Support Us

އިސްރާއީލަށް ދިން ހަމަލާތަކުގައި އީރާނާއެކު އިރާގާއި ޔަމަނުން ވެސް ބައިވެރިވި

މެދުއިރުމަތީގެ މަސްރަހު ހަނގުރާމައެއްގެ ކުލަވަރުން މިއަދު ހުޅު ފަޅައިގެން ދިޔައިރު އިސްރާއީލަށް އީރާނުން ދިން ހަމަލަތަކުގައި އިރާގާއި ޔަމަނުން ވެސް ބައިވެރިވިއެވެ. އަދި ސޫރިޔާ އާއި ލެބަނަންގެ އިމުގައި ވެސް ވަނީ އަސްކަރީ "ހޫނު ކަމެއް" އުފެދިފައި ކަމަށް ސިޔާސީ ތަޖުރިބާކާރުން ވިދާޅުވިއެވެ.

އިސްރާއީލުން ބުނީ އިރާނާއި އެ ގައުމުގެ އެކުވެރިން އިސްރާއީލަށް 300 ޑްރޯން ހަމަލަ އާއި މިސައިލް ފޮނުވާލާފައިވާއިރު އޭގެ ތެރެއިން ގިނަ އެއްޗެހި ވައިގެ ތެރެއިން ވައްޓާލާފައިވާ ކަމަށެވެ.

ސޫރިޔާގެ ވެރިރަށް ދިމިޝްގްގައި ހުންނަ އީރާނުގެ އެމްބަސީއަށް އިސްރާއީލުން މި މަހު އެއް ވަނަ ދުވަހު ހަމަލަ ދީ، އީރާނުގެ 12 އަސްކަރީ އޮފިޝަލުން އަވަހާރަކޮށްލުމުން، ބަދަލު ހިފާނެ ކަމަށް ބުނެފައި، ވޭތުވެދިޔަ 24 ގަޑި އިރު ތެރޭ ކެނޑިނޭޅި އީރާނުން އިސްރާއީލަށް ހަމަލަ ދީފައި، އީރާނުން މިހާރު ވަނީ ހަމަލަތައް ހުއްޓާލައިފައެވެ. އީރާނުން ބުނީ އެމްބަސީއަށް ދިން ހަމަލައާ "ބައްދަލު ވާ ވަރުގެ ހަމަލައެއް" އިސްރާއީލަށް ދެވިއްޖެ ކަމަށެވެ.

"އަހަރެމެންގެ އަސްކަރިއްޔާއިން މި ވަނީ ޒަޔަނިސްޓު ދައުލަތަށް ފިލާވަޅެއް ދީފައި. އިސްރާއީލުން ދިން ހަމަލަ އާ އެއްވަރުގެ އަދި ގާނޫނީ ގޮތުން ހުއްދަ މިންވަރެއްގެ ހަމަލައެއް ދީފައި،" އީރާނުގެ ރައީސް އިބްރާހީމް ރައިސީ ދެއްވި ބަޔާނެއްގައި ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ ހަމަލަތަކަށް ނިސްބަތް ކުރައްވާ ރައިސީ ފާހަގަ ކުރެއްވީ މި ވޭތުވެދިޔަ ހަތް މަސް ދުވަސް ތެރޭގައި ބައިނަލްއަގުވާމީ މުޖުތަމައުން އިސްރާއީލުގެ އަނިޔާވެރިކަން ހުއްޓުވަން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ. އަދި މިކަންކަން ދުނިޔޭގެ ސަމާލުކަމަށް ގެންނަން އީރާނަށް ކުރެވުނު ހުރިހާ މަސައްކަތެއް މި ވޭތުވެދިޔަ ހަތް މަސް ދުވަސް ތެރޭގައި ކޮށްފައިވާނެ ކަމަށެވެ.

"އަހަރެމެން މިއަދު މި އެޅި ޒިންމާދާރު އަދި އެކަށީގެންވާ ފިޔަވަޅަށް ތާއީދުކުރަން އަހަރެމެން ގޮވާލަން. އަދި އިސްރާއީލަށް ތާއީދު ކުރާ ފަރާތްތަކުން އިސްރާއީލަށް ކުރާ ތާއީދު ހުއްޓާލަން އަހަރެމެން ގޮވާލަން،" ރައިސީ ވިދާޅުވިއެވެ.

އީރާނާއި އީރާނުގެ އެކުވެރިން ގުޅިގެން ދިން ހަމަލަތައް ބައިނަލްއަގުވާމީ ދުނިޔޭގެ ގިނަ ގައުމުތަކުން ވަނީ ކުށްވެރިކޮށްފައެވެ. އޭގެ ތެރޭގައި އެމެރިކާ އާއި އިނގިރޭސި ވިލާތާއި ޔޫރަޕްގެ އިއްތިހާދު ހިމެނެއެވެ. އެ ފަރާތްތަކުން ވަނީ އެ ފަރާތްތަކުން ތިބީ އިސްރާއީލަށް ތާއީދު ކުރުން މަތީ ދެމިތިބޭނެ ކަމަށް ބުނެފައެވެ. އަދި މުޅި މެދުއިރުމައްޗަށް މި ހަމަލަތައް ފެތުރި ބޮޑު ހަނގުރާމައަކަށް ވެދާނެތީ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. ނަމަވެސް ޗައިނާއިން ފާހަގަ ކުރީ މި ހަމަލަތަކަކީ ޣައްޒާގައި އިސްރާއީލުން ހިންގާ އަނިޔާވެރިކަމުން ކުރި ފެޅި ހަމަލަތަކެއް ކަމަށެވެ. ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ވެސް އިސްރާއީލުން ވަނީ ޣައްޒާގައި މަދުވެގެން ފަލަސްތީނުގެ 19 މީހުން ޝަހީދުކޮށްލައިފައެވެ. އަދި 200 އަށްވުރެ ގިނަ މީހުން ޒަހަމް ކޮށްލައިފައެވެ.

އީރާނާއި އީރާނުގެ އެކުވެރިން އިސްރާއީލަށް ހަމަލަ ދެމުން ދިޔައިރު، އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ޔަހޫދީ ގެދޮރެވެރިން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ ހަމަލަތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ ގޮތުން 19 ފަލަސްތީނު ރައްޔިތުން ވަނީ ޒަހަމް ކޮށްލައިފައެވެ.

ޣައްޒާގައި އިސްރާއީލުން ފެށި ހަމަލަތަކުގައި ވޭތުވެދިޔަ ހަތް މަސް ދުވަސް ތެރޭގައި މިހާތަނަށް ވަނީ ފަލަސްތީނުގެ 33،729 ރައްޔިތުން ޝަހީދު ކޮށްލައިފައެވެ. އަދި 76،371 މީހުން ޒަހަމް ކޮށްލައިފައެވެ.

ހަމާސްއިން މިދިޔަ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު އިސްރާއީލަށް ދިން ހަމަލަތަކުގައި ވަނީ އިސްރާއީލުގެ 1،139 ޔަހޫދީން މަރާލައިފައެވެ. އަދި ގިނަ އަދަދެއްގެ ޔަހޫދީން މިހާރު ވެސް ތިބީ ރަހީނު ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *