Support Us

ޔަހޫދީ ޒުވާނާ ގެއްލުމުން ފަލަސްތީނު މީހަކު ޝަހީދުކޮށްލައިފި

އިސްރާއީލުން ހިފައިފައިވާ ފަލަސްތީނުގެ ބިމެއް ކަމަށްވާ ހުޅަނގު އައްސޭރީގައި ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ގެދޮރު އަޅައިގެން އުޅޭ ޔަހޫދީ އާއިލާއެއްގެ އުމުރުން 14 އަހަރުގެ ޒުވާނަކު ގެއްލުމުން ފަލަސްތީނުގެ މީހަކު ޝަހީދުކޮށްލައިފިއެވެ.

ރާމަﷲގެ އިރުއުތުރުގައި އޮންނަ އަލް-މުޣައްޔިރު ވިލެޖަށް ވަދެ ޔަހޫދީ ރައްޔިތުންތަކެއް ފަލަސްތީނު މީހުންނަށް ދިން ހަމަލަތަކުގައި ފަލަސްތީނުގެ މަދުވެގެން 25 މީހުން ވަނީ ޒަހަމްކޮށްލައިފައެވެ.

އިއްޔެ ފެށި މި ހަމަލަތަކުގައި ދޫމާ ވިލެޖުން ވެސް ފަލަސްތީނު މީހުންތަކެއް ވަނީ ޒަހަމްކޮށްލައިފައެވެ. އަދި މިއަދާ ހަމައަށް ވެސް ކުރިއަށް ދިޔަ މި ހަމަލަތަކުގައި ވަނީ ފަލަސްތީނު ރައްޔިތުންގެ ގެދޮރާއި ކާރުތަކުގައި ރޯކޮށްލައިފައެވެ. ފަލަސްތީނު ރައްޔިތުން އަލްޖަޒީރާއަށް ބުނީ މި ހަމަލަތައް ހިންގަމުން ދިޔަ މަންޒަރު އިސްރާއީލު ސިފައިން ބަލަން ތިބި ކަމަށާއި ނަމަވެސް މި ކަމާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް ނާޅާ ކަމަށެވެ. ރާމަﷲގެ އުތުރުގައި ހުރި އަލްޖަޒީރާގެ ނޫސްވެރިޔާ ނިދާ އިބްރާހީމް ބުނީ ފަލަސްތީނުގެ ރައްޔިތުންގެ މަދުވެގެން 40 އުޅަނދަށް ގެއްލުން ދީފައިވާ ކަމަށެވެ.

އިސްރާއީލު ސިފައިން ބުނީ ގެއްލުނު ޔަހޫދީ ޒުވާނާގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ. މިކަމާ ގުޅިގެން އިސްރާއީލުގެ ބޮޑު ވަޒީރު ބުންޔާމީން ނަތަންޔާހޫ ވިދާޅުވީ މިއީ "ބޮޑުވެގެންވާ ޖަރީމާއެއް" ކަމަށެވެ.

އިސްރާއީލުގެ އިދިކޮޅު ލީޑަރު ޔައިރު ލެޕިޑް ވަނީ ފަލަސްތީނު ރައްޔިތުންނަށާއި އެ މީހުންގެ ގެދޮރަށާއި މުދަލަށް ގެއްލުން ދެމުންދާ ޔަހޫދީންނަށް ފާޑު ވިދާޅުވެ، މި ކަން ހުއްޓުވަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

"ހުޅަނގު އައްސޭރީގައި ގެދޮރުވެރިވެގެން އުޅޭ ޔަހޫދީން ފަލަސްތީނު ރައްޔިތުންނަށް ދޭ ހަމަލަތަކަކީ ގާނޫނުތަކާއި ގަވައިދުތަކާ ހިލާފު އަމަލުތަކެއް. އެ ސަރަހައްދުގެ ސަލާމަތީ ކަންތައްތައް ބަލަހައްޓަމުން އަންނަ އިސްރާއީލު ސިފައިންގެ މަސައްކަތަށް ވެސް ހުރަސް އެޅޭ ކަމެއް،" ޔައިރު އެކްސްގައި ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގާނޫނުތައް މުގުރަމުންދާ ޔަހޫދީ ގެދޮރުވެރިންގެ އަމަލުތައް ހަމައަކަށް އެޅުވުމަށް ނަތަންޔާހޫ އާއި އިސްރާއީލުގެ ގައުމީ ސަލާމަތާ ބެހޭ ވަޒީރު އިޓަމާ ބެން-ގްވާ މަސައްކަތް ކުރައްވަން ޖެހޭނެ ކަމަށެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އިސްރާއީލުން ޣައްޒާއަށް ހަމަލަތައް ދޭން ފެށުމުން ހުޅަނގު އައްސޭރީގައި ޔަހޫދީ ގެދޮރުވެރިން ފަލަސްތީނު ރައްޔިތުންނަށް ދެމުންގެންދާ ހަމަލަތައް ވަނީ އިތުރުވެފައެވެ. އަދި މިހާތަނަށް އެތައް ސަތޭކަ ފަލްސްތީނު ރައްޔިތުންވަނީ ހުޅަނގު އައްސޭރީގައި ޝަހީދުކޮށްލައިފައެވެ.

ނިދާ ރިޕޯޓް ކުރި ގޮތުގައި ޔަހޫދީ ގެދޮރުވެރިންގެ ހަމަލަތަކުގައި ޝަހީދުވި ފަލަސްތީނު ރައްޔިތުން އެންމެ ގިނަ ކަމަށް  ރެކޯޑު ކުރެވުނީ މިދިޔަ އަހަރުއެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން ބުނަނީ ޔަހޫދީ ގެދޮރުވެރިން ދޭ ހަމަލަތަކާ ދެކޮޅަށް އިސްރާއީލު ސަރުކާރުން ފިޔަވަޅު ނާޅާ ކަމަށާއި އަދި އެ މީހުންނަށް އެހީ ވާ އިސްރާއީލު ސިފައިންނަށް ވެސް އަދަބު ނުދޭ ކަމަށެވެ.

އެމެރިކާ އާއި އިނގިރޭސި ވިލާތުން ބުނީ ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުންނަށް ހަމަލަ ދޭ ޔަހޫދީ ގެދޮރުވެރިންނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *