Support Us

އަހަރެންގެ ދަރިންނާއި ކާފަދަރިން ޝަހީދުކޮށްލީ ހަމަލަތައް ހުއްޓާލުމަށް އެއްބަސްނުވާންވެގެން: ހަނިއްޔާ

ހަމާސްގެ ސިޔާސީ ލީޑަރެއް ކަމަށްވާ އިސްމާއީލް ހަނިއްޔާގެ ތިން ދަރިންނާއި ތިން ކާފަ ދަރިން އިސްރާއީލު ސިފައިން ޝަހީދުކޮށްލީ ފަލަސްތީނަށް ދެމުންދާ ހަމަލަތައް ހުއްޓާ ނުލުމަށް އިސްރާއީލުން އެދޭތީ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ގަތަރުގައި ހުންނަވައިގެން ހަނިއްޔާ ވިދާޅުވީ ޣައްޒާގައި ތިން ބެއިންނާއި އޭނާގެ ތިން ކާފަދަރިން ދަތުރު ކުރަމުންދިޔަ އުޅަނދަކަށް އިސްރާއީލުން ވައިގެ ހަމަލައެއް އިއްޔެ ދީ އެ ބޭފުޅުން ޝަހީދުކޮށްލާފައިވާ އިތުރު ސަބަބަކީ ހަމާސްއިން މިދިޔަ އޮކްޓޫބަރު މަހު ރަހީނު ކުރި 250 އެއްހާ ޔަހޫދީންގެ ބަދަލުގައި އިސްރާއީލުގެ ޖަލުތަކުގައި ހައްޔަރުކޮށްފައިވާ 900 އެއްހާ ފަލަސްތީނު ރައްޔިތުން ދޫކޮށްލަން އިސްރާއީލުން އުޒުރެއް ދެއްކުމަށް ކަމަށެވެ.

އިސްރާއީލުގެ އަސްކަރިއްޔާ އިޒްރޭލް ޑިފެންސް ފޯސަސް (އައި.ޑީ.އެފް) އާއި އިސްރާއީލުގެ ސަލާމަތީ އޭޖެންސީ އިޒްރޭލް ސެކިއުރިޓީ އޭޖެންސީ (އައި.އެސް.އޭ) އިން ބުނީ ޝަހީދު ކޮށްލާފައިވަނީ ހަމާސްގެ އަސްކަރީ ގޮފީގެ ކޮމާންޑަރެއް ކަމަށްވާ އާމިރު ހަނިއްޔާ އާއި ހަމާސްގެ ހަނގުރާމަވެރިން ކަމަށްވާ މުހައްމަދު ހަނިއްޔާ އާއި ހާޒިމް ހަނިއްޔާ ކަމަށެވެ. މި ހަމަލާގައި ވެހިކަލްގެ ޑްރައިވަރު ވެސް ވަނީ ޝަހީދު ކޮށްލައިފައެވެ.

ހަމާސް ސަރުކާރުގެ މީޑިއާ އިދާރާއިން ބުނީ ހަނިއްޔާގެ ތިން ދަރިންނާއި ތިން ކާފަދަރިން ދަތުރު ކުރަމުން ދިޔައީ ފިތުރު އީދުގެ މުނާސަބަތުގައި އިޖުތިމާއީ އަދި އާއިލީ ގުޅުންތައް ބަދަހި ކުރުމަށް ކަމަށެވެ.

މި ކަމާ ގުޅިގެން ހަނިއްޔާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ހަމާސްގެ ވެރިންގެ ދަރިން ޝަހީދު ކުރުން ވެގެންދާނީ ފަލަސްތީނުގެ އުސޫލުތަކުގައި ހިފުމަށާއި ފަލަސްތީނުގެ ބިމަށް އޮތް ލޯބި އިތުރަށް ވަރުގަދަ ވެގެންދާނެ ކަމެއް ކަމަށެވެ.

"ހަމަލަތައް ބަދަލު ކުރުން ވަގުތީ ގޮތުން ހުއްޓާލުމަށް ކުރަމުން އަންނަ މަޝްވަރާތައް ކޮޅެއްގައި ނުޖެހި އުޅެނިކޮށް އަހަރެންގެ ދަރިންނާއި ކާފަދަރިން ޝަހީދު ކޮށްލުމުން ހަމާސް އިން ދޫދޭނެ ކަމަށް ދުށުމަކީ ކުށްހީއެއް،" ހަނިއްޔާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރަފާހު ފަތަހަ ކުރަން އިސްރާއީލު ސިފައިން ރާވާ ރޭވުމަކަށް ހަމާސް ޖެހިލުން ނުވާ ކަމަށެވެ. ޣައްޒާގައި ހަމާސް އަށް ދެމުންދާ ހަމަލަތަކުގެ ސަބަބުން ފަލަސްތީނުގެ 1.5 މިލިއަން ރައްޔިތުން މިހާރު ތިބީ ރަފާހުން ހިމާޔަތް ހޯދައިގެންނެވެ.

ހަނިއްޔާ އިތުރަށް ވިދާޅުވީ ހަމާސްއިން އަމާން ނުދޭނެ ކަމަށާއި އެއީ ކިތައްމެ ބޮޑު ގުރުބާނީއެއް ވާން ޖެހުނު ކަމުގައި ވިޔަސް މެއެވެ.

އިސްރާއީލުގެ އޮފިޝަލަކު ވިދާޅުވީ "ޓެރަރިސްޓު"ންނަށް ދޭ ހަމަލަތައް ކުރިއަށް ގެންދާނެ ކަމަށާއި މިއީ ހަމާސް އާއި އިސްރާއީލު ސިފައިންނާ ދެމެދު ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް ބާއްވަމުން އަންނަ މަޝްވަރާ ބައްދަލުވުންތަކާ ގުޅުމެއް ވާ ކަމެއް ނޫން ކަމަށެވެ.

އިސްރާއީލުގެ އެހެން ދެ އޮފިޝަލަކު ވިދާޅުވީ ހަނިއްޔާގެ ދަރިންނާއި ކާފަދަރިން ޝަހީދުކޮށްލަން ދިން ވައިގެ ހަމަލައާ ބެހޭ ގޮތުން އެ ހަމަލަ ދިނުމުގެ ކުރިން އިސްރާއީލުގެ ބޮޑު ވަޒީރު ބުންޔާމީން ނަތަންޔާހޫ އަދި އިސްރާއީލުގެ ދިފާއީ ވަޒީރު ޔޯވް ގެލެންޓްއަށް މައުލޫމާތު ނާރުވާ ކަމަށެވެ.

އިސްރާއީލާއި ހަމާސް އާ ބަދަލު ކުރަމުންދާ ހަމަލަތައް ވަގުތީ ގޮތުން ހުއްޓާލުމަށް ނުވަތަ "ސީޒްފަޔާ"އަކަށް އެއްބަސްވުމަށް ބައިނަލްއަގުވާމީ ގައުމުތަކުގެ ޕްރެޝަރު އަންނަނީ އިތުރުވަމުންނެވެ. ސަބަބަކީ ފަލަސްތީނުގެ އާއްމު ރައްޔިތުންގެ 33،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލުމާ ގުޅިގެންނެވެ. އަދި މީގެ އިތުރުން އުމްރާނީ ބިނާތަކާއި ތަކެއްޗަށް ގެއްލުން ދެމުންދާތީއެވެ. އިސްރާއީލުން ޣައްޒާއަށް އެހީ ފޯރާނެ ހުރިހާ މަގެއް ބަންދުކޮށްލުމަކީ ވެސް ދުނިޔޭގެ ނުރުހުން އިސްރާއީލަށް ކުރިމަތިވެފައިވާ ސަބަބެކެވެ.

އެމެރިކާއިން މިހާރު ހުށަހަޅާފައިވާ ސީޒްފަޔާ މުއާހަދާގެ ދެލިކޮޕީގައި ހިމެނެނީ އިސްރާއީލުގެ ރަހީނުންނާއި ފަލަސްތީނުގެ ގައިދީން މިނިވަން ކުރުމަށް ތިން މަރުހަލާއެކެވެ. އެ ގޮތުން ފުރަތަމަ މަރުހަލާގައި އިސްރާއީލުގެ 40 ރަހީނުން ހަމާސްއިން ދޫކޮށްލަން ޖެހެއެވެ. އަދި އިސްރާއީލުން ކުރިން އެއްބަސްވެފައިވާ އަދަދަށްވުރެ އިތުރަށް ފަލަސްތީނުގެ ގައިދީން ދޫކޮށްލަން ޖެހެއެވެ.

ހަމާސްއިން އިއްޔެ ބުނީ އިސްރާއީލުން ބުނާ 40 ޔަހޫދީ ރަހީނުން ހަމާސްގެ ބެލުމުގެ ދަށުގައި ނުވާ ކަމަށެވެ. މިހެންވެ އިސްރާއީލުން ދެކެނީ މި މީހުން މަރުވެފައިވާ ކަމަށެވެ.

ހަމާސްގެ އަތްދަށުގައި މިހާރު ތިބި ގާތްގަނޑަކަށް 100 އެއްހާ ޔަހޫދީންނަކީ އައި.ޑީ.އެފްގެ އަސްކަރީ ސިފައިން ކަމަށާއި ނުވަތަ އަސްކަރިއްޔާއަށް ވަނުމުގެ ޝަރުތު ހަމަވާ މީހުން ކަމަށް ބެލެވެއެވެ. ނަތަންޔާހޫގެ އޮފީހުން އިއްޔެ ބުނީ އޮކްޓޫބަރު 7 ގައި ހަމާސްއިން ދިން ހަމަލަތަކުގައި ރަހީނު ކުރި 129 ޔަހޫދީންގެ ތެރެއިން 33 މީހަކު މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *