Support Us

ޝިޕް ޢިމާދުއްދީން: ޒަމާނީ ވަސީލަތްތައް ޤާއިމުކޮށްފައިވާ ގާޑިއަން ކްލާހުގެ މުޅިން އާ މަނަވަރެއް

އޮސްޓްރޭލިޔާ ސަރުކާރާއި ރައްޔިތުން ދިވެހިރާއްޖެއަށް ހަދިޔާކުރި މަނަވަރަކީ ގާޑިއަން ކުލާހުގެ މަނަވަރެކެވެ. މި މަނަވަރު ދިވެހި އަސްކަރިއްޔާގެ ކޯސްޓްގާޑުގެ އަރުމާދަށް އިތުރުކުރައްވައި، "ޢިމާދުއްދީން" ގެ ނަމުގައި ރޭ ޚިދުމަތަށް ނެރެދެއްވީ (ކޮމިޝަން ކޮށްދެއްވީ) ނަމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

މި މަނަވަރުގެ ނަން ނިސްބަތް މި ވަނީ އުތީމު ދަރިކޮޅުން ދިވެހިރާއްޖޭގައި ރަސްކަންކުރައްވައި ޤައުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (އެއްވަނަ) ސިރީ ކުލަ ސުންދުރަ ކައްތިރި ބަވަނަ މަހާރަދުން (1621-1648) ނަށެވެ. މިއީ ދިވެހި ތާރީޚުގައި މަޝްހޫރު "ބޮޑު ރަސްގެފާނެ"ވެ. ޒުވާން ދުވަސްވަރު މި ރަދުން މަޝްހޫރުވީ "ކަޅުތުއްކަލާ"ގެ ނަންފުޅުންނެވެ.

މިއީ ދިވެހީންގެ މިނިވަންކަމަށް ބޭރުގެ ފަރާތްތަކުން ދެމުންދިޔަ ހަމަލާތަކުން ފުރަމާލެ ދިފާޢުކުރައްވައި ރަސްކަމުގެ ކޮއިލު ސަލާމަތް ކުރެއްވުމަށް އަސްކަރީ ވިސްނުންފުޅުގައި ދިފާޢީގޮތުން ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި ރަސްކަލެކެވެ. ރަސްކަމުގައި ހުންނަވައިގެން ޤައުމުގެ ދިފާޢުގައި ޖިހާދު ކުރެއްވި އަސްކަރީ ވަރުގަދަ ކޮމާންޑަރެކެވެ. މާލޭގެ އުތުރު ފަރާތުގައި ބަޑިބުރުޒުތައް ހައްދަވައި، ދެ ބުރުޒު ދޭތެރޭގައި އުސް ފާރެއް (ބޮޑުފާރު ނުވަތަ މައިފާރު) ލައްވައި ބަޑި ދޮރުތައް ކެނޑުއްވިއެވެ. ރަސްކަމުގެ ބޮޑު ގަނޑުވަރު އަލުން މަރާމާތްކުރައްވައި އެތެރެ ކޮއިލު ވަށައިގެން ދިފާޢީ ފާރެއް ލައްވައި އެ ފާރުގައި ވެސް ބަޑިދޮރުތައް ކަނޑުއްވައި ބޭރުން ކަންޒެއް ކޮންނެވިއެވެ. މާލޭގެ އުތުރު ފަރާތުގައި ތޮށިލައްވައި ކަނޑިންމަ ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސެވިއެވެ. އަދި ރާއްޖެއިން ބޭރުން ބޮޑު ބަޑިއާއި ހަތިޔާރު ހޯއްދެވިއެވެ. އަދި ރަސްކަމުގެ ވަރަށް ކުރީކޮޅު ރާއްޖެ އައިސް މާލެ ހިފުމަށް ހަނގުރާމަކުރި ޕޯޗުގީޒުންގެ ގުރާބުތަކާ ދެކޮޅަށް މި ރަދުންގެ ޤިޔާދަތުގެ ދަށުގައި ޖިހާދުކުރައްވައި ދުޝްމަނުންގެ މައްޗަށް ވަނީ ނަޞްރު ހޯއްދަވައިފައެވެ.

އަސްކަރީ ގޮތުންނާއި ދިފާޢީ ގޮތުން މިވަރުގެ ވަރުގަދަ ޤައުމީ ބަޠަލެއްގެ ނަންފުޅަށް ނިސްބަތްކޮށް ޚިދުމަތަށް ނެރެވުނު މި މަނަވަރަކީ އޮސްޓްރޭލިއާގެ "އޮސްޓަލް ލިމިޓެޑް"އިން ފަރުމާކޮށް، ބަނދެފައިވާ މަނަވަރެކެވެ. މިއީ ކަނޑުމަތީގައި ފުޅާ ދާއިރާއެއްގައި އޮޕަރޭޓްކުރުމަށް އެކަށޭނެ އެންމެ ޒަމާނީ ނިޒާމުތަކާއި ޓެކްނޮލޮޖީ އެކުލެވޭގޮތަށް ފަރުމާކުރެވިފައިވާ މަނަވަރެކެވެ. މި މަނަވަރުގެ ސަބަބުން އިންޑޯ-ޕެސިފިކް ސަރަޙައްދުގެ ކަނޑުގެ މަގުތައް ބައްދަލުވާ މައި މަރުކަޒެއްގައި އޮތް ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް، ޚާއްޞަކޮށް އިންޑިޔާ ކަނޑުގެ ބޮޑު ސަރަޙައްދަކަށް ފެތުރިފައިވާ މި ޖަޒީރާ ޤައުމުގެ މިނިވަންކަން ދިފާާޢުކޮށް ދެމެހެއްޓުމަށް ކުރެވޭ މަސައްކަތަށް ވަރަށް ބޮޑު ތަރައްޤީއަކާއި ކުރިއެރުމެއް ލިބިގެން ދާނެއެވެ. އަދި އިންޑިޔާ ކަނޑު ހުރަސްކޮށް ދުނިޔޭގެ ކަނޑުމަގުގެ ވިޔަފާރީގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މުދާ ދަތުރުކުރާއިރު މި ސަރަޙައްދުން ދަތުރުކުރާ ކަނޑު ދަތުރުވެރިންނަށް ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށާއި ދިވެހިރާއްޖޭގެ ޤައުމީ މަސްލަހަތު ހިމާޔަތްކުރުމަށް ހިންގަންޖެހޭ އޮޕަރޭޝަންތައް ހިންގުމަށް މި އުޅަނދު ވެގެންދާނީ ވަރަށް ބޭނުންތެރި އުޅަނދަކަށެވެ.

އޮސްޓްރޭލިއާ ސަރުކާރުން މި އަސްކަރީ މަނަވަރު ދިވެހިރާއްޖެއަށް ހަދިޔާކުރެއްވުމަށް ނިންމަވައި މިކަން ރަސްމީކޮށް އިޢުލާނުކުރެއްވީ 2025 ވަނަ އަހަރުގެ ޖޫން މަހު، އޮސްޓްރޭލިއާގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި މިނިސްޓަރ ފޮރ ޑިފެންސް ރިޗަރޑް މާލްސް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ. މި މަނަވަރު ޚިދުމަތަށް ނެރެވުނީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ކޯސްޓްގާޑުގެ ސިފައިން އޮސްޓްރޭލިޔާއިން ތަމްރީނުކުރުމަށްފަހުގައެވެ. މި އުޅަނދުގެ ކަލާސީން ވަނީ ގާތްގަނޑަކަށް ތިން މަސް ދުވަހުގެ ޕްރީ ކޮމިޝަނިންގ ތަމްރީން ޕްރޮގްރާމެއް އޮސްޓްރޭލިއާގައި ފުރިހަމަކޮށްފައެވެ. މީގެ އިތުރުން، މިއުޅަނދު ޢަމަލީގޮތުން ބޭނުންކުރުމުގެ ތަޖުރިބާ ލިބިގަތުމަށް އުޅަނދުގެ އިސް އޮފިސަރުންނާއި އިސް އެންލިސްޓެޑް ސެއިލަރވަނީ ކުކް އައިލެންޑްގެ ކަނޑުމަތީގެ އަސްކަރިއްޔާއާއި އެކު ދެ ހަފުތާ މަސައްކަތް ކޮށް ޢަމަލީ ތަޖުރިބާ ހޯދައިފައެވެ.

މި ތަމްރީނުތަކާއި، މި އުޅަނދާ ގުޅޭ އިދާރީ މަރުޙަލާތައް ނިމި، މި އަސްކަރީ މަނަވަރު ރަސްމީކޮށް ދިވެހިރާއްޖެއާއި ހަވާލު ކުރެއްވީ އެޕްރިލް 19 ވަނަ ދުވަހު އޮސްޓްރޭލިއާގެ ޕާތުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ވެސްޓަން އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް އައުމަށް މި އަސްކަރީ އުޅަނދު ވަނީ 3000 ނޯޓިކަލް މޭލަށްވުރެ ދިގު ރާސްތާއެއް ކަޑައްތު ކޮށްފައެވެ. މިއީ، އެމްއެންޑީއެފްގެ ތާރީޚުގައި ވެސް، އަސްކަރީ އުޅަނދެއް ކޮށްފައިވާ އެންމެ ދިގު ދަތުރެވެ. ޖުމްލަ 14 ދުވަހުގެ ދަތުރަށްފަހު، މި އުޅަނދު ޖޫން 15 ވަނަ ދުވަހު ދިވެހިރާއްޖެ އައުމުން މިއުޅަނދަށް މަރުޙަބާ ވިދާޅުވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ޙިލްމީއާއި، އޮސްޓްރޭލިއާ ސަފީރު ޑޭވިޑް ޖެސަޕްއާއި ދިވެހި އަސްކަރިއްޔާގެ ޖެނެރަލް އޮފިސަރުންނާއި، ސީނިއަރ އޮފިސަރުންނާއި އުޅަނދުގެ ކަލާސިންގެ ޢައިލާ މެންބަރުންނެވެ.

މި އުޅަނދާއެކު "ޢިމާދުއްދީން" ރަދުންގެ ފަޚުރުވެރި ނަންފުޅު ޒިކުރާވަމުންދާނެއެވެ. އަދި މި ނަންފުޅާ އެކު މި މަނަވަރަކީ ދިވެހިރާއްޖޭގެ ޤައުމީ މަސްލަހަތުތައް ދިފާޢުކޮށް ހިމާޔަތްކުރާނެ އުޅަނދަކަށްވެގެންދާނެއެވެ. ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ބައިވެރިންނާއެކު ގުޅިގެން، ކަނޑުގެ ސަރަޙައްދުތަކުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ޤާބިލުކަން ދިވެހި ސިފައިންނަށް ލިބިގެންދާނެއެވެ. ހަމައެހެންމެ، މި އުޅަނދު ވެގެންދާނީ ބައިނަލްއަޤްވާމީ ގުޅުންތައް ބަދަހިކޮށް، އިންޑޯ-ޕެސިފިކް ކަނޑުގެ ސަލާމަތީ އޮނިގަނޑުގެ ތެރޭގައި ދިވެހިރާއްޖޭގެ ބައިވެރިވުން އިތުރުކޮށް، ދިވެހިރާއްޖެއާއި އޮސްޓްރޭލިއާގެ ދިފާޢީ ގުޅުން ޢަމަލީގޮތުން ދައްކުވައިދޭނެ ޚިދުމަތްތެރި ވަސީލަތަކަށެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާގެ ދިފާޢީ އިސްތިރާޖީ ސިޔާސަތުގެ ދަށުން ދިވެހި އަސްކަރިއްޔާއަށް ހޯއްދަވައިދެއްވި ވަރަށް އަގުހުރި އެސެޓެކެވެ. އަދި މިއީ އެމަނިކުފާނު ދިވެހިރާއްޖޭގެ ދިފާޢުއާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުގެ ކުރުމުގެ ޤާބިލުކަން ދިވެހި އަސްކަރިއްޔާއަށް ހޯއްދަވައިދެއްވުމަށް ކުރައްވާ މަސައްކަތްޕުޅާއި ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ގުޅުންތައް އިތުރަށް ހަރުދަނާކުރައްވައި، އެ ގުޅުންތަކުގެ ތެރެއިން ދިވެހިރާއްޖޭގެ އަސްކަރިއްޔާއަށް ބޭނުންވާ ވަޞީލަތްތަކާއި އެހީތެރިކަން ހޯއްދަވައިދެއްވުމަށް ކުރައްވާ މަސައްކަތްޕުޅުގައި ހޯއްދެވި ވަރަށް ބޮޑު ކާމިޔާބެކެވެ. މިއީ އޮސްޓްރޭލިޔާ ސަރުކާރުން މިފަދަ އަގުހުރި ދިފާޢީ އެސެޓެއް ދިވެހިރާއްޖެއަށް ހަދިޔާކުރެއްވި ފުރަތަމަ ފަހަރެވެ.

* އަބްދުﷲ ސައީދުގެ ލިޔުއްވުމަކުން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *