Support Us

ހިޔާ ފުލެޓްތަކުގެ ގުރުނެގުމުގެ ދެ ވަނަ ބުރު އާދިއްތަ ދުވަހު

ހިޔާ މަޝްރޫޢުގެ ފުލެޓްތަކުގެ ގުރުއަތު ނެގުމުގެ ދެ ވަނަ ބުރު އަންނަ އާދިއްތަ ދުވަހު ފަށައި، ގިނަ ކެޓަގަރީތަކެއް ނިމެންދެން ގުރުއަތުލުން ކުރިޔަށް ގެންދާ ގޮތަށް ހަމަޖައްސައިފިއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީން) ނެރުނު އިއުލާނެއްގައި ބުނީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހިންގާ މަޝްރޫޢުގެ ދަށުން ހުޅުމާލެ ފޭސް ދޭއްގައި އިމާރާތް ކޮށްފައިވާ 6،720 ފުލެޓް ލިބިފައިވާ ފަރާތްތަކަށް، ލިބެނީ ކޮން ފުލެޓެއްކަން ކަނޑައެޅުމަށްޓަކައި ފުލެޓް ލިބުނު ފަރާތްތަކުގެ މެދުގައި ގުރުއަތެއްލައި، އެ ފަރާތްތަކަށް ލިބޭ ފުލެޓް ކަނޑައެޅުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ސަރުކާރުން ވަނީ އެ ކޯޕަރޭޝަނާ ހަވާލުކޮށްފައި ކަމަށެވެ.

ހިޔާ މަޝްރޫޢުގެ ފްލެޓްތަކުގެ ގުރުއަތުލުން ފެށީ އެޕްރީލް އަށް ވަނަ ދުވަހުއެވެ. އެ ދުވަހު ވަނީ ހާއްސަ އެހީއަށް ބޭނުންވާ މީހުން (H10)ގެ ކެޓަގަރީގެ 188 މީހުންގެ ފްލެޓްގެ ގުރު ނަގައިފައެވެ. އާދިއްތަ ދުވަހު ފަށަނީ ބާކީ ހުރި ކެޓަގަރީތަކުގެއެވެ. އެއީ H4 (ޑޮކްޓަރުންނާއި ނަރުހުންނަށް ޙާއްޞަ)، H5 (ޓީޗަރުންނަށް ޚާއްޞަ)، H6 (އެކަނިވެރި މައިންނާއި ބަފައިންނަށް ޚާއްޞަ)، H7 (18 އަހަރާއި 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ޚާއްޞަ)، H8 (މާލޭ ރަށްވެހިންނަށް ޚާއްޞަ) H9 (މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ޚާއްޞަ) އަދި ސިވިލް ސަރވިސް މުވައްޒަފުންނަށް ޚާއްޞަ) (ފަންނީ، އިދާރީ، ސަޕޯރޓްގެ) ކެޓަގަރީތަކުގެ އިތުރުން  ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން އަރަބިއްޔާ އަދި ގާކޮށިން ފުލެޓު ލިބި، ފުލެޓަށް ފައިސާ ނުދެއްކިގެން ފުލެޓު ލިބިފައިނުވާ ފަރާތްތަކުގެ ތެރެއިން ހިޔާ ފުލެޓު ޚިޔާރުކޮށްފައިވާ ފަރާތްތަކާއި، ގުޅިފަޅުން ފުލެޓް ގަނެފައިވާ ފަރާތްތަކުގެ ތެރެއިން ހިޔާ ފުލުޓް ޚިޔާރުކޮށްފައިވާ ފަރާތްތައް ކަމަށް އެޗް.ޑީ.ސީން ބުނެއެވެ.

ގުރުއަތު ނެގުމުގެ މަސައްކަތް ކުރިޔަށް ގެންދާނެ ގޮތް ވެސް އެޗް.ޑީ.ސީގެ އިއުލާނުގައިވެއެވެ.

ގުރުއަތު ނަގާނެ ގޮތް:

  1. ގުރުއަތު ނަގާނީ މަތީގައި ބަޔާންކޮށްފައިވާ ކެޓެގަރީތަކަށެވެ.
  2. ގުރުޢަތު ނަގާނީ 25 އޭޕްރީލް 2021 (އާދިއްތަ) ދުވަހުން ފެށިގެން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގައި ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ.
    ފުރަތަމަ ދަންފަޅި: ހެނދުނު 9:00 އަކުން ފެށިގެން މެންދުރު 12:00 އަށް
    ދެވަނަ ދަންފަޅި: މެންދުރުފަހު 13:00 އަކުން ފެށިގެން ހަވީރު 15:00 އަށް
  3. ގުރުއަތު ނަގާނީ، ފްލެޓް ލިބިފައިވާ ކަމަށް ސަރުކާރުން ކަނޑައަޅުއްވާ މިކޯޕަރޭޝަނާއި ޙިއްސާކުރައްވާފައިވާ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ އައި.ޑީ.ކާޑު ނަމްބަރު ތަރުތީބުންނެވެ.
  4. ކޮންމެ ދުވަހަކުވެސް ގުރުއަތުން ނަގާނީ ކަނޑައެޅިފައިވާ ވަކި އަދަދެއްގެ ފަރާތްތަކުގެ މެދުގައެވެ.
  5. ކޮންމެ ދުވަހެއްގެވެސް ގުރުއަތުން ނަގާ ފަރާތްތަކުގެ މަޢުލޫމާތު ގުރުއަތު ނަގާ ދުވަހުގެ އެއް ދުވަސް ކުރިން ޢާންމު ކުރެވޭނެއެވެ.
  6. ގުރުޢަތު ނަގާނީ، ދަޢުލަތުގެ މީޑިއާ ޕީ.އެސް.އެމް އިން ލައިވްކޮށް ދައްކަމުންނެވެ. އަދި މީޑިއާގެ އެހެން ވަސީލަތް ތަކުންވެސް ލައިވް މަންޒަރު ދެއްކުމަށް މަސައްކަތް ކުރެވޭނެއެވެ.
  7. މި ދުވަސްވަރަކީ ކޮވިޑްގެ ދުވަސްވަރު ކަމަށްވާތީ HPA ގެ ގައިޑްލައިން އާއި އެއްގޮތްވާ ގޮތުގެމަތިން ގުރުޢަތު ނަގާ ހޯލަށް ދަޢުވަތު ދެވިގެން ވަޑައިގަންނަވާ އޮބްޒާވަރުންނަށް ވަނުމުގެ ފުރުޞަތު ދެވޭނެއެވެ.
  8. ގުރުޢަތު ނަގާއިރު، ނެގުނު ފުލެޓާއި، ފުލޯ އާއި ޓަވަރު އިނގޭގޮތަށް ޓީވީ ސްކްރީނުން ފެންނާނެއެވެ. މީގެ އިތުރުން ފުލެޓް ލިބުނު ފަރާތުން ދެއްވާފައިވާ ފޯނު ނަމްބަރަށް SMS އެއް ލިބިލައްވާނެ، މި SMS ގައި ނެގުނު ފުލެޓް، ޓަވަރު، ފުލޯ ހިމެނިފައިވާނެ އަދި މި މެސެޖުގައި ވާ ލިންކަށް ކްލިކް ކޮށްލުމުން ގުރުއަތުން ނެގުނު ފުލެޓްގެ އިތުރު މަޢުލޫމާތު ފެނިލައްވާނެއެވެ.
  9. މި ގުރުއަތަށްފަހު ލިބުނު ފުލެޓްގެ އެގްރީމެންޓްގައި ސޮއިކުރުމާއި، ފުލެޓްގެ ތަޅުދަނޑި ޙަވާލުކުރާނެ ތާރީހެއް ފަހުން އިޢުލާނު ކުރެވޭނެއެވެ.

 

"ހިޔާ މަޝްރޫއު" ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފުރަތަމަ ޕްލޭންކުރި 7،000 ފްލެޓަށް 12 ކެޓަގަރީއަކުން ކުރިމަތިލާން ހުޅުވާލުމުން ގާތްގަނޑަކަށް 25،000 ފޯމު ހުށަހެޅި އެވެ. އަދި "ޝަރުތު ހަމަވާ މީހުންގެ ލިސްޓު" އިއުލާންކޮށް، 2018 ނޮވެމްބަރުގައި ރައީސް ޔާމީނުގެ ދައުރު ނިމުމުގެ ކުރިން ވަނީ ފްލެޓް ލިބުނު ކަމުގެ ލިއުން ވެސް ދީފައެވެ. ނަމަވެސް، ފްލެޓަށް "ޝަރުތު ހަމަވާ މީހުންގެ ލިސްޓު" ހެދުމުގައި އޮޅުވާލުންތަކެއް ހުރި ކަމަށް ތުހުމަތުކޮށް، ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ އެކަމަށް ހާއްސަ ކޮމިޓީއެއް އުފައްދައި، ގޭގެއަށް ގޮސް ދިރިއުޅުމުގެ ހާލަތު ވެސް ބަލައި، އެ ލިސްޓު އަލުންބަލުން ބަލައި "ޝަރުތު ހަމަވާ މީހުންގެ ލިސްޓު" އަނެއްކާ ވެސް އާންމުކޮށްފައެވެ. މި ސަރުކާރުން އާންމުކުރި ލިސްޓުގައި، ބައެއް މީހުންނަށް ވަނީ ކުރިއަށްވުރެ ޕޮއިންޓް އިތުރުވެ، އަނެއް ބަޔަކަށް ދަށްވެފައެވެ. ނަތީޖާއެއްގެ ގޮތުން ފްލެޓް ލިބޭނެ ކަމަށް ލިއުން ލިބިފައިވާ ބައެއް މީހުންނަށް ވެސް މިހާރު ވަނީ ފްލެޓް ކަޓައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް