Support Us

ދަރިވަރުންނަށް "އެކުވެހި" ދައްކާލަނީ

އެޗް.ޑީ.ސީން ހުޅުމާލޭގައި ތަރައްގީކުރި ދަރިވަރުންގެ ކޯ-ލިވިން ރެސިޑެންސް "އެކުވެހި"، ވަރަ އެކްސްޕޯ 2026 ގެ ތެރެއިން ދައްކާލަން ނިންމައިފިއެވެ.

"ވަރަ އެކްސްޕޯ"ގެ ތެރެއިން "އެކުވެހި"އާ ގުޅޭ އެންމެ ފަހުގެ މައުލޫމާތާއި، އެ ތަން ބަލައިލަން ޒިޔާރަތްކޮށްލުމުގެ ފުރުސަތު ވެސް އެކްސްޕޯގެ ތެރެއިން ލިބޭނެ ކަމަށް އެޗް.ޑީ.ސީން ބުނެއެވެ.

"އެކުވެހި"ގައި ޖުމުލަ 178 ޓްވިން-ޝެއަރިން ކޮޓަރި ހިމެނޭއިރު، މިއީ 356 ދަރިވަރުންނަށް ޖާގަ ލިބޭނެ ޒަމާނީ ބިނާއެކެވެ. ކޮންމެ ދަރިވަރަކަށް މަހަކު ދައްކަންޖެހެނީ 3,500 ރުފިޔާއެވެ. އެންމެ ޒަމާނީ ވަސީލަތްތަކާ އެކު ތަރައްގީކޮށްފައިވާ ކޮންމެ ކޮޓަރިއެއްގައި ދެ ދަރިވަރުންނަށް ވަކި އެނދާއި، އަލަމާރި، ކިޔަވާ މޭޒާއި ގޮނޑި، އަދި ފާޚާނާ ހުންނާނެއެވެ. މީގެއިތުރުން އިމާރާތުގައި ދިރިއުޅޭ ފަރާތްތަކަށް އާއްމުކޮށް ބޭނުންކުރެވޭ ގޮތަށް ޕެންޓްރީ އަދި ލޯންޑްރީގެ ޚިދުމަތްތައް ލިބޭނެއެވެ.

ދަރިވަރުންގެ ކިޔެވުމާއި ދިރިއުޅުމުގެ ހުރިހާ ބޭނުންތަކެއް އެއް ފުރާޅެއްގެ ދަށުން ފުއްދައިދިނުމަށްޓަކައި، ގްރޫޕް ސްޓަޑީއަށް ޚާއްސަ މީޓިންގ ރޫމްތަކާއި، ރެސްޓޯރެންޓާ ގުޅިފައިވާ ކޯ-ވޯކިންގ ސްޕޭސްއަކާއި، އާންމު ލައުންޖެއްގެ އިތުރުން ޓެރަސްގައި އައުޓްޑޯ ޖިމެއް ވެސް ވަނީ ގާއިމުކޮށްފައެވެ. ހަމައެއާ އެކު، އިމާރާތުގެ ތިރީ ފްލޯތަކުގައި ބޭންކިންގ އަދި އޭޓީއެމްގެ ޚިދުމަތާއި، ކެފޭ، ޖިމް، ފިހާރަތައް އަދި ޕްރިންޓިންގ ސެންޓަރު ފަދަ ވިޔަފާރީގެ ޚިދުމަތްތައް ގާއިމުކުރާއިރު، ޖަމިއްޔާތަކާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިސްކަންދީގެން 18 މިނީ-އޮފީސް ޔުނިޓް ވެސް ވަނީ ތަރައްގީކޮށްފައެވެ.

"މި ކޯޕަރޭޝަންގެ އުންމީދަކީ މިއީ ދަރިވަރުންގެ ދިރިއުޅުމާއި މުޖުތަމައުގެ ވިޔަފާރިތައް ގުޅުވައިދޭ ދިރުން ހުރި މާހައުލަކަށްވުމެވެ." އެޗް.ޑީ.ސީން ބުނެއެވެ.

"އެކުވެހި"ގައި 24 ގަޑިއިރުގެ ރިސެޕްޝަން ޚިދުމަތާއި މި ކޯޕަރޭޝަންގެ އެސްޓޭޓް ސެކިއުރިޓީގެ ބެލެހެއްޓުން ގާއިމުކުރާއިރު، ލިފްޓްތަކުގައި ފްލޯ-ރެސްޓްރިކްޓެޑް އެކްސެސް ކޮންޓްރޯލް ހަރުކޮށްފައިވާތީ ހުއްދަ އޮންނަ ފްލޯތަކަށް ނޫނީ ނޭރޭނެއެވެ.

ރާއްޖޭގެ މަތީ ތައުލީމު ދޭ މަރުކަޒެއްގައި ކޮލިފިކޭޝަންސް އޮތޯރިޓީން ގަބޫލުކުރާ ޕްރޮގްރާމެއްގައި ކިޔަވަމުން އަންނަ، މަދުވެގެން އެއް އަހަރު ދުވަހުގެ ކިޔެވުން ބާކީ އޮތް، އުމުރުން 35 އަހަރުން ދަށުގެ ދިވެހި ދަރިވަރުންނަށް "އެކުވެހި"އަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ޑިސެންބަރު 1 ގައި  ހުޅުވައިލާނެ ކަމަށް ވެސް އެޗް.ޑީ.ސީން ބުނެއެވެ.