Support Us

ސުމޭކީ ޒަމާނުގައި އަޚްލާޤިއްޔާތު

ހުސްވި އަހަރުގެ ތަފާސްހިސާބުތައް ދައްކާގޮތުގައި 4.5 ބިލިއަން މީހުން އިންޓަނެޓު ބޭނުން ކުރެއެވެ. އަދި 3.8 ބިލިއަން މީހުން މީސްމީޑިޔާ ބޭނުންކުރެއެވެ. މީގެ މާނައަކީ ދުނިޔޭގެ އާބާދީގެ 60 އިންސައްތަ މީހުންނަކީ ސުމޭކީންނެވެ. ދުނިޔޭގެ ގިނަ ބަޔަކު މޯބައިލް ފޯން ބޭނުންކުރެއެވެ. މިކަމުގެ ސަބަބުން އޭނާ ބޭނުންއިރަކު ދާދިވަރު ވެށްޓެއްގައި އިނދެ އެ ވެށްޓަށް އަސަރުފޯރުވާ އަދި އެ ވެށިން އަސަރުފޯރާ މީހަކަށް އޭނާ ވެދެއެވެ. މި ވެށީގެ ތެރޭގައި އޭނާ އަހައި ބަލައި މީހަކަށް، ފަތުރާ މީހަކަށް، ދައްކާ މީހަކަށް، ފާޑުކިޔާ މީހަކަށް، ހުށައަޅާ މީހަކަށް ވެދެއެވެ.

އިސްތިހުލާކަށް ސަމާލުވާންޖެހޭ

އެހެންކަމުން ސުމޭކިއްޔަތަށް އަޚްލާޤެއް އޮންނަން ޖެހޭނެ ކަމަށް މިއަދު ވާހަކަ ދެކެވެއެވެ. ސުމޭކިއްޔަތުގެ ސަބަބުން އަޚްލާޤުތަކަށް ބަދަލު އަންނަމުން ދާތީއެވެ.

ސުމޭކީ ޒަމާނުގައި އަޚްލާޤަށް އަންނަމުންދާ މުހިއްމު ބަދަލުތަކުގެތެރޭގައި ހިމެނޭ މުހިއްމު އެއް ބަދަލަކީ ހެދިބޮޑުވެ ހެދެމުންދާ އިސްތިހްލާކިއްޔަތެވެ. މިއަދު މޯބައިލް ފޯނުގެ ހަމައެކަނި ވަޒީފާއަކީ ގުޅުމާއި ތަވާޞުލު ކުރުމެއްނޫނެވެ. ފޯނުގެ "ފެޝަން" އަކީ ވެސް މިއަދު އިންސާނާ އަވަދިނެތި ކުރުމެވެ. ފޯނުގެ އައު އިޞްދާރެއް ހަމަ ނެރޭއިރަށް މި އިޞްދާރު ގަތުމަށް މީހުން ދުއްވައިގަނެއެވެ. މި އިޞްދާރަށް ހައެއްކަ އަށެއްކަ މަސްވާއިރަށް އައު އިޞްދާރަކަށް އިންތިޒާރު ކުރަން ފަށައެވެ. މުސާރަ އަށެއްކަ ހާސް ރުފިޔާ ލިބޭ މުވައްޒަފު ވިއްސަކަށް ހާސް ރުފިޔާގެ ފޯނެއް ގަނެލުމަށް ޖެހިލުމެއް ނުވެއެވެ. ދަރައިގެން ވިޔަސްމެއެވެ. ވެޓިކަންގެ އިސްވެރިޔާ ޕޯޕް މީގެ ދެ އަހަރެއްހާ ދުވަސްކުރިން އިސްތިހްލާކަށް ފެންބޮވައިގަތުމާމެދު ސަމާލުވުމަށް ވަނީ އިންޒާރު ދެއްވައިފައެވެ. ޕޯޕު ސިފަކުރެއްވި ގޮތުގައި "އެއީ އީމާންކަމުގެ މުލުގެ ބުޑަށް ހަމަލާދޭ ވައިރަހެކެވެ." ކްރިސްމަސް ނަސޭޙަތުގައި ޕޯޕް ވިދާޅުވިއެވެ. "ތިބާގެ އަތުގައި އެއްޗެހި ގިނަވުމުން ތިބާއަށް ބާއްޖަވެރިކަން ލިބޭނެ ކަމަށް ހީވާހީވުން ބޭޒާރު ކުރަން އަހުރެމެންނަށް ވަނީ ޖެހިފައެވެ. އިސްތިހްލާކަށް އިޝްތިހާރު ކުރާ ގަދަ އަލިތައް ނިއްވާލުމަށް މަސައްކަތް ފަށާށެވެ."

ﷲ ޒިކުރުކުރުމަށް ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ބަދަލުގައި އިސްކިރީނާ ދިމާއަށް ބަލަން އެތައް ގަނޑިއިރެއް ވަންދެން ތިބާ އިނދެ ލޯ ތެންމުމުގެ ބަދަލުގައި ﷲގެ ކައު ރަސޫލާ އަންގަވަނީ ﷲއަށް ޒިކުރު ކުރުމުގައި ތިބާގެ ދޫ ތެންމުމަށެވެ.

އިންސާނާ މިއަދު މަސައްކަތް ކުރަނީ ސުމޭކީ އައު އެއްޗެއް ފެނޭތޯއެވެ. މިސާލަކަށް ބަލާއިރު މި އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ވިކުނު ތޫނުފިލި ފޯނުގެ ޢަދަދު ވަނީ 345.5 މިލިއަނަށް އިތުރުވެފައެވެ. މީގެތެރެއިން ގިނަ ބަޔަކު އައު ފޯނު ހޯދާފައި ވަނީ ކުރިން ގެންގުޅުނު ފޯނާ ބަދަލުކޮށްގެންނެވެ.

ޖަރްމަނުގެ ފިލޯސަފަރެއް ކަމުގައިވާ ޔޫގަން ހާބަރުމާސް ވިދާޅުވާގޮތުގައި "ފަންނިއްޔާތު މިއަދު ވަނީ އައިޑިޔަލޮޖީއަކަށް ބަދަލުވެފައެވެ." އިސްތިހުލާކު އޭގެ މަތީގައި ޤާއިމުވެފައިވާ ތަނބުތަކުގެ ތެރޭގައި އިސްތިހުލާކު ކުރާ އިންސާނާގެ ކިބައިގައި އެކަމަށް އެދުންވެރިކުރުވުން އުފެއްދުން ވެއެވެ. މިއަދު މި ވަނީ ސުމޭކު އިސްތިހުލާކީ މަޖާލަށް ފެންބޮވުން އިތުރުވެފައެވެ. މި ކަމުގެ ސަބަބުން އިންސާނާ ވަނީ އަސީރަކަށް ވެފައެވެ.

ބާއްޖަވެރިކަމުގެ މަފްހޫމު

ސުމޭކީ ޒަމާނުގެ އަޚްލާޤާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާ ޢިލްމުވެރީން ވިދާޅުވާގޮތުގައި ސުމޭކީ އިސްތިހުލާކު މިއަދު މި ވަނީ ބާއްޖަވެރިކަމުގެ މަފްހޫމު ބަދަލުކޮށްފައެވެ. އެމީހުންގެ ގާތުގައި ބާއްޖަވެރިކަމަކީ މީސްމީޑިޔާގައި އެމީހުންނަށް އުކޭ ޞަފްޙާގެ ޢަދަދެވެ. އޭނާގެ މޮޅުކަމަކީ މީސްމީޑިޔާތެރެއިން ފޯރުވޭ އަސަރުގެ ކުޑަބޮޑުމިނެވެ. އެހެންކަމުން މިއަދު ބާއްޖަވެރިކަން މިވަނީ ދާދިވަރީ ދުނިޔެއަށް ނަޤްލުވެފައެވެ. މި ބާއްޖަވެރިކަމުގެ އަސާސީ ރުކުންތަކަކީ ފޯނުގެ މަރުކާއާއި، މި ފޯނުގެ އިޞްދާރާއި، ފޯނުގެ ހަނދުމައިގެ (މެމަރީގެ) ބޮޑުކުޑަމިނާއި، އޭނާ ބޭނުންކުރާ އިންޓަރނެޓްގެ ދުވެއްޔެވެ.

އެހެންކަމުން ސުމޭކީ އިސްތިހުލާކުގެ ޝަހްވަތު މި ވަނީ ފޫނެތް ވަޅަކަށް ވެފައެވެ. ދުވަހަކުވެސް މި ވަޅު ނުފުރޭނެތެވެ. ސުމޭކީ އިސްތިހުލާކަށް ފެން ބޮވައިގެންފައިވާ ބޮވައިގަތުން ކެނޑިގެން ނުދާނެތެވެ. ޑރ. މުޙައްމަދު ޢަބްދުﷲ ދިރާޒު އޭނާ ލިޔުއްވި "دستور الأخلاق في القرآن- ކީރިތި ޤުރްއާނުގައި އަޚްލާޤުގެ ދުސްތޫރު" ނަމަކަށް ކިޔާ ފޮތުގައި ޙަޔާތް އިސްތިހުލާކަށް ބަދަލުވަމުންދާކަން ފާހަގަ ކުރައްވާފައި ވެއެވެ. އޭނާ މި ފޮތުގައި ވިދާޅުވެފައިވާ ގޮތުގައި ފާގަތި އިސްތިހުލާކަކީ ރިވެތި އަޚްލާޤަށް އޮތް ވަރަށް ބޮޑު ބިރެކެވެ. ސުމޭކީ ގިނަ އިސްތިހުލާކުތަކަކީ އިންސާނާގެ އެތެރެ ގާނަމުން ކައި ހުސްކުރަމުންދާ އެއްޗެހިތަކެކެވެ. އޭނާގެ އިސްކިރީނުން އޭނާގެ އެތެރެ ހަށި ކަމުން ގާނަމުން ދާނެއެވެ. ދިރާޒު ވިދާޅުވިއެވެ. "ފާގަތިކަމަށް ޓަކައި ކުރާ ހަނގުރާމަ ނިމުމަކާ ކައިރިވަމުންދާ ހެނެއް ހީއެއް ނުވެއެވެ. އަދި ކީއްތޯއެވެ؟ ދުވަހެއް ދުވަހަކަށް ދަނީ ދުރަށެވެ. ތަރައްޤީގެ ކޮންމެ ފިޔަވަޅަކީ އިތުރު ފިޔަވަޅަކަށް އެދުންވެރި ކުރުވާ ކަމެކެވެ." އޭނާ ވިދާޅުވިއެވެ. "އަރާމާއި ރާޙަތު ހޯދުމަށް ޓަކައި އަހުރެމެން ހޭދަކުރާ ވަގުތު ދަނީ އިތުރުވަމުންނެވެ. އެ ރާޙަތުން އަރާމު ލިބޭ ވަގުތުކޮޅަށްވުރެ އެ ރާޙަތު ހޯދުމަށް ހޭދަކުރަން ޖެހޭ ވަގުތު މާ ގިނައެވެ. މި ކަމުގެތެރެއަށް ގެނބުމުގެ ސަބަބުން ވަސީލަތް މި ވަނީ އަމާޒުފަތްގަނޑަށް ވެފައެވެ."

އޮސްޓްރިއާގެ ނޫސްވެރިއެއް ކަމުގައިވާ ރޮބަރޓް މިސިކް ވިދާޅުވާގޮތުގައި "އިންސާނާއަކީ ބާޒާރު ކުރާ ކާއިނެކެވެ." މި ގޮތަށް އޭނާ އިންސާނާ ސިފަކުރެއްވީ މީހާގެ ޝަޚްޞިއްޔަތު ކަނޑައަޅައިދޭ މިއުޔާރުތަކުގެ ތެރޭގައި އިސްތިހުލާކުވުމުންނެވެ. މި މިއުޔާރުގެ ދަށުން މީހާގެ "ކާކުވަންތަކަން" ދެނެގަނެވޭނީ އޭނާ ގަންނަ އެއްޗެހީގެ ބާވަތްތަކާއި މިންވަރުންނެވެ.

ޕޯލެންޑްގެ ފިލޯސަފަރެއް ކަމުގައިވާ ޒިގްމަންޓް ޕާއުމަން ވިދާޅުވާގޮތުގައި "ޙަޔާތް ބާރުވެރިކުރުވާ އެންމެ މަތިވެރި އަގަކީ އިސްތިހުލާކެވެ. އިސްތިހުލާކަށް މިއުޔާރުތަކެއް ޤައިދުތަކެއް ނޯންނާނެއެވެ. އެ އޮންނަން ޖެހޭނީ ނުބަނދެ ދޫކޮށްލެވިފައެވެ. އައު އެއްޗެއް ގަތުމަށް އެދޭއެދުމުގެ ސަބަބުން އޭނާގެ ދެ އަތް މޮހެވެން ޖެހޭނެއެވެ."

ސުމޭކީ އަޅުވެތިކަން

މިއަދު އިންސާނާއަކީ އިސްކިރީނުގެ އަޅެކެވެ. އޭނާއަށް މި އިސްކިރީނާ ދުރަށް ދެވޭކަށް ނެތެވެ. އެހެންކަމުން މި އޮތީ އައު އަޅުވެތިކަމެއް އުފެދިފައެވެ.މި ސުމޭކީ އަޅުވެތިކަމުގެ ސަބަބުން އިންސާނާގެ ނަފްސުގައި ވަނީ އެތައް ޝަހްވަތްތަކެއް އުފައްދައިފައެވެ.

ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވާގޮތުގައި "ބެލުމުގެ ސަބަބުން ބެލުންތައް ވަނީ އިތުރުވެ އުފުލިފައެވެ. ބެލުންތައް ވަނީ "ތިރިނުކުރެވި" ފައެވެ. އެހެނަސް މާތްﷲ އަންގަވަނީ ބެލުންތައް ތިރިކުރުމަށެވެ. ހަޑި ފައިސާ އޮރިޔާން ޖާލުތަކަށް ވުނަކުރުން އިތުރުވީ މި ކަމުގެ ސަބަބުންނެވެ. ދިރާސާތައް ބުނާގޮތުގައި މިފަދަ ޞަފްޙާތަކަށް ޓަކައި ސަތޭކައެއްހާ ބިލިޔަން ޑޮލަރު ވަނީ އޮއްސާފައެވެ.

ސުމޭކުގެ ޒަމާނުގައި އަޚްލާޤުގެ މައިދާނުގައި ފާހަގަކުރެވޭ ކަންތައްތަކުގެ ތެރޭގައި ސުމޭކިއްޔަތާއެކު "ބަރަހަނާ"ވުމުގެ އަޚްލާޤިއްޔާތު މުޖްތަމަޢުގެ ތެރެއަށް ވަންނަމުން ދިޔުން ހިމެނެއެވެ. ތޫނުފިލި ފޯނު ގެންގުޅޭ މީހުން މިފަދަ "އޮރިއާން" ޖާލުތަކަށް ވަނުން ގިނަވަމުންދާތަން ފެނެއެވެ. ކެމެރާގެ ކުރިމަތީގައި އޮރިއާމުން ވަގުތުކޮޅެއް ހޭދަކުރުމުން ޖީބަށް ވަންނަ ފައިސާ އިތުރުވަމުން ދެއެވެ. މިކަމާއެކު މުސްލިމުން ދަންނަ ވަންހަނާކުރުމުގެ ސަޤާފަތް– ނުވަތަ ثقافة الستر– ނެތެމުންދާތަން ފެނެއެވެ. ﷲ ރުހިވޮޑި ނުގަންނަވާ ކަމެއް ކުރެވުމުން އެކަމެއް ވަންހަނާކޮށް އަވަހަށް ތައުބާވުމަށް މުސްލިމުންނަށް އިސްލާންދީން ގޮވައިލައެވެ. އެހެނަސް ސުމޭކު ދުނިޔޭގައި ކެމެރާގެ ކުރިމަތީގައި އޮރިއާންވެލުމަކީ އަވަސް އާމުދަނީއެއް ލިބިދޭ ވަސީލަތެކެވެ. މި ފައިސާކޮޅު އަތަށް އަރާ މީހާއަށް ނޭނގޭ ކަމަކީ އެ މީހާގެ ބަރަހަނާ މަންޒަރުތައް ދުނިޔޭގެ އެތައްއެތައް މިލިއަން ބަޔަކު ބަލާނެކަމެވެ.

ސުމޭކުގެ ދުނިޔޭގައި ސުމޭކުގެ ޖަހާލަތުގެތެރޭގައި ބައެއް މީހުން އެމީހުންގެ ޢައިލާތަކާއި އަވަށްޓެރީންގެ "ލަދުވެތި" ފޮޓޯތަކާއި މަންޒަރުތައް ވެސް ނެޓަށް އަރުވާ ބަރާކުރާތަން ފެނެއެވެ. މި ފަދަ ފޮޓޯތައް ބައެއް ފަހަރަށް ނަގަނީ ސިއްރުން ވަގަށެވެ. ތިމާގެ އަނބިމީހާއާއެކު ކުރުން ހުއްދަ ކަންތައްތަކަކީ އެހެން މީހުންނަށް ދެއްކުން ހުއްދަވާނެ ކަންތައްތަކެއް ނޫންކަން މުސްލިމުން ދަންނަން ޖެހޭނެއެވެ. އަދި އެހެން މީހުންގެ އަބުރަށާއި ކަރާމަތަށާއި ނަފްސުގެ ޢިއްޒަތަށް އަރައިގަތުމަކީ މި ދީން ވެސް އަދި ޤާނޫނު ވެސް ހުއްދަކުރާ ކަމެއް ނޫންކަން ދަންނަ ޖެހޭނެއެވެ.

އިނގިރޭސި ވިލާތުގެ ވަރަށް ފަހުގެ ތަފާސްހިސާބުތަކެއް ހާމަކޮށްފައިވާ ގޮތުގައި އިނގިރޭސިވިލާތުގެ ޒުވާން އަންހެން ކުދީންގެތެރެއިން ތިންބައިކުޅަ އެއްބައި ކުދީން ބަރަހަނާ ވެބް ޞަފްޙާތަކަށް ވަދެ އެ ޞަފްޙާތައް އުކާ ހަދައެވެ. އަދި އެ ޤައުމުގެ ޒުވާން ފިރިހެން ކުދީންގެ ތެރެއިން 75 އިންސައްތަ ކުދީން މި ޞަފްޙާތަކަށް ޒިޔާރަތްކޮށް މި ޞަފްޙާތައް ބަލައި ހަދައެވެ. ސުމޭކާ ޖިންސް ގުޅިލާމެހިފައިވާ މިންވަރަށް ބަލާލުމުން އިންސާނީ އަޚްލާޤިއްޔަތު ހިރާސަށް ހާސާވެފައިވާ މިންވަރު އެނގެއެވެ.

އިންސާނާގެ އޭނާގެ ޖިންސީ ހަކަތަތައް މި ބޭކާރުކޮށްލަނީ އެފަދަ މަންޒަރުތައް ބެލުމަށެވެ. މާތްﷲ އޭނާއާ ޙަވާލުކުރައްވާފައިވާ ދުނިޔެ އާރާސްތު ކުރުމަކަށްނޫނެވެ. މި ދިރާސާތައް ބުނާގޮތުގައި ބަރަހަނާ ކްލިޕްތަކުގެތެރޭގައި ހިމެނޭ 88 އިންސައްތަ ވަނީ ޖިސްމާނީ ހަރުކަށި ޢަމަލުތަކާ ވެސް ގުޅިފައެވެ. އަދި 49 އިންސައްތަ ވަނީ "ހަޑިހުތުރު ގެލެރީ" ބަސްތަކުން ފުރިފައެވެ. މީގެ އިތުރަށް ބަރަހަނާ މަންޒަރުތައް ބެލުމަކީ ތިބާގެ އަމިއްލަ ނަފްސާ ތިބާޔާ ދެމެދުގައި "ނުރުހުން" އުފައްދާ ކަމެކެވެ. މި ކަމުގެ ސަބަބުން ގިނަ ބަޔަކު ވަނީ އެމީހުންގެ އަމިއްލަ ނަފްސުދެކެ ފޫހިވެފައެވެ.

ބޮޑު ބިރެއް  

ސުމޭކީ ނުރައްކާތެރިކަމާއި ޚުޠޫރަތްތެރިކަމަކީ އަޚްލާޤާ ކުރިމަތިވެފައިވާ ބިރުވެރިކަމެކެވެ. މި ފަންނިއްޔާތުގެ ނުބައި އަސަރުތަކާއެކު މުޢާމަލާތު ކުރެވޭނީ މަތިވެރި، ރިވެތި އަޚްލާޤުންނެވެ. ތަޤްވާވެރިކަމާއި ﷲ ދެކެ ބިރުވެތިވުމުންނެވެ. ސުމޭކުގެ ޒަމާނުގައި އޭނާ އޭނާގެ ތޫނުފިލި ފޯނާއެކު މީސްތަކުންނާ އެއްފަރާތަކަށް ޖެހިލައިގެން ހުރެ އެއްވެސް މީހަކަށް ނޭނގޭ ގޮތަށް "ވަރަށް ގިނަ ކަންތައްތަކެއް" ކޮށްލެވިދާނެއެވެ. ސުމޭކީ އަޚްލާޤިއްޔާތު ޟަމީރަށް ތެދުވުމަށް ގޮވައިލައެވެ. ﷲ ތިމާގެ ޢަމަލުތަކަށް ބައްލަވާ ވޮޑިގަންނަވާނެކަން (ﷲގެ މުރާޤަބަތު) ހިތުގައި އޮންނަން ޖެހޭނެއެވެ. އިސްލާމީ ހުރިހާ ޢިބާދާތުތަކެއްގެ ވެސް އަމާޒަކީ މި މުރާޤަބަތު މުއުމިނުންގެ ހިތްތަކުގައި އިންދާ ހެއްދުމެވެ. މި މުރާޤަބަތަކީ އިންސާނާގެ އެތެރެހަށީގައި ވާ ﷲ ސުބްޙާނަހޫ ވަތަޢާލާގެ އަޑުފުޅެވެ. މިހެންވެ އިބްނުލް ޤައްޔިމު ވިދާޅުވަނީ "ﷲ ރުހިވޮޑިނުގަންނަވާ ކަންކަމަށް ތިބާ އަރައިގަތުމަށްފަހު، ﷲގެ ޙަޟްރަތަށް ތިބާ ގޮސް ތިބާ ލޯބިވާ ކަމެއް ކޮށްދެއްވުމަށް އެދުމުގެ މާނައެއް ނެތެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *