Support Us

އެންމެ ކުޑަ ރޭޓާއެކު، ސަފާރީ އުޅަނދަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް ބީއެމްއެލް އިން

ރާއްޖޭގައި މިހާތަނަށް ދޫކުރާ އެންމެ ކުޑަ ރޭޓާއެކު، ސަފާރީ އުޅަނދަށް ނުވަތަ ލިވަބޯޑް ފަތުރުވެރިކަމުގެ ދާއިރާއަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް ބީއެމްއެލް އިން ތައާރަފުކޮށްފިއެވެ.

"ލިވަބޯޑް ފައިނޭންސް" ފެސިލިޓީ ފަރުމާކޮށްފައިވަނީ ސަފާރީ އުޅަނދުފަހަރު ގަތުމަށާއި، ބަނުމަށާއި، އިންޖީނު އެޅުމުގެ އިތުރުން މަރާމާތުކުރުމަށެވެ. އަދި އުޅަނދަށް ބޭނުންވާ އެކި ސާމާނާއި ވަސީލަތްތައް ހޯދުމަށްވެސް މި ލޯނު ބޭނުންކުރެވޭނެއެވެ. މީގެ ސަބަބުން މި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފްލީޓް ފުޅާކުރުމަށާއި، ބޭނުންކުރަމުންދާ ބައު އުޅަނދުފަހަރު އާބާތުރަ ފިލުވައި ޒަމާނީ ކުރުމަށް ނުވަތަ އައު އުޅަނދުފަހަރު އޮޕަރޭޝަނަށް ނެރުމަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެއެވެ.

"މި ފެސިލިޓީއަކީ ރާއްޖޭގައި މިވަގުތު އުޅަނދުފަހަރަށް ދޫކުރާ އެންމެ ކުޑަ ރޭޓް ކަމަށްވާ އަހަރަކު 9.5 އިންސައްތައިގައި ދޫކުރާ ފެސިލިޓީއެކެވެ. މީގެ އިތުރުން، މި ފެސިލިޓީގެ ދަށުން ރަހުނުގެ ގޮތުގައި ބޭނުންވާނީ ހަމައެކަނި ފައިނޭންސްކުރާ އުޅަނދެވެ. އަދި އިތުރު ރަހުނެއް ބޭނުމެއް ނުވާނެއެވެ." ބީއެމްއެލް އިން ބުނެއެވެ.

"ފައިނޭންސް އަނބުރާ ދެއްކުމަށް ހަތް އަހަރާ ހަމައަށް މުއްދަތު ލިބޭއިރު، އަނބުރާ ފައިސާ ދެއްކުން ހަމަޖައްސާފައިވަނީ މި ދާއިރާގެ ޕީކް ސީޒަނާއި އޮފް-ޕީކް ސީޒަނަށް ބަލައިގެންނެވެ. މީގެ ސަބަބުން ކަނޑައެޅިފައިވާ ވަކި ތާވަލެއްގެ ބަދަލުގައި، އުޅަނދު ދުއްވައިގެން ލިބޭ އާމްދަނީއާ އެއްގޮތަށް ފައިސާ ދެއްކުމުގެ ލުއިފަސޭހަކަން އޮޕަރޭޓަރުންނަށް ލިބޭނެއެވެ. މި ފައިނޭންސަށް ފައިސާ އަނބުރާ ދެއްކުމަށް ހަމަޖެހިފައިވަނީ ޑޮލަރުންނެވެ."

މި ފެސިލިޓީ ތައާރަފުކުރުމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ ލިވަބޯޑް ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބޭނުންވަނީ، އެ ވިޔަފާރި ހިނގަމުން އަންނަ ގޮތް ރަނގަޅަށް ދަންނަ މާލީ އެހީތެރިއެއް ކަމަށެވެ.

"ލިވަބޯޑް ފައިނޭންސްގެ ނަމުގައި އަޅުގަނޑުމެން މި ތައާރަފުކުރި މާލީ ޚިދުމަތަކީ، މި ސިނާއަތަށް އާމްދަނީ ލިބޭ ގޮތާއި ޚަރަދުތައް ހިނގާ ގޮތަށް ބަލައި، ހާއްސަކޮށް ފަރުމާކޮށްފައިވާ ޚިދުމަތެއް. މީގެ ސަބަބުން، އޮޕަރޭޓަރުންނަށް އެ ބޭފުޅުންގެ ވިޔަފާރި ކުރިއެރުވުމަށް އިންވެސްޓްކުރުމުގެ ފުރުސަތާއި އިތުބާރު ލިބިގެންދާނެ. މިއީ ދިވެހި އިޤްތިޞާދުގެ މުހިންމު ދާއިރާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރެވޭ މަސައްކަތެއް،" ޝަރީފު ވިދާޅުވިއެވެ.

"މި ފައިނޭންސިންގެ ސަބަބުން، ފްލީޓް އާކުރުމަށް ނުވަތަ ފުޅާކުރުމަށް ބޭނުންވާ ތަޖުރިބާކާރު އޮޕަރޭޓަރުންނަށާއި، އަލަށް މި ދާއިރާއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ރައުސްމާލު ހޯދުމަށް ފަސޭހަވެގެންދާނެއެވެ. ބީއެމްއެލް އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ރިސޯޓްތަކާއި، ގެސްޓްހައުސްތަކާއި، އަދި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ޒަމާނުއްސުރެ އެހީތެރިކަން ފޯރުކޮށްދެމުންދާ މާލީ ބައިވެރިއެކެވެ."

* ލިވަބޯޑް ފައިނޭންސިންއާ ބެހޭ މައުލޫމާތު: ލިންކް

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *