Support Us

"ގާރޑިއަންސް އޮފް ދަ ގޭޓް"– ދަސްވީ ކޮން ފިލާވަޅެއް؟

ނިމިދިޔަ ބަރަކާތްތެރި ރަމަޟާނު މަހުގެ ފަހުދިހައިގައި ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް، ޚާއްޞަކޮށް ޣައްޒާގައި ދިރިއުޅެމުންދާ ފަލސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް އިސްރާއީލުން ދޭންފެށި އުދުވާނީ ޙަމަލާތައް ރެއިން ފެށިގެން މިވަމީ ހުއްޓިފައެވެ. އިސްރާއީލުން ދެމުން ދިޔަ ޙަމަލާތައް ހުއްޓާލުމަށް އިސްރާއީލަށް މަޖުބޫރިވި އެތައް ސަބަބެއް އެބައޮތެވެ. އެހެނަސް އެއީ އެހެން މަޢުލޫއެކެވެ.

މި ލިޔުމުގައި މިބަލާލަނީ އދ ގެ ޖެނެރަލް އެސެމްބްލީގައި ރޭގައި ކުރިއަށް ދިޔަ ޖަލްސާގައި ދެކެވުނު ބައެއް ވާހަކަތަކުގެ މައްޗަށެވެ. ކޮންމެއަކަސް، ޞުލްޙައަށް ގޮވާލައި، އދ ގެ ޢާއްމު ޖަލްސާގައި ރޭ ވާހަކަ ދެއްކި ހުޅަނގުގެ ގިނަ ޤައުމުތަކުންނާއި، ޔޫކުރެއިން ފަދަ ހުޅަނގުގެ މަދު ޤައުމުތަކުން ދެއްކި ދެފުށްކެހެރި ވާހަކަތަކަކީ މާނައެއް ނެތް، އިންޞާފެއް ނެތް، މަސްއަލަ އަށް ފިނިކަމެއް ގެނެސްދިނުމުގެ ނިޔަތެއް ނެތް، ޔަހޫދީންގެ ދިފާޢުގައި ދެއްކި ވާހަކަތަކެކެވެ. މުޅި މަސްއަލަ އޮޅުވާލާފައި އޮތްވަރަކީ ފަލަސްޠީނުގެ ނަންވެސް ނުގެނެސް، އުފެދިގެން އުޅޭ މުޅި ވާދަވެރިކަން ސިފަކުރީ ހަމާސް ކިޔާ "ހަރުކަށި" ޖަމާޢަތަކާއި އިސްރާޢީލާއި ދެމެދު އުފެދިގެން ހިނގަމުން އަންނަ ވާދަވެރިކަމެއްގެ ގޮތުގައެވެ.

ފަލަޞްޠީނުގެ ރައްޔިތުންނަށް ޔަހޫދީން ކުރަމުންދާ އަނިޔާ (މިސާލަކަށް ގެދޮރުން ބޭރުކުރުމާއި، ޝަރީޢަތެއް ނުކޮށް ހިފައި ހައްޔަރުކުރުމާއި، އަސާސީ ޚިދުމަތްތަކުން މަޙްރޫމު ކުރުމާއި، ދަނޑުބިންތައް ފޭރެމުގެ އިތުރުން، އަޅުކަން ކުރުމާއި، ހިނގާ ބިނގާވެ އުޅުމާއި ދަތުރުފަތުރު ކުރުމަށް ހުރަސް އެޅުން ފަދަ) ތަކާއި، ފަލަޞްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް އަޅާފައިހުރި މާލީ އަދި އިޤްތިޞާދީ ފިއްތުންތަކާއި، މަދަނީ ތަންތަނަށް ދެމުންދިޔަ، ޙާލަތާއި ނުބައްދަލު ބާރުގަދަ ބޮމުގެ ޙަމަލާތަކާއި، ޤަޞްދުގައި ބަޑިޖަހައި މަރަމުން ދިޔަ ކުޑަކުދިންނާއި އަންހެނުންގެ މަސްއަލަ ކުށްވެރިކުރުމެއް ނެތި، ކުށްވެރިކުރީ ހަމާސް ޖަމާޢަތުން ދެމުންދިޔަ އާދައިގެ ރޮކެޓް ޙަމަލާތަކެވެ.

އިސްރާއީލަށް ދިފާޢުވުމުގެ ޙައްޤު އޮންނަންޖެހޭނެ ކަމަށް ބުނެ އެމެރިކާއާއި، ޔޫރަޕްގެ ޤައުމުތަކުންނާއި ނޯރޑިކް ޤައުމުތަކުގެ މަންދޫބުން ވަކާލާތުކުރަމުން ދިޔައިރު، އަޅުވެތި ކަމުގައި ތިބި ފަލަޞްޠީނުގެ ރައްޔިތުން މިނިވަންވުމަށް މަސައްކަތްކުރުމަށް، 30 ނޮވެމްބަރު 1970މ. ގައި އދ ގެ ޢާއްމު ޖަލްސާއިން ފާސްކޮށްފައިވާ ޤަރާރުން ދީފައި އޮތް ޙައްޤު ފަލްސްޠީނުގެ ރައްޔިތުން ބޭނުންކުރަމުންދާތީ އެކަން ކުށްވެރިވެސް ކުރީއެވެ. އެހެން ނަމަވެސް، އަޅުވެތި ކޮށްފައި ތިބި ބަޔަކާމެދު ޢަމަލުކުރުމަށް ޖެނީވާ ކޮންވެންޝަނުން ލާޒިމުކޮށްފައިވާ ކަންކަމާއި، ބައިނަލް އަޤްވާމީ އިންސާނީ ޙައްޤުތަކާއިބެހޭ މުޢާހަދާގެ ދަށުން ޙިމާޔަތްކޮށްދޭން ޖެހޭ ޙައްޤުތަކަށް އިސްރާއީލުން އިޙްތިރާމް ކުރަމުން ނުދާ މަސްއަލަ ކުށްވެރިކޮށްލަންވެސް ނުކެރުނެވެ. ޤާނޫނީ ވެރިކަމާއި އިންސާނީ ޙައްޤޭ ކިޔަގެން އެންމެ އަޑުގަދަ ކުރަމުންދުވާ މީހުންގެ ހަމައާއި އިންޞާފު ނެތް މިންވަރު ރޭގެ ޖަލްސާއިން ވަރަށް ރަނގަޅަށް ފެނިގެން ދިޔައެވެ.

ޤައްޒާއަކީ ހަމާސްގެ ބާރުގެ ދަށުގައި އޮތް ފަލސްޠީނުގެ ބިމެވެ. މި ބިމަކީ 41 ކިލޯމީޓަރު ދިގު 12 ކިލޯ މީޓަރު ފުޅާ (492 ކިލޯމީޓަރުގެ) ކުޑަކުޑަ ސަރަޙައްްދެކެވެ. މި ސަރަޙައްދުގައި ދެ މިލިއަން މީހުން ދިރިއުޅޭއިރު، މިއީ ދުނިޔޭގައި އެންމެ ބޮޑަށް ތޮއްޖެހިފައި އޮތް ސަރަޙައްދެވެ. އެހެންކަމުން، މި ސަރަޙައްްދުގެ ހުރިހާ ހިސާބަކީވެސް މަދަނީން ދިރިއުޅޭ ސަރަޙައްދެވެ. މާނައަކީ، އެމީހުން ހަނގުރާމަކުރަންދާނެ ހުސްބިމެއް ނޯވެއެެވެ. އެމީހުން ހަނގުރާމަކުރާނަމަ ކުރަންޖެހޭނީ މަދަނީން އުޅޭ ސަރަޙައްދުންނެވެ. މިވަރަށް ބުނީމައި ވިސްނައިގަންނަން ދަތި ފަރާތްތަކަށް މިސާލެއް ދެވޭނީ މާލެއިންނެވެ. މަތިން އައިސް މާލެއަށް ޙަމަލާދޭ ބަޔަކާ ދެކޮޅަށް ރައްދުދޭން، މަދަނީން ނޫޅޭ ސަރަޙައްދަކަށް މާލޭ އެން.އެން.ޑީ.އެފުން ނުވަތަ ޢާއްމު ރައްޔިތުން ދާނީ ކޮންތަނަކަށް ހެއްޔެވެ؟ އެހެނޭ ކިޔާފައި، މާލެތެރެއަށް ބޮން އެޅުން އެއީ އިންޞާފުހެއްޔެވެ؟

ދެ ޤައުމެއް ހަނގުރާމަކުރަމުން ދާއިރު، އެއްވެސް ޤައުމެއްގެ މަދަނީން ހަނގުރާމައަށް ދޭހެއްޔެވެ؟ ދާނީ ކޮންމެ ޤައުމެއްގެ ވެސް ސިފައިން ނޫން ހެއްޔެވެ؟ ޤައްޒާގެ ދިފާޢީ ބާރަކީ ހަމާސްއެވެ. ވުމާއެކު، ޣައްޒާއަށް ދޭ ޙަމަލާއަކަށް ރައްދުދޭނީ ހަމާސްއިންނެވެ. އިސްރާއީލުން ނަމަ އިސްރާއިލުގެ ޑިފެންސް ފޯރސް ނުވަތަ (IDF) އިންނެވެ. ނަމަވެސް، ފަލަސްޠީނާއި އިސްރާއީލާއި ދެމެދު ކުރާ ހަނގުރާމައެއްނަމަ، ހުޅަނގުން އަބަދުވެސް ސިފަކުރާނީ އިސްރާއީލާއި ޙަމާސް އާއި ދެމެދު ކުރާ ހަނގުރާމައެއްގެ ގޮތުގައެވެ. އައި.ޑި.އެފް. އާއި ހަމާސް އާއި ދެމެދު ކުރާ ހަނގުރާމައެކޭ ދުވަހަކުވެސް ނުބުނާނެއެވެ. އަދި ފަލްސްޠީނާއި ދެކޮޅަށް އައި.ޑި.އެފް. އިން ދޭ ޙަމަލާތައް ކުށްވެރި ނުކޮށް އަބަދުވެސް ކުށްވެރިކުރަމުންދަނީ ހަމާސް އިން އިސްރާއީލަށް ދޭ އާދައިގެ ކުދި ރޮކެޓް ޙަމަލާތަކެވެ. މިކަން ސިފަކުރަނީވެސް ނިރުބަވެރި ޙަމަލާތަކެއްގެ ގޮތުގައެވެ. މިއީ، އެއްކަމެއް، ދެ މިންގަނޑަކުން ވަޒަންކުރުން ނޫން ދެން ކޮންކަމެއް ހެއްޔެވެ؟

މީގެ 70 އަހަރުކުރިން، ފަލަސްޠީނުގައި ޔަހޫދީ ދައުލަތެއް ޤާއިމުކުރީ އދ. އިންނެވެ. އެއީ އިނގެރޭސީންގެ އިސްތިޢުމާރުގެ ދަށުގައި އޮތް ފަލަސްޠީނު އދ އާއި ޙަވާލުކުރުމުންނެވެ. އެހެން ނަމަވެސް، މިހާރު އެމެރިކާ އާއި ހުޅަނގުން ބޭނުންވަނީ ފަލަސްޠީނުގެ ކުރިމަގު ކަނޑައަޅުމަށްޓަކައި އދ ގެ ބޭރުން، ފަލަސްޠީނާއި އިސްރާއީލާއި ދެބައި މީހުން ސީދާ ވާހަކަ ދައްކައިގެން މަސްއަލަ ޙައްލުކުރުމަށެވެ. މިހެން ކިޔަކިޔާ ތިބޭތާ އދ އަށް ވީހާ ދުވަހެއް ވެއްޖެއެވެ. މިވެސް، އިސްރާއީލުން ފަލަސްޠީނު އެއްްކޮށް "ކައި ހުސްކޮށް"، ފަލަސްޠީނުގެ ޑިމޮގްެރަފީ ޔަހޫދިންގެ ކޮޅަށް ބުރަކޮށްލުމަށް އިސްރާއީލަށް ވަގުތު ދިނުމުގެ ހިޔަޅު ބުއްދީގައި ދައްކާ ވާހައެކެވެ. މި މަސްއލައަށް އދ ގެ ރޯލެއް ނެތި، އިންޞާފުވެރި، ދާއިމީ ޙައްލެއް ގެނެވޭނެ ގޮތަކީ ނެތްގޮތެކެވެ.

އިސްރާއީލުގެ ބޮޑުބަޑިތަކުން ޣައްޒާއަށް ޙަމަލާދެނީ

ދެހާސް ހަ ވަނަ އަހުރުން ފެށިގެން މިއަހަރުގެ މޭމަހުގެ 20 ވަނަ ދުވަހާއި ހަމައަށް އިސްރާއީލުން ވަނީ ޣައްޒާއާއި ދެކޮޅަށް ހަތް ހަނގުރާމައެއް ކޮށްފައެވެ. އެއީ "ސަމަރ ރެއިންސް" ނަމުގައި 2006 ގައި ކުރި ފުރަތަމަ ހަނގުރާމައާއި، "އޯޓަމް ކްލައުޑްސް" ގެ ނަމުގައި 2006 ވަނަ އަހަރު ކުރި ދެވަނަ ހަނގުރާމައާއި، "ބްލޮކޭޑް އޮފް ޣައްޒާ" ގެ ނަމުގައި 2007 ވަނަ އަހަރު ކުރި ހަނގުރާމަ އާއި، "ހޮޓް އިންޓަރ އޮޕަރޭޝަން" ގެ ނަމުގައި 2008 ވަނަ އަހަރު ކރި ހަނގުރާމަ އާއި، "ރިޓާރިނިންގ އެކޯ" ގެ ނަމުގައި 2012 ގައި ކުރި ހަނގުރާމައާއި، "އެކްޓިވް އެޖް" ގެ ނަމުގައި 2014 ވަނަ އަހަރު ކުރި ހަނގުރާމައާއި، "ގާރޑިއަންސް އޮފް ދަ ގޭޓް"ގެ ނަމުގައި މިމަހުގެ ތެރޭގައި ކުރި ހަނގުރާމައެވެ.

ކޮންމެ ހަނގުރާމައެއްވެސް ފަށަނީ ފަލަސްޠީނުގެ ކިބައިގައި އިސްރާއީލަށް ރަށްދު ދެވޭނެ ޤާބިލުކަން ނައްތާލުމަށާއި، އިތުރު ހަނގުރާމައެއް ކުރަންނުޖެހޭނެ ވަރުކޮށްލުމަށް ކަމަށް ބުނެއެވެ. އެހެން ނަމަވެސް، މިހަނގުރާމަތަކުން އިސްރާއީލަށާއި އިސްރާއީލަށް ވާގިވެރިވާ ހުޅަނގުގެ ނަޞާާރާ ޤައުމުތަކަށް ދަސްނުވި ފިލާވަޅަކީ، ބަޔަކު މީހުން އަޅުވެތި ކޮށްގެން، އަދި އެބައެއްގެ މުދަލާއި ގެދޮރު ސުންނާފަތި ކޮށްގެން އެބަޔަކު މިނިވަންވުމަށާއި އަމިއްލަ ނަފްސުގެ ދިފާޢުގައި ކުރާ ޖިހާދެއް ނުހުއްޓުވޭނެކަމެވެ. އެބަޔަކު އަލުން ނުތެދުވާނެ ވަރެއް ނުކުރެވޭނެ ކަމެވެ. އަދި އެފަދަ ބަޔަކު ހިމޭންކޮށް ނުލެވޭނެކަމެވެ.

ނިންމާލަމުން ބުނެލަން އޮތީ ރޭގައި ވާހަކަފުޅު ދެއްކެވި UNGA ގެ ރައީސް ވޮލްކަން ބޮޒްކީގެ ވާހަކަފުޅަށް ހަމަ ސާބަސްދޭހާ އިންޞާފުވެރިއެވެ. އަދި ހަމައެހެންމެ، ސެކްރެޓަރީ ޖެނެރަލް އެންޓޮނިއޯ ގުތެރޭސްގެ ވާހަކަފުޅުވެސް އެހާމެ އިންޞާފުވެރިއެވެ.

ކޮންމެ އަކަސް މިފަހަރުވެސް ޞުލްޙަ އަތުވެއްޖެއެވެ. ނޭނގެނީ މި ޙާލަތުގައި މި ޞުލްޙަ ދެމިއޮންނާނެ މުއްދަތެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *