ފޯންގެ ޒަރީއާއިން ބޭންކްތަކުގެ އެކައުންޓްތަކުން ފައިސާ ފޭރުމުގެ 406 ގެ މައްސަލައެއްގައި 494 ސްކޭމަރުން މިދިޔަ އަހަރުގެ ތެރޭގައި ހައްޔަރުކޮށްފައިވާ ކަމަށް ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ރަށް ދުބާއީގެ ފުލުހުން ބުނެފިއެވެ.
ދުބާއީގެ ޖިނާއީ ކުށްތައް ތަހުގީގު ކުރާ ޑިޕާޓްމަންޓުން ބުނީ ސްކޭމަރުން ވަނީ ބޭންކްތަކުގައި ހުރި ޒާތީ މައުލޫމާތު އެންމެ ފަހުގެ މައުލޫމާތާ އެއްގޮތަށް "އަޕްޑޭޓް" ކުރަން ކަމަށް ބުނެ، ކަސްޓަމަރުންގެ ބޭންކް މައުލޫމާތު ސްކޭމަރުންނަށް ލިބޭ ލިންކްތައް ކަސްޓަމަރުންނަށް ފޮނުވާފައި ކަމަށެވެ. އަދި އެ ފަދަ ލިންކަށް "ކްލިކް" ކޮށްލުމުން ކަސްޓަމަރުންގެ އެކައުންޓްތަކަށް ވަނުމަށް ސްކޭމަރުންނަށް ފުރުސަތު ލިބިފައިވާ ކަމަށެވެ.
ސްކޭމަރުން މި ސްކޭމްތައް ހިންގުމަށް ވަނީ ފޯން ކޯލް ކުރުމާއި އީމޭލް، އެސް.އެމް.އެސް އަދި ސޯޝަލް މީޑިއާ ލިންކްތައް ފޮނުވައިފައެވެ. އަދި މި ކަމުގެ ޒަރީއާއިން މި ސްކޭމްތަކުގެ މަޅީގައި ޖެހުނު މީހުންގެ ސޭވިންގްސް އަދި އެހެނިހެން ބޭންކް އެކައުންޓްތަކުން ފައިސާ ފޭރިފައެވެ. ދުބާއީގެ ފުލުހުން ވަނީ މީގެން އެތައް ފައިސާ އާއި މޮބައިލް ފޯނާއި ލެޕްޓޮޕް ކޮމްޕިއުޓަރާއި އަދި ސިމް ކާޑްތައް އަތުލައިގެންފައެވެ.
ޑިޕާޓްމަންޓުގެ ޑައިރެކްޓަރު ބްރިގޭޑިއާ ހަރީބް އަލް ޝަމްސީ އާއްމުންނަށް ނަސޭހަތްތެރިވެފައިވަނީ އެ މީހުންގެ ބޭންކް އެކައުންޓްތަކާއި ކްރެޑިޓް ކާޑާ ބެހޭ މައުލޫމާތު އެހެން މީހުންނާ ހިއްސާ ނުކުރުމަށެވެ. އެއީ މާލީ އިދާރާއެއްގެ ފަރާތުން ކަމަށް ހެދިގެން އުޅޭ މީހުން އެ މައުލޫމާތު ހޯދަން އުޅުނު ކަމުގައި ވިޔަސް މެއެވެ. އެ ގޮތުން، ބޭންކް އެކައުންޓް ފްރީޒް ކޮށްފައިވާ ކަމަށް ނުވަތަ ކްރެޑިޓް ކާޑް ބްލޮކް ވެފައިވާ ކަމަށް ބުނެ، އެ ކަން އަލުން ރަނގަޅު ކުރުމަށް ކަމަށް ބުނެ ފޮނުވާ ލިންކްތަކާމެދު ހުޝިޔާރު ވުމަށް ހަރީބް އިރުޝާދު ދެއްވިއެވެ.

އޭނާ ވިދާޅުވީ ބޭންކް އެކައުންޓްތަކާ ބެހޭ މައުލޫމާތު އަޕްޑޭޓް ކުރުމަށް ފޯން މެދުވެރިކޮށް ބޭންކްގެ އޮފިޝަލުން ނުގުޅާނެ ކަމަށެވެ.
"ކަސްޓަމަރުންގެ ގާތުން މި އެދެނީ އެކައުންޓާ ބެހޭ މައުލޫމާތު އަޕްޑޭޓް ކުރުމަށް ބޭންކްގެ ގޮފިތައް، ނުވަތަ ރަސްމީ އޮފިޝަލުން ނުވަތަ ހަގީގީ އެޕްތައް ބޭނުން ކުރުމަށް،" ހަރީބް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި ފަދަ މަޅިއެއްގައި ޖެހިއްޖެ ނަމަ ވަގުތުން ފުލުހުންނަށް އެންގުމަށެވެ.

ދުބާއީގެ އިގުތިސާދީ ކުށްތަކާ ބެހޭ ޑިޕާޓްމަންޓްގެ ކާނަލް ޑރ. ހާލިދު އާރިފް އަލް ޝައިހް ވިދާޅުވީ ފޯންގެ ޒަރީއާއިން ބޭންކް އެކައުންޓްތަކުން ފައިސާ ފޭރުމުގެ މައްސަލަތައް ހައްލު ކުރުމުގައި މިދިޔަ އަހަރު ރަނގަޅު ކާމިޔާބެއް ލިބުނު ކަމަށެވެ.
"އަހަރެމެންގެ އޮފިސަރުންނާއި ސްޕެޝަލިސްޓުންގެ އެހީގައި ސްކޭމަރުން އަތުލައިގަނެވުނު. މި ފަދަ ކުށްތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމަށް ދުބާއީ ފުލުހުން މަސައްކަތް ކުރާ ކަމުގެ ނިޝާނެއް މިއީ،" ޑރ. ހާލިދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިފަދަ ސްކޭމްތަކާމެދު ދުބާއީ ފުލުހުން އަބަދުވެސް ތިބޭނީ ހުށިޔާރުވެ އަދި ތައްޔާރަށް ކަމަށެވެ. އެ ގޮތުން ލިބޭ ސްކޭމްތަކުގެ ރިޕޯޓްތަކަށާއި މި ފަދަ ކަންތައްތަކަށް 24 ގަޑިއިރު ފިޔަވަޅު އަޅާނެ މުވައްޒަފުން ބިނާ ކުރުމަށް ދުބާއީ ފުލުހުން މަސައްކަތް ކުރުން މަތީ ދެމިތިބޭނެ ކަމަށެވެ. ބޭނުމަކީ އާއްމުންގެ ރައްކާތެރިކަން ދެމެހެއްޓުން ކަމަށެވެ.



advertisment