މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
ދައުލަތުގެ މައި ވިޔަފާރި ކުންފުނީގެ ވެބްސައިޓްގައިވާ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ދެވަނަ ކުއާޓަރުގެ އާމްދަނީ އަކީ 6.98 ބިލިއަން ރުފިޔާއެވެ. މިއީ މީގެ ކުރީ ކުއާޓަރާ އަޅާ ބަލާއިރު 27 އިންސައްތައިގެ އިތުރުވުމެކެވެ.
"އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ މެދުއިރުމަތީ ހަނގުރާމައާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މަތިވުމެވެ. ތެލުގެ އަގު މަތިވުމާއެކު އާމްދަނީ އިތުރުވި ނަމަވެސް، ދިވެހިރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު ކޮންޓްރޯލް ކުރުމުގެ ގޮތުން ސަރުކާރާއި އެސްޓީއޯއިން ކުރި މަސައްކަތުގެ ނަތީޖާއިން ރައްޔިތުންނަށް ފޯރުކޮށްދޭ ތެލުގެ އަގުތައް ނިސްބަތުން މަތިނުކޮށް ހިފެހެއްޓުމުގެ ނަތީޖާއެއްގެ ގޮތުން ތެލުގެ މާޖިން ކުޑަވެ ތެލުގެ ވިޔަފާރިން ލިބުނު ޖުމްލަ ފައިދާ ވަނީ ދަށްވެފައެވެ. ނަމަވެސް، ކުންފުނީގެ އެހެނިހެން ވިޔަފާރިން ލިބުނު ފައިދާ އިތުރުވުމާއެކު، ޖުމްލަ ފައިދާ އަށް ކުރި އަސަރު ވަނީ ކުޑަކުރެވިފައެވެ. އެގޮތުން، މި ކުއާޓަރުގައި ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައިވަނީ 757 މިލިއަން ރުފިޔާއެވެ." އެސްޓީއޯގެ ބަޔާނެއްގައިވެއެވެ.
"ޖުމްލަ ފައިދާ ދަށްވި ނަމަވެސް އިދާރީ ހިންގުމާއި ފައިނޭންސް ކުރުމަށް ކުރެވުނު ހަރަދު މެނޭޖްކުރުމާއެކު ދެވަނަ ކުއާޓަރުގައި ޓެކުހަށް ކެނޑުމުގެ ކުރިން ފައިދާގެ ގޮތުގައި ވަނީ 335 މިލިއަން ރުފިޔާ ލިބިފައެވެ. ޓެކުހަށް ކެނޑުމަށްފަހު، މި ކުއާޓަރގެ ސާފު ފައިދާގެ ގޮތުގައި ވަނީ 280 މިލިއަން ރުފިޔާ ލިބިފައެވެ."
"މި ފުރުސަތުގައި އެސްޓީއޯގެ ވިޔަފާރީގެ އެންމެހާ ބައިވެރިން އެސްޓީއޯގެ ކަންކަމާމެދު ބަހައްޓަވާ ގާތްކަމާއި ދެއްވާ އެހީތެރިކަމާއި އެއްބާރުލުމަށް، ނިހާޔަތައް ޝުކުރު ދަންނަވަމެވެ." އެސްޓީއޯގެ ބަޔާނުގައިވެއެވެ.



advertisment

