Support Us

ޗާއޯޝާން ޑެފް ސިސްޓާ ރެސްޓޯރެންޓް ކުރިމަތީގައި ދެމަފިރިންކަމަށްވާ ފެންގް ޔާބިން (ކ) އަދި އިން އިންގް

ވާހަކަ ދައްކަންނުޖެހޭ، ހަމަހިމޭން ރެސްޓޯރެންޓެއްގެ ވާހަކަ

ޗައިނާގެ ޝާންޝީ ޕްރޮވިންސްގެ ތައިޔުއާން ސިޓީގައި ހުންނަ ކުޑަ ރެސްޓޯރެންޓެއްގައި ކަސްޓަމަރުން އޯޑަރު ދިނުމަށް ވާހަކަދައްކައިކަށްނުޖެހެއެވެ. އިނގިލިން ދައްކައިލުމުން، އަތުގެ އިޝާރާތަކުން ނުވަތަ ހިނިތުންވުމަކުން ފުދެއެވެ.

ޗާއޯޝާން ޑެފް ސިސްޓާގެ ނަމުން ނަންދީފައިވައި މި ރެސްޓޯރެންޓުން ލިބެން ހުންނަނީ ސްޓީމްކޮށްފައިވައި ރައިސް ރޯލްސްއެވެ. މި ތަން ހިންގަނީ އަޑު އިވުމުގެ ނުކުޅެދުންތެރިކަން ހުރި ދެމަފިރިންކަމަށްވާ ފެންގް ޔާބިންއާއި އިން އިންގެވެ. މި ރެސްޓޯރެންޓުގައި މަސައްކަތްކުރަނީވެސް އަޑު އިވުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނެވެ.

ކަސްޓަމަރުން އޯޑަރުކުރަނީ ކައުންޓަރުގައި އަތުރައިފައި ހުންނަ ކާނާގެ ބާވަތްތަކަށް އިނގިލިން އިޝާރާތްކޮށްގެންނެވެ. ފާރުތަކުގައި ހުންނަ އިޝާރާތް ބަހުގެ ކުރެހުންތަކުގެ އެހީގައި މުއާމަލާތްކުރުމަށް ފަސޭހަވެގެންދެއެވެ. އިން ކާނާ ފޯރުކޮށްދެނީ ހިނިތުންވުމާއެކުއެވެ.

ފެންގް މި ރެސްޓޯރެންޓް ހުޅުވީ އިން ކާނާގެ ވީޑިއޯތަކަށް އޮންނަ ލޯބި ފާހަގަކުރެވުމާ ގުޅިގެންނެވެ. އިން ތައިޔުއާނަށް ބަދަލުވީ ފެންގާ ކައިވެނިކުރުމަށްފަހުއެވެ. އިންއަކީ ދެކުނުގެ ގުއަންގްޑޮންގް ޕްރޮވިންސްގެ ރަށްވެއްސެކެވެ. އޭނާގެ އުފަން ރަށުގެ ކާނާއަށް އޭނާ ނުހަނު ބޭނުންވިއެވެ. ފެންގް، އޭނާ ރައްކާކޮށްފައި ހުރި އެންމެހައި ފައިސާއެއް މި ވިޔަފާރިއަށް އިންވެސްޓްކުރީ، އިންއަށް ކަމުދާ ރަހަތައް އިންއާ ހިސާބަށް ގެނެސްދިނުމަށެވެ.

ރެސްޓޯރެންޓަށް އޮންލައިންކޮށް ބޮޑު ސަމާލުކަމެއް ލިބުނީ މި ދިޔަ އަހަރުގެ ޖެނުއަރީގައެވެ. ވީ ގޮތަކީ، ގާތްގަނޑަކަށް 300،000 ފޮލޯވަރުން ތިބި ޗައިނާގެ އިންފްލުއެންސަރަކު އެ ތަނަށް ޒިޔާރަތްކޮށް، ކާނާއަށް ފައިސާ ދެއްކޭނެ ތަނަވަސްކަމެއް ނެތްކަމަށް ބުންޏެވެ. އިން، އެ އިންފްލުއެންސަރަށް ހިލޭ ކާނާ ދިނެވެ. އަދި އެ ދެމަފިރިންވަނީ ކައުންޓަރުގައި ހުރި ފައިސާވެސް އެ އިންފްލުއެންސަރަށް ދިނުމަށް ހުށަހަޅައިފައެވެ.

އެ އިންފްލުއެންސަރު ފަހުން އެ ދެމަފިރިންގެ ވާހަކަ އޮންލައިންކޮށް ހިއްސާކުރިއެވެ. އެ ކަމާ ގުޅިގެން އެ ރެސްޓޯރެންޓަށް ހައިރާތުކޮށް، ކާނާއަށްވެސް އާއްމުން އޯޑަރު ދޭން ފެށިއެވެ. އެކަކު ވަނީ 50 ރައިސް ރޯލްސްއަށް އޯޑަރު ދީ، ނޯޓެއް ދޫކޮށްފައެވެ. އެ ނޯޓުގައި ލިޔެފައިވެއެވެ: "އެހީއަށް ބޭނުންވާ މީހުންނަށް މި ތަކެތި ދީ. ތިޔަ ވިޔަފާރިއަށް ފާގަތިކަމަށް އެދެން."

އެހީތެރިވި ފަރާތްތަކަށް އެ ދެމަފިރިން ޝުކުރު އަދާކުރިއެވެ. އެކަމަކު އެ ފަރާތްތަކުން ބުރަ މަސައްކަތުން ހޯދާ ފައިސާ އިސްރާފުނުކުރުމަށް ދެމަފިރިން އެދުނެވެ.

"އަހަރެމެންގެ މި ދަތުރުގައި އެހެން މީހުންގެ ފަރާތުން އެތައް އެހީތެރިކަމެއް ލިބިއްޖެ. މިހާރު އަހަރެމެން ބޭނުންވަނީ އެ ހެޔޮކަން އެހެން މީހުންނަށް ފޯރުކޮށްދޭން،" ފެންގް ބުންޏެވެ.

ރެސްޓޯރެންޓުން މިހާރު ދަނީ މާލީ ދަތިކަން ކުރިމަތިވެފައިވައި މީހުންނަށް ހިލޭ ކާނާ ފޯރުކޮށްދެމުންނެވެ. އަދި ކުނިކަހާ މީހުންނަށާއި އަޑު އިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށްވެސް ހިލޭ ކާނާ ދެއެވެ.

ފެންގް އާޓް ސްޓޫޑިއޯއެއްވެސް ހިންގައެވެ. އޭނާ ދަނީ އަޑު އިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކުރަހަން ދަސްކޮށްދެމުންނެވެ.

އިންއާއި ފެންގްގެ ރެސްޓޯރެންޓް ވެގެންގޮސްފައިވަނީ ކައި އުޅޭ ތަނަކަށްވުރެ ބޮޑު ތަނަކަށެވެ. އެ ތަނަކީ ބަހަކާ ނުލައި މުއާމަލާތްކޮށް، އަމިއްލަ ތަކުލީފުތައް ސާފުކޮށްދޭން ނުޖެހި، ހެޔޮކަމާއި އޯގާތެރިކަން ލިބިގެންދާ ތަނެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *