Support Us

ޕޭޕަލުން ކްރިޕްޓޯކަރަންސީ – ޑިޖިޓަލް ފައިސާއިން މުއާމަލާތްކުރަނީ

މާލީ މުއާމަލާތްތަކުގައި ކްރިޕްޓޯކަރަންސީ– ޑިޖިޓަލް ފައިސާ ބޭނުންކުރަން ތައްޔާރުވަމުން އަންނަ ކަމަށް ޕޭޕަލުން ބުނެފި އެވެ. ޕޭޕަލުން ބުނީ ބިޓްކޮއިން، ބިޓްކޮއިން ކޭޝް، އިތީރިއަމް އަދި ލައިޓްކޮއިން ފަދަ ޑިޖިޓަލް ފައިސާ ރައްކާކުރުމާއި – ގަނެވިއްކުމަށް ވެސް މަގުފަހިކޮށްދޭނެ ކަމަށެވެ.

ޑިޖިޓަލް ފައިސާއިން މުއާމަލާތްކުރާނެކަން ޕޭޕަލުން އިއުލާންކުރުމާ ގުޅިގެން، ޕޭޕަލްގެ ހިއްސާ ވަނީ އުފުލިފަ އެވެ. އަނެއްކޮޅުން ބިޓްކޮއިންގެ އަގު އުފުލި، މިހާރަށް ވުރެ ވެސް އަގު ބޮޑުވެދާނެ ކަމަށް ވަނީ ބެލެވިފަ އެވެ. ކޮރޯނާވައިރާހާ ހެދި ދުނިޔެ ހާސްވެފައި އޮތް ދަނޑިވަޅުގައި ވެސް ބިޓްކޮއިންގެ އަގު ވަނީ އުފުލިފަ އެވެ.

ކްރިޕްޓޯކަރަންސީ އަކީ ގައުމުތަކުން ބިރުގަންނަ ނިޒާމެކެވެ. މައިގަނޑު ސަބަބަކީ މާލީ މުއާމަލާތްތަކަށް މަރުކަޒީ ބޭންކެއް ބޭނުންނުވުމެވެ. ބޭންކެއް އެއްގޮތަކަށް ވެސް މުހިންމު ނުވުމެވެ. ބާރުގަދަ ގައުމުތަކަށް އޮތް މި ބިރުވެރިކާ އެކު ވެސް އަދި ތަޅުލައި ހިފަހައްޓަމުން ދާއިރު ވެސް ބިޓްކޮއިން ފަދަ ޑިޖިޓަލް ފައިސާގެ ނުފޫޒު އަންނަނީ ގަދަވަމުންނެވެ.

ބިޓްކޮއިން ގަބޫލުކޮށް މިހާރު ވެސް ބަލައިގަަންނަ ކުންފުނިތަކުގެ ތެރޭގައި މައިކްރޮސޮފްޓް، ނޭމްޗީޕް، އޯވާސްޓޮކް، ސްޓާބަކްސް، ނިއުއެއްގް އަދި ހޯލް ފުޑްސް ފަދަ ދުނިޔޭގައި ނަންހިގާ ކުންފުނިތައް ހިމެނެ އެވެ.

ޕޭޕަލްގެ މި އިއުލާން އަކީ ކްރިޕްޓޯކަރަންސީ އަށް ދުނިޔެ ހުޅުވާލަން ވަގުތު ޖެހިއްޖެ ކަމަށް ގޮވާލުމެވެ. މިއީ ދެން ރެކެވެން ނެތް ހަގީގަތެއްކަން އަންގައިދިނުމަށް ދިން ނަސޭހަތެކެވެ.

ޕޭޕަލްގެ ކުރިން ވެސް ޑިޖިޓަލް ފައިސާ އަށް ހުޅުވެން އުޅުނު ބައެއް ކުންފުނިތައް ވަނީ ބިރުން ރަޖާލާފަ އެވެ. މިސާލަކަށް ފޭސްބުކުން "ލިބްރާ"ގެ ނަމުގައި އުފައްދަން މަސައްކަތްކުރި ނިޒާމަށް ޔޫރަޕާއި އެމެރިކާއިން ވެސް ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.

ޕޭޕަލުން ބުނީ ކްރިޕްޓޯކަރަންސީ ޚިދުމަތްތައް ފަށައިގަންނާނީ އެމެރިކާގައި ކަމަށެވެ. އެހެން ނަމަވެސް، އުންމީދަކީ 2021ގެ ކުރީކޮޅު، އާންމު ކަސްޓަމަރުންނަށް މި ޚިދުމަތް ފޯރުކޮށްދިނުން ކަމަށެވެ. އެ ގޮތުގައި ޕޭޕަލްއާ ގުޅިފައި ހުރި 26 މިލިއަން ރީޓެއިލް ފިހާރަތަކުން ޑިޖިޓަލް ފައިސާ ގަބޫލުކުރާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *