Support Us

އޮސްޓްރޭލިއާ އިން ހަދިޔާކުރި އަސްކަރީ މަނަވަރު ކޮމިޝަން ކޮށްދެއްވައިފި

ދިވެހި ސަރުކާރުގެ އެދުމުގެ މަތިން، ހިލޭއެހީގެ ގޮތުގައި އޮސްޓްރޭލިއާ ސަރުކާރުން ހަދިޔާކުރި އަސްކަރީ މަނަވަރު، "ޢިމާދުއްދީން" ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު ކޮމިޝަންކޮށްދެއްވައިފިއެވެ.

މިރޭ ހުޅުމާލެ އިންޓަރނޭޝަނަލް ޓަރމިނަލްގައި އޮތް މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ، މަނަވަރު ހަދިޔާކުރެއްވިކަމުގެ ރަމްޒު ހަވާލުކޮށްދެއްވައި، ދިވެހިރާއްޖޭގެ ފަރާތުން އޮސްޓްރޭލިޔާ ސަރުކާރަށް ދޭ ޝުކުރުގެ ލިޔުންޒ ހަވާލުކުރިމަށް ކުރިއަށްގެންދިޔަ ނަމްބަރު ޝަރަފުވެރިކޮށްދެއްވައިފައެވެ. އެއަށްފަހު އެމަނިކުފާނު ވަނީ މަނަވަރުގެ ނަން ކަޝްފުކޮށްދެއްވައިފައެވެ.

ޤައުމީ ދިފާޢީ ބާރުގެ ކޯސްޓްގާޑް ފްލީޓަށް އިތުރުކުރެވުނު ނޭވީ މަނަވަރު "ޢިމާދުއްދީން"ގެ ޚިދުމަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އެވެ. މިގޮތުން މަނަވަރު ކޮމިޝަންކުރެއްވިކަމުގެ ލިޔުމާއި ދިވެހި ޤައުމީ ދިދަ، މަނަވަރުގެ ކޮމާންޑިން އޮފިސަރ ލެފްޓިނެންޓް ކާނަލް ސިނާން ޒާހިރާ އެމަނިކުފާނު ޙަވާލުކޮށްދެއްވިއެވެ. އެއަށްފަހު މަނަވަރުގެ ކުރޫއިން ވަނީ "ޢިމާދުއްދީން"އަށް އަރައި، ކޮމިޝަންކުރުމުގެ ޑްރިލް ފުރިހަމަކޮށްފައެވެ.ލ

މިރޭގެ ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާ އަރިހުގައި މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އޮސްޓްރޭލިއާގެ އިސް މަންދޫބުންނާއި، ދެ ޤައުމުގެ އިސް އޮފިޝަލުން ވަނީ "ޢިމާދުއްދީން" މަނަވަރަށް އަރާވަޑައިގެން، މަނަވަރު ބައްލަވާލައްވައިފައެވެ.

"ޢިމާދުއްދީން"އަކީ، ދިވެހި އަސްކަރިއްޔާގެ ދިފާއީ ވަސީލަތްތައް ވަރުގަދަކޮށް، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އޮސްޓްރޭލިއާ ސަރުކާރާ އެކު ކުރެއްވި މަސައްކަތްޕުޅުން ހޯއްދަވައިދެއްވި އުޅަނދެކެވެ. ކޯސްޓްގާޑުގެ އޮޕަރޭޝަނަލް ކެޕޭސިޓީ ދެގުނަކޮށް، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ފުރިހަމައަށް ބެލެހެއްޓޭނެ ފަދަ ބާރަކަށް އެމްއެންޑީއެފް ހެއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާގެ މުހިންމު ވައުދުފުޅެކެވެ.

މިގޮތުން އޮސްޓްރޭލިއާ އާއި ދިވެހިރާއްޖެއާ ދެމެދުގައި އޮތް ވަރުގަދަ ބަދަހި ގުޅުމުގެ ރަމްޒެއްގެ ގޮތުގައި އޮސްޓްރޭލިއާގެ ޑިފެންސް ކޯޕަރޭޝަން ޕްރޮގްރާމްގެ ދަށުން ހަދިޔާކޮށްފައިވާ މި އުޅަނދަކީ، އޮސްޓްރޭލިއާގެ ޕާތުގެ ހެންޑަސަން ޝިޕްޔާޑުގައި، އޮސްޓަލް ލިމިޓެޑުން ބަނދެފައިވާ މުޅިން އައު އުޅަނދެކެވެ.

މި އުޅަނދު ރާއްޖެއަށް އައުމުގެ ކުރިން، އެމްއެންޑީއެފް ކޯސްޓްގާޑުގެ ފަޅުވެރިން ވަނީ އޮސްޓްރޭލިއާގައި މި އުޅަނދު އޮޕަރޭޓްކުރާނެ ގޮތުގެ ޚާއްޞަ ތަމްރީނުތަކާއި ފެމިލިއަރައިޒޭޝަން ޓްރަޔަލްސްތައް ފުރިހަމަކޮށްފައެވެ.

"ޢިމާދުއްދީން" ކޮމިޝަންކޮށް، ރަސްމީކޮށް ޚިދުމަތަށް ނެރެވުމާއެކު ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމާއި، ކަނޑުމަތީގައި ހިންގާ ޣައިރުޤާނޫނީ ޢަމަލުތައް ހުއްޓުވުމާއި، ކަނޑުމަތީގައި ދިމާވާ ޙާދިސާތަކުގައި މީހުން ހޯދުމާއި ސަލާމަތްކުރުމުގެ ޤާބިލުކަން މިހާރަށް ވުރެ އިތުރުވެގެންދާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި މިއީ ސަރަޙައްދީ ސަލާމަތާއި ހަމަޖެހުމަށް ދިވެހިރާއްޖެއިން އަދާކުރާ ދައުރަށް ވެސް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *