ފޮށިތައް ހިފައިގެން އައިސް މާޔާ މަންމައާ އެކު ކާރަށް އަރައި އިށީނެވެ. ލެއްޕެމުން ދިޔަ ދޮރާ ދިމާލުން އޭނާއަށް ފެނުނީ ފަނަރަ އަހަރު ވަންދެން އޭނާ ދިރިއުޅުނު ގެއެވެ. އެއީ މަންމަ އަމިއްލައަށް ކުއްޔަށް ނަގައިގެން އުޅުނު އެންމެ ކޮޓަރިގަނޑެކެވެ. ތަނުގެ ޖާގަ ކުޑަކަމުން ދެމައިންނަށް ކިރިޔާ އުޅެވޭކަމެވެ. އެހެންވިއަސް ދުވަހަކުވެސް އެތަން ދޫކޮށްފައި ހިޖުރަކުރުމުގެ ޚިޔާލު ޝަރުމީލާ މީގެ ކުރިއަކުން ނުގެންގުޅެއެވެ.
ރަށުގައި ބޮޑު ގޯއްޗެއް އޮވެވެސް ދުވަހަކުވެސް ރަށަށް ދިއުމުގެ ވާހަކަވެސް ނަންނުގަނެއެވެ. މާޔާގެ އުމުރުގައި މަންމަ ފިޔަވައި އިތުރު މީހަކު ނުދެކެއެވެ. މަންމަގެ އާއިލާ ކޮބައިކަމެއް ނޭނގެއެވެ. ބައްޕަ އަކީ ކާކުކަން އެނގުނީ ފްރޭމެއްގެ ތެރޭގައި ހުރި ފޮޓޯއަކުންނެވެ. އެކަމަކުވެސް އެވެސް ފަހުން މަންމަ އަންދާ ނެތިކޮށްލިއެވެ.
މިއަދަކީ ތަފާތު ދުވަހެކެވެ. ޝަރުމީލާގެ އެކަނިވެރިކަން ފިލައި އެ ދިރިއުޅުމަށް އިތުރު މީހަކު ގެންނަނީއެވެ. މީގެ ހަފްތާއެއް ކުރިން ޔޫނުސް އެގެއަށް އައެވެ. މާޔާއަށް ހަދިޔާ ގެނައެވެ. އަދި އެއީ ވާން އުޅޭ ބައްޕަ ކަމުގައި ބުންޏެވެ. އެ ކުޑަ ތަޢާރަފުން މާޔާއަށް ބަދަލުތަކެއް އައެވެ. އޭނާގެ ސިކުނޑިއަށް އެކަން ޤަބޫލުކުރަން އުދަނގުލެވެ. އަސްލުވެސް މަންމަ ކައިވެނިކުރަން އުޅެނީބާއޭ ހިތަށް އެރިއެވެ. އޭނާގެ ލޯކުރިމަތީ އެކަމަށް ހެކިދިން އެތައް ކަމެއް ހިނގައިދިޔައެވެ. ރަންކިއުމާއި ޔޫނުސްގެއަށް ބަދަލުވުމުގެ ގޮތުން މަންމަ ތައްޔާރުވަމުންދިޔަތަން ފެނުނެވެ.
ކާރު މަޑުކޮށްލި ވަގުތު މާޔާ އަށް އުނގުތެރޭ އޮތް ދެއަތް ޖޯޑުކޮށްލެވުނެވެ. އާބައެއްގެ ތެރެއަށް ދާން އޭނާއަށް އިނީ އުދަނގޫވެފައެވެ. ޔޫނުސް ފިޔަވައި އެގެއިން އޭނާއަށް އެއްވެސް މީހަކު ނުފެނެއެވެ. އެގޭގައި ވަރަށް މީހުން ގިނަވާނެހެން ހީވެއެވެ. މާޔާއަށް އުދަނގޫވާ ދެކަމެއް އޮވެއެވެ. ފުރަތަމަ ކަމަކީ މާގިނަ މީހުން ތެރޭ އުޅުމެވެ. ދެވަނަ ކަމަކީ އަޑުގަދަވުމެވެ.
"މާޔާ!" ޝަރުމީލާ ގޮވައިލީ މާޔާ ނުނިކުމެ ލަސްވެގެންނެވެ. ތެޅިތެޅި އޮތް ހިތަކާ އެކު މާޔާ މަޑުމަޑުން ނިކުންނަން ހިނގައިގަތެވެ. ދޮރާށި ހުޅުވާފައި ޔޫނުސް ނިކުތެވެ. ކާރުން ބޭލި ފޮށިތަކާ ހަވާލުވެފައި އެތެރެއަށް އަންނާށޭ ބުނެލިއެވެ. ޝަރުމީލާއާ އެކު ހިނގައިގަތުމުގެ ކުރިން މާޔާ އިސްތަށިގަނޑުގައި ހުޅިއެއް ޖެހިއެވެ. އެކަން ކަމުނުގޮސްގެން ޝަރުމީލާ އަތްލަން އުޅުމުން އޭނާ މަނާކުރިއެވެ. މަންމައަށް ވީ އެންމެ ޒީނަތްތެރިވެގެން ހުއްޓަސް އެތަނުގައި އޭނާ ވާނީ ބޭކާރު މީހަކަށެވެ. އޭނާ ހުންނަން ބޭނުންވަނީ ހަމަ އޭނާގެ ގޮތުގައެވެ. އަތްދަބަހުން އައިނު ނަގައި އަޅާލިއެވެ.
ޝަރުމީލާ އެތެރެއަށް ވަދެގެން ދިޔަގޮތުން އެއީ ދެކެފަރިތަ ތަނެއްކަން އެނގެއެވެ. ދޮރުގެ ލޮކު ކޯޑު ޖަހައި އެތެރެއަށް ވަދެފައި މިސްރާބުޖެހީ ލިފްޓާއި ދިމާލަށެވެ. ފަސްވަނަ ފަންގިފިލާއަށް ދާން ފިއްތާލާފައި އޭނާ މާޔާއާ ދިމާލަށް އެނބުރުނެވެ.
"އެތައް އަހަރަކަށްފަހު އުޅޭތަން ބަދަލުވުމުން ކުޑަ ބަދަލެއް އަންނާނެ، ތި ދެވެނީ އެހެން އާއިލާއެއްގެ ތެރެއަށް، މަންމަގެ ކުރިމަތީ ބޮޑާ ދައްކާ އުސޫލު މާޔާ އެބަޖެހޭ ދޫކޮށްލަން،" މާޔާގެ މޫނުމަތިން ފެންނަން ހުރި ހިތްހަމަނުޖެހުމުގެ އަސަރު ފެނިފައި ޝަރުމީލާއަށް ހުރިހާ ކަމެއްވެސް ވިސްނެއެވެ. މާޔާގެ ތަބިއަތް ބަދަލުވީ ރޭގައި ފޮށިތައް ބަންދުކުރި ހިސާބުންނެވެ. ރޭގައިވެސް ޝަރުމީލާ ވަރަށް ނަޞޭހަތް ދިނެވެ. މާޔާގެ އުމުރާ އެއްވަރަށް ބޮޑުވާންވެއްޖެ ކަމުގައި ބުނެވުނެވެ.
އެ ހުރިހާ ވާހަކައެއް ތަކުރާރު ކުރުމުގެ ބަދަލުގައި އަނެއްކާވެސް ހަނދާންކޮށްދިނީ މާޔާ ހިތްހަމަނުޖެހޭ ކަމެއް އެގޭގައި ނުވާނެކަމެވެ. ކައިވެންޏަށްފަހު މާޔާއަށް ދޭންޖެހޭ ސަމާލުކަން ކުޑަވެގެން ނުދާނެކަމުގެ ޔަޤީންކަން އޭނާއަށް އެބައޮތެވެ. އެޔަޤީންކަން އޭނާ ދަރިފުޅަށްވެސް ދިނެވެ. އޭނާއަށް ނުދެވުނީ މާޔާ ކުރި ސުވާލަށް ޖަވާބެވެ. މިހާރު ޝަރުމީލާ ކައިވެނިކުރީ ކޮން ބޭނުމަކު ހެއްޔޭ މާޔާ އެއްސެވެ. ބައްޕަ ދެކޭހިތުން ޝަކުވާކުރި ދުވަސްތައް ހިނގައްޖެއެވެ. ބައްޕައާ އެކު ތަންތަނަށް ގޮސް މަޖާކުރަން ބޭނުންވި އުމުރު ފާއިތުވެއްޖެއެވެ. ޝަރުމީލާ ވަޒީފާއަށް ދާއިރު ގޭގައި އެކަނި އިންނައިރު ގަންނަ ބިރު އާދައަކަށް ވެއްޖެއެވެ. ވީއިރު މިހާރު ޝަރުމީލާގެ ކައިވެންޏަކީ ބޭކާރު އެއްޗެއްގެ ގޮތުގައި މާޔާ ސިފަކުރެއެވެ.
ލިފްޓުގެ ދޮރު ހުޅުވުމުން ޝަރުމީލާ ހިފީ މާޔާގެ އަތުގައެވެ. އެގެއަށް ވަންނަން ގަދަހެދުމުގެ ފުރުޞަތު ނުދޭންވެގެންނެވެ. ރަނގަބީލްގެ އަޑަށް ދޮރު ހުޅުވައިދިން ދެބައި އުމުރުގެ ހަފްސާގެ މޫނުމަތިން ފެނުނީ ހިނިތުންވުމެވެ. ހިތްހެޔޮކަމެވެ. ޝަރުމީލާއަށް ބަލައިލީ ދަންނަ މީހެއްގެ ގޮތުގައެވެ. މާޔާގެ މޫނަށް ބަލާލާފައި އެއީ ޝަރުމީލާގެ ދަރިފުޅުކަން އޭނާއަށް އެނގުނެވެ. ދެމައިން ވަރަށް ވައްތަރޭ ބުންޏެވެ.
އެތެރެއަށް ވަދެގެން ދިޔައިރު ކުރިން އުޅުނު ކޮޓަރިއަށްވުރެ ކިތަންމެ ތަނެއްވެސް ރަނގަޅުކަމުގައި މާޔާގެ ހިތް އެއްބަސްވިއެވެ. ސިޓިންރޫމްގައި ހުރި ޓީވީ ރެކު ފުރެންދެން ޖަހާފައި ހުރި ވާހަކަތައް ފެނިފައި އެތަން ދެކެ ލޯބިވެވިއްޖެއެވެ. ޔޫނުސް އެތެރެއިން ނިކުތީ މާޔާއާ އެއްވަރުގެ އަންހެން ކުއްޖަކާ އެކުގައެވެ. ސޯފާގައި ދެބައިމީހުން ކުރިމަތިވާނެހެން އިށީނދެ ޔޫނުސް ތަޢާރަފްކޮށްދިނީ އޭނާގެ ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ. މަރްޔަމް ޝީތު ޔޫނުސްއެވެ. މާޔާއަށް އަޅައިކިޔައިލެވުނީ ޝީތާއި އޭނާގެ ސިފަތަކެވެ. އޭނާގެ ފަންއިސްތަށިގަނޑުގެ ބަދަލުގައި އަބަދުވެސް ބޭނުންވީ ޝީތުގެ ބޮލުގައިވާ ބުޅި އިސްތަށިގަނޑެވެ. އެކަމަކު އެފަދަ ބަދަލެއް ގެންނަން މަންމަ ދުވަހަކުވެސް އެއްބަހެއް ނުވިއެވެ. ޝީތަކީ ޒަމާނީ ތައްގަނޑަކަށް ހުރިހާ ގޮތަކުން ފެތިފައި އިން ކުއްޖެކެވެ. އެ މިނިވަންކަން އޭނާއަށް ލިބިފައިވާކަން ޔަޤީނެވެ. ހަތަރެސްފައިގެ ނިޔަފަތިތަކުގައި ޖއްސާފައި ހުރި ކުލަތަކާއި ނޭފަތުގައި އަޅުވާފައި އިން ބޮޅުން އެކަން އެނގެއެވެ. އެއީ ދުވަހަކުވެސް މާޔާއަށް ލިބުނު ހުއްދައެއް ނޫނެވެ.
އޭނާއާ ޚިލާފަށް ޝީތު އިނީ އާ ބަޔަކު އައިސްގެން އެކަމާއި އުފަލުންނެވެ. ޝަރުމީލާއާ މުޚާތަބުކުރީ މަންމާއޭ ކިޔާފައެވެ. ޝީތު ވަރަށް ކުޑައިރު މަންމަ ނިޔާވެފައިވާކަން ޔޫނުސްގެ ވާހަކައިން އެނގުނެވެ. މި ކައިވެންޏަކީ ޝީތުއަށްޓަކައި ޔޫނުސް އެޅި ފިޔަވަޅެކެވެ. ޔޫނުސް ކައިރިން ތެދުވެގެން އައިސް ޝީތު ޝަރުމީލާގެ މަގަތުގައި އިށީނެވެ. ކައިވެނިކުރަން ކޯޓަށް ދާއިރު ޝީތު ދާން ބޭނުންވާކަމުގައި ބުންޏެވެ. އެ ފުރުޞަތު އެބައޮތް ކަމުގައި ބުނަމުން ޝަރުމީލާ ބަލައިލީ މާޔާއަށެވެ. އެމީހުންނާ އެކު ދާން ބޭނުންތޯ އަހާލުމުން މާޔާ ވަގުތުން އިންކާރުކުރިއެވެ.
** **
"ބައްޕަ ބުނެގެން މިއައީ ފޮޓޯ ނަގަން ބަލާ،" ކޮޓަރީގައި އެކަނިވެފައި އިންދާ ޝީތު އެތެރެއަށް ވަންނަމުން ބުނެލިއެވެ. ފުރަތަމަ ދުވަހު އެންމެން އެކުގައި ފޮޓޯއެއް ނަގަން އެމީހުން ބޭނުންވީކަމުގައި ވެދާނެއެވެ. އެއީ މަޔާ ބޭނުންވާ ކަމެއް ނޫނެވެ. އޭނާ ނޫނެކޭ ބުނުމުން ޝީތު އެނބުރި ދިޔަތާ އިރުކޮޅެއްގެތެރޭ އައީ ޝަރުމީލާއެވެ.
"އެންމެންގެ ތެރޭގައި މަންމަގެ އަގު ހިފަހައްޓައިދީ، މިވަގުތު މިގޭތެރޭގައި މަންމަގެ އޮފީސް މީހުންނާއި ޔޫނުސްގެ މުޅި އާއިލާ އެބައޮތް، އެންމެން ހިތަށް އަރާނެ މާޔާ ނުފެންނަނީ ކީއްވެބާއޭ،" ޝަރުމީލާ އައިސް އިށީނީ މާޔާގެ ކުރިމަތީގައެވެ. ދެކަކޫ ޖަހަމުން މާޔާގެ އަތުގައި ހިފަހައްޓާލިއެވެ.
"އަޑުގަދަވީމައި މާޔާއަށް އުދަނގޫވާނެކަން މަންމައަށް އެނގެއެއްނު،" އެއީ ހަމައެކަނި އޭނާއަށް ދެއްކެން އޮތް އުޒުރެވެ.
"ހަމައެކަނި ފޮޓޯއެއް ނަގައި ނިމެންދެން،" ޝަރުމީލާއަށް ބަލަން އިނދެފައި މާޔާ ބޯޖަހައިލީ ހަމަ އެންމެ ފޮޓޯއެއް ނަގަން ދިއުމަށެވެ. ޝަރުމީލާ ތެދުވުމުން އޭނާ ތެދުވެ ހިނގައިގަތެވެ.
** **
ގޭތެރޭގެ ހަލަބޮލިކަން ކެނޑުނުއިރު ހަވީރުވެއްޖެއެވެ. އެންމެން ގޮސް ނިމެންދެން މާޔާ އޮތީ ކޮޓަރީގައެވެ. އެއީ މާޔާ އާއި ޝީތުއަށް ހުރި ކޮޓަރިއެވެ. ދެމީހުންނަށް އެއްކޮޓަރީގައި އުޅެންޖެހޭނީ ހަފްތާއެއްހާ ދުވަހަށޭ ޔޫނުސް ބުންޏެވެ. މާޔާއަށް ޚާއްސަ ކޮޓަރިއެއް ހަދައިދެން ޔޫނުސް ވައުދުވިއެވެ. އެއީ މިގެއަށް އައި ފަހުން އޭނާ ގަޔާވި ދެވަނަ ކަންތަކެވެ. އެންމެ ބޮލަށް ފަސޭހަވީ މިގޭގައިވެސް މާ ގިނަބަޔަކު ނޫޅޭތީއެވެ. ހަފްސާ އަންނާނީ ކޮންމެ ދުވަހަކު ހެނދުނެވެ. ހަވީރު ވުމުގެކުރިން މަސައްކަތް ނިންމާފައި ހަފްސާ ގެއަށް އެނބުރި ދެއެވެ.
ރޭގަނޑު ޝީތު ތައްޔާރުވީ ބޭރަށް ދާށެވެ.
"ރޭގަނޑު ބޭރަށް ދެވޭތަ؟" ކިޔަން އިން ފޮތް ލައްޕާލާފައި މާޔާ އަހާލިއެވެ.
"ރޭގަނޑު މަނާކަމަކީތަ؟" މާޔާއަށް ބަލާލަމުން އޭނާ އެއްސެވެ. މާޔާ ބޯޖަހައިލިއެވެ. ރޭގަނޑު ބޭރަށް ދިއުމަކީ އޭނާގެ މަންމަ ރުހޭކަމެއް ނޫނެވެ. ދުވަހަކުވެސް ހުއްދަ ނުދެއެވެ. ގްރޭޑް ދިހައެއް ނިންމި ފެއަރވެލް ޕާޓީއަށް ދިޔައީ މަންމައާ އެކުގައެވެ. އެކަމާ ކުދިން މަލާމަތްކުރުމުން އެނބުރި އައިގޮތަށް ދުވަހަކުވެސް ބޭރަށް ދާން އޭނާ މަންމަ ކުރެން ނާހައެވެ.
"ޔޫ ކެން ޖޮއިން މީ،" ޝީތު އިސްތަށިގަނޑު ރީތިކޮށްލާފައި އޭނާއަށް ބުނެލިއެވެ. ޝީތު އަޑުގައި ހުރި އުފާވެރިކަމުން އޭނާ ދާހިތްވިއެވެ.
"ހުއްދައެއް ނުދޭނެ،" މާޔާގެ އަޑުގައި ވީ މާޔޫސްކަމެވެ.
"އަހަރެން ހުއްދަ ހޯދާފާނަން. ހިނގާ!" ޝީތު އައިސް މާޔާގެ އަތުގައި ހިފާ ނެގިއެވެ. އޭނާ ގޮވައިގެން ޝީތު ގޮސް ހުއްޓުނީ ޝަރުމީލާމެންގެ ކޮޓަރި ދޮރުމަތީގައެވެ. މަންމަގެ މޫނު ފެނިދާނެތީ ބިރުން މާޔާ ހުރީ ޝީތުގެ ފަހަތަށް ވަދެ ނިވާވެފައެވެ.
ދޮރުގައި ޓަކިދިން އަޑަށް ދޮރު ހުޅުވީ ޔޫނުސްއެވެ.
"އަހަރެން ދާއިރު މާޔާ ގޮވައިގެން ދާ ވާހަކަ ބުނަން މިއައީ،" ޝީތު އެއްފަރާތްވުމުން މާޔާގެ މޫނަށް ޔޫނުސް ބަލައިލިއެވެ. އެއަޑަށް ޝަރުމީލާ ނިކުތެވެ.
"ރޭގަނޑު އަންހެންކުދިން ނުދާނެ ބޭރަކަށް.." ކުރިން ހުންނަ އަމުރުވެރިކަން ނެތަސް އެ ޖުމްލައިން މާޔާއަށް ހުއްދައެއް ނެތްކަން އެނގެއެވެ. އެއީ މާޔާ ކުރަން ބޭނުންވި ކޮންމެ ކަމެއް ހުއްޓުވަން ޝަރުމީލާ ގެންގުޅޭ އުކުޅެވެ. އޭނާގެ ރައްޓެހިން ކުރާ މަޖާ ކިޔައިދޭއިރު އެމިނިވަންކަން ލިބޭނީ ކޮން ދުވަހަކުންބާއޭ އަބަދުވެސް ހިތަށް އަރައެވެ.
"އެމީހުންނަށް އެނގޭނެ އަމިއްލަ ރައްކާތެރިކަން ހޯދަން.." ޝަރުމީލާގެ ކުރިމަތީ ގަދަވީ ޔޫނުސް ބަހެވެ. ޝީތު އުފާވެފައި ޝުކުރު އަދާކޮށްފައި އޭނާ ގޮވައިގެން ހިނގައިގަތީ ކޮޓަރިއަށެވެ. މާޔާއަށް ރީތިވާން ފުރުޞަތު ދީފައި ޝީތު ކިޔައިދިނީ އޭނާގެ ބައެއް އެކުވެރިންގެ ވާހަކައެވެ. މިރޭ އޮތީ ލުޖެއިންގެ އުފަންދުވަސް ފާހަގަކުރުން ކަމުގައި ބުންޏެވެ.
*** **
އެގޭތެރެއިން ނިކުންއިރު ފުރަތަމަ ފަހަރަށް ވައިގެ ތެރެއަށް ނޭވާ ލެވުނުކަމުގެ އިހްސާސްކުރެވުނެވެ. އޭނާ ބޭނުންވާ ފަދަ މިނިވަންކަން އެގޭތެރެއިން ލިބޭނެކަމުގެ އުއްމީދު އާވެގެން ދިޔައެވެ. ފަތްނުފަޅާ ފިޔޮކެއް ގެންގުޅޭ އުސޫލުން ދެން ނުގެންގުޅެވޭނެކަން އެނގިއްޖެއެވެ.
ބޮޑު ޓެރަސްއެއްގައި އެމީހުން މަޖާކުރުމުގެ ހުއްދަ އޮތެވެ. އެތަނުގައި ބަލަހައްޓަން ބެލެނިވެރިއަކު ނެތެވެ. ދެޖިންސުގެ އެކުވެރިންގެ މެދުގައި ހުނުމާއި ސަކަރާތްޖެހުން އޮތީ ހައްދެއް ނެތިއެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭ ލުޖެއިން ހުރީ ބަލާލަން ނުކެރޭވަރަށް ހަޑިވެފައެވެ.
އޭނާއަށް ކަމެއް ބޭނުންތޯ ޝީތު ބަލައެވެ. އެންމެންނާ ވަކިން މާޔާ ހުރީ ހިތްހަމަޖެހިފައެވެ. އެތަނުގައި އެކުވެރިއަކު ނެތަސް އެންމެންވެސް ވާހަކަ ދެއްކިއެވެ.
"ކޯކު ނޫނީ ފެންޓާތަ؟" ފަހަތުން އިވުނު އަޑަށް މާޔާ ބަލައިލިއެވެ. ދެއަތުން ދެތަށި ހިފައިގެން ހުރީ އޭނާއަށްވުރެ އިސްކޮޅުން ދިގު ފިރިހެން ކުއްޖެކެވެ. ބޮލުގެ އިސްތަށިގަނޑު މޫނަށް ފައިބާތީ އޭނާއަށް އުޅެނީ އުދަނގޫވެގެންނެވެ. އެތަނުން އެއްތަށީގައި ހިފުމުން ނޫނީ އޭނާއަށް އިސްތަށިގަނޑު ރަނގަޅުވެސް ނުކޮށްލެވޭނެއެވެ. ފެންޓާތަށީގައި މާޔާ ހިފިއެވެ. ޖެހޭ ފިނި ރޯޅިން އޭނާ ހުރީ ހީކަރުވައިގެންފައެވެ. ފިނިއެއްޗެއް ބޯހިތެއް ނެތެވެ.
"މީ ޝައިފް" މާޔާއަށް ބަލާލާފައި ޝައިފް ބުނެލިއެވެ. ހިނިތުންވެލާފައި މާޔާ ބަލައިލީ ޝީތު ކޮބައިތޯއެވެ. އޭނާ ހުރީ ލުޖެއިން އާއި އެކު ފޮޓޯނަގަން މާ ބިޒީކޮށެވެ. ކޯކުތަށިން ކޯވަރެއް ބޯލާފައި ޝައިފް އަހައިލީ ފެންޓާވީމައި ކަމުނުދަނީތޯއެވެ. ނޫނެކޭ ބުނެފައި މާޔާ އެތަށި ތުންފަތާއި ކައިރިކޮށްލިއެވެ.
"ޕާޓީތަކަކީ މީހުން ހައްލުވަން ކިޔާ ނަމެއް، އެތަނުގައި ތިބޭނީ ނަމުގައި ރައްޓެހިން، އިރުކޮޅަކުން ފިނިއެއްޗެއް ގެނެސްދޭނެ، އޭގެތެރެއަށް ހުންނާނީ އެކި ކަހަލަ ޑްރަގު އަޅާފައި، ނިދާބޭސްވެސް ހުރެދާނެ، ޖޫސްތަށި ހުސްވުމުގެކުރިން އެމީހެއްގެ ހޭވެރިކަން ފިލައިދާނެ، އަސްލު ކުޅިވަރު ފެށޭނީ އޭގެފަހުން."
މާޔާ ސިކުނޑީގައި ރަނގަބީލްވީ މަންމަ އަބަދުވެސް ކިޔައިދޭ ވާހަކަތަކެވެ. އޭނާއަށް އެ ޖޫސްތަށިން އެންމެ ކޯވަރެއްވެސް ނުދިރުނެވެ. ޝާއިފް އަކީ ކާކުބާއޭ އޭނާ ހިތަށް އެރީ ދެނެވެ.
"މީގެ ތެރެއަށް ކޯއްޗެއް އަޅާފައި މިހުރީ؟" މާޔާގެ ހިތް ނުތަނަވަސްވިއެވެ. އޭނައާ ދިމާލަށް ހިނިއައިސް ބަލަން ހުރި ޝާއިފްގެ މޫނުމަތި މުޅިން ބަދަލުވިއެވެ. ހިނިތުންވުން ފިލައި ދިޔައެވެ.
"އަހަންނަކަށް ނޭނގެ ފެންޓާ އުފައްދަނީ ކޯއްޗެއް އަޅައިގެންކަމެއް،" ދެކޮނޑު އަރުވާލަމުން އޭނާ ބުނެލިއެވެ. މާޔާގެ ސުވާލުން އޭނާގެ ގާތަށް ކުޑަކޮށް ހިނި އައެވެ.
"ފެންޓާގެ އިތުރުން ކޯއްޗެއް އެޅީ؟" މާޔާގެ ތަބީއަތް ބަދަލުވިއެވެ. އޭނާގެ ހިތުގައި ޝައްކު އުފެދުނެވެ. ޝާއިފްގެ ނިޔަތާއި މެދު އޭނާ ކަންބޮޑުވިއެވެ. އެއްވެސް އެދުމަކާއި ނުލައި މީހަކު އިސްވެ ވާހަކަ ނުދައްކާނެއޭ މަންމަ ބުނާ ހަދާންވިއެވެ. ޝާއިފް ހައިރާންވެފައި ބަލައިލީ މާޔާގެ އަތުގއި ހުރި ތައްޓަށެވެ. (ނުނިމޭ)



advertisment