Support Us

ފޭސްބުކް: މި ޒަމާނުގެ ފަންނިއްޔާތުގެ އެންމެ މަޝްހޫރު އެއް އައިކަން

އިންޓަރނެޓާއި ވިސްނުން ތޫނު ފޯނަށްފަހު ކުރިމަގުގެ ފަންނިއްޔާތުން އަންނާނީ ކޮން ކަހަލަ ބަދަލުތަކެއްބާ!

ދިރާސާތައް ބުނާގޮތުގައި އަޅުގަނޑުމެން މިއަދު ބޭނުންކުރާ ވިސްނުން ތޫނު ފޯނުތައް މިހާރު މި ވަނީ ކުންނަށް ވާޞިލުވެފައެވެ. ފަންނިއްޔާތުގެ އައު ޒަމާނުގައި ބޭނުންކުރެވޭ ފަންނިއްޔާތުގެ ހުނަރުތަކުގެ މަލަތަކަކީ ކޮބައި ހެއްޔެވެ؟

ދާރިސުންނާއި ބާޙިސުން ވިދާޅުވާގޮތުގައި ސުމޭކީ ފަންނިއްޔާތުގެ ޞިނާޢަތާ ބެހޭގޮތުން ކަންތައްތައް ނިމުތުކުރުމަކީ ވަރަށް ބުރަ ކަމެކެވެ. އެއީ، ސުމޭކީ ދުނިޔެއަށް ހުއްޓުމެއްނެތި، މެދުކެނޑުމެއްނެތި އަންނަމުންދާ އައު ޠޫފާނުތައް ގިނަކަމުންނެވެ. އިނގިރޭސިވިލާތުގެ ގާރޑިއަން ދުވަހު ނޫހުގައި ޝާއިޢުކޮށްފައިވާ ރިޕޯޓެއްގައި މި ތަރައްޤީގެ ފެންބޮޑުވުމުގެ ތެރޭގައި ފަންނިއްޔާތުގެ އައު ޒަމާނުގެ މަލަތައް ކުރަހާލެވޭތޯ މަސައްކަތްކޮށްފައި ވެއެވެ.

ފަންނިއްޔާތުގެ ތަޖްރިބާކާރެއް ކަމުގައިވާ ބިން ތޮމްސަން 2014ގައި ވިދާޅުވެފައިވާ ގޮތުގައި އިންޓަރނެޓް ވިޔުގަތަކާ ގުޅިފައިވާ ދުނިޔެއަށް ތަރައްޤީގެ ތިން ޒަމާނެއް އައިސްވެއެވެ. މިއިން ކޮންމެ ޒަމާނަކަށް އަސާސީ ފަންނިއްޔާތުތަކެއް ލިބިފައި ވެއެވެ. އަދި އެއިން ކޮންމެ ޒަމާނަކަށް ޚާއްޞަ އެޕެއް "Killer App" ލިބިފައި ވެއެވެ.

ފުރަތަމަ ޒަމާން: ކޮންޕިޔުޓަރުގެ ޒަމާން

ތޮމްސަން ވިދާޅުވާ ގޮތުގައި ފުރަތަމަ ޒަމާނަކީ ކޮންޕިޔުޓަރުގެ ޒަމާނެވެ. މި ޒަމާން ފެށުނީ އައިބީއެމް ކުންފުނިން 1981ގައި ކޮންޕިޔުޓަރ އަތްފޯރާ ފަށަށް ގެނެސްދިނުމުންނެވެ. މި ކަމުގައި ބޭނުންކުރި އަސާސީ ފަންނިއްޔާތަކީ "ހުޅުވިފައިވާ ބިނާ" އާއި އެ މަސައްކަތް ކުރުވުމަށް ބޭނުންކުރި MS-DOS ނިޒާމެވެ. ވިންޑޯޒް މަސައްކަތް ފެށީ މި ނިޒާމުންނެވެ. އެ ޒަމާނުގައި އެންމެ ބޮޑަށް ބޭނުންކުރެވުނު އެޕަކީ ހިސާބީ ނަވަތަތަކެވެ.

އިންޓަނެޓު ޒަމާން

ދެން އައީ އިންޓަނެޓުގެ ޒަމާނެވެ. މި ޒަމާން ފެށުނީ ކޮންޕިޔުޓަރުގެ ޒަމާން ފެށުނުތާ 14 އަހަރު ފަހުންނެވެ. މި ޒަމާން ފެށުނީ 1995ގެ އޮގަސްޓުގައި Netscape IPO އާއެކުގައެވެ. މި ނިޒާމުގެ އަސާސީ ފަންނިއްޔާތަކީ ވެބް ޞަފްޙާތަކުގެ ގަނޑުތައް އެއްލައިދޭ އެކްސްޕްލޯރާއެވެ. މި ކަމުގެ ސަބަބުން ފަންނިއްޔާތުގެ ހުނަރުވެރިކަންނެތް މީހުންނަށް ވެސް ނެޓް ބޭނުންކުރުމަށް މަގުފަހިވިއެވެ. މި ޒަމާނުގެ ކުރީކޮޅުގައި އެކްސްޕްލޯރާއަށް ވެރިވެގަތުމަށް ޓަކައި "އަރާރުންތަކެއް" ހިނގިއެވެ. މި އަރާރުންތައް ނިމުނީ މައިކްރޯސޮފްޓް ކުންފުނިން ނެޓްސްކޭޕްގެ މައްޗަށް ގަދަވެގަނެ މުޅި ބާޒާރުގެ 90 އިންސައްތަ މައިކްރޯސޮފްޓްގެ ބާރުގެ ދަށަށް ގެންދިޔަ ހިސާބުންނެވެ. މި ޒަމާނުގެ ފަހުކޮޅުގައި ފޭސްބުކް ވަނީ ބާޒާރުން އެންމެ ބޮޑު ޙިއްޞާ ހޯދައިފައެވެ.

ވިސްނުންތޫނު ފޯނުގެ ޒަމާން

ތިންވަނަ ޒަމާނަކީ ވިސްނުންތޫނު ފޯނު (ސްމާރޓް ފޯން)ގެ ޒަމާނެވެ. އެޕަލް ކުންފުނިން އައި ފޯން 2007ގެ ޖަނަވަރީގައި ބަޒާރަށް ނެރުމާ ވިދިގެން ވިސްނުންތޫނު ފޯނުގެ އިންޤިލާބު ފެށިގެން ހނގައްޖެއެވެ. އިސްވެދިޔަ ދެ ޒަމާނާ ޚިލާފަށް މި ޒަމާނުގައި ޚިދްމަތް ދިނުމުގައި މޫލަވެރި ނިޒާމެއް ނެތެވެ. އެޕަލް ކުންފުނިން iOS ނިޒާމު ބޭނުންކުރާއިރު ގޫގަލުން ބޭނުން ކުރަނީ އެންޑްރޮއިޑް ނިޒާމެވެ. ފޯނުގެ ޒަރީޢާއިން ތަފާތު ސިފަސިފައިގައި މެސެޖުތައް ފޮނުވެއެވެ. އަދި މީސްމީޑިއާގައި ތަފާތު ގޮތްގޮތަށް ތަވާޞުލު ކުރެވެއެވެ. ފެންނަފެނުމުގައި ވިސްނުންތޫނު ފޯނުގެ ޒަމާން މިހާރު މިވަނީ އޭގެ ކުންނައަށް ވާޞިލުވެފައެވެ.

އެހެންކަމަށް ވާނަމަ ސުވާލަކީ ދެން އަންނާނީ ކޮން އެއްޗެއް ހެއްޔެވެ؟ ހަތަރު ވަނަ ޒަމާނުގައި ފެންނާނީ ކޮން ނިޒާމެއް ހެއްޔެވެ؟

ފަންނިއްޔާތުގެ އައު ޒަމާނުގެ ސީނާރިއޯތައް

  1. މެޓަވަރސް (metaverse)ގެ މާރެސް: އެނބުރެނީ އެންމެންނަށް ޙިއްޞާ ކުރެވޭ ދާދިވަރު ބޮޑެތި ވެށިތަކެއްގެ ތެރޭގައެވެ. ފަންނިއްޔާތުގެ އައު ޒަމާނުގައި މޫލަވެރިއަކަށް ވާނީ މެޓަވަރސް އެވެ. އެއީ ދާދިވަރު ޢާލަމެކެވެ. މި ޢާލަމުގެ ތެރެއަށް ވަދެގެން ވަރަށް ގިނަ ކަންތައްތަކެއް ކުރެވިދާނެއެވެ. ފަންނިއްޔާތުގެ ތަރައްޤީގެ ތެރެއިން ލައިފާ މި ދާދިވަރު ޢާލަމުގެތެރޭގައި ޙަޤީޤީ ދުނިޔެއާއެކު އެކަކު އަނެކަކަށް އަސަރުފޯރުވައި އިޙްސާސްތައް ބަދަލުކޮށް ޝުޢޫރުތައް ޙިއްޞާ ކުރެވިދާނެއެވެ. އެމެރިކާގެ HiDef ކުންފުނީގެ ބާނީ އަދި މެނޭޖިންގް ޑިރެކްޓަރު ވިދާޅުވާގޮތުގައި މެޓަވަރސް އަކީ އިންޓަރނެޓުން ގުޅައިގެން އުޅޭ މީހާއާއި ނުގުޅާ މީހާއާ ދެމެދުގައިވާ ތަފާތު ނައްތައިލަދޭނެ މަންސައެކެވެ.  މެޓަވަރސްގެ ޚިޔާލު ނަގާފައި ވަނީ 2011ގައި އަރނެސްޓް ކްލައިން ލިޔުއްވާފައިވާ ރިވާޔަތުންނެވެ. މި ރިވާޔަތުގެ ބަޠަލު އޭނާގެ ޙަޤީޤީ ފަޤީރު މިސްކީނު ދުނިޔެއިން ފިލައިގެން ތިން ދުރުމިނުގެ ދާދިވަރު ދުނިޔެއަކަށް ދިޔައެވެ. މި ދުނިޔެއަށް ދެވިފައިވާ ނަމަކީ OASIS އެވެ.
މެޓަވަރސްގެ ދުނިޔޭގައި

ނީލް ސްޓެފެންސަން 1992ވަނަ އަހަރު ލިޔުއްވި ރިވާޔަތު "Snow Crash" ގައި metaverse އަށް އިޝާރަތް ކުރައްވާފައި ވެއެވެ. އެއީ މީސްތަކުން އެއްބަޔަކު އަނެއްބަޔަކަށް އަސަރުފޯރުވާ ސުމޭކީ ފުން ވެށްޓެއް ކަމަށް ވިދާޅުވެފައި ވެއެވެ. "މެޓަވަރސް " މި ބަސް ހެދިފައިވާ ދެ ލަފުޒަކުންނެވެ. އެއީ "meta" މާނައަކީ އެއްޗެއްގެ ފަހަތެވެ. Verse ނަގާފައި ވަނީ universe އިންނެވެ. މާނައަކީ ކައުނެވެ. ވީމާ މެޓަވަރސްގެ މާނައަކީ ކައުނުގެ ފަހަތެވެ. ގާރޑިއަންގެ ރިޕޯޓް ލިޔުއްވި ކާތިބު ވިދާޅުވާގޮތުގައި މެޓަވަރސްގެ ތަޞައްވުރަކީ ނުވަތަ މާރެހަކީ ވީޑިއޯ ކުޅިވަރުތަކެއް ފަދަ ފުން ވެށްޓެއްގެ ޚިޔާލެވެ. މި ވެށީގައި މުއްސަނދީން އެމީހުންގެ އެއަރކޯން ހޮހަޅަތަކުގައި އަރާމުކުރަން ތިބޭއިރު ގުރަހަ ދާނީ ރޯވެ އަނދަމުންނެވެ. ބަދުނަޞީބުވެރި އިންސާނުން ތިބޭނީ ހާސްކަމެއްގެ ތެރޭގައި ނޭވާލާން ދަތިވެފައެވެ. އެހެންކަމުން މެޓަވަރސް ވާނީ ހިތްދަތި މާޙައުލަކުން ބޭރަށް ނުކުތުމުގެ ވަސީލަތަކަށެވެ. ސިލިކޯން ވާދީގެ އިސް މަސްއޫލުވެރިއަކު ވިދާޅުވިގޮތުގައި ފަންނިއްޔާތުގެ އައު ޒަމާނުގެ ނާރެހަކަށް މެޓަވަރސް ނުވާނެއެވެ.

ކުއެންޓަމް ކޮމްޕިއުޓަރ

2. ބްލޮކް ޗޭނާއި ކުއެންޓަމް ކޮންޕިއުޓަރު: ކުރިމަގުގެ ނުވަތަ ފަންނިއްޔާތުގެ އައު ޒަމާނަކަށް ވާނެ ކަމަށް ބޮޑަށް ލަފާކުރެވެނީ ސިލްސިލާ ޑޭޓާބޭސް ފަންނިއްޔާތެވެ. ނުވަތަ އެންކްރިޕްޝަނެވެ. މިފަދަ ޒަމާނަކަށް ދާން ބޭނުންވާނަމަ މިއަދު މި ބޭނުންކުރާ ކޮންޕިއުޓަރުތަކުގެ ދުވެލި މާ ތަތްކަމަށް ޢިލްމުވެރީން ވިދާޅުވެއެވެ. މިއަދު މި ގެންގުޅޭ ކޮންޕިއުޓަރަށް އެ މަސައްކަތް ކުރުމަށް އެތައް މިލިއަން އަހަރުތަކެއް ހޭދަ ކުރަން ޖެހޭނެއެވެ. މި މަސައްކަތް ކުރެވޭނީ ކުއަންޓަމް ކޮންޕިއުޓަރުންނެވެ. ބިޓްކޮއިން ފަދަ ސުމޭކީ ފައިސާ އުފެއްދުމަށް ބޭނުންކުރަނީ ބްލޮކްޗޭން ފަންނިއްޔާތެވެ. ސުމޭކީ ފައިސާ އުފައްދާ ފަރާތްތަކުގެ ބާރުގެ ދަށުގައި އެ ފަރާތްތަކަށް ޚާއްޞަ ބުލޮކްޗޭން ވިއުގައެއް ވެއެވެ. މި ނިޒާމުގައި ބޭނުންކުރާނީ ތަރްތީބީ ގޮތަކަށް އުފައްދާ އެތިކޮޅު (ބްލޮކް) ތަކެކެވެ. މި އެތިކޮޅުތައް އެއްކޮށް އަމުނައިލުމަށް ވައުފަށެއް ބޭނުން ކުރެވެއެވެ. މިހެންވެ އެއަށް ޗޭނުގެ ނަން ދެވުނީއެވެ. ބްލޮކްޗޭނަކީ ކަނޑައެޅިފައިވާ ކޮންމެ މުޢާމަލަތެއް އެއަށް ކަނޑައެޅިފައިވާ ވަގުތެއްގައި އުފެއްދިއްޖެކަން އެ ބޭނުންކުރާ މީހާއަށް (ފަރާތަކަށް) ކަށަވަރުކޮށްދޭ ފަންނިއްޔާތެވެ. ބްލޮކްޗޭނުގައި ކޮށާރު ކުރެވޭ ކޮންމެ އެއްޗެއް ކޮށާރު ކުރެވޭނީ އެންކްރިޕްޓް ކޮށްގެންނެވެ. އެހެނަސް އެންކްރިޕްޝަނަކީ ވެސް އަމާންކަން ފުރިހަމައަށް ލިބިގެންވާ ފައްނިއްޔާތެއް ނޫނެވެ. އަދި އެއީ ފަސާދަ ނުވަނިވި އެއްޗެއް ވެސް ނުމެނޫނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *