޭނީ ކޮންގްރެސްއިން އެކަމަށް ރުހުންދީ ޤާނޫނެއް ފާސްކޮށްގެން ކަމުގައި ވުމެވެ.
އީރާނުން އެދޭ ތިންވަނަ ކަމަކީ ރައީސް ޓްރަމްޕް އީރާނާ ދެކޮޅަށް އެޅުއްވި ފިޔަވަޅުތަކުގެ ސަބަބުން އީރާނަށް ލިބުނު ގެއްލުންތަކަށް ބަދަލު ދިނުމަށް އީރާނުން އެދޭއެދުމެވެ. މިއީ ވޮޝިންގްޓަނުގެ ވަތްގަނޑުގައި އޮތް ކަމެއްނޫނެވެ.